Advertisement

ޖަލްސާ ބޮއިކޮޓްކުރީ ސަރުކާރުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުން: އެމްޑީޕީ

5 ފެބުރުވަރީ 2024 - 00:18 0

ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރިއިރު، ބޭރުގައި ދަނީ މުޒާހަރާ ކުރަމުން. -- ފޮޓޯ: އަދަދު


ޖަލްސާ ބޮއިކޮޓްކުރީ ސަރުކާރުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުން: އެމްޑީޕީ

5 ފެބުރުވަރީ 2024 - 00:18 0

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އެންމެ ބޮޑު އިދިކޮޅު ޕާޓީން ބައިވެރި ނުވާން ނިންމީ ސަރުކާރުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމާއި ސަރުކާރު ޑިމޮކްރަސީއާ ބީރައްޓެހިވުމުން ކަމަށް އެމްޑީޕީން ބުނެފި އެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް ބަޔާނެއް އިއްވަން ޖެހިވަޑައިގަންނަވާނެ އެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އެމްޑީޕީން ބައިވެރިނުވުމަށް، އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފައި ވާއިރު، ދަ ޑިމޮކްރެޓްސްއިން ވެސް ވަނީ އެ ޖަލްސާ ބޮއިކޮޓުކޮށްފަ އެވެ.

މަޖިލީހުގެ މާދަމާގެ ޖަލްސާގައި ބައިވެރިނުވާ ސަބަބުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ރަސްމީ ބަންދު ދުވަހެއް ގޮތުގައި ޒަމާނުއްސުރެ އޮތްއޮތުން ބަދަލުކޮށް، މަޖިލީހުގެ ގަދަރު ކުޑަކުރުމުގެ ގޮތުން އެއީ ބަންދު ނޫން ދުވަހެއްކަމުގައި ހަމަޖެއްސުން ހިމެނެ އެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން މަޖިލިސްކުރާގޭ ކައިރިއަށް މީހުން އެއްކޮށް ހަމަ ނުޖެހުން އުފެއްދުމާއި، މަޖިލިސްކުރާ ގޭގެ އެތެރެއަށް ގަލާއި ފުޅިފަދަ ތަކެތި އުކައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ގޮތައް އަމަލު ނުކުރުން ހިމެނެވެ.

"މަޖިލީސް މެންބަރުންނަށް އިންޒާރުދީ ހަމަލާ ދިނުން ފަދަ ކަންކަން ހިންގި އިރު ސަރުކާރުން އެކަންކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވުމުން، ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާ، މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގަތުމަށް މަސައްކަތް ކުރާކަމަށް ގަބޫލުކުރެވޭތީ، އެކަމާ ދެކޮޅު ހެދުމާއެކު ޑިމޮކްރަސީއާ ބީރަށްޓެހި ސަރުކާރުގެ އަމަލުތައް ކުށްވެރި ކުރުމުގެ ގޮތުން ސުލްހަވެރި އިހްތިޖާޖު ކުރުމުގެ ގޮތުންނެވެ.،" ބޮއިކޮޓުކުރި ސަބަބު އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

މާދަމާގެ ޖަލްސާއަށް އެންމެ ބޮޑު އިދިކޮޅު ދެ ޕާޓީގެ މެމްބަރުން ހާޒިރު ނުވާއިރު، މިއީ ރިޔާސީ ބަޔާނެއް އިއްވުމުގެ ޖަލްސާއެއް މިހާ ގިނަ މެމްބަރުން ބޮއިކޮޓުކުރި ފުރަތަމަ ފަހަރެވެ.