Advertisement

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅާއި, ދިޔަނެރު ފަޅު އަދި ތިލަފުށި ހިއްކަން ލަންކާ ކުންފުންޏަކާ ހަވާލުކޮށްފި

21 އޮގަސްޓު 2023 - 13:38 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅާއި, ދިޔަނެރު ފަޅު އަދި ތިލަފުށި ހިއްކަން ލަންކާ ކުންފުންޏަކާ ހަވާލުކޮށްފި

21 އޮގަސްޓު 2023 - 13:38 0

ހުޅުމާލޭން ގޯތި ދިނުމަށް ބޭނުންވާ ބިމާއި ސަފާރީ ބަނދަރު ހަދާ ދިޔަނެރު ފަޅު އަދި ތިލަފުށިން ބޭނުންވާ ބިން ހިއްކުމަށް ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ (ސީއެމްސީ) އާ ހަވާލުކޮށް މަސައްކަތް ފަށައިފި އެވެ.

އާބަންކޯ އިން މިއަދު ބުނީ ސީއެމްސީ އާ ހަވާލުކޮށްގެން މި ތިން ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތްތައް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ. ނަމަވެސް, މަސައްކަތް ހަވާލުކުރި މުއްދަތާއި އެ މަސައްކަތުގެ އަގު ހާމަކޮށްފައި ނުވެ އެވެ.

ސީއެމްސީ އަކީ ބ. ތުޅާދޫ އެއާޕޯޓާއި ތ. ވިލުފުށި އަދި ށ. ބިލެއްފަހީގެ ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގަމުން އަންނަ ކުންފުންޏެވެ.

އާބަންކޯ އިން ބުނީ މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ދިނުމަށް 62.6 ހެކަޓްރު ބިން ހިއްކާނެ ކަމަށާއި ސަފާރީ ބަނދަރު ތަރައްގީކުރުމަށް ދިޔަނެރުން 24.6 ހެކްޓަރުގެ ބިން އަދި ތިލަފުށި މާސްޓާ ޕްލޭނުގެ ދަށުން ތިލަފުށި ޑީ އޭރިއާއިން 9.6 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

އޭގެ އިތުރުން މި މަޝްރޫއުގެ ދަށުން ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުންތައް ފުއްދުމަށް ވަރަށް ބޮޑު އެހީ އަކަށް ވެގެންދާނެކަމަށް އާބަންކޯ އިން ބުންޏެވެ. އަދި އެކުންފުނީގެ އަޒުމަކީ މިފަދަ ތަފާތު މަޝްރޫއުތައް މެދުވެރިކޮށް ފަހި މާދަމާ އަކަށް މަގުފަހިވެގެންދާނެ އެތަކެއް ތަރައްގީގެ މަރުހަލާތައް ކުރިއަށް ގެންދިއުން ކަމަށްވެސް ބުންޏެވެ.

މި މަޝްރޫއުގެ ތެރެއިން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅު ހިއްކަނީ މާލެ މީހުންނަށް ބޭނުންވާ ގޯތި ދިނުމަށެވެ. އެގޮތުން, ސަރުކާރުން ކުރިޔަށް ގެންދާ ބިންވެރިޔާ ސްކީމުގެ ދަށުން ޖުމްލަ 6،200 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު ހުޅުމާލެއިން 2،200 ގޯތި ދޫކުރަން ވަނީ ހަމަޖެހިފަ އެވެ.

ދެން މި މަޝްރޫއުގައި ހިއްކާ ދިޔަނެރު ފަޅު އެއީ މާލެ ސަރަހައްދުގައި ސަފާރީތަކަށް ހާއްސަ ބަނަދަރެއް ހެދުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. ޖެހިޖެހިގެން އޮންނަ 'ދިޔަނެރު ފަޅު 1' އަދި 'ދިޔަނެރު ފަޅު 2'ގެ ތެރެއިން 'ދިޔަނެރު ފަޅު 2'ގައި ސަފާރީތަކަށް ހާއްސަ ބަނދަރެއް ގާއިމްކުރުމުގެ ވާހަކަތައް މިދިޔަ ސަރުކާރުން ވެސް ދައްކާފައިވެ އެވެ. އެކަމަކު، އެ ސަރުކާރު ނިމިގެންދިޔައިރުވެސް އޭގެ އަމަލީ މަސައްކަތް އެއްވެސް ވަރަކަށް ފަށާފައެއް ނުވެ އެވެ.

ތިލަފުށީ މާސްޓާ ޕްލޭނުގެ ދަށުން ތިލަފުށްޓަށް އިތުރުކުރާ ބިމުގެ ސަރަހައްދުން އޭރިއާ ސީ ހިއްކުމުގެ މަސައްކަތްވެސް އާބަންކޯ އިން ހަވާލުކުރީ ސީއެމްސީ އަށެވެ. މި މަޝްރޫއަކީ ސިނާއީ ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.