Advertisement

ރައީސް ސޯލިހުގެ މާލީ ސިޔާސަތު ބައްޓަންކުރި ގޮތް އަމީރުގެ ގަލަމުން

26 ފެބުރުވަރީ 2024 - 09:01 5

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެ މަނިކުފާނުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. -- ފޮޓޯ: އަދަދު


ރައީސް ސޯލިހުގެ މާލީ ސިޔާސަތު ބައްޓަންކުރި ގޮތް އަމީރުގެ ގަލަމުން

26 ފެބުރުވަރީ 2024 - 09:01 5

މި ލިޔުން ލިޔެފައިވަނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

މި މަޒުމޫނުގެ ބޭނުމަކީ 2019-2023 ނިޔަލަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ (އެމްޑީޕީ) ސަރުކާރުގެ ފިސްކަލް ޕޮލިސީގެ ސިޔާސަތު ބައްޓަންކުރި ގޮތުގެ މައްޗަށް އަލިއަޅުވައިލުމެވެ.

2018 ވަނައަހަރު ނޮވެމްބަރުގައި ސަރުކާރު ބަދަލުވެގެންދިޔައިރު، 2019 ވަނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އޮތީ ރައްޔިތުންގެ މަޖިލީހަށް ކުރީގެ ސަރުކާރުން ހުށަހަޅައިފައެވެ. ސަރުކާރު ބަދަލުވެގެން ދިޔަ ޓްރާންސިޝަން މުއްދަތުގައި، އާ ސަރުކާރުގެ ސިޔާސަތު ބަޖެޓުގައި ހިމެނުމަށް އެންމެ އެކަށޭނެ ފުރުސަތެއް ލިބިފައިނުވެ އެވެ. ނަމަވެސް މިނިސްޓްރީ އޮފް ފިނޭންސްގެ މުވައްޒަފުންގެ އެހީތެރިކަން ލިބި، އާ ސަރުކާރުގެ ސިޔާސަތުތައް ހިމަނަން ކޮންމެވެސް ވަރަކަށް ފުރުސަތު ލިބުނުކަން ފާހަގަކުރަމެވެ. އަދި ސަރުކާރު ބަދަލުވެ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އާ ސަރުކާރުގެ ސިޔާސަތުތައް ކޮންމެވެސް ވަރަކަށް ހިމަނާފަވާނެ އެވެ. އެހެން ކަމުން އަޅުގަނޑުމެންގެ ސަރުކާރުގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ ސިޔާސަތު އަދި ސްޓެރެޓެޖިކް އެކްޝަން ޕްލޭން ފުރިހަމައަށް ހިމަނައިގެން ފާސްކުރެވުނު ފުރަތަމަ ބަޖެޓަކީ 2020 ވަނައަހަރުގެ ދައުލަތުގެ ބަޖެޓެވެ.

2018 ވަނަ އަހަރު ނިމިނުއިރު ހާލަތު ހުރި ގޮތް ކުރުކޮށް

2018 ވަނައަހަރު ނިމުނުއިރު ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 22.22 ބިލިއަން ރުފިޔާ ލިބުނެވެ. ލޯނު އަނބުރާ ދެއްކުން (އެތެރެ އާއި ބޭރު) ހިމަނައިގެން، ދައުލަތުގެ ޖުމުލަ ބަޖެޓްގެ އަދަދަކީ 28.16 ބިލިއަން ރުފިޔާ އެވެ. އޭގެތެރެއިން ރިކަރަންޓް ހަރަދަކީ 18.27 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަކީ 9.90 ބިލިއަން ރުފިޔާ އެވެ. ޖުމްލަ ހަރަދަކީ 26.52 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އޯވައޯލް ޑެފިސިޓް ހުރީ 4.29 ބިލިއަން ރުފިޔާ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 5.2 ޕަސެންޓެވެ.

ޓޭބަލް: 1


2018 ވަނައަހަރު ނިމުނުއިރު ގައުމީ އުފެއްދުންތެރިކަން (ނޮމިނަލް ޖީޑީޕީ) ހުރީ 83.17 ބިލިއަން ރުފިޔާގަ އެވެ. އެ އަހަރު ގައުމީ އުފެއްދުންތެރިކަން (ރިއަލް ޖީޑީޕ) ކުރިއަރާފައިވަނީ 8.7 ޕަސެންޓުންނެވެ. މީގެ އިތުރުން، ސަރުކާރުގެ ޖުމްލަ ދަރަނި (ސީދާ ދަރަނި އަދި ގަރަންޓީ ހިމަނައިގެން) ހުރީ 60.26 ބިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 72 ޕަސެންޓެވެ.

ޓޭބަލް: 2


2018 ވަނަ އަހަރު ސަރުކާރުގެ ޖުމްލަ ދަރަނި އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 13.1 ބިލިއަން ރުފިޔާއިން އިތުރުވި އެވެ. މިއީ 28 ޕަސެންޓުގެ އިތުރުވުމެކެވެ. މީގެ މައިގަނޑު ސަބަބަކަށްވެފައި ވަނީ ބޭރުގެ ސީދާ ދަރަނި 22 ޕަސެންޓު އިތުރުވެ އަދި ބޭރުގެ ސަވަރިން ގަރަންޓީ ދަރަނި 1،230 ޕަސެންޓު އިތުރުވުމެވެ. 2018 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1.48 މިލިއަން ފަތުވެރިންނެވެ. ބެޑް ނައިޓްސް ހުރީ 9.47 މިލިއަންގައި އަދި އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި 6.38 ދުވަސް ހޭދަކޮށްފައިވެ އެވެ. 2018 ވަނައަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 0.1- ޕަސެންޓު ގައެވެ. މީގެ އިތުރުން 2018 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްހުރީ 702.1 މިލިއަން ޑޮލަރުގައެވެ.

2019 ވަނަ އަހަރު

2019 ވަނައަހަރު ނިމުނުއިރު ދައުލަތަށް އާމްދަނީއާއި ހިލޭއެހީގެ ގޮތުގައި 23.23 ބިލިއަން ރުފިޔާ ލިބުނެވެ. ލޯނު އަނބުރާ ދެއްކުން (އެތެރެ އާއި ބޭރު) ހިމަނައިގެން، ދައުލަތުގެ ޖުމްލަ ބަޖެޓްގެ އަދަދަކީ 30.13 ބިލިއަން ރުފިޔާ އެވެ. ރިކަރަންޓް ހަރަދުގެ ގޮތުގައި 21.37 ބިލިއަން އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 8.75 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން 2019 ވަނައަހަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ޑެފިސިޓް ހުރީ 5.76 ބިލިއަން ރުފިޔާގައެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 6.6- ޕަސެންޓެވެ.

ޓޭބަލް: 3


2019 ވަނައަހަރު ނިމުނުއިރު ގައުމީ އުފެއްދުންތެރިކަން ހުރީ 88.1 ބިލިއަން ރުފިޔާގަ އެވެ. ގައުމީ އުފެއްދުންތެރިކަން (ރިއަލް ޖީޑީޕީ) ކުރިއަރާފައިވަނީ 7 ޕަސެންޓުގައެވެ. ސަރުކާރުގެ ޖުމްލަ ދަރަނި (ސީދާ ދަރަނި އަދި ގަރަންޓީ ހިމަނައިގެން) 67.9 ބިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 77 ޕަސެންޓެވެ. 2019 ވަނައަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން އަދަދަކީ 1.70 މިލިއަން ފަތުރުވެރިންނެވެ. މިއީ އޭގެ ކުރީއަހަރާއި އަޅާބަލާއިރު 15 ޕަސެންޓު އިތުރު އަދަދެކެވެ. ބެޑްނައިޓްސް ހުރީ 10.69 މިލިއަންގައި އަދި އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި 6.30 ދުވަސް ހޭދަކޮށްފައިވެ އެވެ. 2019 ވަނައަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓްހުރީ 0.2 ޕަސެންޓު ގައެވެ. އަދި އަހަރު ނިމުނުއިރު ރައްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 744.08 މިލިއަން ޑޮލަރެވެ.

ޓޭބަލް: 4


2019 ވަނައަހަރު ސަރުކާރުގެ ޖުމްލަ ދަރަނި އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 7.69 ބިލިއަން ރުފިޔާއިން އިތުރުވި އެވެ. އެއީ 13 ޕަސެންޓު އިތުރުވުމެކެވެ. 2019 ވަނައަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނި 71.48 ބިލިއަނަށް އަރާނެ ކަމަށް ކުރިން ލަފާކުރެވުނު ކަމުގައިވިނަމަސް (ޖީޑީޕީގެ ނިސްބަތުން 80 ޕަސެންޓު), އަހަރު ނިމުއިރު ދަރަނި ހުރީ 67.95 ބިލިއަން ރުފިޔާގައެވެ (ޖީޑީޕީގެ ނިސްބަތުން 77.2 ޕަސެންޓު).

2019 ވަނަ އަހަރު ޖުމްލަ ދަރަންޏަށް އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ދައުލަތުން ގެރެންޓީކޮށްދީފައިވާ ދަރަނީގެ ސަބަބުންނެވެ. މިއީ 2019 ގެ ކުރިން ދޫކޮށްފައިވާ ގެރެންޓީތަކެވެ. މި މަޝްރޫއުތައް ނިމުމަކާ ގާތްވެ، ލޯނުތަކުގެ ޑިސްބާސްމެންޓް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް މަޝްރޫއަށެވެ. އަޅުގަނޑުމެން ސަރުކާރާ ހަވާލުވީއިރު ޕްރޮޖެކްޓް އޮތީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ. ނަމަވެސް އަޅުގަނޑުމެން، ޕްރޮޖެކްޓް ފަންޑުްކުރާ ފަރާތްތަކާއި (އަރަބް ކޯޑިނޭޝަން ގްރޫޕް- ސައުދީ ފަންޑް، ކުވެއިތް ފަންޑް، އަބޫދާބީ ޑިވެލޮޕްމެންޓް ފަންޑް، އޯޕެކް ފަންޑް) ވާހަކަ ދައްކައިގެން، ކޮންޓްރެކްޓަށް ގެންނަން އޭރު ހުށަހަޅާފައިވާ ބަދަލުތައް މަޝްވަރާކޮށް، ދިމާވެފައިވާ ދަތިތައް ހައްލުކޮށްފައިވާނެ އެވެ.

2019 ވަނައަހަރު ދައުލަތުގެ އެތެރޭގެ ދަރަނި 13 ޕަސެންޓު އިތުރުވެފައިވެ އެވެ. މީގެ ސަބަބަކީ، ދިވެހި ރާއްޖެ އާއި އިންޑިއާއާއި ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެ، އިންޑިއާ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ދިވެހި ސަރުކާރުގެ ޓްރެޒަރީ ބިލްގައި 150 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރުމެވެ. މިދަރަނި ސާވިސްކުރުމުގެ ހުރިހާ ހަރަދަކީ އިންޑިއާ ސަރުކާރުން މިހާތަނަށް ކުރަމުން އައި ހަރަދެއް ކަމުން، މިއީ ގައުމުގެ މާލީ ހާލަތަށް ނޭދެވޭ އަސަރެއް ކުރާނެ ދަރަންޏެއް ނޫނެވެ.

2019 ވަނައަހަރު ކޮންޓްރެކްޓްކުރެވުނު ލޯންތަކުގެ ތެރޭގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީ (އެލް.އޯ.ސީ) ގެ ދަށުން ހަމަޖެހިގެންދިޔަ 800 މިލިއަން ޑޮލަރު ހިމެނެ އެވެ. މިއީ ވަރަށް ބޮޑަށް ކޮންސެޝަނަލް ލޯނެކެވެ. އިންޓަރެސްޓް ރޭޓް 1.75 ޕަސެންޓު އަދި ރިޕޭމެންޓް 25 އަހަރު (5 އަހަރު ގްރޭސް) އެވެ. މީގެ އިތުރުން އިންޑިއާގެ ސެންޓްރަލް ބޭންކް (ރިޒާވް ބޭންކް އޮފް އިންޑިއާ) އާއި ރާއްޖޭގެ މަރުކަޒީ ބޭންކް (މޯލްޑިވްސް މަނިޓަރި އޮތޯރިޓީ) އާއެކު 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރިމެންޓެއްގައި ސޮއިކުރެވުނެވެ. މި ފެސިލިޓީ އެމްއެމްއޭ އިން 2019 ވަނަ އަހަރުގައި ބޭނުންކޮށްފައި ނުވެ އެވެ. މީގެ އިތުރުން އިންޑިއާއިން ބަޖެޓް ސަޕޯޓް އެހީގެ ގޮތުގައި 50 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ 2019 ވަނައަހަރު ހަމަޖައްސާފައިވެ އެވެ. 2019 ވަނައަހަރު ދައުލަތުން އާ ސަވަރިން ގަރަންޓީއެއް ދޫކޮށްފައި ނުވާނެ އެވެ. މީގެ އިތުރުން، 2016 ވަނައަހަރު ރިޒާވް ބޭންކް އޮފް އިންޑިއާ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ދައުލަތުގެ ބޭރުގެ ފައިސާގެ ރިޒާވް މެނޭޖްކުރުމަށްޓަކައި 2018 ވަނައަހަރު ވަނީ 100 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީ ބޭނުންކޮށްފަ އެވެ. 2019 ވަނަ އަހަރު ފުރަތަމަ ކުއާޓަރުގައި މި ދަރަނި ވާނީ އަދާކޮށްފައެވެ. މީގެ އިތުރުން ދަރަނި ސާވިސް ކުރުމުގެ ހަރަދަށް އަލިއަޅުވާލާއިރު، 2018 ވަނައަހަރު ދަރަނި ސާވިސްކުރުމަށް 5.5 ބިލިއަން ރުފިޔާ (ސީދާ ދަރަނި އަދި ގަރަންޓީ ހިމަނައިގެން- މީގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކަށް ދީފައިވާ ގަރަންޓީގެ ދަރަނި ސާވިސްކުރުމަށް، ސަރުކާރުގެ ބަޖެޓުގެ ބޭރުން ހިނގާފައިވާ ހަރަދު ހިމެނޭ) ހިނގިއިރު 2019 ވަނައަހަރު ދަރަނި ސާވިސް ކުރުމަށް 9.79 ބިލިއަން ރުފިޔާ ހަރަދުކުރެވިފައިވެ އެވެ. 2019 ވަނައަހަރުގެ ދަރަނި ސާވިސްކުރުމުގެ ހަރަދުގެ 73 އިންސައްތައަކީ އޭގެ ކުރީ ސަރުކާރުތަކުން ދޫކޮށްފައި ގަރަންޓީގެ ހަރަދެވެ.

2019 ވަނައަހަރު ރާއްޖޭގެ ޓެކްސް ނިޒާމް ވަށާޖެހޭ ނިޒާމަކަށް ހެދުމަށް މުޅިން އަލަށް، ފަރުދުންގެ އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނު ފާސްކުރެވުނެވެ. މީގެ އިތުރުން ފިސްކަލް ޕޮލިސީ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، މޭ 2019 ގައި "ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުގައި އެއްބައިން އަނެއްބަޔަށް ބަދަލުކުރުމުގެ އުސޫލު" (އެޕްރޮޕްރިއޭޝަންސް އެންޑް ވައަމެންޓް) ގެޒެޓްކުރެވުނެވެ.

2020 ވަނަ އަހަރު

2020 ވަނައަހަރުގެ ބަޖެޓަކީ އަޅުގަނޑުމެންގެ ސަރުކާރުގެ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައިވާ ކަންކަމުގެ މައްޗައް ބިނާކޮށް ތައްޔާރުކުރަން ލިބުނު ފުރަތަމަ ބަޖެޓެވެ. 2020 ވަނައަހަރުގެ ބަޖެޓަކީ ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ޖުމުލަ ބަޖެޓް ނަމްބަރެއްގެ ބަދަލުގައި، ކުރިން ފާހަގަކުރި ބަޖެޓް ބައިކުރެވޭ ގޮތް ނުވަތަ އެޕްރޮޕްރިއޭޝަން ސްޓްރަކްޗަރެއްގެ ދަށުން ފާސްކުރަން ހުށަހެޅުނު ފުރަތަމަ ފަހަރެވެ. 2020 ވަނައަހަރުގެ ބަޖެޓްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ, އުމްރާނީ ވަސީލަތްތައް ގާއިމްކުރަން އިސްކަންދީފައިވާނެ އެވެ. 2020 ވަނަ އަހަރުގެ ބަޖެޓަކީ ރާއްޖޭގެ އެހާތަނަށް ހުށަހެޅުނު އެންމެ ބޮޑު ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް ހިމެނޭ ބަޖެޓެވެ. މި ޕްރޮގްރާމަށް 10.2 ބިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާނެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނެ އެއްކަމަކީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމެވެ. 2018 ވަނައަހަރުގެ ނިޔަލަށް، ރާއްޖޭގައި ރަނގަޅު ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރެވިފައި ވަނީ ގާތްގަނޑަކަށް 30 ޕަސެންޓު ރަށުގަ އެވެ. ރައީސް ސޯލިހުގެ ރިޔާސީ ދައުރު ނިމުނުއިރު، ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާ ގާއިމްކުރެވި، ބާކީ ހުރި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ކުރިޔަށް ދާނެއެވެ.

މީގެ އިތުރުން، ލާމަރުކަޒީ އުސޫލުން ދައުލަތް ހިންގުމަށް މަގުފަހި ކުރުމަށް، ހަގީގީ މާނައިގައި ކައުންސިލްތައް ބާރުވެރިކުރުމަށް ފިސްކަލް ޑީސެންޓްރަލައިޒޭޝަން ގެނެސްފައިވާނެއެވެ. ދައުލަތަށް ލިބޭ އާމްދަނީގެ (ހިލޭ އެހީ ނުހިމަނައި) 5 ޕަސެންޓަށްވާ ފައިސާ އާއި ކައުންސިލް އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި، ރަށްރަށާއި، ފަޅުފަރުތަކުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 ޕަސެންޓަށްވާ ފައިސާ ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި ދޫކުރުމަށް، ބަޖެޓްކުރެވިފައިވާނެ އެވެ.

ޓޭބަލް: 5


2020 ވަނައަހަރަށް ފާސްކުރެވުނު ބަޖެޓްގެ ޖުމްލައަކީ 37.8 ބިލިއަން ރުފިޔާއެވެ. އޭގެތެރެއިން ރިކަރަންޓް ހަރަދަކީ 18.27 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަކީ 15.5 ބިލިއަން ރުފިޔާއެވެ. ލޯނު އަނބުރާ ދެއްކުން (އެތެރެއާއި ބޭރުގެ) ކަނޑާލުމުން ޖުމްލަ ހަރަދަކީ 35.96 ބިލިއަން ރުފިޔާ އެވެ. 2020 ވަނައަހަރު ފާސްކުރެވެނު ބަޖެޓްގައި އާމްދަނީ އާއި ހިލޭ އެހީގެގޮތުގައި ދައުލަތަށް 29.92 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކޮށްފައިވެއެވެ. އެހެންކަމުން އޯވަރއޯލް ޑެފިސިޓް އަންދާޒާކޮށްފައިވަނީ 6.04 ބިލިއަން ރުފިޔާއެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 6.2 ޕަސެންޓެވެ. ޕްރައިމަރީ ބެލެންސް ހުންނާނެކަމަށް ލަފާކޮށްފައިވަނީ 4.3 ޕަސެންޓު ގައެވެ.

ތިރީގައިވޭ ޓޭބަލް: 6 އިން 2020 ވަނައަހަރަށް ފާސްކުރެވުނު ބަޖެޓްގައި ޖީޑީޕީ އަދި ދަރަނީގެ އަންދާޒާތައް ހިމަނާފައިވާނެއެވެ. 2020 ވަނައަހަރު ނިމޭއިރު ޖީޑީޕީ ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 97.01 ބިލިއަން ރުފިޔާގައެވެ. މިއީ 10.1 ޕަސެންޓުގެ ކުރިއެރުމެކެވެ. 2020 ވަނަ އަހަރު ނިމޭއިރު ޖުމްލަ ދަރަނި އަންދާޒާއަކީ 70.8 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 4.3 ޕަސެންޓުގެ އިތުރުވުމެކެވެ.

ޓޭބަލް: 6


2020 ވަނައަހަރު ރާއްޖެއަށް 1.86 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ލަފާކޮށްފައިވާނެއެވެ. މިއީ 2019 ވަނައަހަރާއި އަޅާބަލާއިރު 8 ޕަސެންޓު އިތުރު އަދަދެކެވެ. ބެޑް ނައިޓްސް ހުންނާނެކަމަށް ލަފާކޮށްފައިވަނީ 11.87 މިލިއަންއެވެ.

2020 ވަނައަހަރަކީ ވަރަށް އުއްމީދާއެކު، އެކިއެކި ދާއިރާތަކުގައި ރާއްޖޭގައި ޒަމާނުއްސުރެ ހައްލުނުވެ ހުރި ގިނަގުނަ މައްސަލަތަކަށް ހައްލު ހޯދަން އަމާޒު ހިފިއަހަރަކަށް ވިނަމަވެސް، ފެބްރުއަރީ 2020 ގައި އަޅުގަނޑުމެންނާއި ކުރިމަތިލާންޖެހުނީ، މުޅި ދުނިޔޭގެ ތާރީހުގައިވެސް ދިމާނުވާ ފަދަ ބޮޑު ކާރިސާއަކާ އެވެ. މާޗް 2020 ގައި ރާއްޖޭގެ ބޯޑަރު ބަންދުކުރެވުނެވެ. މިއީ ރާއްޖޭގެ 50 އަހަރުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި، ފުރަތަމަ ފަހަރަށް ފަތުރުވެރިންނަށް ގައުމު ބަންދުކުރެވުނު ފަހަރެވެ. އޭގެ ފަހުން، މާޗް 12، 2020 ގައި ހެލްތް އިމަޖެންސީ އިއުލާންކުރެވުނެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ދުނިޔޭގައި ހަލުވިކޮށް ފެތުރެން ފެށުމާއެކު، ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ދަތުރުކުރުން މަނާކުރުމާއެކު، ދަތުރުފަތުރު މުޅިންހެން ހުއްޓުމަކަށް އައެވެ. ދިވެހިރާއްޖެއަކީ މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ، އިގުތިސާދީ ގިނަ ހަރަކާތްތައް ފަތުރުވެރިކަމަށް ބަރޯސާވާ ގައުމަކަށް ވުމުން، ރާއްޖެއަކީ މި ކާރިސާގެ ސަބަބުން އިގުތިސާދަށް އެންމެ ބޮޑު ލޮޅުމެއް އައި އެއް ގައުމެވެ.

ކޮވިޑް-19 ފަދަ ކާރިސާއަކަށް ރާއްޖެ އޮތީ، ސިއްހީ އަދި އިގުތިސާދީ ގޮތުން އެއްވެސް ވަރަކަށް ތައްޔާރުވެފައެއް ނޫނެވެ. މުޅި ދުނިޔޭގެ ހުރިހާ ގައުމުތަކުން ވެސް ފެނިގެންދިޔައީ ސިއްހީ ދާއިރާ އެއްކޮށް ފުނޑުފުނޑުވެގެންގޮސް، އިގުތިސާދުތައް އިނދަޖެހުނުތަނެވެ. އެއީ ބިރުވެރި ހާލަތަކަށް ގައުމު ދިޔަ ދުވަސްތަކެކެވެ. އެތައްހާސް މީހުންނަށް ކޮވިޑްޖެހި، ދުނިޔެ ދޫ ކުރާނެކަމުގެ ބިރެވެ. އިގުތިސާދު އެއްކޮށް ފުނޑުފުނޑުވެ، އަހަރުތަކަކަށް ވަރަށް ދަތި އުނދަގުލުގައި އުޅެންޖެހިދާނެކަމުގެ ބިރެވެ. ނަމަވެސް، ސަރުކާރުގެ އަމާޒަކަށްވީ ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށް، ވިޔަފާރިތައް ހުއްޓި، އިގުތިސާދީ ގޮތުން ދަތިތައް ތަހައްމަލް ކުރަމުންދިޔަ ހުރިހާ ފަރާތްތަކަށް އެހީވުމެވެ.

ޓޭބަލް: 7


ޓޭބަލް: 7 އިން ފެންނަ ފަދައިން، ކޮވިޑާއެކު އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރި، ދައުލަތުގެ އާމްދަނީ ގާތްގަނޑަކަށް 14.70 ބިލިއަން ރުފިޔާއިން ދަށްވެގެން ދިޔައެވެ. އަހަރު ނިމުނުއިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބުނީ 15.22 ބިލިއަން ރުފިޔާއެވެ. މިއީ 49.13 ޕަސެންޓު ދަށްވުމެކެވެ. އެއާއެކު، 'ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ' ޕްލޭން އެކުލަވާލެވި، އެންމެ އިސްކަމެއްދިނީ ސިއްހީ ދާއިރާގެ ކެޕޭސިޓީ އިތުރުކުރުމާއި، ބޯޑަރު ހުޅުވާލައި އިގުތިސާދު އަނެއްކާވެސް ކޮޅަށްޖަހަން ޖެހޭ ދުވަހު، ވިޔަފާރިތައް ބަނގުރޫޓްނުވެ، ދިރި ބޭތިއްބުމެވެ. އޭގެ އިތުރުން ހަރަދު ކޮންޓްރޯލްކޮށް، ޑެފިސިޓް ފޫބެއްދުމަށް ވީހާވެސް 'ކޮންސެޝަނަލް' ފަންޑްސް ހޯދުމުގެ މަސައްކަތް ކުރެވުނެވެ. ހަރަދު ކުޑަކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް ކުރެވިފައިވާނެއެވެ. މީގެ ތެރޭގައި އައު މުވައްޒަފުން ނެގުން ހުއްޓާލުން، އިތުރު ގަޑީގެ މަސައްކަތަށް ދޭ ފައިސާއިން ބައެއް އުނިކުރުން، ދަތުރުފަތުރުގެ ހަރަދުން 8 އިން ސައްތަ ކުޑަކުރުން، ޕީއެސްއައިޕީ ތަންފީޒުކުރާ މިންވަރު 70 އިން ސައްތައަށް ކުޑަކުރުން، މަރާމާތާއި ހަރުމުދާ ހޯދުމަށް ކުރާ ޚަރަދު މަދުވެގެން 50 އިން ސައްތަ ކުޑަކޮށް، ޖުމްލަކޮށް ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަކުރުން ހިމެނެއެވެ.

2020 ވަނައަހަރުގެ ފާސްކުރެވުނު ބަޖެޓަކީ 37.87 ބިލިއަން ރުފިޔާކަމުގައި ވިނަމަވެސް، ހަރަދު ކުޑަކޮށްގެން ޖުމްލަ 7.71 ބިލިއަން ރުފިޔާގެ 'ފިސްކަލް ސޭވިންގ" އެއް ގެނެވުނެވެ. އެއީ ރިކަރަންޓް ހަރަދުން 2.03 ބިލިއަން އަދި ކެޕިޓަލް ހަރަދުން 5.7 ބިލިއަން ރުދިޔާއެވެ. އަހަރު ނިމުނުއިރު، ޖުމްލަ ބަޖެޓް 30.15 ބިލިއަން ރުފިޔާއަށް ކުޑަކުރެވުނެވެ. އަހަރު ނިމުނުއިރު އޯވައޯލް ޑެފިސިޓް ހުރީ 13.53 ބިލިއަން ރުފިޔާގައެވެ. މިއީ އަހަރު ނިމުނުއިރު، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 23.5 ޕަސެންޓެވެ. މީގެ ސަބަބަކަށްވީ ދައުލަތުގެ އާމްދަނީ ދަށްވުމާއެކު، އުފެއްދުންތެރިކަން ވަރަށްބޮޑަށް ދަށަށް ދިޔުމެވެ.

2020 ވަނައަހަރު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމުން، ފަތުރުވެރިން ރާއްޖެއައުން އެއްކޮށް ހުއްޓުނެވެ. އޭގެ އިތުރުން ދުނިޔޭގެ ހުރިހާ ގައުމުތައްހެން 'ލޮކް-ޑައުން' އަށް ދިޔުމުން، އެ ގައުމުތަކުންވެސް ބޭރަށް ދަތުރުކުރުން ހުއްޓިގެން ދިޔައެވެ. 1.86 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ބެލެވުނުނަމަވެސް، އަހަރު ނިމުނުއިރު ރާއްޖެ ޒިޔާރަތްކުރީ 555,494 ފަތުރުވެރިންނެވެ. މިއީ 70 ޕަސެންޓުގެ ދަށްވުމެކެވެ. އަދި އޭގެ އިތުރުން 11.87 މިލިއަނަށް އަންދާޒާކުރި ބެޑް ނައިޓްސް 3.98 މިލިއަނަށް ދަށްވެގެން ދިޔައެވެ. މިއީ 66 ޕަސެންޓުގެ ދަށްވުމެކެވެ.

ޓޭބަލް: 8


2020 ވަނައަހަރު ނިމުނުއިރު ގައުމުގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. 97 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް އަންދާޒާކުރެވުނު ޖީޑީޕީ ހުރީ 57.1 ބިލިއަން ރުފިޔާގައެވެ. މިއީ ގާތްގަނޑަކަށް 40 ބިލިއަން ރުފިޔާގެ ގެއްލުމެކެވެ. އެހެންކަމުން، 2019 ވަނައަހަރާއި އަޅާބަލާއިރު ރިއަލް ޖީޑީޕީ 32.9 ޕަސެންޓުން ދަށަށް ދިޔައެވެ.

2020 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 86.75 ބިލިއަން ރުފިޔާގައެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 151.9 ޕަސެންޓެވެ. ޖުމްލަ ދަރަނި އިތުރުވާން ދިމާވީ، އެތެރޭގެ ސީދާ ދަރަނި އަދި ބޭރުގެ ސަވަރިންގ ގަރަންޓީދީފައި ހުރި ދަރަނި އިތުރުވުމުންނެވެ. އެތެރޭގެ ސީދާ ދަރަނި އިތުރުވީ 'ޓްރެޒަރީ ބިލްސް އެންޑް އިސްލާމިކް އިންސްޓްރުމެންޓްސް' އައުޓްސްޓޭންޑިން އިތުރުވުމުންނެވެ. މިގޮތުން، ޓްރެޒަރީ ބިލްސް އައުޓްސްޓޭޑިން 18.96 ބިލިއަން ރުފިޔާއިން 24.09 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ. ބޭރުގެ ސަވަރިން ގަރަންޓީ އިތުރުވެފައިވަނީ، 2020 ވަނައަހަރުތެރޭ އެމް.އެމް.އޭ އިން ރިޒާވް މެނޭޖްކުރުމަށް، ރިޒާވް ބޭންކް އޮފް އިންޑިއާގެ ކަރަންސީ ސްވޮޕް ފެސިލިޓީބޭނުންކުރުމުންނެވެ. އަހަރު ނިމުނުއިރުވެސް އެމް.އެމް.އޭ އިން އައީ މި ފެސިލިޓީ ބޭނުންކުރަމުންނެވެ.

ކުރީގައި އަޅުގަނޑު ފާހަނގަކުރި ފަދައިން، ކޮވިޑް-19ގެ މުސީބާތުގެ ދަނޑިވަޅުގައި ފުރާނަ އާއި ދިރިއުޅުން ސަލާމަތް ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދިން ކަމެވެ. ސިއްހީ ދާއިރާގެ ކެޕޭސިޓީ އިތުރުކުރުމާއި، އަމިއްލަ ފަރުދުންނާއި ގޭބިސީތަކާއި ވިޔަފާރިތަކަށް ސަޕޯޓް ދަމަހައްޓަން، ދަރަނި ނަގައިގެން ނަމަވެސް ޑެފިސިޓް ފައިނޭންސްކުރަން ނިންމި ނިންމުމަކީ އަޅުގަނޑުމެން އެނގިތިބެ ނިންމި ނިންމުމެކެވެ. ސަބަބަކީ އޭރު، ހަރަދު ކޮންޓްރޯލްކުރުމަކީ މުހިއްމުކަމެއް ކަމުގައިވިނަމަވެސް، މި ދާއިރާތަކަށް ސަޕޯޓްނުކޮށް ތިބުމަކީ، ފަރުދުންނަށް އިތުރު ދަތިތަކާއި ކުރިމަތިވެ، ވިޔަފާރިތައް ބަނގުރޫޓްވެ އިގުތިސާދީ ތަދުމަޑުކަން އަހަރުތަކަކަށް ދެމިގެންދާނެ ކަމަކަށްވާތީއެވެ. މީގެ އިތުރުން އެންމެ މުހިއްމުކަމަކަށް ފާހަނގަވީ އޭރު އިގުތިސާދުގައި އެންމެ މުހިއްމު ރޯލެއް ކުޅެވެން އޮތީ ފިސްކަލް ޕޮލިސީގެ ތެރެއިން ސަރުކާރަށްކަމެވެ. އިގުތިސާދީ މާހިރު ބެރީ އައިޗެންގްރީން، އޭނަގެ ފޮތް "އިން ޑިފެންސް އޮފް ޕަބްލިކް ޑެޓް' ގައި ބަޔާންކޮށްފައިވަނީ "ހަމަކަށަވަރުން، މަރުވާ ބަލިމަޑުކަމެއްގެ ދުވަސްވަރު ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ލޯނު ނުނަގާ ސަރުކާރަކީ ރަނގަޅަށްވެސް ޒިންމާދާރުކަން ކުޑަ ސަރުކާރެކެވެ. މި ފަދަ ސަރުކާރެއްގެ މިސާލަކީ ކުޑަކުއްޖެއްގެ ފުރާނަ ސަލާމަތްކުރަން ސާޖަރީއެއް ހަދަންޖެހުމުންވެސް، ދަރަނި ނަގަން ދެކޮޅު ހަދާ މައިންބަފައިން ފަދަ ބަޔެކެވެ".

ޓޭބަލް: 9 (ކޮވިޑް-19 ގެ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން އެޅި ބަޔެއް ފިޔަވަޅުތައް)


ކޮވިޑް-19 އިން އަރައިގަނެ، އިގުތިސާދު އަނދަވަޅަކަށް ނުވެއްޓި ހިފެހެއްޓުމަށް ސީދާގޮތެއްގައި ސަރުކާރުގެ ބަޖެޓުން ޖުމްލަ 4،180.7 މިލިއަން ރުފިޔާ ހަރަދު ކުރިއެވެ. އެއީ ސިއްހީ އަދި އިޖްތިމާއީ ދާއިރާއަށް 2،391.9 މިލިއަން ރުފިޔާ އަދި އިގުތިސާދީ 'ރެސްޕޯންސް' އަށް 1.788.7 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ފަރުދުންނާއި ވިޔަފާރިތައް ބޭންކްތަކުން ނަގާފައި ހުރި ލޯނު ދެއްކުން ފަސްކުރުމާއި، ސަރުކާރަށް އެކިއެކި ފަރާތްތަކުން ދައްކަން ހުރި ފައިސާ ފަސްކުރުން ހިމެނެއެވެ. މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކަށް ދިމާވި 'ލިކުއިޑިޓީ' ދަތިތަކުން އަރައިގަތުމަށް އެހީވެފައިވާނެއެވެ. މިހުރިހާ ކަންތައްތަކެއް އަޅުގަނޑުމެން ކުރީ، ލޮކްޑައުންގެ ހާލަތުގައިވެސް ސަރުކާރުގެ ގިނަ މުވައްޒަފުންގެ މުސާރަކުޑަނުކޮށް ، އޭރު ފަށާފައިވާ މަޝްރޫއުތައް ނުހުއްޓި ކުރިޔަށް ގެންދަމުންނެވެ. މިގޮތުން ގެނެވުނު 'އިންޓަވެންޝަންސް' ތައް- އިގުތިސާދީ ގޮތުންނާއި އިޖްތިމާޢީ- އެއްކޮށްލުމުން މުޅި ޖުމްލަ 2020 ވަނައަހަރުގެ ޖީޑީޕީގެ 10 ޕަސެންޓަށް ވުރެ އިތުރުވާނެކަމަށް ލަފާކުރެވެއެވެ.

މި 'އެކްސްޕޭންޝަނަރީ އިންޓަރވެންޝަންސް' ތަކުގެ ނަތީޖާވެސް ވަރަށް އަވަހަށް ފެނިގެންދިޔައެވެ. ދިވެހި ރާއްޖެވެގެންދިޔައީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ގައުމުގެ ބޯޑަރު އެންމެ އަވަހަށް ހުޅުވާލި އެއް ގައުމަށެވެ. އިގްތިސާދީ ގޮތުން ބަލާއިރު، 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު ވެސް ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ފަސް އިގްތިސާދުގެ ތެރޭގައި ރާއްޖެ ހިމެނުނުނެވެ. އަދި 2022 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ އިގްތިސާދު ވަނީ 'ޕްރީ ޕެންޑެމިކް' ސައިޒަށްވުރެވެސް ބޮޑުވެފައެވެ.

ކޮވިޑް-19 އާއެކު ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ސަރުކާރުގެ ކުރުމުއްދަތުގެ 'ލިކުއިޑިޓީ' މެނޭޖްކުރުމެވެ. 2019 ވަނައަހަރު އެވްރެޖްކޮށް ކޮންމެ މަހަކު އާމްދަނީގެ ގޮތުގައި 1.94 ބިލިއަން ލިބުނުއިރު، 2020 ވަނަ އަހަރު ލިބުނީ 1.26 ބިލިއަން ރުފިޔާއެވެ. ހާއްސަކޮށް، 2020 ވަނަ އަހަރު އެޕްރިލް-ޖުލައި ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބުނީ އެވްރެޖްކޮށް މަހަކަށް 650 މިލިއަން ރުފިޔާއެވެ. އެހެންކަމުން، ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށް އެމް.އެމް.އޭ ގެ 'އޯވަޑްރޯ' ފެސިލިޓީ އިތުރުކުރަން މަޖުބޫރުވިއެވެ. މިއީ ހަމައެކަނި ރާއްޖެއިން ބޭނުންކުރި ސިޔާސަތެއް ނޫނެވެ. އިގުތިސާދީ އަޑިގަނޑުން (ރިސެޝަން) އަރައިގަނެ، ޑިމާންޑް އިތުރުކޮށް، އުފެއްދުންތެރިކަން އިތުރުކުރަން، ހުރިހާ ގައުމެއްގައިވެސް 'ކުއަންޓިޓޭޓިވް އީސިން' ކުރިޔަށް ގެންދިޔައެވެ. މިގޮތުން އެމް.އެމް.އޭ ގެ އޯވަޑްރޯ ފެސިލިޓީ އިތުރުކުރަން، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ (7/2013) ގެ ބައެއް މާއްދާތައް ސަސްޕެންޑްކުރަން ޖެހުނެވެ. މި ދަނޑިވަޅުގައި އެންމެ މުހިއްމު ކަމަކީ ވީހާވެސް ކޮސްޓް ކުޑަވާނެ ގޮތަކަށް، ދަރަނީގެ ރިސްކްވެސް ކުޑަވާނެ ގޮތަކަށް، އެތެރޭގެ މާކެޓުން ފައިސާ ހޯދުން ކަމަށްވާތީ އޯވަރޑްރޯ ލިމިޓް ބޮޑުކުރެވުނެވެ. މި ގޮތުން އޯވަރޑްރޯ ލިމިޓް 4.4 ބިލިއަން ރުފިޔާ (3 އަހަރުގެ އެވްރެޖް އާމްދަނީގެ 20 އިންސައްތަ) 1 އަހަރު ދުވަހުގެ މުއްދަތަށް، ފައިނޭންސް ކޮސްޓެއް ނުހިމެނޭ ގޮތަށް އިތުރުކުރެވުނެވެ. ދައުލަތަށް އާމްދަނީ އަދި ފައިނޭންސިންގ ލިބޭ މިންވަރަކުން، އޯވަރޑްރޯކުރާ މިންވަރު ދިޔައީ ކުޑަވަމުންނެވެ.

އޯވަރޑްރޯ ކޮށް، ކުއަންޓިޓޭޓިވް އީސިންގ ކުރިޔަށްގެންދިޔުމުން އަތުވެދާނެ ނޭދެވޭ އަސަރުތައް އަޅުގަނޑުމެން އައީ ބަރާބަރަށް މޮނިޓަރ ކުރަމުންނެވެ. މިފަދަ ސިޔާސަތެއްގެ ސަބަބުން އެންމެ ބޮޑު އަސަރެއްކުރާނީ ބާޒާރުގެ ތަކެތީގެ އަގަށާއި (އިންފްލޭޝަން)، ބޭރު ފައިސާގެ ރިޒާވް އަށެވެ. ނަމަވެސް 2020 ވަނައަހަރު ރާއްޖޭގެ ގިނަ ފަރާތްތަކެއްގެ ވަޒީފާ ގެއްލިފައިވުމާއި، ރާއްޖޭގެ އިގުތިސާދު ދަށަށްގޮސްފައިވުމާއި، ދުނިޔޭގެވެސް އިގުތިސާދީ ހަރަކާތް މަޑުޖެހި ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށްވެފައިވުމުން، ބޭރު ފައިސާއަށް އޮންނަ ޑިމާންޑް އޮތީ ދަށަށް ގޮސްފައެވެ. 2020 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 1.4- ޕަސެންޓު ގައެވެ. މާނައަކީ 2020 ވަނައަހަރު ބާޒާރުގައި އެވްރެޖްކޮށް ތަކެތީގެ އަގު 2019 ވަނައަހަރާއި އަޅާބާލާއިރު 1.4 ޕަސެންޓުން ދަށަށްދިޔައެވެ. މީގެ އިތުރުން 2020 ވަނައަހަރު ނިމުނުއިރު ރާއްޖޭގެ ގްރޮސް ރިޒާވްގައި 984.93 މިލިއަން ރުފިޔާ ހުއްޓެވެ. މިއީ 2019 ވަނަ އަހަރާއި އަޅާބަލާއިރު 231.4 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

2021 އިން 2023 ކަން ހިނގައިދިޔަ ގޮތް

2021 ވަނައަހަރުގެ ޖުމްލަ ބަޖެޓަކީ 37.1 ބިލިއަން ރުފިޔާއެވެ. ލޯނު އަނބުރާ ދެއްކުން (އެތެރެ އަދި ބޭރުގެ) ކެނޑުމަށްފަހު 2021 ވަނައަހަރުގެ ޖުމްލަ ހަރަދަކީ 32.8 ބިލިއަން ރުފިޔާއެވެ. 2021 ވަނަ އަހަރުގައިވެސް، އަމާޒަކަށްވީ ވީހާވެސް ބޮޑަކަށް 'ޑިސްކްރެޝަނަރީ' ހަރަދު ކުޑަކޮށް، އިގުތިސާދީ ހަރަކާތް އިތުރުކުރަން މަސައްކަތްކުރުމެވެ. 2020 ވަނަ އަހަރަށް ފާސްކުރެވުނު ބަޖެޓްގައި (2020-2023 މެދު ރާސްތާގެ ފިސްކަލް ސްޓެރެޖީ) 2021 ވަނަ އަހަރަށް އަންދާޒާކޮށްފައިވާނީ 41.66 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ޖުމްލަ ހަރަދުގެ ގޮތުގައި 38.71 ބިލިއަން ރުފިޔާއެވެ.

2021 ވަނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބުނީ 21.35 ބިލިއަން ރުފިޔާއެވެ. 2020 ވަނައަހަރުގެ މެދު ރާސްތާގެ ފިސްކަލް ސްޓެރެޖީގައި އާމްދަނީ އާއި ހިލޭގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 29.78 ބިލިއަން ރުފިޔާއެވެ. ކޮވިޑާއެކު 2021 ވަނަ އަހަރުގެ އާމްދަނީވެސް ބޮޑުތަނުން (8.43 ބިލިއަން ރުފިޔާ) ދަށަށް ދިޔައެވެ. އަހަރު ނިމުނުއިރު އޯވަރއޯލް ޑެފިސިޓަކީ 11.4 ބިލިއަން ރުފިޔާއެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 13.8 ޕަސެންޓު އެވެ. 2021 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 805.81 މިލިއަން އެމެރިކާ ޑޮލަރު ހުއްޓެވެ.

2021 ވަނަ އަހަރު ނިމުނުއިރު ރާއްޖެއަށް 1.32 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2020 ވަނަ އަހަރާއި އަޅާބަލާއިރު 138 އިން ސައްތަ ކުރިއެރުމެކެވެ. ނަމަވެސް ކޮވިޑް ގެ ކުރީގެ އަންދާޒާއަކީ 2021 ވަނަ އަހަރު 1.9 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށެވެ. ފަތުރުވެރިން ޒިޔާރަތްކުރި އަދަދު މަދުވިނަމަވެސް، ކޮވިޑާ އެކު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު މަތިވެ، ކުރިން 6 ދުވަހުގަ ހުރި 'އެވްރެޖް ސްޓޭ' 9 ދުވަހަށް އިތުރުވިއެވެ. އެހެންކަމުން ބެޑް ނައިޓްސްގެ އަދަދު ހުރީ ގާތްގަނޑަކަށް ކޮވިޑަށް ވުރެ ކުރިން ހުރި މިންވަރުގައެވެ. 2021 ވަނަ އަހަރު ބެޑް ނައިޓްސް ހުރީ 10.07 މިލިއަން ރޭ ގައެވެ.

2021 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ޖީޑީޕީ ހުރީ 83.09 ބިލިއަން ރުފިޔާގައެވެ. މިއީ 2020 އަހަރާއި އަޅާބަލާއިރު 44.2 ޕަސެންޓު އިތުރުވުމެކެވެ. 2021 ވަނަ އަހަރު މުޅި ދުނިޔޭގައިވެސް އެންމެ ބާރަށް ޖީޑީޕީ އިތުރުވި ގައުމަކީ ރާއްޖެއެވެ . މިއީ ކޮވިޑް-19 އާއެކު ގައުމުގެ އިގުތިސާދަށް ކުރިމަތިވި ބޮޑެތީ ގޮންޖެހުންތަކުން އަރައިގަންނަން، ސަރުކާރުން މާލީ، އިގުތިސާދީ އަދި އިޖްތިމާއީ ދާއިރާގައި އެޅި ފިޔަވަޅުތައް ރަނގަޅުކަން ހާމަކޮށްދޭ އަލިގަދަ ދަލީލެކެވެ. 2021 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 94.6 ބިލިއަން ރުފިޔާގައެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 117 ޕަސެންޓެެވެ (މިއަދަދު 2020 ވަނަ އަހަރު ކޮވިޑާއެކު- ޖީޑީޕީ ދަށްވެ، އާމްދަނީ ދަށްވެ- ހުރީ 152 ޕަސެންޓު ގައެވެ).

2021 ވަނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރަން ހުށަހެޅުނު އެއް ސިޔާސަތަކީ އެއަޕޯޓް ޑިވެލޮޕްމެންޓް ފީ އާއި އެއަޕޯޓް ސަރވިސް ޗާޖުގެ ރޭޓްތަކަށް ބަދަލު ގެނައުމެވެ. މިގޮތުން 'ފްލެޓް' އެއް ރޭޓެއްގައި ކުރިން ނެގެމުން އައި ފީ އާއި ޗާޖު، އެއަރލައިން ކްލާސްތަކަށް ބަލައި ބަދަލުކުރެވުނެވެ. މިގޮތުން، ކުރިން ބޭރުގެ ފަރާތްތަކުން ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި ނެގެމުން އައި 25 ޑޮލަރު، މި ބަދަލާއެކު އިކޮނޮމީ ކުލާހުން 30 ޑޮލަރު، ބިޒްނަސް ކްލާހުން 60 ޑޮލަރު، ފަސްޓް ކުލާހުން 90 ޑޮލަރު އަދި ޕްރައިވެޓް ޖެޓެއްގައި ނަމަ 120 ޑޮލަރަށް ބަދަލުކުރެވުނެވެ.

2021 ވަނަ އަހަރު އޭރު މިނިސްޓްރީ އޮފް ފިނޭންސް އިން ކުރި އެންމެ މުހިއްމު އެއް ކަމަކީ، މާޗް 29, 2021 ގައި ރާއްޖޭގައި މުޅިން އަލަށް ބޭރުގެ މާކެޓްގައި އިސްލާމިކް ސުކޫކެއް ލިސްޓްކުރުމެވެ. މި 'އިޝުއެންސް' އިން ލިބުން 200 މިލިއަން ޑޮލަރު އެއްކޮށް ބޭނުންކުރީ، ޖޫން 2022 ގައި ދައްކަން އޮތް 250 މިލިއަން ޑޮލަރ ގެ ސަނީ ސައިޑް ބޮންޑްގެ ގާތްގަނޑަކަށް 80 ޕަސެންޓު ބޮންޑްހޯލްޑަރސް އަށް ދެއްކުމަށެވެ. ބާކީ 50 މިލިއަން ޑޮލަރު ދެއްކީ މެޗޫރިޓީގައި ޖޫން 2022 ގައެވެ. މިކަން އަޅުގަނޑުމެންކުރީ 'ލައިބިލިޓީ މެނޭޖްމެންޓް' ހަރަކާތެއްގެ ތެރެއިން، މާކެޓް ބަލައިގަންނާނެ ގޮތަކަށެވެ. މީގެ ސަބަބުން މާކެޓްގައި އޭގެ ކުރިން ގާތްގަނޑަކަށް 25 ޕަސެންޓުގެ ޑިސްކައުންޓެއްގައި ޓްރޭޑް ކުރެވުމުން އައި 'ސަނީ ސައިޑް ބޮންޑް' ގެ ޕާފޯމެންސް ރަނގަޅުވެ، ސުކޫކް އިޝޫކުރެވުނީ 9.875 ޕަސެންޓު ކޫޕަން ރޭޓުގައެވެ. މީގެ އިތުރުން އޭޕްރިލް 2021 ގައި ހަމަ އެ ސުކޫކް ޕްރޮގްރާމް 'ޓެޕް' ކޮށް 100 މިލިއަން ޑޮލަރު އަދި ސެޕްޓެމްބަރު 2021 ގައި 200 މިލިއަން ޑޮލަރު ހޯދުނެވެ. މި ފައިސާ ބޭނުންކުރެވުނީ ދައުލަތުގެ ބަޖެޓް ފައިނޭންސް ކުރުމަށާއި، ރާއްޖޭގެ ރަސްމީ ރިޒާވް (އެމްއެމްއޭގެ) ހިފެހެއްޓުމަށެވެ. ސެޕްޓްމްބަރު 2021 ގައި އިޝޫކުރެވުނު 200 މިލިއަން ޑޮލަރުގެ ސުކޫކަށް އިންވެސްޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި ސުކޫކްް 3 ގުނަ ސަބްސްކްރައިބް ކޮށްފައިވެ އެވެ. 2021 ވަނަ އަހަރު 'އިމާޖިންގ މާކެޓް' ގައުމެއްގެ ގޮތުގައި މާކެޓަށް ގޮސް، ކާމިޔާބު ކާމާއެކު ސްކޫކު 'އިޝޫ' ކުރެވުނު ހަމައެކަނި ގައުމަކީ ރާއްޖެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންވެސްޓަރުންގެ އިތުބާރު ދިވެހި ރާއްޖޭގެ އިގުތިސާދީ ރިކަވަރީއަށާއި މާލީ އަދި އިގުތިސާދީ ސިޔާސަތުތަކަށް އޮތް ކަމުގެ ހެއްކެކެވެ.

2022 ވަނަ އަހަރުގެ ޖުމްލަ ބަޖެޓަކީ 42.82 ބިލިއަން ރުފިޔާއެވެ. ލޯނު ހަރަދު ކަނޑައި ޖުމްލަ ހަރަދަކީ 40.06 ބިލިއަން ރުފިޔާއެވެ. 2022 ވަނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބުނީ 29.03 ބިލިއަން ރުފިޔާއެވެ. 2020 ވަނައަހަރުގެ މެދު ރާސްތާގެ ފިސްކަލް ސްޓެރެޖީގައި އާމްދަނީ އާއި ހިލޭގެ ގޮތުގައި 2022 ވަނަ އަހަރު ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 31.88 ބިލިއަން ރުފިޔާއެވެ. ކޮވިޑާ-19 އާ އެކު 2022 ވަނަ އަހަރުގެ އާމްދަނީ ވެސް ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާއިން ގެއްލުންވިއެވެ. އަހަރު ނިމުނުއިރު އޯވަރއޯލް ޑެފިސިޓް ހުރީ 11.02 ބިލިއަން ރުފިޔާގައެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 11.6 އިން ސައްތައެވެ. 2022 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1.68 މިލިއަން ފަތުރުވެރިންނެވެ. ބެޑް ނައިޓްސް ހުރީ 12.96 މިލިއަން ގައެވެ.

2022 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ޖީޑީޕީ ހުރީ 94.94 ބިލިއަން ރުފިޔާއެވެ. މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު 14 ޕަސެންޓުގެ ކުރިއެރުމެކެވެ. 2022 ވަނަ އަހަރަކީވެސް ރާއްޖޭގެ ޖީޑީޕީ ހަލުވި މިނެއްގައި ބާރަށް ދިޔަ އަހަރެކެވެ. ދުނިޔޭގެ އެންމެ ބާރަށް ޖީޑީޕީ ކުރިއަރައި ދިޔަ ގައުމުތަކުގެ ތެރޭގައި 2022 ވަނަ އަހަރުވެސް ރާއްޖެ ހިމެނުނެވެ.

ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ އާމްދަނީ 2020-2022 ވަނަ އަހަރުތަކުގައިވެސް ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. ހާއްސަކޮށް 2020 ވަނަ އަހަރު އާމްދަނީ ދެބައިކުޅަ އެއްބައި ވަރަށްވުރެވެސް ބޮޑުކޮށް ދަށަށް ދިޔުމުން، ރައްޔިތުންނާއި އިގުތިސާދަށް ކުރިމަތިވެދާނެ ލޮޅުން އިތުރަށް ގޯސް ވިޔަނުދިނުމަށްޓަކައި ހަރަދުތައް ކުޑަ ކުރުމަށް އޮތް ޖާގަ އޮތީ ހަނިކޮށެވެ. އެހެންކަމުނެ ސަރުކާރުން ނިންމީ ބަޖެޓް ހަމަޖެއްސުމަށްޓަކައި ދަރަނި ނަގައިގެންވެސް ކުރިޔަށް ދާށެވެ. 2022 ވަނަ އަހަރު އެންމެ ބޮޑު އަހަންމިއްޔަތެއް ދީފައިވާނީ މާލީ ހަމަތައް ދެމިހެއްޓެނިވި މިންގަނޑަކަށް ގެނައުމެވެ. މި މިންގަނޑުތައް ހާސިލް ކުރުމަށް، މެދު ރާސްތާގެ ފިސްކަލް އެންކަރތަކެއް ކަނޑައަޅާފައިވާނެއެވެ. އެއީ:

  1. 2023 ނިމެންވާއިރަށް ދައުލަތުގެ ދަރަނި (ގެރެންޓީ ނުހިމަނާ) ޖީޑީޕީގެ ނިސްބަތުން 105 ޕަސެންޓަށް ތިރުކުރުން
  2. 2023 ގެ ނިޔަލަށް ޕްރައިމަރީ ބަޖެޓް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 އިން ސައްތައަށް ތިރުކުރުން
  3. ބަޖެޓް ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށްފަހު އަހަރެއް ކުޑަވަމުންދާ މިސްރާބަކަށް ގެނައުން، މީގެ އިތުރުން
  4. 2024 ވަނަ އަހަރުގެ ނިޔަލަށް ރިކަރަންޓް ހަރަދު ދައުލަތުގެ އާމްދަނީ (ހިލޭ އެހީ ނުހިމަނާ) އަށް ވުރެ އިތުރުނުވާނެ މިންވަރެއްގައި ހިފެހެއްޓުން

2022 ވަނަ އަހަރު އަޅުގަނޑުމެންގެ އަމާޒަކަށް ވީ ޖީޑީޕީގެ ނިސްބަތުން 6 އިން ސައްތައިގެ 'ކަރެކްޝަން' -ރިފޯމް- ގެނައުމެވެ. މިގޮތުން އާމްދަނީ އިތުރުކޮށްގެން 3 ޕަސެންޓު އަދި ހަރަދުތައް ކޮންޓްރޯލްކޮށް، ރިފޯމްކޮށްގެން 3 ޕަސެންޓު އެވެ. މިގޮތުން 2022 ވަނަ އަހަރު ޖީޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ބޮޑުކުރެވުނެވެ. ޖީޖީއެސްޓީ ރޭޓް 6 ޕަސެންޓު އިން 8 ޕަސެންޓު އަށް، އަދި ޓީޖީއެސްޓީ ރޭޓް 12 ޕަސެންޓު އިން 16 ޕަސެންޓުއަށް ބޮޑުކުރެވުނެވެ. މީގެ ސަބަބުން ދައުލަތަށް އާމްދަނީގެ ގޮތުގައި އިތުރު 200 މިލިއަން ޑޮލަރު ލިބޭނެއެވެ. ހަރަދު ކުޑަކުރަން ގެންނަން ހުރި ސިޔާސަތުތަކުގެ ތެރޭގައި، އާސަންދަ ރިފޯމްކޮށް، ޑައިރެކްޓް ސަބްސިޑީގެ ނިޒާމް ކަނޑައަޅުން ހިމަނާފައިވާނެއެވެ. ހަރަދު ރިފޯމް ޓާގެޓްކުރީ 2023 ވަނަ އަހަރަށެވެ. އެއީ އެއްފަހަރާ ހުރިހާ ކަމެއް ބަދަލުކުރުމުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެ، ސިޔާސަތު އެއްވާނެއްގައި ތަންފީޒުކުރަން އުނދަގޫ ވާނެތީއެވެ. އެހެންކަމުން 2022 ވަނައަހަރު ބޮޑަށް އަމާޒު ހިފީ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދާށެވެ.

2022 ވަނަ އަހަރާއި ކުރިމަތިލީ އަނެއްކާވެސް އުއްމީދީ އަހަރެއްގެ ގޮތުގައެވެ. ކޮވިޑް-19 ގެ ކުރިން ރާއްޖޭގެ އިގުތިސާދު ހުރި ސައިޒަށް އިގުތިސާދު ކުރިއަރައި، އިގުތިސާދީ ހަރަކާތްތައް ކުރިޔަށްވުރެ ބާރަށް ހިނގައިގަތުމެވެ. ނަމަވެސް 2022 ވަނަ އަހަރު ވީ 'ރިހޭ ފައި މައްޗައް ފޮއި' ވެއްޓުނު އަހަރަކަށެވެ. ފެބްރުއަރީ 2022 ވަނަ އަހަރު ރަޝިޔާ-ޔޫކުރެއިން ހަނގުރާމަ ފެށުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް މައްޗަށް ދިޔައެވެ. ހަނގުރާމައާއެކު 2021 ވަނަ އެވްރެޖްކޮށް 69 ޑޮލަރު ގަ ހުރި ތެޔޮ ފީފާއެއް، 2022 ވަނަ އަހަރު އެވްރެޖްކޮށް 100 ޑޮލަރު އަށް އިތުރުވެގެން ދިޔައެވެ. މީގެ ސަބަބުން ފިޔުލް ސަބްސިޑީއަށް ކުރަންޖެހުނު ހަރަދު ވަރަށް ބޮޑުތަނުން އިތުރުވެގެން ދިޔައެވެ. 2022 ވަނަ އަހަރު ފިޔުލް ސަބްސިޑީގެ ގޮތުގައި ބަޖްޓްކުރީ 341.5 މިލިއަން ރުފިޔާއެވެ. ނަމަވެސް އަހަރު ނިމުނުއިރު ފިޔުލް ސަބްސިޑީގެ ގޮތުގައި 2.31 ބިލިއަން ރުފިޔާ ހަރަދު ކުރަން ޖެހުނެވެ.

ޓޭބަލް: 10 (ތެޔޮ ފީފާއެއްގެ އަގު ޑޮލަރުން، 2020-2023)


ޓޭބަލް: 10 ގައި ފާހަގަކޮށްފައިވަނީ، 2021-2023 ވަނައަހަރު ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ބަދަލުވެފައި ހުރި ގޮތެވެ. ޔޫކްރޭން ހަނގުރާމައާއެކު ތެޔޮ ފީފާއެއްގެ އަގު ވަރަށް ބޮޑަށް އުފުލިގެންދިޔައެވެ. މިގޮތުން ތެޔޮ އިމްޕޯޓްކުރަން ކުރާ ހަރަދު އެތައް ގުނައަކުން އިތުރުވެގެން ދިޔައެވެ.

ޓޭބަލް: 11


ޓޭބަލް 12: 2018-2023 އަށް ތެޔޮ އެތެރެކުރަން މަހުން މަހަށް ހިނގާފައިވާ ހަރަދު


މަތީގައިވާ ޓޭބަލް؛ 10 އިން ފާހަނގަވާނެ ފަދައިން، 2022 އަދި 2023 ވަނަ އަހަރު އެވްރެޖްކޮށް މަހަކަށް ޕެޓްރޯލިއަމް ޕްރޮޑަކްޓްސް އިމްޕޯޓްކުރުމަށް ކުރާ ހަރަދު ވަރަށް ބޮޑުވެގެން ދިޔައެވެ. 2021 ވަނައަހަރާއި އަޅާ ބަލާއިރު 2 ގުނަ ބޮޑުވެގެން ދިޔައެވެ. 2021 ވަނަ އަހަރު އެވްރެޖްކޮށް 37 މިލިއަން ޑޮލަރު ހަރަދު ކުރިއިރު، 2022 ވަނައަހަރު ގާތްގަނޑަކަށް 70 މިލިއަން ޑޮލަރު އަދި 2023 ވަނަ އަހަރު އޮގަސްޓް މަހާއި ހަމަޔަށް އެވްރެޖްކޮށް 60 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާނެއެވެ. މީގެ ސަބަބުން ރިޒާވް ވަރަށް އަވަހަށް ދަށަށްދާން ފެށިއެވެ. އަޅުގަނޑުގެ އަންދާޒާގައި ޔޫކްރެއިން ހަނގުރާމަ ނައިނަމަ، 2023 ވަނައަހަރު ނިމުނުއިރު، ދައުލަތުގެ ޔޫސަބަލް ރިޒާވްގައިވެސް ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު ހުންނާނެއެވެ.

އަޅުގަނޑުގެ މާލީ ވަޒީރު ކަމުގައި، އެންމެ މުހިއްމު ކަމަކަށް އަޅުގަނޑުމެން ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރަމުން އައި އެއް ކަމަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް، ހައްގު އުޖޫރަ ދިނުމަށް ކުރި މަސައްކަތެވެ. މި ގޮތުން 2022 ވަނަ އަހަރު ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑުކޮށް އެއްހަމަ ކުރެވުނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ވައުދާއި އެއްގޮތަށް ފުރަތަމަ ބޮޑުކުރެވިގެން ދިޔައީ ތައުލީމީ ދާއިރާގައި އުޅުއްވާ ބޭފުޅުންގެ މުސާރައެވެ.

2023 ވަނަ އަހަރުގެ ޖުމްލަ ބަޖެޓަކީ 49.20 ބިލިއަން ރުފިޔާއެވެ. ލޯނު ހަރަދު ކަނޑައި ޖުމްލަ ހަރަދަކީ 47.00 ބިލިއަން ރުފިޔާއެވެ. 2023 ވަނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރެވެނީ 33.40 ބިލިއަން ރުފިޔާއެވެ. އޯވަރއޯލް ޑެފިސިޓް ހުންނާނެކަމަށް ލަފާކުރެވެނީ 13.59 ބިލިއަން ރުފިޔާގައެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 10.1 ޕަސެންޓެވެ.

2023 ވަނަ އަހަރު ނިމުނުއިރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން އަދަދަކީ 1.88 މިލިއަން އެވެ. މިއީ 2022 ވަނަ އަހަރާއި އަޅާބަލާއިރު 12 ޕަސެންޓެެވެ. ބެޑް ނައިޓްސްގެ ޖުމްލައަކީ 12.9 މިލިއަން އެވެ.

ކުރިން ފާހަނގަކުރި، ބޮޑުކުރި ޓެކްސް ރޭޓްސް 'އިފެކްޓިވް' ވީ 1 ޖެނުއަރީ 2023 އިން ފެށިގެންނެނެވެ. މި ބަދަލަކީ އާމްދަނީ އިތުރުކޮށް، މާލީ ކަންކަން ހަމަމަގަށް އަޅުވަން، އިންތިހާބީ އަހަރެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ވަރަށް ހަރުދަނާ، ހިތްވަރު ގަދަ ނިންމުމެކެވެ. 2023 ވަނަ އަހަރުވެސް ތެލުގެ ސަބްސިޑީއަށް ކުރަންޖެހުނު ހަރަދު ވަރަށް ބޮޑެވެ. މިގޮތުން ބަޖެޓްކުރީ 588 މިލިއަން ރުފިޔާ ކަމުގައި ވިޔަސް އަހަރު ނިމުނުއިރު 1.91 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެއެވެ.

2019-2023 އަށް އަޅުގަނޑުމެން ސަރުކާރުގައި، 2019 ވަނަ އަހަރު ފިޔަވައި، ބޮޑަށް އުޅެން ޖެހުނީ ކްރައިސިސް މެނޭޖްކުރުމުގައެވެ. 2019 ވަނަ އަހަރު، އަޅުގަނޑުމެން ސަރުކާރުގައި ގިނަ ކަންތައްތަކެއް ހާސިލްކުރި އިރު، މާލީ ހަމަތަކާއި ދަރަނި ހުރީ 2018 ވަނަ އަހަރު ނިމުނުއިރުވެސް، ހުރި މިންވަރާއި ގާތްގަނޑަކަށް އެއްވަރެއްގައެވެ. ނަމަވެސް ކޮވިޑާއެކު އަޅުގަނޑުމެންނަށް ސަރުކާރުގެ މާލީ ސިޔާސަތުގެ މިސްރާބް ބަދަލުކުރަން ޖެހުނީ، ފުރާނަ ސަލާމަތްކުރުމާއި ފަރުދުންނާއި ވިޔަފާރިތައް އަރައިނުގަނެވޭނެފަދަ އަޑި ގުނޑަންގަނޑަކުން ސަލާމަތްކުރުމެވެ.

ކޮވިޑް-19 އާއެކު ދައުލަތަށް ގެއްލުނު އާމްދަނީ

ޓޭބަލް 13 (ކޮވިޑާއެކު ދައުލަތަށް ގެއްލުނު އާމްދަނީ، ބިލިއަން ރުފިޔާ އިން)


މަތީގައިވާ ޓޭބަލް: 10 އިން ފާހަނގަވާނެ ފަދައިން، ކޮވިޑާއެކު ދައުލަތުގެ އާމްދަނީ (ހިލޭ އެހީ ހިމަނައިގެން) އިން 2020-2022 އަށް، މި ތިން އަހަރު ގާތްގަނޑަކަށް 29 ބިލިއަން ރުފިޔާ މަދުވެފައިވާނެއެވެ. ހިލޭ އެހީ ނުހިމަނައިވެސް ގާތްގަނޑަކަށް 19 ބިލިއަން ރުފިޔާ ގެއްލުން ވެފައިވާނެއެވެ. މި ގެއްލުނު އާމްދަނީ އާއެކު ދައުލަތުގެ ބަޖެޓް ޑެފިސިޓް ކުޑަކުރަން ހަރަދު ކުޑަކުރިނަމަވެސް، 2020-2022 ޖުމްލަ އޯވަރއޯލް ޑެފިސްޓްގެ ބޮޑު ބައެއް ހިއްސާކުރަނީ މި ގެއްލުނު އާމްދަނީއެވެ. 2020-2022 އަށް ޖުމްލަ ޑެފިސިޓަކީ ގާތްގަނޑަކަށް 35 ބިލިއަން ރުފިޔާއެވެ. ހިލޭ އެހީ ނުހިމަނައި ބަލާނަމަ މި ޑެފިސިޓް ހުންނާނީ ގާތްގަނޑަކަށް 16 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން ސީދާ ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ ދަރަންޏަށް ގާތްގަނޑަކަށް 19 ބިލިއަން ރުފިޔާ އިތުރުވެފައިވާނެއެވެ.

ގައުމީ އުފެއްދުންތެރިކަމަށް ބަލާއިރުވެސް، ކޮވިޑާއެކު ދިމާވި އިގުތިސާދީ ގޮންޖެހުންތަކާއި ހެދި ވަރަށް ބޮޑު އާމްދަނީއެއް މުޅި ގައުމަށް ގެއްލިފައިވާނެ ކަމަށް އަންދާޒާކުރެވެއެވެ.

ޓޭބަލް 14 (2020-2023 އަށް ގައުމުގެ އުފެއްދުންތެރިކަމުން ގެއްލުނު މިންވަރު، މިލިއަން ރުފިޔާއިން)


2020-2023 އަށް ގައުމީ އުފެއްދުންތެރިކަން ހުންނާނެ މިންވަރު 2020 ވަނަ އަހަރަށް ތައްޔާރުކުރި މެދު ރާސްތާގެ 'ފިސްކަލް ސްޓެރެޓެޖީ' ގައި ހިމަނާފައިވާނެއެވެ. މިގޮތުން 2020-2023 އަށް ޖުމްލަ އުފެއްދުންތެރިކަން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 441.30 ބިލިއަން ރުފިޔާގައެވެ. ނަމަވެސް ކޮވިޑާއެކު އެ ދިމާވި އިގުތިސާދީ އަޑިގުޑަންތަކާއެކު 2020-2023 ޖުމްލަ އުފެއްދުންތެރިކަން ހުރީ 344.06 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން ސީދާ ކޮވިޑްގެ ސަބަބުން މުޅި ގައުމުގެ 'ޕޮޓެންޝިއަލް އުފެއްދުންތެރިކަން' އިން 97.23 ބިލިއަން ރުފިޔާ ގެއްލުނެވެ. މިއީ ގާތްގަނޑަކަށް 6.3 ބިލިއަން ޑޮލަރެވެ.

މިހާ ހިސާބުން މިދިޔަ އަހަރުތަކުގައި ދައުލަތުގެ ދަރަނި ބަދަލުވަމުން އައި ގޮތަށް ބަލައިލާނަމެވެ. 2019-2023 ދަރަނި ހޯދުމުގައި އަޅުގަނޑުމެން އެންމެ އިސްކަންދީފައިވާނީ ކޮންސެނަލް ފައިނޭންސިންގ ހޯދުމަށެވެ. އަޅުގަނޑު ކުރިން ފާހަނގަކުރި ފަދައިން، އަޅުގަނޑުމެން 5 އަހަރު އެންމެ ބޮޑަށް މަސައްކަތް ކުރަން ޖެހުނީ 'ކްރައިސިސް މެނޭޖް' ކުރުމުގައެވެ. ދަރަންޏަށް ފައިސާ ނަގައިގެންވެސް ރާއްޖޭގެ އިގުތިސާދު ސަލާމަތްކުރުމެވެ. ރަށްތަކަށް ޒާމާނުއްސުރެ ބޭނުންޖެހިފައިވާ އުމްރާނީ ތަރައްގީ އާއި ސިއްހީ ދާއިރާ އަދި އާންމު ދިރިއުޅުމާއި ގުޅުންހުރި ގިނަ މަޝްރޫއުތައް ހިންގުމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި މިހާރުވެސް ތަރައްގީ ކުރަމުން އަންނަ އިންޓަނޭޝަނަލް އެއަޕޯޓްތަކާއި (ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް، ހަނިމާދޫ އަދި ސ.ގަން އިންޓަނޭޝަނަލް އެއަޕޯޓް)، އެކި ރަށްތަކުގައި ހަދަމުންދާ ބަނދަރުތައް، ރާއްޖޭގައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުން އަދި އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުން ހިމެނެއެވެ.

އަޅުގަނޑުމެން ސަރުކާރާއި ހަވާލުވިއިރު 2018 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 60.26 ބިލިއަން ރުފިޔާގައެވެ. 2023 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުންނާނެކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް 124 ބިލިއަން ރުފިޔާގައެވެ. ތިރީގައިވާ ޓޭބަލް އިން ފާހަނގަވާ ފަދައިން މިދިޔަ 5 އަހަރު ތެރޭގައި ދައުލަތުގެ ޖުމްލަ ދަރަންޏަށް ގާތްގަނޑަކަށް 65.4 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. މީގެ ތެރޭގައި ކުރީ ސަރުކާރުތަކުން 'ކޮންޓްރެކްޓް' ކުރި ދަރަނި، 2019-2023 މުއްދަތުގައި 'ޑިސްބާސް' ވުމުން، އެ ދަރަނިވެސް ހިމެނޭނެއެވެ. ޑިސެމްބަރު 2018 ނިމުނުއިރު، 9.6 ބިލިއަން ރުފިޔާގެ ކޮމިޓެޑް އެކްސްޓަރނަލް ޑެޓް ޑިސްބަރސް ނުކުރެވި އޮތެވެ. މި ދަރަނި ޑިސްބާސްވެގެން ދަރަނީގެ ގޮތުގައި ހިމެނިގެން ދިޔައީ 2019-2021 އާއި ދެމެދު އެވެ. މީގެ އިތުރުން ކޮވިޑާއެކު ބޮޑުވެގެންދިޔަ ޑެފިސިޓް ފައިނޭންސް ކުރުމަށް އެންމެ މަދުވެގެން 19 ބިލިއަން ރުފިޔާގެ ދަރަނި ނަގަން ޖެހުނެވެ. . 2023 ވަނަ އަހަރަށް ހުށަހެޅުނު ބަޖެޓާއެކު އަޅުގަނޑުމެން ހުށަހަޅާފައިވާނީ އަހަރު ނިމޭއިރު އޯޑީ ކުރުން ހުއްޓާލުމަށެވެ. އަދި ޖެނުއަރީ މަހު މި ފައިސާ އެމްއެމްއޭ އަށް އަނބުރާ ދައްކާ ހަލާސްކުރުމަށެވެ. އެއީ ޖެނުއަރީ މަހަކީ ދައުލަތަށް އާމްދަނީގެ ގޮތުގައި އެވްރެޖްކޮށް 4 ބިލިއަން ރުފިޔާ ލިބޭ މަހަކަށްވެފަ، ބަޖެޓް ސަޕޯޓަށް ބޭރުން ހިލޭ އެހީ ހޯދާނެ އިންތިޒާމް ހަމަޖެހިފައިވާތީއެވެ. ނަމަވެސް މި ސަރުކާރު އައިސް 2 ބިލިއަން ރުފިޔާ ބަދަލުކުރީ އަނެއްކާވެސް ދިގު މުއްދަތުގެ ބޮންޑަކަށެވެ. އެހެންކަމުން، މި 2 ބިލިއަން ރުފިޔާގެ ދިގު މުއްދަތުގެ ބޮންޑް (ދަރަނި) އަކީ ސީދާ މިހާރުގެ ސަރުކާރުން އުފެއްދި ދަރަންޏެކެވެ.

ކޮވިޑްގެ ވަބާއާއި އަދި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ދަތިތައް މެނޭޖްކުރަން ނުޖެހުނުނަމަ މިދިޔަ 2019-2023 އަށް ދަރަނި އިތުރުވާނީ ގާތްގަނޑަކަށް 44.4 ބިލިއަން ރުފިޔާއިންނެވެ. އެއީ ކުރިން ފާހަނގަކުރިހެން، ކުރީ ސަރުކާރުތަކުގެ ދަރަނިވެސް ހިމަނައިގެންނެވެ. ކުރީގެ ސަރުކާރުތަކުން ކޮންޓްރެކްޓްކޮށް ޑިސްބާސް ނުވެ ހުރި 9.6 ބިލިއަން ރުފިޔާ އުނިކުރުމުން މި އަދަދު ގާތްގަނޑަކަށް 34.8 ބިލިއަން ރުފިޔާއަށް ތިރިވެގެން ދެއެވެ. އެއްވެސް ކްރައިސިސް އެއް މެނޭޖްކުރަން ނުޖެހި، ދުނިޔޭގެ އިގުތިސާދު ސްޓޭބަލްކޮށް އޮތް 5 އަހަރު 2013-2018 ތެރޭ ދައުލަތުގެ ދަރަންޏަށް 36.8 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.


2020 ވަނައަހަރު، އަޅުގަނޑުމެން ތައްޔާރުކުރި މެދު ރާސްތާގެ މާލީ އަދި ދަރަނީގެ ސްޓްރެޓެޖީ އަށް ބަލާއިރު، 2023 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި (ސަރުކާރު ސީދާ ދަރަނި އަދި ސަވަރިންގ ގަރަންޓީ ހިމަނައިގެން) ހުންނާނެ ކަމަށް އަންދާޒާކޮށްފައިވާނީ ގާތްގަނޑަކަށް 98 ބިލިއަން ރުފިޔާއެވެ. މިއީ އޭރުގެ އަންދާޒާތަކަށް ބަލާއިރު ގާތްގަނޑަކަށް 79 ޕަސެންޓެވެ. 2018 ވަނަ އަހަރު ނިމުނުއިރު މި އަދަދު ހުރީ 72 ޕަސެންޓު ގައެވެ.

ކޮވިޑްގެ ދަތިތަކާއި އެކު ކުރިމަތިވި އިގުތިސާދީ ދަތިތަކާއެކު ވެސް، 2021 ވަނަ އަހަރު އިޝޫކުރި 500 މިލިއަން ޑޮލަރު ފިޔަވައި، ހުރިހާ ލޯނުތަކެއް ނަގައިފައިވާނީ އޭރު މާކެޓްގައި ހުރި އިންޓަރެސްޓް ރޭޓަށްވުރެ ރަނގަޅު ރޭޓެއްގައެވެ. އިންޑިއާއިން ޑިސެމްބަރ 2018 ގައި ހަމަޖެހުނު 'ލައިން އޮފް ކްރެޑިޓް' ފެސިލިޓީ (800 މިލިއަން ޑޮލަރު ކްރެޑިޓް ލައިން) އަކީ 1.75 ޕަސެންޓު އިންޓްރެސްޓަގައި 25 އަހަރުން ދައްކަންޖެހޭ ލޯނެކެވެ. އަޅުގަނޑުމެން ވެރިކަމާއި ހަވާލުވުމަށްފަހު އޭގެ ކުރީ ސަރުކާރުން އަބޫދާބީ ޑިވެލޮޕްމެންޓް ފަންޑް އިން ނަގާފައިވާ، 100 މިލިއަން ޑޮލަރު ދައްކަން އިތުރު 3 އަހަރު ހޯދުނެވެ. 2020 ގެ ފަހު ކޮޅު 'ސްޓޭޓް ބޭންކް އޮފް އިންޑިއާ' އިން ނެގިގުން 250 މިލިއަން ޑޮލަރަކީ 10 އަހަރުން އަނބުރާ ދައްކާގޮތަށް، 3.5 ޕަސެންޓު އިންޓަރެސްޓަގައި ނަގާފައިވާ ލޯނެކެވެ. އަދި 2022 ވަނައަހަރު ނެގި 100 މިލިއަން ޑޮލަރަކީ 7 ޕަސެންޓު ގައި 10 އަހަރުން ދައްކާގޮތަށް ނަގާފައިވާ ލޯނެކެވެ. އަދި މި މުއްދަތުގެ ތެރޭގައި ޕްރައިވެޓް ޕްލޭސްމެންޓެއްގެ ގޮތުގައި- ކާގިލް ފައިނޭންޝިއަލް ސާވިސަސް އިންޓަނޭޝަނަލް- ކުރު މުއްދަތުގެ (3 އަހަރު) 100 މިލިއަން ޑޮލަރު ލޯނު ނަގާފައިވާނެއެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު ނިމުނުއިރު މުޅި ދަރަނީގެ ޕޯޓްފޯލިއޯގެ 'ވެއިޓެޑް އެވަރެޖް' އިންޓަރެސް ރޭޓް ހުރީ 4.6 ޕަސެންޓުގައެވެ. މި އަދަދު 2019 ވަނަ އަހަރު 4.2 ޕަސެންޓަށް އަދި 2020 ވަނަ އަހަރު ނިމުނު އިރު 3.2 ޕަސެންޓަށް ކުޑަކުރެވުނެވެ. 2020-2023 ނިމުމާއިހަމައަށް ނަގަންޖެހުނު ލޯނުތަކާއެކުވެސް މުޅި ދަރަނީގެ ޕޯޓްފޯލިއޯގެ ވެއިޓެޑް އެވަރެޖް އިންޓަރެސްޓް ރޭޓު ހުރީ 4.5 ޕަސެންޓު ގައެވެ.

ޓޭބަލް: 16 (2015-2023 ދަރަނީގެ ޕޯޓްފޯލިއޯގެ ވެއިޓެޑް އެވަރެޖް އިންޓަރެސްޓް ރޭޓ)


ކުރިންވެސް ފާހަގަކުރި ފަދައިން، 2020 ވަނަ އަހަރު މަރުކަޒީ ބޭންކް، އެމް.އެމް.އޭ އިން އޯވަރޑްރޯ ފެސިލިޓީ ބޭނުންކޮށްފައިވާނީ، އެއީ ދިގުމުއްދަތުގައި ދަރަނީގެ ޕޯޓްފޯލިއޯއަށް އެންމެ ހިރާސްކަން ކުޑަގޮތް ކަމަށް ވާތީއެވެ. 2022 ވަނައަހަރު މީގެ ތެރެއިން 2.5 ބިލިއަން ރުފިޔާ އެމްއެމްއޭ ގެ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރެވުނެވެ. އޭގެ ފަހުން މާޗް 2023 ގައި 4.352 ބިލިއަން ސެކިއުރިޓައިޒްކޮށް އޯވަރ ޑްރޯ ލިމިޓް 2 ބިލިއަން ރުފިޔާއަށް ކުޑަކުރެވެނުވެ. އެހެންކަމުން އަޅުގަނޑުމެން ނިމިދިޔަ ސަރުކާރުން ސެކުރިޓައިޒްކޮށް ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކޮށްފައިވާނީ ޖުމްލަ 6.852 ބިލިއަން ރުފިޔާއެވެ. ދައުލަތުގެ ސީދާ ދަރަނީގެ 65 އިން ސައްތައަކީ ޑޮމެސްޓިކް މާކެޓުން ނަގާފައިވާ ދަރަންޏެވެ. އަދި މީގެ ތެރެއިން ގާތްގަނޑަކަށް 40 އިން ސައްތައަކީ އެމްއެމްއޭ އާއި ޕެންޝަން ފަންޑް އިން ނަގާފައިވާ ހިރާސް ކުޑަ، ދިގު މުއްދަތުގެ ދަރަންޏެވެ.

ކުރިން ފާހަނގަކުރި ކަންތައްތަކާއެކު، ކޮންމެ އަކަސް ދައުލަތުގެ މާލީ ކަންކަން އަދި ދަރަނި މެނޭޖްކުރުން ވަރަށްވެސް ހަރުދަނާ ވާންޖެހޭނެއެވެ. 2026 ވަނައަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސްކޫކް އަދި އެހެން ލޯނުތައް ރިޕޭކުރާނެ ގޮތް، ކުރިއާލާ ރޭވިފަ އޮތުން މުހިއްމެވެ. އަޅުގަނޑުމެން ރާވަފައިވާނެ ގޮތް ކުރުކޮށް ލިޔެލާނަމެވެ. މާލީ ގޮތުން ގޮންޖެހުންތަކެއް ހުއްޓަސް ރާއްޖޭގެ އިގުތިސާދީ އިންޖީނު ބާރަށް ހިނގަމުންދިޔުމަކީ، މި ގޮންޖެހުންތަކަށް ހައްލު ހޯދަން ފަސޭހަވާންޖެހޭ ކަމެކެވެ. ކޮންމެ އަކަސް، އަޅުގަނޑުމެން ރާވާފައިވާނީ، ހަރަދުތައް ކުޑަކޮށް، ޑެފިސިޓް ކުޑަކުރެވޭނެ މަގެއް ހޯދުމެވެ. އާސަންދަ ރިފޯމް ކުރަންޖެހެއެވެ. ރިފޯމްކުރާނެ ގޮތްތަކާއި، ޕްރޮގްރާމް ހިންގާނެ ގޮތުގެ މެކޭނިޒަމް، ތަފްސީލްކޮށް ލިޔެވިފައިވާނެއެވެ. ސަބްސިޑީ ގެ ނިޒާމް ރިފޯމްވާން އެބަޖެހެއެވެ. ހައްގުވެރިންނަށް ސަބްސިޑީ، ސީދާ ކޭޝް ޓްރާންސްފަރ ގޮތުގައި ފޯރޮކޮށްދޭން އެބެޖެހެއެވެ. މިކަންތައްތައްވެސް ކުރާނެ ގޮތުގެ ކަރުދާސް ލިޔެވި، ހުރިހާ ތަފްސީލްތަކެއް މިހާރުގެ ސަރުކާރުގެ އިސްފަރާތްތަކަށް އެރުވިފައިވާނެއެވެ. ރައްޔިތުންނަށް ތަކްލީފަކަށް ނުވާނެގޮތަކަށް މިކަންތައްތައް ކުރެވޭނެއެވެ. 2026 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އިގުތިސާދު ވަރަށް ބޮޑަށް ކުރިއަރައިދާނެ ކަމަށް ލަފާކުރެވެއެވެ. ފަތުރުވެރިން އަންނަ އަދަދު ގާތްގަނޑަކަށް 2.5 މިލިއަން އަށް އަރާނެއެވެ. އަޅުގަނޑުމެން ފެށި ގިނަ އިގުތިސާދީ މަޝްރޫއުތައް ހުންނާނީ ނިމފައެވެ. ހަނިމާދު އިންޓަނޭޝަނަލް އަދި ގަން އިންޓަނޭޝަނަލް އެއަޕޯޓް އެއްކޮށް ނިމޭނެއެވެ. ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫއުތައް ނިމި، ރާއްޖޭގެ ހުރިހާ ރަށެއްގައި ރަނގަޅު ފެނާއި ނަރުދަމާ ގާއިމްކޮށް ނިމޭނެއެވެ. މި ރަށްރަށުގައި ގެސްޓް ހައުސް ފަތުރުވެރިކަން ފުޅާކުރަން ފުރުސަތު ތަނަވަސް ވެގެންދާނެއެވެ. މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް ނިމި، ކެޕޭސިޓީ އެތައް ގުނައަކުން އިތުރުވެގެން ދާނެއެވެ. ކުރުކޮށް ބުނާނަމަ، ރާއްޖޭގެ އިގުތިސާދީ ތަސައްވުރު ވަރަށްވެސް ރަނގަޅެވެ.

މީގެ އިތުރުން ސަވަރިން ޑިވެލޮޕްމެންޓް ފަންޑް ސައިޒް 2026 އަންނަ އިރު ބޮޑުވެގެންދާނެއެވެ. 2023 ވަނައަހަރު ތެރޭގައި އަޅުގަނޑުމެން ވާނީ ޑޮލަރުން އެސްޑީއެފްގައި ފައިސާޖަމާކުރަން ފަށާފައެވެ. އަޅުގަނޑުގެ އަންދާޒާއަކީ 2026 އަންނަންވާ އިރަށް، އެސްޑީއެފްގައި ގާތްގަނޑަކަށް ޑޮލަރުން 250 މިލިއަން ޑޮލަރު ހުންނާނެއެވެ. މީގެ އިތުރުން ސްކޫކުގެ ބައެއް ރިފައިނޭންސް ކުރުމަށްޓަކައި މާކެޓްގައި ގާތްގަނޑަކަށް 250 މިލިއަން ޑޮލަރ އިންސްޓްރޫމެންޓެއް ލިސްޓް ކުރެވިދާނެއެވެ. ރީފައިނޭންސްގެ ސަބަބުން ދަރަނި ސަވިސްކުރުން ބޮޑުވާނެތޯ ނުވަތަ ނޫންތޯ ބިނާވެފައި އޮންނާނީ އެވަގުތު މާކެޓްގައި އޮތް ހާލަތަށެވެ. ޑެޓް ރިސްޓަރަކްޗަރ ކުރުމަކީ އަޅުގަނޑު ވަކާލާތުކުރާނެ ކަމެއް ނޫނެވެ. އެއީ މިހާރު ހުރި ދަރަނި 'ރީ-ނެގޯޝިއޭޓްކުރުމަށް' ވެފައި، އެކަމަކީ ޓެކްނިކަލް ޑިފޯލްޓެކެވެ. މީގެ ނޭދެވޭ އަސަރު ދެމިގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. ސަރުކާރުން ނަގާފައިވާ ގިނަ ލޯނު ތަކަކީ 'ކްރޮސް ޑިފޯލްޓް' މާއްދާ ހިމެނިފައިވާނެ ލޯނު އެގްރިމެންޓްތައް ކަމުން، އެންމެ ލޯނެއް ރީނެގޯޝިއޭޓްކޮށް، ޓެކްނިކަލް ޑިފޯލްޓަކަށް ދާއިރު، ސަރުކާރުން ނަގާފައިވާ ގިނަ ދަރަނި ޑިފޯލްޓް ހާލަތަކަށް ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮންމެއަކަސް، އަޅުގަނޑުމެން 2023 ވަނައަހަރު އަމާޒު ހިފި ބައެއް ހަރަދު ރިފޯމް ގެންނަން، އަޅުގަނޑުމެންނަށް ފުރުސަތެއް ނުލިބުނެވެ. އަޅުގަނޑުމެން މަސައްކަތްކުރީ ރައީސް ސޯލިހުގެ ދެވަނަ ރިޔާސީ ދައުރުގައި މި މަސައްކަތް ކުރާށެވެ. އެ ގޮތްތައް އޮތީ ރޭވި، ހޯދިފައެވެ. ނަމަވެސް ރައްޔިތުން ފުރުސަތު ދިނީ އެހެން ބަޔަކަށެވެ. ރާއްޖޭގެ މާލީ، އިގުތިސާދީ އަދި ސަލާމަތީ ކަންތައްތައްވެސް ބިނާވެފައިވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތާއެވެ. ރާއްޖޭގެ ކޮންމެ ސަރުކާރެއް އޮތަސް މި ހަގީގަތް ގަބޫލުކުރަން ޖެހެއެވެ. އެންމެ ފަހުން ރައީސް މުއިއްޒުގެ ސަރުކާރުން އިންޑިއާއަށް ދެއްކި 50 މިލިއަން ޑޮލަރަކީ މިކަމުގެ ރަނގަޅު މިސާލެކެވެ. 2019 އިން ފެށިގެން މި ލޯނުގެ ދަރަނި ސަވިސްކުރަމުން އައީ އިންޑިއާ ސަރުކާރުންނެވެ. އަޅުގަނޑުމެންގެ އަމިއްލަ އެދުމާއި ޒާތީ ތައައްސުބުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް އަސަރުކުރުމުގެ ފުރިހަމަ މިސާލެކެވެ. މި ދަރަންޏަކީ ވާހަކަ ދައްކައިގެން، ރަނގަޅު ގުޅުންތައް ޤާއިމްކޮށްފައި އޮތްނަމަ ދައްކަން ޖެހޭނެ އެއްޗެއް ނޫނެވެ.

ކޮންމެ އަކަސް، އަޅުގަނޑުމެންނާއި ކުރިމަތިވި ބޮޑު އިގުތިސާދީ އަދ މާލީ ތަދުމަޑުމަކުން އަރައިގަންނަން، ބޭސްކުރީ އޭގެ ސައިޑްއިފެކްޓްސްވެސް ހުންނާނެކަން އެނގިތިބެގެންނެވެ. ދޭންޖެހުނު ތެރަޕީއެއް އިންޖެކްޝަނެއް ވިއްޔާ އަޅުގަނޑުމެން ދިނީމެވެ. މިހާރު އިގުތިސާދު ކޮޅަށްޖެހި، ހެޔޮ ސިއްހަތަށް އަނބުރާ އައުމުން، ކުރިންވެސް ދިން ތެރަޕީ އަދި ހަމަ އެ އިންޖެކްޝަން ދޭންޖެހިއްޖެނަމަ، އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. މި ފުރުސަތު މި ލިބުނީ އަޅުގަނޑުމެންނަކަށް ނޫނެވެ. އާ ސަރުކާރަކަށެވެ. ދިމާވެފައިވާ ގޮންޖެހުމުގެ ކުޑަ އަދި ބޮޑުމިނާއިމެދު ބަހުސް ގެ ބޭނުމަށް ބަހުސްކުރެވިދާނެއެވެ. ނަމަވެސް ގޮންޖެހުންތައް ދިމާވާނެ ކަމާއިމެދު ޝައްކެއްނެތެވެ. މިހާރު ދިމާވެފައިވާ ގޮންޖެހުންތަކަށްވުރެ މާ އުނދަގޫ ދަތިތަކާއި އަޅުގަނޑުމެން ކުރިމަތިލައި، އިގުތިސާދު މިހާރު މިވަނީ ކޮޅަށް ޖަހާ, ކުރިޔަށް ވުރެ ބޮޑަށް ފުޅާވެފައެވެ.

އަޅުގަނޑުގެ އިލްތިމާސަކީ ކުރިން ފާހަގަކުރި ގޮތަށް މިސަރުކާރުން މަސައްކަތްކުރުމެވެ. ގެންނަންޖެހޭ ރިފޯމްތައް ގެނެސް ހަރަދުތައް ކުޑަކުރުމެވެ. އަދި ރައްޔިތުންނަށް ދަތި ނުވާ ގޮތަށް ގެންނަންޖެހޭ ރިފޯމްތައް ގެނައުމެވެ. ނަމަވެސް، އަދި މިހާތަނަށް ސަރުކާރުން ދޭ ސިގްނަލް ގޯހެވެ. މާލީ ގޮންޖެހުންތައް ހުރި ސަރުކާރެއްކަން، ދޭ ސިގްނަލްތަކުން އަދި ކުރާ ކަންތައްތަކުން ނުފެނެއެވެ. މިސާލަކަށް، ސަރުކާރުގެ ސިޔާސީ މަގާމުތައް އިންތިހާއަށް ގިނައެވެ. މިނިސްޓަރުންނާއި، މިނިސްޓަރުންގެ ފެންވަރުގެ މީހުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި އެހެނިހެން ސިޔާސީ މަގާމްތައް، ކުރީ ސަރުކާރުތަކާއި އަޅާ ބަލާއިރު އެތައް ގުނައެއް ބޮޑެވެ. ކަނޑުއަޑީގައި ބިލިއަން ޑޮލަރުގެ ޓަނަލް އެޅުމަކީ އިންޖިނިއަރިންގެ ރޮނގުން، މި ޒަމާނުގައި ކުރެވިދާނެކަމެއް ކަމަށްވިޔަސް، އަޅުގަނޑުމެންގެ މާލީ ސިއްހަތު އެކަމަށް ތަނެއް ނުދެއެވެ.

ނޯޓު


މި ލިޔުމުގައ ބޭނުންކޮށްފައި ވާނީ މިނިސްޓްރީ އޮފް ފިނޭންސްގެ ޕަބްލިކޭޝަންސްތަކާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑޭޓާބޭސް އާއި އަދި ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް ގެ ތަފާސްހިސާބުތަކެވެ.