އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ފަށަން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މަހުލޫފްގެ މައްޗަށް އުފުލީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ.
މަހުލޫފްގެ ޝަރީއަތް އަންނަ ހަފުތާއަށް މި ތާވަލުކުރީ, މީގެކުރިން އެ އަޑުއެހުން ތާވަލުކޮށް ކޮވިޑާ ގުޅިގެން ފަސްކުރުމަށްފަހު އެވެ.
އެއީ މަހުލޫފްގެ މައްސަލައަކީ ގިނަ ބަޔަކު ނަން ނޯޓްކޮށް އަޑުއަހަން ވަންނަން ބޭނުންވާ މައްސަލައަކަށްވާއިރު ގިނަ ބަޔަކު ހާޒިރުވެވޭ ކޯޓު ރޫމް މެނޭޖްކުރާ ސެކްޝަންގެ ކޯޓު އޮފިސަރު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެ އޮފިސަރު މިހާރު ވަނީ ކޯވިޑުން ފަސޭހަވެ ކޯޓުގެ މަސައްކަތަށް ނުކުންނަން ފަށާފަ އެވެ.
ކުރިމިނަލް ކޯޓުގެ އިންފޮމޭޝަން އޮފިސަރު އަމަން މުހައްމަދު ނަޖީބު ވިދާޅުވި ގޮތުގައި, ކޯޓުގެ ގިނަ މުވައްޒަފުން މިހާރު ބޫސްޓާ ޑޯޒް ވެސް ޖަހާފައިވާތީ ގިނަ ބަޔަކު ހާޒިރުވެވޭ ގޮތަށް ޝަރީއަތް ހިންގޭ މިންވަރަށް ކޮވިޑްގެ ހާލަތު ރަނގަޅުވެފައިވާ ކަމަށެވެ.

އެހެންވެ, މަހުލޫފް މައްސަލާގެ އިބްތިދާއީ އަޑުއެހުން މި މަހުގެ 10 ވަނަ ދުވަހުގެ 13:30 އަށް ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށް އަމަން ވިދާޅުވި އެވެ.
މަހުލޫފްގެ މައްޗަށް ދައުވާކުރީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނަވައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން އޭނާއަށް ދިން 33,000 ރުފިޔާ, އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީ ކަމަށް ބުނެ އެވެ.
ހިޔާނާތުގެ ތުހުމަތުކުރުމުން މަހްލޫފް ވިދާޅުވެފައިވާ ގޮތުގައި އެކައުންޓަށް 33،000 ޑޮލަރު ވަދެފައި އޮތީ ސައްހަ މުއާމަލާތަކުންނެވެ.
އެ މުއާމަލާތާ ގުޅިގެން މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި އޮތީ، "އެއީ އަޅުގަނޑުގެ އާއިލާއިން ދަ ޖީންސްގެ ނަމުގައި ފިހާރައެއް ހިންގި އިރު އަޅުގަނޑުގެ އެއްބަފާ ކޮއްކޮ އަލީ މުބީން ގ. ހާފްސީ މެދުވެރިވެގެން ކޮށްފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް" ކަމަށެވެ.
މައްސަލާގައި ދައުވާ ކޮށްފައިވަނީ އެ މައްސަލަ އޭސީސީން ޕީޖީއަށް ފޮނުވިތާ ގިނަ ދުވަސްތަކަކަށްފަހު އެވެ. އަދި އެ މައްސަލައާ ގުޅިގެން މަހުލޫފް ސަސްޕެންޝަންގައި ވެސް ގިނަ ދުވަސްތަކަކު ހުންނެވުމަށްފަހު, އެ ސަސްޕެންޝަން އުވާލާފައިވަނިކޮށެވެ.











