Advertisement

ޑިއެގޯ ގާސިއާގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒުން ހުޅުލެއަށް ބިއޮންޑުން ފުލައިޓެއް އަޅައިފި

15 ސެޕްޓެންބަރު 2024 - 20:20 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ބިއޮންޑުގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: އެ އެއާލައިނުން މިރޭ ވަނީ ޑިއެގޯ ގާސިއާއިން ހުޅުލެއަށް ބިއޮންޑުން ފުލައިޓެއް އަޅާފަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޑިއެގޯ ގާސިއާގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒުން ހުޅުލެއަށް ބިއޮންޑުން ފުލައިޓެއް އަޅައިފި

15 ސެޕްޓެންބަރު 2024 - 20:20 1

ރާއްޖޭގެ ދެކުނުގައި އޮންނަ ފޯޅަވަހީގެ ރަށެއް ކަމަށްވާ ޑިއެގޯ ގާސިއާގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބިއޮންޑުން ފުލައިޓެއް އަޅައިފި އެވެ.

ވައިގެ އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކާއި އެއާޕޯޓުތަކަށް އައިސްގޮސްވާ ބޯޓުތަކުގެ ތަފުސީލު ފެންނަ ސައިޓުތަކުން ދައްކާގޮތުން މިރޭ ޑިއެގޯ ގާސިއާއިން ވީއައިއޭ އަށް ދަތުރުކުރީ ބިއޮންޑުގެ "B4 3101" ނަމްބަރު ފުލައިޓުންނެވެ. އެ ބޯޓު ވީއައިއޭގައި ޖެއްސީ މިރޭ 7:14 ގަ އެވެ.

ބިއޮންޑަކީ ރާއްޖޭގެ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެކްސް ގުޅިގެން އުފައްދާފައިވާ ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެއިޝާ އެއާލައިނެވެ. އެ އެއާލައިނުން ދަތުރުތައް ފެށީ މިދިޔަ ނޮވެމްބަރު މަހު ފަހުކޮޅު އެވެ.

މިރޭގެ ދަތުރަކީ ކޮން ސަބަބަކާ ހުރެ ކޮން ބަޔަކު ގޮވައިގެން ކުރި ދަތުރެއްކަން ސާފެއްނުވެ އެވެ. ބިއޮންޑުން އާންމުކޮށް ދަތުރުކުރަނީ ލަގްޒަރީ ޓޫރިޒަމް މާކެޓަށް ޓާގެޓުކޮށްގެނެވެ.

ނަމަވެސް، ސީރިއާ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ދިވެހިން، ގެންދިޔަ އާއިލާތަކުގެ ތެރެއިން ފަސް އާއިލާއެއްގެ 21 މީހުން ގެނައުމަށް ދިވެހި ސަރުކާރުން ޖެނުއަރީ މަހުގެ ތެރޭ ބިއޮންޑުގެ ފުލައިޓެއް ޗާޓަރުކުރި އެވެ.

ބިއޮންޑުގެ ބޯޓު މިރޭ ވީއައިއޭއަށް ޖެއްސި ވަގުތާއި ތަފުސީލު --- ފޮޓޯ: ވެބްފިޑްސް


ޑިއެގޯ ގާސިއާއަކީ ރާއްޖޭގެ ދެކުނުން އޮންނަ ޖަޒީރާ ރަށްފަތި ކަމަށްވާ ޗާގޯސްގެ ރަށެކެވެ. އެތަނުގައި އެމެރިކާ އަސްކަރިއްޔާއިން އަސްކަރީ މަރުކަަޒެއް ގާއިމުކުރީ 1970ގެ އަހަރުތަކުގެ ތެރޭގަ އެވެ. އެ މަސައްކަތުގެ ތެރެއިން، އިނގިރޭސިވިލާތުން އިސްތިއުމާރީ ބާރު ހިންގާ މި ރަށްތަކުގައި ދިރިއުޅުނު މަދު ރައްޔިތަކު ވަނީ މޮރިޝަސް އަށް ގަދަކަމުން ބަދަލުކޮށްފަ އެވެ.

މޮރިޝަސް އިން ދެކޭ ގޮތުގައި ޗާގޯސްގެ ރަށްތަކަކީ އެ ގައުމުގެ ބައެކެވެ. އެގޮތަށް ކަނޑައަޅަން އދ.ގެ އާއްމު މަޖިލީހުން 2019 ވަނަ އަަހަރު ވަނީ ފާސްވެސްކޮށްފަ އެވެ. އެ މައްސަލާގައި ރާއްޖެއިން އޭރު ވޯޓުދިނީ މޮރިޝަސްއާ ދެކޮޅަށެވެ.

މިއީ ރާއްޖޭގެ މި ފަހުގެ ތާރީހުގައި ސިޔާސީ ގޮތުންވެސް ހޫނުވެގެންދިޔަ މައްސަލައެކެވެ. އެގޮތުން ޗާގޯސް މޮރިޝަސްގެ ބައެއްގެ ގޮތުގައި އދ. އިން ކަނޑައެޅުމުން ރާއްޖެއާ އެ ގައުމާ ދެމެދު ކަނޑުގެ އިން ކަނޑައެޅުމަށް އި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މައްސަލައެއް ހިނގި އެވެ.

އެ މައްސަލަ ނިމުނީ ރާއްޖެއަށް ކަނޑުގެ ބައެއް ގެއްލިގެން ކަމަށް އޭރުގެ އިދިކޮޅުގައި ތިބި މިހާރުގެ ސަރުކާރުގެ ވެރިން ބުންޏެވެ. އަދި، އެ މައްސަލަ ކާމިޔާބު ނުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއެއްގައި ކަނޑުގެ ބައެއް "ވިއްކާލާފަ" ވާތީ ކަމަށްވެސް އޭރު ޕީއެންސީން ބުނަމުންދިޔަ އެވެ.

ނަމަވެސް، މި ސަރުކާރުގެ ކުރީކޮޅު އެ ސިޓީ ހާމަކުރިއިރު އެފަދަ ވާހަކައެއް ނެތެވެ. މި މައްސަލަގަނޑުގެ ތެރެއިން ގެއްލުނު ކަނޑުގެ ސަރަހައްދު ހޯއްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ވައުދެއްވެސް ވެވަޑައިގެންނެވި އެވެ. ނަމަވެސް އެ މައްސަލަ މިހާރު އޮތީ އޮބިފަ އެވެ.