ފުރަތަމަ ލެގުގައި ފަހު ވަގުތު ބަންގްލަދޭޝް އިން ރާއްޖެއާ އެއްވަރުކޮށްފި

Oct 12, 2023, 1:01 PM
ބަންގްލަދޭޝް ޓީމުގެ ސޮހޭލް (ކ) ކައިރިން ރާއްޖެ ޓީމުގެ ހަންނަ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބަންގްލަދޭޝް ޓީމުގެ ސޮހޭލް (ކ) ކައިރިން ރާއްޖެ ޓީމުގެ ހަންނަ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޖޮއިންޓް ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި މިއަދު ހަވީރު ފަހު ވަގުތު ގޯލު ޖަހައި، 1-1 އިން ރާއްޖެއާ އެއްވަރުކޮށް، ބަންގްލަދޭޝް އިން ކޮލިފައިންގައި ކުރިއަށް ދިއުމަށް އިތުބާރު ހޯދައިފި އެވެ.

މި ނަތީޖާއާ އެކު، ފަސް ދުވަސް ތެރޭ، މި މަހު 17 ވަނަ ދުވަހު ބަންގްލަދޭޝްގެ ސިލްހެޓްގެ ބަޝުންދަރާ އެރީނާގައި ކުޅޭ ދެ ވަނަ ލެގުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ. ލަނޑެއް ނުޖެހި އެ މެޗު އެއްވަރުވެއްޖެނަމަ ރާއްޖެ ކަޓާނެ އެވެ. އިތުރު ވަގުތު ކުޅެން ޖެހޭނެ ހަމައެކަނި ނަތީޖާ އަކީ 1-1 އިން އެ މެޗު އެއްވަރުވުމެވެ.

މިއީ، 2000 ވަނަ އަހަރުގެ ގޯލްޑަން ޖޫބީލީ ފުޓްބޯޅަ މުބާރާތުގައި ގަލޮޅު ދަނޑުގައި ބަންގްލަދޭޝް އާއި ރާއްޖެ 1-1 އިން އެއްވަރުވި ފަހުން، ބަންގްލަދޭޝް އިން ގަލޮޅު ދަނޑުގައި ރާއްޖެއާ އެއްވަރުކުރި ފުރަތަމަ ފަހަރެވެ.

އެ މެެޗުގެ ފަހުން، ގަލޮޅު ދަނޑުގައި ކުޅުނު ތިން މެޗުން ވެސް ރާއްޖެ ވަނީ ބަންގްލަދޭޝް ބަލިކޮށްފަ އެވެ. އެއީ 2016 ވަނަ އަހަރު އެކުވެރިކަމުގެ މެޗުން ވަނީ 5-0 އިން މޮޅުވެފަ އެވެ. އޭގެ ފަހުން، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް އާއި މިދިޔަ އަހަރުގެ އެކުވެރިކަމުގެ މެޗެއްގައި ރާއްޖޭން ވަނީ 2-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.

ރާއްޖޭން މި މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި ދެ ކުޅުންތެރިން ފިޔަވައި ދެން ތިބި ނުވަ ކުޅުންތެރިން ނިސްބަތްވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށެވެ. ދެން ހިމެނެނީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ޑިފެންޑަރު، އަހުނަފް ރަޝީދު (އަހުއްކޮ) އާއި ބުރު ސްޕޯޓްސް ކްލަބްގެ މިޑްފީލްޑަރު، މުހައްމަދު ނާއިމް އެވެ. މިއީ، ރަސްމީ މެޗެއްގައި އަހުއްކޮ، ފުރަތަމަ އެގާރައިގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ގައުމީ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) މި ވަގުތު ހުރީ އަނިޔާގަ އެވެ. މި މެޗުގައި ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ ވަނީ މީގެ ކުރިން ވެސް ގައުމީ ޓީމުގެ އެކި މެޗުތަކުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފަ އެވެ.

ބަންގްލަދޭޝް އިން މި މެޗަށް ނުކުތްއިރު، އެ ޓީމުގެ މުހިންމު ތިން ކުޅުންތެރިން ތިބީ އަހުލާގީ މައްސަލައެއްގައި ސަސްޕެންޝަނެއްގަ އެވެ. އެއީ، ބަންގްލަދޭޝަށް ގަވައިދާ ހިލާފަށް ބަނގުރާ އެތެރެކުރަން އުޅުނު މައްސަލައިގައި ގޯލްކީޕަރު އަނީސުރް ރަހުމާން ޒިކޯ އާއި ޑިފެންޑަރު ޓޯޕޫ ބަރްމަން އަދި ޝެއިހް މޮރްސަލީން އަށް އައި ސަސްޕެންޝަނެކެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން 17 ވަނަ މިނިޓްގައި ރާއްޖެ އަށް ލީޑުނަަގައިދޭން ސެންޓޭ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، ރާއްޖޭގެ މިޑްފީލްޑަރު، އައިސަމް އިބްރާހިމް އޭރިއާތެރެއަށް މަތިން ވައްޓާލި ބޯޅަ އަށް އަރައި، ސެންޓޭ ފޮނުވާލި ޝޮޓް ބަންގްލަދޭޝް ކީޕަރު، މިތުލް މަރްމާ އަތުގައި ޖެހިފައި ބޭރުވީ ދަނޑީގައި ވެސް ޖެހިފަ އެވެ.

މި ހާފުގައި ބަންގްލަދޭޝް އަށް ވެސް ލަނޑު ޖަހަން ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެ ގޮތުން، އެ ޓީމުގެ ފޯވާޑް ރަކީބް ހުސައިން ފޮނުވާލި ދެ ބޯޅައެއް ގޯލާ ސީދާނުވެ ދިޔައިރު، އޭރިއާތެރެއިން، ބަންގްލަދޭޝްގެ މިޑްފީލްޑަރު، ފައިސަލް އަހުމަދު ފަހީމް އަށް ވެސް ވަރަށް ހުސް ފުރުސަތެއް ލިބުނެވެ. ރާއްޖޭގެ ޑިފެންޑަރު، އަހުއްކޮ ބޮލުން ޖައްސާލި ބޯޅަ އޭރިއާތެރެއިން ފަހީމް އަށް ލިބުނުން އެއް ފަހަރުން ފޮނުވާލިއިރު، ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ރާއްޖެ ޓީމުގެ ގޯލު ޖެހުމަށް ފަހު ސެންޓޭ (ކ) އާއި ޗޯޓު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގެ ނާއިމް ވެސް ވަނީ ފުރަތަމަ ހާފުގައި ރަނގަޅު ހަމަލާއެއް ފޮނުވާލަން މަސައްކަތް ކޮށްފަ އެވެ. އެ ގޮތުން، ރާއްޖެ ޓީމުގެ ފުލްބެކް، ހަސަން ޝިފާޒް (ޑުންގާ) ނެގި ހުރަހަކަށް އަރައި ނާއިމް ބޮލުން ޖެހި ބޯޅަ އެންމެ ރަނގަޅަށް ފޮނުވާނުލެވުނެވެ.

ދެ ވަނަ ހާފް ފަށައިގެން ބަންގްލަދޭޝް އިން ކުރިއަށް ޖެހިގެން ކުޅެން ފަށައި ފުރަތަމަ ހާފަށް ވުރެ ރަނގަޅަށް ގޯލު ޖަހަން ފުރުސަތުތައް ތަނަަވަސްކުރެވޭތޯ ބެލި އެެވެ. އެ ގޮތުން އެ ޓީމުގެ ފަހީމް އަށް އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ބަދަލަކަށް ކުޅެން އެރި ބަންގްލަދޭޝް ޓީމުގެ ރަބީއުލް ހަސަން ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) ވަނީ މަތަކޮށްފަ އެވެ.

ރާއްޖެ އަށް ލީޑުނަގައިދޭން ގޯލު ކުރިމަތިން ހުސްކޮށް، ހަސަން ރާއިފް އަހުމަދު (ހަންނަ) ބޮލުން ޖަހަން މަސައްކަތް ކުރި ބޯޅަ ރަނގަޅަށް ފޮނުވާނުލެވި ފުރުސަތު ގެއްލުނީ އެވެ. އޭރިއާތެރެއަށް ހުސްކޮށް ބޯޅަ ހިފައިގެން ވަދެ، ސެންޓޭ ޖެހި ޝޮޓް ބޭރުވީ ކީޕަރު މިތުލް އަތުގައި ޖެހިފަ އެވެ. އޭގެ ކުރިން، އޭރިއާތެރެއިން ސެންޓޭ އަށް ހުސްކޮށްލާފައި ދޭން ހަމްޕު ފޮނުވާލި ބޯޅަ ބަންގްލަދޭޝް ޑިފެންޑަރުން ވަނީ ފަހު ވަގުތު ބޭރުކޮށްލައިފަ އެވެ.

މެޗުގައި ރާއްޖޭން ލީޑުނެގީ 86 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ހަސަން ނަޒީމް ގާސިމް (ޗޯޓު) އެވެ. މިއީ އޭރިއާތެރެއިން ބަންގްލަދޭޝް ޑިފެންޑަރުންނަށް ސަލާމަތްނުކުރެދިޔަ ބޯޅައެއް ކުޑައޭރިއާ ރޮނގުމަތިން ލިބުމާ އެކު، ހަަމަޖެހިލައިފައި ގޯލަށް ފޮނުވާލައިގެން ޗޯޓު ޖެހި ގޯލެކެވެ.

އޭގެ ޖެހިގެން މިނިޓްގައި ލީޑުފުޅާކުރަން ސެންޓޭ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ހުސްކޮށްލާފައި ދިން ބޯޅަ، އެއް ފަހަރުން ފޮނުވާލަން ސެންޓޭ ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ.

ލީޑުފުޅާކުރަން ރާއްޖެ އަށް ލިބުނު ފުރުސަތުގެ ބޭނުންނުހިފުމުގެ ފައިދާ ބަންގްލަދޭޝް އިން ނެގީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގަ އެވެ. އަރިމަތިން ރަކީބް ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ހުރަސްކޮށްލި ބޯޅައަށް ހުސްކޮށް އަރައި، ސާދް އުއްދީން ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ސާދް ކުޅެން ނުކުތީ ދެ ވަނަ ހާފުގައި ބަދަލަކަށެވެ.

ބަންގްލަދޭޝް އިން މި ވަނީ ޖެހިޖެހިގެން ރަސްމީ ތިން މެޗުގައި ރާއްޖެ އަތުން ބަލިނުވެ ފުރިހަމަކޮށްފަ އެވެ. އެއީ، 2021 ވަަނަ އަހަރު ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އިން 2-1 އިން ރާއްޖެ ބަލިކުރި މެޗާއި މި އަހަރުގެ ޖޫން/ޖުލައި މަހު ސާފް ޗެމްޕިއަންޝިޕްގައ ރާއްޖެ އަތުން 3-1 އިން ބަންގްލަދޭޝް ބަލިކުރި މެޗުގެ އިތުރުން މިއަދު 1-1 އިން އެއްވަރުވި މެޗެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox