3 އޮކްޓޯބަރު 2023 - 10:56 0
އަޒްލިފާ އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އީވާ ވާހަކަފުޅު ދައްކަވަނީ؛ ފޮޓޯ-- ރައްޔިތުންގެ މަޖިލިސް
3 އޮކްޓޯބަރު 2023 - 10:56 0
ނިޒާމާ ގުޅޭ ވޯޓު އޮކްޓޯބަރު 30، ގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި އޮތް ނަމަވެސް އެ މުއްދަތުގެ ތެރޭގައި ވޯޓު ނެގުމަށް އެކަށީގެންވާ މިންވަރަށް ރައްޔިތުންނަށް މައުލޫމާތު ނުދެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އީވާ ވާހަކަ ދެއްކެވީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުންނެވެ. އީވާ ވިދާޅުވީ އޮކްޓޯބަރު 30، ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ނަމަވެސް، އެ މުއްދަތު ހަމަވާން ދެ ހަފްތާއެއްހައި ދުވަހަށް ވެފައިވާއިރު، އެއީ ވޯޓެއް ނެގުމަށް އެކަށީގެންވާ މުއްދަތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އީވާ ގެ ކުރިން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވެސް ވާހަކަފުޅު ދެއްކެވީ އެ މޭރުމުންނެވެ. ހަސަން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައި އޮތް މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ކަމަށް ނުވާތީ އެކަމާމެދު އަލުން ވިސްނަންޖެހޭ ކަމަށެވެ.
ހަސަން ލަތީފުގެ ވާހަކަފުޅަށްފަހު ރިޔާސަތުން ނަޝީދު ވިދާޅުވީ ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމުން އެ މުއްދަތު ކަނޑައަޅާނީ އިލެކްޝަންސް ކޮމިޝަންއާ މެންބަރުންނަށް އެއްބަސްވެވޭ ގޮތެއްގެ މަތީން ކަމަށެވެ.
ނިޒާމު ބަދަލުކުރުމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކުރީ 2023 ސެޕްޓެމްބަރު 20 ވަނަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި އެ ގަރާރު ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރީ 35 މެންބަރުންގެ ވޯޓުންނެވެ. ގަރާރު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
މަޖިލީހުގެ 35 މެންބަރުން ބައިވެރިވެގެން ގަރާރު ފާސްކުރިއިރު މަޖިލީހުގައި 87 މެންބަރުން ތިއްބަވަ އެވެ.
Comment