އުމުރުން އެންމެ 20 އަހަރުގައި ފޯމިއުލާ ވަންގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދައި އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފި އެވެ.
މިއީ ފޯމިއުލާ ވަންގައި ކިމީ ރޭސްކުރާ ދެވަނަ ސީޒަނެވެ. އޭނާ ދުއްވަނީ މާސިޑީސް އެފްވަން ޓީމަށެވެ. ދުނިޔޭގެ ޗެމްޕިއަންކަން އޭނާ ކަށަވަރުކުރީ މެކްސިކޯ ގްރޯންޕްރީގައި ތިންވަނަ ހޯދައިގެންނެވެ. އޭނާ އާއެކު ޕޯޑިއަމްގައި ދެން ތިބީ މިހާރު ރޭސްކުރާ އެންމެ ކާމިޔާބު ދެ ޑްރައިވަރުން ކަމަށްވާ ފެރާރީގެ ލުއިސް ހެމިލްޓަން އާއި ރެޑްބުލް ރޭސިންގެ މެކްސް ވާސްޓެޕަން އެވެ.
އޭނާގެ ފުރަތަމަ ސީޒަނުގައި ތަޖުރިބާ މަދުވުމާއި ރޭސްތަކުގައި ހެދުނު ގޯސްތަކުގެ ސަބަބުން ކިމީއަށް ލިބުނީ 150 ޕޮއިންޓެވެ. ނަމަވެސް، މި ސީޒަނުގައި އޭނާ ވަނީ މިހާތަނަށް 380 ޕޮއިންޓް ހޯދާފަ އެވެ.
މި ސީޒަން ފެށުނުއިރު ގިނަ މީހުން ފެވަރިޓެއްގެ ގޮތުގައި އިހުތިޔާރުކުރީ ކިމީގެ ޓީމްމޭޓު ޖޯޖު ރަސަލް އެވެ. އެއީ މާސިޑީސްގެ ކާރާ ވާދަކުރެވޭ ފެންވަރުގެ އެހެން ކާރެއް ގްރިޑުގައި ނެތުމުންނެވެ.
ކިމީގެ އެންމެ ފުރަތަމަ ރޭސް މޮޅަކީ މި އަހަރުގެ ޗައިނީސް ގްރޯންޕްރީ އެވެ. އޭގެ ފަހުން ޖެހިގެން އައި ހަތަރު ގްރޯންޕްރީގައި ވެސް އެންމެ ކުރީގައި އޮވެ ނިންމީ ކިމީ އެވެ. އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ނުވަ ރޭސް ކާމިޔާބުކޮށްފަ އެވެ.
މީގެ ކުރިން އެންމެ ޒުވާން ޗެމްޕިއަންކަމުގެ ރެކޯޑު އޮންނަނީ ޖަރުމަނުގެ ސެބެސްޓިއަން ވެޓެލް އަތުގަ އެވެ. 2010 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދިއިރު ވެޓެލްގެ އުމުރަކީ 23 އަހަރެވެ. ކިމީ ޗެމްޕިއަންކަން ކަށަވަރުކުރީ އޭނާގެ އުމުރުން އެންމެ 20 އަހަރާއި 63 ދުވަހުގަ އެވެ.
ކިމީ ވެގެން ގޮސްފައިވަނީ 1953 ވަނަ އަހަރުގެ އަލްބާޓޯ އަސްކާރީ ޗެމްޕިއަންކަން ހޯދި ފަހުން ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދި އިޓަލީގެ ފުރަތަމަ ޑްރައިވަރަށެވެ.







