28 ފެބުރުވަރީ 2023 - 13:56 2
އައިޝަތު ނުޒުހާ
ނަޝީދު ގާސިމް އާއެކު؛ ސަރުކާރުގެ ހިއްސާ ބޮޑުކުރަން އެމްޑީޕީ އެހެން ޕާޓީއެއްގެ ފަހަތަށް އަރަން އެދޭ ފަދަ މޭރުމަކުން ވަނީ ވާހަކަ ދައްކަވާފައި-- ފޮޓޯ: މަޖިލިސް
28 ފެބުރުވަރީ 2023 - 13:56 2
ސަރުކާރުގައި އެމްޑީޕީގެ ހިއްސާ ބޮޑުވާ ނަމަ، އެހެން ޕާޓީއެއްގެ ފަހަތަށް އެރުމަކުން އެއްވެސް މައްސަލައެެއް ނެތް ކަމަށް ދޭހަވާ ފަދަ މޭރުމަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން) ވަނީ ޕްރައިމަރީން ބަލިވުމަށް ފަހު، އެހެން ޕާޓީއަކަށް ވެރިކަން ހޯދައިދެއްވަން ނަޝީދު މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
"އަޅުގަނޑުމެންގެ [ޕާޓީ] ރައީސަށް އެމްޑީޕީގެ މެންބަރުންނަށް އެންމެ ރަނގަޅުވާނީ އެމްޑީޕީގެ ކެންޑިޑޭޓާއެކު އެމްޑީޕީއަށް ވެރިކަން ހޯދުމަށް ވުރެ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ނެރެގެން ޖުމްހޫރީ ޕާޓީއަށް ވެރިކަން ހޯދައިދިނުން ކަމަށް އެމްޑީޕީގެ މެންބަރުންނަށް ވިސްނައިދިނުން އެއީ މަޖިލީހުގައި ހިނގައިދިޔަ ކަމަށް ވުރެ ގޯސް ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނަވައިގެން އެހެން ޕާޓީއަކަށް ވެރިކަން ހޯދަން މަސައްކަތް ކުރާއިރު "ކުރީގައި ގޮސް އަތް ޖައްސަވަން" އިންނަވާތީ ހުސައިން ޝަހީމް ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.
އެ ވާހަކައަށް ފަހު ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ސަރުކާރުގައި މިހާރު އޮތް ހިއްސާއަށް ވުރެ ބޮޑު ހިއްސާއެއް ލިބޭނަމަ އެމްޑީޕިއަށް ރަނގަޅުވާނެ ކަމަށެވެ.
"މިވަގުތު އެމްޑީޕީއަށް ލިބިފައި އޮތީ 40 ޕަސެންޓު ސަރުކާރުގެ، އެއަށް ވުރެ އިތުރު މިންވަރެއް ލިބޭ ގޮތް ކަމަށް ވަންޏާ އެ ޕާޓީއަށް ރަނގަޅު ގޮތް ކަމަށް ލަފާ ކުރެވިދާނެ،" ނުސީދާކޮށް އެކަމަށް ތާއީދު ކުރައްވަމުން އެމްޑީޕީ ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގެންނެވި ނަޝީދު ވިދާޅުވި އެވެ.
އޭގެ ފަހުން މަޖިލީހުގެ ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު އަދި ނަޝީދުގެ ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވި ހަސަން ލަތީފް ވިދާޅުވީ 2018 ވަނަ އަހަރު ވެސް ރިޔާސީ ކެންޑިޑޭޓެއް އެމްޑީޕީން ހޮވި ކަމަށާއި އެ ކެންޑިޑޭޓަށް ވާދަ ނުކުރެވިދާނެ ކަމަށް އެހެން ބޭފުޅަކަށް ޓިކެޓު އެރުވި ކަމަށެވެ.
"އޭރު ވެސް ބޭނުމަކަށްވީ އެމްޑީޕީގެ ސަރުކާރެއް އުފެދޭނެ ގޮތެއް ހޯދުން، އެމްޑީޕީ އޮވެ އުފައްދާ ސަރުކާރެއް އުފެއްދުމުގެ ބޭނުން، ސިޔާސީ ޕާޓީއެއް ވެއްޖެއްޔާ އެއީ ކުރަން ޖެހޭ މަސައްކަތަކީ،" ހަސަން ލަތީފް ވިދާޅުވި އެވެ.
މިއަދު ވެސް އޮތީ އެފަދަ ހާލެއް ކަމަށާއި ޕްރައިމަރީން ކެންޑިޑޭޓެއް ހޮވިނަމަވެސް ވެރިކަން ނުލިބިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި "އެމްޑީއޭ ފަދަ ކުޑަ ޕާޓީއަކާއެކު" ނުވަތަ ކޯލިޝަނަކާ ނުލާ ވެރިކަން ނުލިބިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީން "ދޫކޮށްލަން ޖެހޭ އެއްޗެއް ދޫކޮށްލައިގެން" ވެސް އެހެން ޕާޓީއަކާއެކު ސަރުކާރެއް ގާއިމް ކުރެވިދާނެ ކަމަށެވެ.
"މިހާރު އޮތް ސަރުކާރުގައި 40 ޕަސެންޓު އޮތް އިރު، އެއަށް ވުރެ ރަނގަޅު ޕަސެންޓޭޖަކާ އެކީގައި، އެމްޑީޕީއަށް ސަރުކާރަށް އާދެވިފައި، އެމްޑީޕީގެ ސިޔާސަތުތަކާއި އަސާސްތަކާއި އުސޫލުތައް އުފެއްދޭނެ ސަރުކާރެއް އުފެއްދުން މާ މުހިންމު، އެމްޑީޕީގެ ނަމެއްގައި ރައީސެއް ހުރުމަށް ވުރެ،" ހަސަން ލަތީފް ވިދާޅުވި އެވެ.
އެހެން ޕާޓީއެއްގެ މީހަކު ރައީސް ކަމަށް ނެރެފައި، އެމްޑީޕީގެ ރަނިން މޭޓަކާއެކު އެމްޑީޕީގެ ހިއްސާ ބޮޑު ސަރުކާރެއް ގެނައުމާމެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެމްޑީޕީއާއި ރައްޔިތުންނަށް ވެސް ކުރިއެރުން އޮތީ އެގޮތުން ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވުމަށް ފަހު ނަޝީދު ވަނީ ރައީސް ސޯލިހުގެ ފަހަތްފުޅަށް ނާރާނެ ކަމަށް ތަކުރާރު ކޮށް ވިދާޅުވެފަ އެވެ. ނަޝީދު ގަބޫލުކުރައްވާ ގޮތުގައި ރައީސް ސޯލިހާއެކު އެމްޑީޕީއަށް ވެރިކަން ކާމިޔާބު ނުވާނެ އެވެ.
ރިޔާސީ ޕްރައިމަރީން ބަލިވި ފަހުން ނަޝީދު މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް ހައްދަވައިގެނެވެ. "ފިކުރެއްގެ ދިރުން" ނަމުގައި ޕާޓީއަށް މީހުން ވައްދަމުންދާއިރު އެކި ކަހަލަ ސިޔާސީ ހަރަކާތްތައް ވެސް ދަނީ ބާއްވަމުންނެވެ. އަދި ނަޝީދު ގެންދަވަނީ ނުރަސްމީކޮށް ސިޔާސީ އެހެން ލީޑަރުންނާ ވެސް މަޝްވަރާ ކުރައްވަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ނަޝީދު ބައިވެރިވެވަޑައިގެންފައި ނުވާއިރު، ޖޭޕީން މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންފައިވެ އެވެ. އެއާއެކު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ ގާތް ގުޅުމެއް އޮންނަ ނަޝީދު އެ ޕާޓީ ވެރިކަމަށް ނެރެން މަސައްކަތް ކުރާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.
ނަޝީދު އަދިވެސް ތާއިދުކުރައްވާނެ ކެންޑިޑޭޓެއް ހާމަކުރައްވާފައި ނުވާއިރު، ގާސިމް ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
މި ފާއިތުވި ޖެނުއަރީ 28، ގައި ބޭއްވި ރިޔާސީ ޕްރައިމަރީ ރަައީސް ސޯލިހު ކާމިޔާބު ކުރެއްވީ އެ އިންތިހާބުގައި ވޯޓުލި 40،000 ވަރަކަށް މީހުންގެ ތެރެއިން 61 ޕަސެންޓު މީހުންގެ ވޯޓު ހޯދައިގެނެވެ. ނަޝީދަށް ލިބިވަޑައިގެންނެވީ 38 ޕަސެންޓު މީހުންގެ ވޯޓެވެ.
Comment