ދިގު ވާހަކަ: ކެތްކުރާނަން

ދިގު ވާހަކަ: ކެތްކުރާނަން

11 ވަނަ ބަޔާ ގުޅޭ

އެހައި ހިސާބުން ހުރިހާ ކަމެއް މަންމައަށް ސާފުކޮށްދޭން މަޖުބޫރުވީ އެވެ. އަހަންނާއި ލަބީބުގެ ކަންކަން ދެވަނަ މީހަކަށް ފަޅާއެރީ އެވެ. އެއީ ކިހާ ނުރައްކާތެރި ކަމެއްކަން ނޭނގި ހުރެ އަހަރެން އެ ކަން މަންމައަށް ހިއްސާކުރެވުން ވެގެން ދިޔައީ ލަބީބަށް ރަށުން ފައިބަން މަޖުބޫރުވި ކަމަކަށެވެ.

"މަންމާ! އަހަރެން ކިހިނެއް ކިހިނެއް ދެން؟" މަންމަގެ އަތުގައި ހިފައި އާދޭސް ކުރަމުން އަހަރެން ބުނެލީމެވެ.

ބަދަލުގައި މަންމަ އިނީ އެވެ. ބަހެއް ވެސް ނުބުނެ އެވެ. އަހަންނަށް ވަމުންދާ ގޮތާއި އަންނަމުންދާ ބަދަލުތައް އެންމެ ގާތުން ފެންނާނީ މަންމައަށެވެ. އެވަރުން ވެސް މަންމަގެ ހިތަށް އަސަރެއް ނުކުރެ އެވެ.

"ލަބީބު ފުރައިގެން ދިޔަ ފަހުން މިއަދަށް ތިން ހަފުތާވީ އޭނާގެ އެއްވެސް އިޝާރާތެއްވިތަ؟" މަންމަ ރުންކުރު ރާގެއްގައި އަހައިލި އެވެ.

ބަދަލުގައި އަހަންނަށް ބޯ ހޫރައިލެވުނެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

"އެއީ އެ ކަހަލަ މީހުންގެ ވައްތަރު. ރީތި ސިފައެއް ލިބޭއިރަށް އޮންނާނީ ދަތުރުމަތީގެ ކޮއްތު ހޯދަން ޖެހިފަ. މަންމަ ވެސް ހީ ކުރީ ލަބީބު އެއީ ޞާލިހެއް ކަމަށް،" މަންމަ ބަލައިލީ ސީދާ އަހަރެންގެ ދެ ލޮލަށެވެ. "މަންމަ ހީކުރިހެންނެއް ނޫން ލަބީބު. ދަރިފުޅު އޭނައާ ހެދި އުޅުނަސް އޭނާ އެވަރަކުން ނޫޅޭ."

"ނޫން މަންމާ! ތިހެން ނުބުނޭ." އަހަންނަށް ރޮވުނެވެ.

މަންމަގެ ވާހަކަތަކުން އަހަންނަށް ފުން އަސަރުތަކެއް ކުރަމުން ދިޔަ އެވެ. ލަބީބާ މެދު ނުރުހުމުގެ އަޑުތައް އަހަން ފަސޭހަ ކަމަކަށް ނުވި އެވެ. އޭނާއޭ ކިޔައިގެން ބުނެލާ ނުރުހުމުގެ އެންމެ ލަފުޒެއް އަޑު އަހަން ވެސް ފަސޭހައެއް ނުވި އެވެ.

"މަންމާ! އޭނާ އަދި އަންނާނޭ. އޭނާ އަހަންނަށް ގުޅާނޭ. އެވާނީ ކޮންމެ ވެސް ކަމެއް ދިމާވީ ކަމަށް."

"ދަރިފުޅުގެ މޮޔަކަމަކީ ފިރިހެނުންގެ މަކަރުވެރިކަން ނުވިސްނުން،" މަންމަގެ ތުންފަތަށް ބާރުކޮށްލި އެވެ. "އަންހެން ކުދީންނަށް ހެދޭ ގޯހަކީ ފިރިހެނެއްގެ ފިރުމުންތަކަށް ވިސްނައިނުލައި ބޯލެނބޭތީ. އަމިއްލަ އުފާތަކަށްވުރެ އެ މީހުންގެ އުފާތަކަށް، އެ މީހުންގެ ބޭނުންތަކަށް އިސްކަން ދެވޭތީ. ލޯބިވުމަކީ ތިމާގެ ހުރިހާ ކަމެއް ދޫކޮށްލަން ޖެހޭ ކަމެއް ނޫން. ސަބަބެއް ނޫން."

މަންމަގެ ވާހަކަތަކާއެކު އަހަރެންގެ ޚިޔާލުތައް ކަފިކަފިވަމުން ދިޔަ އެވެ. އެއްވެސް މަޔަކު ދަރިއަކަށް ގޯސް މަގެއް ނުދައްކާނޭ ބުނާ ބަހުގައި އަހަންނަށް ހިފުނެވެ. ހިތާ ދެކޮޅަށް ނަމަވެސް ލަބީބުގެ މަތީން ހަނދާން ނައްތައިލަން އަމިއްލަ ހިތަށް މަޖުބޫރުކުރުވީމެވެ. ފަސޭހަކަމަކަށް ނުވި ނަމަވެސް އަހަރެން އެ ދުވަސްތައް ހަނދާން ނައްތައިލީމެވެ. ހަޔާތުގެ އެންމެ އުފާވެރި ހަނދާންތައް ހިތުން ފޮހެލީމެވެ. އަބަދުގެ އަބަދަށެވެ. ރޮމުން ގިސްލަމުންނެވެ. ލަބީބުގެ ނަމާއި އޭނާގެ ހަނދާންތަކާ ގުޅުންހުރި ހުރިހާ ކަމަކަށް ނަފުރަތުގެ ދިލަކަނިތައް ބުރަން ފަށައިފި އެވެ.

ކުއްލިއަކަށް އަހަރެންގެ ފަހަތުން މީހަކު އަންނަ ކަމުގެ އިހުސާސް ކުރެވެމުން ދިޔަ އެވެ. އަހަންނަށް ބަލައިލެވުނެވެ. އެއީ ހުސްގަޔާ ހުރި މީހެކެވެ. އުނުގައި އޮތީ ކުރުކުރު ސޯޓެކެވެ. މުޅި މީހާ ވަނީ ދާހިތްލާ ފޯވެފަ އެވެ. އަހަންނަށް ދުއްވާ ގަނެވުނެވެ. ބާރުބާރަށެވެ. އެ މީހާގެ އަތުވަން ބޭނުން ނުވާތީ އެވެ. އޭނާ ވެސް އަހަރެންގެ ފަހަތުން ދުއްވާގަތެވެ. ހުސްފައިގައި އަހަރެން ދުވަމުން ދިޔައީމެވެ. ޖަންގައްޔެއްފަދަ އެ ނާމާ މާހައުލަގަ އެވެ. އަނދިރިކަމާ ހަނގުރާމަ ކުރަމުންނެވެ.

އެންމެފަހުން ބަނޑުވަތަށް ވެއްޓުނީ އެވެ. ވެއްޓި ޖެހުނު ގޮތުން މޫނަށް އަނދިރިވާ ގޮތްވި އެވެ. ދެން ވީނުވީއެއް ނޭނގުނެވެ. ކުރެވެމުން ދިޔައީ މަޑުމަޑު އަރާމު އިހުސާސެކެވެ. ހީވަނީ އުފާވެރިކަމުން ފުރިގެންވާ މާހައުލެއްގައި އުޅެވޭހެންނެވެ. ވައިގެ ތެރޭގައި އުދުހެވޭހެންނެވެ. އުނދަގުލެއް ނެތި ދަތުރުކުރެވޭހެންނެވެ. ދޫންޏެއްފަދައިން ފިޔަ ޖެހޭހެންނެވެ. ކޮކާލެއް ފަދައިން އެހައިމެ ލުއިކޮށް ހަރަކާތްކޮށްލެވޭހެންނެވެ.

މާނޭވާގެ އިހުސާސްތަކާއެކު ލޯ ހުޅުވާލެވުނެވެ. ހުރިހާ އިރު މި އުޅެވުނީ ހުވަފެނެއްގައިކަން އެނގުނީ އެހައި ހިސާބުންނެވެ. ތަރުތީބެއްނެތި މަންޒަރުތައް ފެނުނީ އެހެންވީމައޭ ހިތަށް އެރި އެވެ. އެއް މަންޒަރުގެ ތެރެއިން އެހެން މަންޒަރެއް ވަދެ ފެވިގެން ދިޔައީ އެހެންވީމަތާއޭ ހިތްބުނެލި އެވެ.

އަހަންނަށް ވަށައިގެން ހޯދައިލެވުނެވެ. ރިޔާޒު ކޮބައިތޯ ބަލައިލެވުނެވެ. ރިޔާޒު އޮތީ އަރާމު ނިންޖެއްގެ ވައިގައި ރިޔާ އަޅުވާލައިގެންނެވެ. އެހައި ވެސް ފައްސިޔައިގައި އޭނާ ދަތުރުކުރަމުންދިޔަ ކަހަލަ އެވެ.

ލުއި ގޮތަކަށް ހިނިތުންވެވުނެވެ. ރިޔާޒު އޮތްގޮތް ފެނިފަ އެވެ. އެއްފައިގައި ރަޖާގަނޑު އޮޅިފައި އޮތް އިރު އޭނާގެ މޭމަތިން ތަންކޮޅެއްގައި ރަޖާގަނޑުގެ އެއްކަން އޮތެވެ. އަހަންނަށް ވިސްނައިލެވުނެވެ. ހުވަފެނުން އެ ފެނުނު މީހާއާ މެދުގަ އެވެ. އެއީ ކާކުކަން އަހަންނަށް ސާފު ނުވެ އެވެ. އޭނާގެ ހަށިގަނޑާއި ބައްޓަމަށް ބަލާއިރު އެއީ ސީދާ ރިޔާޒު ކަމަށް ވެސް ބެލެވޭނެ ފުރުސަތެއް ނެތެވެ. ތަނަވަސް ފުޅާ ބައިމައްޗާއި ވަރުގަދަ ހަށިގަނޑުން އަހަންނަށް އޭނާ ވައްތަރުވީ ލަބީބަށެވެ. އަހަންނަށް ތަންކޮޅެއް ފުންކޮށް ވިސްނައިލެވުނެވެ. ލަބީބާއި ރިޔާޒުގެ ބައްޓަމުގައި އެއްކަހަލަ ގޮތެއް ހުރީމަ އެވެ.

އެއަށްވުރެ ފުންކޮށް ވިސްނައިލެވުނީ އެހެން ކަމެއް ހިތަށް އެރީމަ އެވެ. އަހަންނަކީ އެކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކަށްވާތީ ކަން ނޭނގެ އެވެ. ރިޔާޒާއި ލަބީބުގެ ހުރިހާ ކަމެއްގައި އެއްގޮތް ސިފަތަކެއް އެބަހުއްޓެވެ. އެންމެ ނާޒުކު ކަންކަމުން ފެށިގެން އަޑާއި ރާގުގައި ވެސް އެކަން ހުރިކަން ފާހަގަވާން ފެށި އެވެ.

ނޫނެކެވެ. މިއީ ކުށްހީއެކެވެ. ލަބީބަކީ މާލޭ މީހެކެވެ. ރިޔާޒަކީ ހައްދުންމަތީ މީހެކެވެ. ރިޔާޒުގެ އާއިލާގެ ފޮޓޯގައި ލަބީބު ކަހަލަ މީހަކު ނެތެވެ. އެ ނަން ކިޔާތީ އަޑެއް ވެސް ނީވެ އެވެ.

އާޚެވެ. ލަބީބުގެ ހަނދާންތައް ކުރާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އެ ޚިޔާލު މިރޭ މު ކުރެވޭން ފެށީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ހުވަފެނުގެ އަމީރަކަށް އޭނާ ވާން ޖެހުނީ ކީއްވެ ހެއްޔެވެ؟ މިއީ އަހަރެންގެ ހަޔާތުން އުނިކޮށްލައިފައިވާ ހަނދާންތަކެކެވެ. ލަބީބަކީ އަހަންނާ ގުޅުމެއް އޮތް މީހެއް ނޫނެވެ. އޭނާއަކީ ކޮން ރަށެއްގެ ކާކުކަން ވެސް އަހަންނަކަށް ނޭނގެ އެވެ. އެ ނަން ކިޔާ މީހަކު ނުވެސް ދަންނަމެވެ.

ފިކުރުތަކުން ފުރިގެންވާ ހާލުގައި އޮވެވުނެވެ. އެތައް އިރެއްވަންދެން އެ ޚިޔާލުތަކުގައި ފީނުނެވެ. ހަނދާންކުރާން ބޭނުން ނުވި ނަމަވެސް ލަބީބަކީ އަހަރެންގެ ފުރަތަމަ ލޯތްބެވެ. މީހުން ބުނަނީ ރަނގަޅަށެވެ. އެންމެ ފުރަތަމަ ލޯބިވެރިޔާއާ އެކު އުޅެވޭނީ ނަސީބުވެރިންނަށެވެ. އަހަންނަށް އެ ނަސީބު ނުލިބުނީ އެވެ. އެއީ ފަހެ ރަނގަޅަކަށްވީ ކަމެއް ހެއްޔެވެ؟ ނޫނެކެވެ. އަހަންނަށް އުފަލާއި އަރާމުގެ ކުންނާ ހަމައަށް ގެންގޮސްދެވޭނެ ސަވާރީ ދުއްވަނީ ލަބީބެވެ. އޭނާގެ ފިރުމުންތަކާއި ލޯބީގެ މޯހިރުގައި އަހަރެންގެ ނަފުސު ގެނބިގެނބި މަރުވާވަރުވަނީ އެވެ. ސިއްރުން ނަމަވެސް އެ ހަނދާންތައް އަހަންނަށް އާކުރެވެނީ އެވެ. އަމިއްލަ ނަފުސާ ވެސް ސިއްރުންނެވެ. އަމިއްލަ ޟަމީރާ ވެސް ދެކޮޅަށެވެ. މިއީ ހަގީގަތެވެ.

ފޯނަށް ބަލައިލެވުނެވެ. ލުއި ހިނިތުންވުމަކާއެކު އަހަންނަށް ބަލައިލެވުނެވެ. ސްކުރީނުގައި އިނގިލި ޖައްސާލަމުން ބްލޮކުކޮށްފައިވާ ނަންބަރުތަކަށް ކަޅި އަޅައިލެވުނެވެ. ލަބީބުގެ ނަން ކަޅީގައި ތަތްވި އެވެ. އޭނާއަށް އަދަބު ދެވުނީ އަހަންނަށެވެ. އޭގެ ބަދަލުގައި ގުޅުން ކެނޑުނީއެވެ. ލޯބި ކަފުން ކުރެވުނީ އެވެ. ނަމަވެސް ހިތުން އެ ހަނދާންތައް ފިލައިގެން ނުދިޔަ އެވެ. ދެ އަހަރު ފަސްދީ ދިޔަ އިރު ވެސް އެ އަލާ ނުކެނޑުނެވެ.

މެސެޖެއް ލިޔެލުމަށްފަހު ފޮނުވާލީމެވެ. ލަބީބަށެވެ. ގަޑިއަށް ބަލައިލެވުނީ އޭގެ ފަހުންނެވެ. އޭރު މެންދަމުން އަލިވެ ދޭއް ޖަހަނީ އެވެ.

ފޯނުގެ ނޮޓިފިކޭޝަންގެ އަޑު އިވުނެވެ. އަހަންނަށް ތެޅި ގަނެވުނެވެ. އަވަސް އަވަހަށް ނޮޓިފިކޭޝަންތައް އޮފްކޮށްލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ބަލައިލެވުނެވެ. ލިބުނީ ލަބީބުގެ ވައިބަރ މެސެޖެކެވެ. އޭނާ ހައި ޖަހައިލީ އެވެ.

"ގުޅަންތަ؟" ލަބީބުގެ މެސެޖު ކިޔައިލެވުނެވެ.

"ނޫން. ކޮންތާކު؟ ކިހިނެއް؟" އަހަރެން ވެސް މެސެޖު ލިޔެލީމެވެ.

"ލާމަށް ލޭންޑްކޮށްލީ ހަމަ. އެހެންވެ ބަލައިފަ ދީ މެސެޖުކުރީ؟ ކިހިނެއްވީ؟ އަހަންނަށް އަދަބު ދިނީ ތަ؟ ނަންބަރު ބްލޮކުކޮށްލީތަ؟ ވައިބަރ ވެސް ބްލޮކުކޮށްފަ. މެސެންޖަރ ވެސް. ކީއްވެ؟"

"ކީއްކުރަން ލާމުގަ؟" އަހަންނަށް މުހިއްމުވީ ލަބީބު ލާމަށް އައިސްގެން އުޅޭ ސަބަބު ހޯދާށެވެ.

"ޕްރޮޖެކްޓެއްގަ."

"އަސްލު! ކޮފީ؟" އަހަންނަށް ދެވުނީ ދައުވަތެއްކަމެއް ނޭނގުނެވެ.

"ހުވާތަ؟" ލަބީބު އަހައިލި އެވެ. "ލާމުގަ ތަ؟ ކީއްކުރަނީ؟"

"ކޮން ރަށެއްގަ؟"

"ލެޓްސް މީޓް." ލަބީބު ބުނެލި އެވެ.

"ވިސްނާނަން." އަހަރެން ޖަވާބު ދިނީމެވެ.

"އިންތިޒާރުކުރާނަން. އުޅޭތަނަކުން ހޯދާނަން." ލަބީބު ޖުމުލަ ކުރުވެފައި ބަސްމަގު ފޮންޏެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox