Advertisement

ބީއެމްއެލްއަށް ދިމާވި ހާލަތާއި އެމްއެމްއޭއަށް ދެވިދާނެ ހައްލުތައް

29 އޮގަސްޓު 2024 - 08:27 0

އަމަން ހަލީމް

އަމަން ހަލީމް

--- ގްރެފިކްސް: ރައްޔާން މުހައްމަދު


ބީއެމްއެލްއަށް ދިމާވި ހާލަތާއި އެމްއެމްއޭއަށް ދެވިދާނެ ހައްލުތައް

29 އޮގަސްޓު 2024 - 08:27 0

މިދިޔަ އާދިއްތަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، އެ ބޭންކުން ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތަކުން ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް ވަރަށް ބޮޑަށް ހަރުކަށިކުރި އެވެ.

ދިވެހި ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓު ކާޑުތަކަށް ބީއެމްއެލްއިން ކަނޑައަޅާފައިވާ ޑޮލަރު ލިމިޓު އެއްކޮށް އުވާލައި، ކްރެޑިޓު ކާޑުތަކުގެ ލިމިޓު މަހަކު ސަތޭކަ ޑޮލަރަށް ދަށްކުރި އެވެ. ބޭންކުން މި ފިޔަވަޅު އެޅި ސަބަބުން ސާފުކޮށްދެމުން ބުނީ، އެ މުއާމަލާތްތަކަށް ފަހިކޮށްދޭން ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭ ކަމަށެވެ.

ބީއެމްއެލްގެ މި ނިންމުން ބަދަލުކުރީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންގައިގެންނެވެ.

މި ހާލަތަށް ވެއްޓުނު ސަަބަބު ސާފުކޮށްދެމުން ބީއެމްއެލްއިން ހިއްސާކުރި އަދަދުތަކުުގައިވާ ގޮތުގައި އެ ބޭންކަށް ގަންނަން ލިބެނީ 60 މިލިއަން ޑޮލަރު ނަމަވެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންވާ ޑޮލަރަށް އެކަނި ވެސް އޭގެ ތިން ގުނަ ބޭނުންވާ ކަމަށެވެ. އެއީ 180 މިލިއަން ޑޮލަރެވެ.

އެ ބޭންކުގެ ސީއީއޯ ކާލް ސްޓުމްކޭ، މި ނިންމުމުގެ ފަހަތުގައިވާ ކަންކަން ސާފުކޮށްދެމުން ބޭންކުގެ މުވައްޒަފުންނަށް ފޮނުވި މެމޯގައި ވިދާޅުވީ، ބީއެމްއެލްއިން މި ފިޔަވަޅު އެޅީ އެ ބޭންކުގެ ޑިޕޮސިޓަރުންގެ މަސްލަހަތު ހިމާޔަތްކުރުމަށާއި މުހިންމު އިގުތިސޯދީ ހަރަކާތްތަކަށް އެހީ ފޯރުކޮށްދިނުން އެންމެ އިސްކޮށްގެން ކަމަށެވެ.

ބީއެމްއެލްއިން ޑޮލަރު ލިމިޓު ކުރަން ނިންމި ކަމަށް ބެލެވޭ ސަބަބު

ބީއެމްއެލްގެ ބޯޑުގެ އިއްތިފާގުން، ދިވެހި ރުފިޔާ އެކައުންޓުތަކަށް ދޫކުރާ ޑޮލަރު ލިމިޓުކުރުމުން ބޮޑަށް ގަބޫލުކުރެވެނީ މީގެ މަސްތަކެއް ކުރިން އެންއޯޕީ ޝޯޓް ޕޮޒިޝަން ލިމިޓު 15 ޕަސެންޓަށް ވުރެ މަތިވެފައިވާ ކަމަށެވެ. މި ހާލަތުގައި ބޭރު ފައިސާ ބިލުތައް އަދާކުރަން ބޭންކަށް އިންތިހާއަށް ދަތިވާނެ އެވެ.

ބޭންކުގެ ކެޕިޓަލް ބޭސްއަކީ 12 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އެ ބޭންކުގެ ޝޯޓް ޕޮޒިޝަން އެންމެ މަތީގައި ބެެހެއްޓޭނީ 1.8 ބިލިއަން ރުފިޔާގަ އެވެ. މި ލިމިޓު ހަމަވެފައި އޮންނަ އިރު ބޭންކަށް ޑޮލަރު ދޫކުރެވޭނީ ބޭންކަށް އިތުރު ޑޮލަރު ވަދެގެންނެވެ. މާނައަކީ ބޭންކުން މާރުކުރާ ޑޮލަރުގެ އަދަދު އިތުރުވެގެންނެވެ.

ނަމަވެސް ޕެރެލަލް މާކެޓު (އާންމުކޮށް މި ކިޔާ ގޮތުން ނަމަ ޑޮލަރުގެ ކަޅު ބާޒާރު) ގައި ހުރި ރޭޓުތައް އުފުލެމުން ދިޔުމާ ގުޅިގެން، ބޭންކުން މާރުކުރާ ޑޮލަރުގެ އަދަދު ދުވަހުން ދުވަހަށް ވަނީ ދަށެވެ.

ބޭންކަށް ޑޮލަރު ނުވަންނަނީކީއެއް ނޫނެވެ. ބޭންކުން ޑޮލަރު މާރުނުކުރަނީ އެވެ. ބީއެމްއެލްއަށް ޑޮލަރު ނުލިބެއޭ ބުނަނީ މިހެންވެ އެވެ. ދިމާވެގެން މި އުޅޭ މައްސަލައިގައި އަސްލަކީ ބޭންކަށް ވަންނަ ގިނަ ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި ނަގައިގެން ގޮސް ކަޅު ބާޒާރުގައި ބޮޑު އަގުގައި މާރުކުރުމެވެ.

ކަޅު ބާޒާރުގައި މި ވަގުތު ޑޮލަރުގެ އަގު ހުރީ ޑޮލަރެއް 18.50ރ. ރޭޓުގަ އެވެ. މިއީ ރަސްމީ ރޭޓު ކަމުގައިވާ 15.42ރ. އަށް ވުރެ 20 ޕަސެންޓު ނުވަތަ ތިން ރުފިޔާ ބޮޑު ރޭޓެކެވެ. މި އަގުގައި ޑޮލަރު މާރުކުރެވެންޏާމުން ބޭންކަށް ގޮސް "ގެއްލުމުގައި" ޑޮލަރު މާރުކުރާނެ ހަމަ އެކަކު ވެސް ނުވާނެ އެވެ.

ނެޓް އޯޕަން ޕޮޒިޝަން އަކީ ކޮބާ؟


ނެޓް އޯޕަން ޕޮޒިޝަން ނުވަތަ އެންއޯޕީއަކީ ބޭންކުގެ ބޭރު ފައިސާގެ ހިރާސް ވަޒަންކުރަން ބޭޏުންކުރާ މިންގަނޑެކެވެ. މި މިންގަނޑުގައި ބަލަނީ ބޭރު ފައިސާއިން ބޭންކުގައި ހުރި އެސެޓުތަކާއި ލަޔަބިލިޓީގައި ހުރި ތަފާތެވެ. ބޭންކުގެ ބޭރު ފައިސާ އެސެޓުތަކަށް ވުރެ ބޭންކުގެ ލަޔަބިލިޓީތައް ނޫނީ ބޭންކުން ދައްކަން ޖެހޭ އަދަދު ހުރި ފައިސާއަށް ވުރެ އިތުރުވާ ހާލަތްތަކުގައި ބަލަނީ "ޝޯޓް ޕޮޒިޝަން" އެއް ކަމަށެވެ. މިސާލަކަށް ބޭންކުގައި 60 މިލިއަން ޑޮލަރު ހުރެފައި، ބޭންކުން ދައްކަން ޖެހޭ އަދަދު 100 މިލިއަން ޑޮލަރަށް އަރާ ނަމަ، އެ ބޭންކު އެ އޮތީ 40 މިލިއަން ޑޮލަރުގެ ޝޯޓް ޕޮޒިޝަނެއްގަ އެވެ. މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޕްރޫޑެންޝަލް ރެގިއުލޭޝަން ކެޕުތަކުގައި އޮންނަނީ މި ޝޯޓް ޕޮޒިޝަން ބޭންކުގެ ކެޕިޓަލް ބޭސްއަށް ވުރެ 15 ޕަސެންޓު އިތުރުވެގެން ނުވާނަ ކަމަށެވެ. މިއީ އެއްވެސް ބޭންކަކަށް ނުދެއްކޭ ވަރަށް ބޭރު ފައިސާގެ ހިރާސް ބޮޑު ވިޔަ ނުދިނުމަށް އެމްއެމްއޭއިން ކަނޑައަޅާފައިވާ، އަދި ގަވާއިދުތަކުގެ ތެރެއިން ހިފަހައްޓަން މަޖުބޫރު ކުރާ މިންގަނޑެކެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން، ބީއެމްއެލްއަކީ ގިނަ ދިވެހިންނާއި ސަރުކާރުގެ ވެސް ބޭންކެވެ. އެ ބޭންކުން ޑޮލަރު ބޭނުންކުރަން ޖެހޭ ކަންކަމުގެ ތެރޭގައި ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ފައިސާ ދެއްކުމުގެ އިތުރުން، ވިިޔަފާރިތަކާއި ކިޔަވާ ކުދިންނަށް ބޭނުންވާ ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހެދުމާއި ބޭރަށް ދަތުރުކުރާ މީހުން ކުރާ ހަރަދުތަކަށް ފައިސާ ދެއްކުން ހިމެނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކާޑުތަކުގެ ބިލުތައް ދައްކަން އެކަނި ވެސް ބީއެމްއެލްއިން މަހެއްގެ މައްޗަށް 15 މިލިއަން ޑޮލަރު ހަރަދުކުރެ އެވެ. މި ހުރިހާ ކަންކަމަށް ރިއާޔަތްކުރާއިރު، ސަރުކާރާއި އާންމުންގެ ފިއްތުންތަކާއެކީ ބޭންކުން އެ ނިންމުން ބަދަލުކުރިޔަސް، ރުފިޔާ އެކައުންޓުތަކަށް ޑޮލަރު މަދުކުރަން ބޭންކުން ނިންމީ އެ ހާލަތަށް ވެއްޓި، އަރައިގަނެވޭނެ ގޮތެއް ނެތިގެން ކަން ކަމަށް ބެލުމުގެ ޖާގަ އެބައޮތެވ.

ބީއެމްއެލްގެ ޑޮލަރު ތާށިކަން ހައްލުކުރަން އެމްއެމްއޭއަށް ކުރެވިދާނެ ކަންކަން

އެމްއެމްއޭ އާއި ބީއެމްއެލްއާ ކުރެވުނު މުއާމަލާތާއި، އެއްބަސްވެވުނު ގޮތް ސާފެއް ނުވެ އެވެ. މި ނިންމުން ބަދަލުކޮށް ބޭންކުން ހިއްސާކުރި ކުރު އިއުލާނުގައި އޮތީ ބޭންކުގެ ރެގިއުލޭޓަރު (އެމްއެމްއޭ) ގެ އިރުޝާދުގެ ދަށުން ޑޮލަރު ލިމިޓުކުރި ކުރުން އުވާލާފައިވާ ކަމަށެވެ. ޑޮލަރު ނުލިބޭ މައްސަލައިގައި ހުށަހެޅި ހައްލެއް، ވީކަމެއް ނޭނގެ އެވެ.

ޑޮލަރު ތާށިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދޭން އެމްއެމްއޭއަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި ސޮވްރިން ޑިވެލޮޕްމަންޓު ފަންޑުން ބީއެމްއެލްއަށް ޑޮލަރު ސަޕޯޓު ދިނުމާއި އެންއޯޕީ މިންގަނޑުތައް މަތިކުރުން ހިމެނެ އެވެ. މިއީ ވަގުތީ ހައްލުތަކެއް ނަމަވެސް މި ހާލަތުގައި، އަދި މިއީ ގިނަ ދިވެހިންގެ އާންމު ދިރިއުޅުމާ ގުޅޭ ކަމަކަށް ވާތީ، މިކަންކަން ކުރުމުގެ ބޭނުންތެރިކަން ވަރަށް ބޮޑެވެ،

މިސާލަކަށް ބީއެމްއެލްއިން ކާޑުތަކަށް ކުރާ ހަރަދުގެ ބައިކުޅަބައި ކުޑަކޮށްފައި، އަނެއް ބައި އެމްއެމްއޭއިން ސަޕޯޓު ދީގެން ސެޓްލްކުރާ ގޮތަށް ހެދިދާނާ އެވެ. ސަރުކާރުން އެންމެ ފަހުން ހާމަކުރި ގޮތުގައި، އެސްޑީއެފްގައި 65 މިލިއަން ޑޮލަރު އެބަހުއްޓެވެ. މި ހުރިހާ ފައިސާއެއް ބޭނުންކުރަނީ ނަމަ، ބީއެމްއެލްއިން މިހާރު ކަނޑައަަޅާފައިވާ ލިމިޓުތަކުގައި އެއްވެސް ދަތިކަމެއް ނެތި ނުވަ މަހުގެ ހަރަދުތައް ހަމަޖެއްސޭނެ އެވެ.

އެކަމަކު އަންނަން އޮތް އަހަރުތަކުގައި ދައްކަން ޖެހޭ ދަރަނީގެ އަދަދުތަކަށް ބަލާއިރު، އެސްޑީއެފްގައި ހުރި ފައިސާ އެއްކޮށް ބޭނުންކުރުން ބުއްދިވެރި ކަމަކަށް ނުވެ އެވެ. ދެން އޮތް ގޮތަކީ އެސްޑީއެފްއިން ކޮންމެވެސް ވަރެއް ދީފައި، ޑޮލަރު އިންފްލޯ ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރުމެވެ. މިސާލަކަށް 10 މިލިއަން ޑޮލަރު ދެވިދާނެ އެވެ. މިއީ ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހު އިތުރު ދައްޗެއް ނެތި ބޭންކަށް ޑޮލަރު ސަޕޯޓު ދެވޭނެ ގޮތެކެވެ.

އެންއޯޕީ މިންގަނޑުތައް ބަދަލުކުރުމަކީ އެސްޑީއެފްގައި އަތް ނުލައި ވެސް މި މައްސަލައަށް ވަގުތީ ހައްލެއް ލިބިދާނެ ކަމެކެވެ. މިސާލަކަށް މިހާރު އޮންނަ 15 ޕަސެންޓު 25 ޕަސެންޓަށް ބޮޑު ކުރެވިދާނެ އެވެ. މި މިންގަނޑު މަތިކުރުމާއެކީ ބޭންކަށް 78 މިލިއަން ޑޮލަރުގެ ލަޔަބިލިޓީ ނެގޭނެ މަގުފަހިވެގެން ދާނެ އެވެ. މިއީ މިހާރު މަހެއްގެ މައްޗަށް ހަރަދުތައް ހުރި ރޭޓުގައި، 10 މަސް ދުވަހު އުނދަގުލެއް ނެގި ޑޮލަރު މުއާމަލާތްތަކަށް ސަޕޯޓު ދެވިގެންދާނެ ކަމެކެވެ. އެކަމަކު މިއީ ވެސް ރަނގަޅަށް މެނޭޖުނުކުރެވިއްޖެ ހާލަތެއްގައި ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑު ވުމުގެ ހިރާސް އިންތިހާއަށް އޮތް ކަމެކެވެ.

މިއިން ފިޔަވަޅެއް ނާޅައި، ހަމައެކަނި އެމްއެމްއޭއިން އެންގި އެނގުމަކަށް ބީއެމްއެލްއިން ނިންމުން ބަދަލުކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ސަބަބަކީ ބޭންކުގެ އެއްވެސް މިނިވަންކަމެއް ނެތް ކަމަށް ޑިޕޮސިޓަރުންނާއި ބޭރުގެ މާލީ އިދާރާތަަކަށް ގަބޫލުކުރެވުމެވެ. ހަމައެހެންމެ ބޭންކުން އޭރު އޮންނާނީ މަރުކަޒީ ބޭންކުގެ ގަވާއިދުތަކާ ވެސް ހިލާފުވެވިފަ އެވެ. މީގެން އަސަރުކުރާނީ ހަމައެކަނި ބީއެމްއެލްއަކަށް ނޫނެވެ. މިއީ މުޅި ބޭންކިން ސެކްޓަރުގެ މުސްތަގުބަލަށް ހިޔަނި އެޅޭނެ ކަމެކެވެ،

މުޅި މައްސަލައިގެ ހައްލު އޮތީ މުގުލުގައި އޮތް ނިޒާމީ މައްސަލަ ހައްލުކޮށްގެން

ޑޮލަރު ތާށިކަމުގެ މުގުލުގައި އޮތީ ރާއްޖޭގެ ފޮރިން އެކްސްޗޭންޖު ބާޒާރު ނުވަތަ މި ނިޒާމު އެކުލެވިގެންވާ ގޮތެވެ. ބޭންކުތަކުން ރަސްމީ ރޭޓުތަކުގައި މާރުކުރަން މަޖުބޫރުކޮށްފައި، މަނީ އެކްސްޗޭންޖުތަކުން އެއަށް ވުރެ ބޮޑު އަގުގައި މާރުކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކުރަން ޖެހެ އެވެ. ސަރުކާރުން އެ ބުނާ ގޮތަށް، ބޭންކުތަކުން އެކަނި ޑޮލަރު މާރުކުރެވޭ ގޮތް ހެދުން ނޫން ގޮތެއް ނެތެވެ،

މިހާރު ބޭންކުތައް، ހާއްސަކޮށް ބީއެމްއެލް ބޭނުންކުރަމުންދަނީ ތިޖޫރީއެއް ގޮތަށް، ފައިސާ ބަހައްޓަން އެކަންޏެވެ. މާރުކުރަން ވީމައި ފައިސާކޮޅު ނަގައިގެން ދަނީ އެއްކަލަ ކަޅު ބާޒާރަށެވެ. މި ހާލަތު ދެމި އޮތްހައި ހިނދެއްގައި ބޭންކުތަކަށް ވާނީ ގެއްލުމެވެ. އަދި ބޭރު ފައިސާ ހިފެހެއްޓޭނެ ގޮތެއް ވޭސް ނޯންނާނެ އެވެ. ދާއިމީ ހައްލު އޮތީ މި ނިޒާމު ފުށުން ޖަހާލައިގެންނެވެ.

ނިޒާމު ބަދަލުކުރާއިރު މުޅި މައްސަލައިގެ ހައްލު ވަށާޖައްސަން އިތުރު ކަންކަން ވެސް ކުރަން ޖެހެ އެވެ. އެއް ކަމަކީ އެތެރޭގެ އެއްވެސް މުއާމަލާތެއްގައި ޑޮލަރު ބޭނުންކުރުން ހުއްޓުވުން ނުވަތަ ޑީޑޮލަރައިޒޭޝަނެވެ. އަނެއް ކަމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި އޮންނަ ގޮތަށް "ސަރަންޑާ ރިކުއާމަންޓްސް" ތަންފީޒުކުރަން ފެށުމެވެ.

ސަރަންޑާ ރިކުއާމަންޓަކީ އެކްސްޕޯޓުކޮށްގެން ނޫނީ ހިދުމަތް ވިއްކައިގެން ޑޮލަރު އާމްދަނީ ލިބޭ ވިިޔަފާރިތަކަށް ލިބޭ ޑޮލަރުގެ ބައެއް ސެންޓްރަލް ބޭންކު (އެމްއެމްއޭ) އަށް ވިއްކަން މަޖުބޫރުކުރުމެވެ. މިގޮތަށް ރަސްމީ ރޭޓުގައި މާރުކުރާ ޑޮލަރު އިތުރުވާ ވަރަކަށް ބޭންކިން ނިޒާމުގެ ތެރޭގައި ހިފެހެއްޓޭ ޑޮލަރު އިތުރުކުރެވޭނެ އެވެ.

ސަރުކާރުން މިހާރުން މިހާރަށް ކުރަން ޖެހިފައިވާ އަނެއް ކަމަކީ، ބަޖެޓު ހަރަދުތައް ފޫބައްދަން އެތެރޭގެ ބާޒާރަށް ބަރޯސާވުން ކުޑަކުރުމެވެ. މިކަން ކުރެވޭނީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ބޭރުން ހޯދަން ބުނީ 500 މިލިއަން ޑޮލަރު އަވަހަށް ހޯދައިގެންނެވެ. އަހަރުގެ އަށް މަސް ނިމެން ގާތްވީއިރު މި ފައިސާ ނުހޯދައި އޮތުމުގެ ސަބަބުން ހައްތަހާ ހާލަތު ދަނީ ގޯހުން ގޯހަށެވެ.