1 އޮކްޓޯބަރު 2024 - 15:34 1
ލީވާން އަލީ ނާސިރު
ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ: ސްޓެލްކޯއިން ޖެންސެޓް ގަންނަން ނިންމީ އެންމެ އަގުބޮޑު ބިޑު ހުށަހެޅި މޯހަން މުތާއިން -- ފޮޓޯ: އަދަދު ފައިލް
1 އޮކްޓޯބަރު 2024 - 15:34 1
ސްޓެލްކޯއިން ދެ މެގަވޮޓްގެ 13 ޖެނެރޭޓަރު ސެޓް އެންމެ ބޮޑު އަގު ހުށަހެޅި އިންޑިއާގެ މޯހަން މުތާ ކުންފުނިން ގަންނަން ނިންމައިފި އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި ޖެން ސެޓް ވިއްކަން މޯހަން މުތާއިން ސްޓެލްކޯއަށް ހުށަހެޅީ 146.74 މިލިއަން ރުފިޔާއަށެވެ. ތިން އޮޕްޝަނެއް ހުށަހެޅި ޓްރޭޑް ޕްރޮމޯޓާސްއިން ހުށަހެޅީ 105.61 މިލިއަން ރުފިޔާ އާއި 113.91 މިލިއަން ރުފިޔާގެ އިތުރުން 117.82 މިލިއަން ރުފިޔާ އެވެ.
އެ މުއާމަލާތުގެ މައުލޫމާތު އެނގޭ މީހަކު "އަދަދު" އަށް ބުނީ މޯހަން މުތާއަށް ޖަނަރޭޓަރު ގަންނަން ދޭން ނިންމީ އެ ކުންފުނިން އެޑްވާންސް ޕޭމަންޓުގެ އިތުރުން ފައިނޭންޝަލް ގެރެންޓީއެއް ނުހޯދައި، ފައިސާ ރުފިޔާއިން ދެއްކޭތީ ކަމަށެވެ.
"އެމީހުން އެޑްވާން ޕޭމަންޓެއް ވެސް ނުނަގާ. އެއްވެސް ފައިނޭންޝަލް ގެރެންޓީއެއް ބޭނުމެއް ނުވޭ. ބޭންކް ލެޓާއެއް ވެސް ބޭނުމެއް ނުވޭ. ދެން އެމީހުން ފައިސާ ދައްކަން ޖެހެނީ ވެސް ރުފިޔާއިން،" އެ މުއާމަލާތުގެ މައުލޫމާތު އެނގޭ މީހާ ބުންޏެވެ.
އޭނާ ބުނީ ސްޓެލްކޯގެ އިތުރުން ސަރުކާރުގެ މާލީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި ޓްރޭޑް ޕްރޮމޯޓާސްއިން ޖަނަރޭޓަރު ވިއްކަން ހުށަހެޅީ ޑޮލަރުން ކަމަށާއި އެ ކުންފުނިން އެޑްވާންސް ޕޭމަންޓުގެ އިތުރުން ބޭންކް ގެރެންޓީ ވެސް ބޭނުންވާ ކަމަށެވެ.
ސަރުކާރުގައި ޑޮލަރުގެ ތާށިކަން ބޮޑުވެ، މާލީ ދަތިކަމާ ގުޅިގެން ބޮޑު އަގު މޯހަން މުތާއިން ހުށަހެޅި ނަމަވެސް، އެ ކުންފުންޏަށް ޖެންސެޓް ގަންނަން ދޭން ނިންމީ ރަނގަޅު ހުށަހެޅުމެއް ހުށަހެޅުމުން ކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ.
މިކަމާ ގުޅިގެން ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު ވިދާޅުވީ ސްޓެލްކޯއިން ދެމެހެއްޓިނިވި ގޮތުގައި ހިދުމަތް ދިނުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.
ސްޓެލްކޯއިން ގެންނަ 13 ޖަނަރޭޓަރަކީ އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ބޭނުންވާ ތަކެއްޗެވެ. އެ ޖަނަރޭތަރުތައް މި އަހަރަށް ބޭނުންވާއިރު މިހާތަނަށް ވެސް އެ ތަކެތި ހޯދިފައެއް ނުވެ އެވެ.
މޯހަން މުތާއިން ޖެން ސެޓްތައް ސްޓެލްކޯއިން ފޯރުކޮށްދޭނެ ކަމަށް އެއްބަސްވެފައި ވަނީ ހަ މަސް ދުވަހުގެ ތެރޭގަ އެވެ. އެގޮތުން ޖެން ސެޓްތައް ލިބޭނީ އެންމެ އަވަހަށް ވެސް އަންނަ އަހަރެވެ.
Comment