އަބުރުގެ ގަނޫނެއް ހަދައިގެން ދިވެހިންނަށް ބިރުދައްކައި ނޫސްވެރިންގެ އަނގައިގައި ޓޭޕު އަޅަން މަސައްކަތްކުރި ނަމަވެސް، އެކަން ނުކުރެވޭނެ ކަމަށާއި އެއީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ހަަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވާ އަބުރުގެ ބިލަށް ބަހުސްކުރައްވަމުން ޣަފޫރު ވިދާޅުވީ އެމީހެއްގެ އަބުރު ރައްކާތެރި ކުރުމަކީ އެމީހަކަށް އޮތް ދީނީ އަދި ގާނޫނީ ޒިންމާއެއް ކަމަށެވެ. އެކަން ނުކޮށް ތިމާ ހިތުހުރި ކަމެއް ހިތުހުރި ގޮތަކަށް ކުރަމުން ގެންދިޔައީމާ އެ ވާހަކަ މީހުން ދައްކާނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ.
"އެ މީހާގެ އަމިއްލަ ނަފުސުން އެ މީހާގެ އަބުރަށް އަރައިގަތީމާ ރައްޔިތުން އެ ވާހަކަދައްކާނެ އިއްޒަތްތެރި ރައީސް، އެއީ އިންސާނީ ތަބީއީ ގޮތުން ގަބޫލުކުރާ ހަގީގަތެއް އިއްޒަތްތެރި ރައީސް، އެއްވެސް މީހަކު އެއްވެސް ކަމެއް ނުކޮށް ހުއްޓަކައި، އެއްވެސް މީހަކު އެއްވެސްކަހަލަ ކަމެއް ނުކޮށް ހުއްޓަކައި އެ މީހަކާ ގުޅޭގޮތުން ގޯސް ވާހަކައެއް މީހުން ނުދައްކާނެ،" ޣަފޫރު ވިދާޅުވި އެވެ.
"ވައްކަމާއި ކޮރަޕްޝަނާއި މި ކަންކަންކޮށް ހައްދަުފަހަނަ އެޅީމާ ވެސް ދިވެހިރައްޔިތުން ތިބެންވީތޯ އެ ވާހަކަ ނުދައްކާ؟"
ޣަފޫރު ވިދާޅުވީ މި ސަރުކާރަށް ދިން ވަރަށް ފާއިތުވި އެއްވެސް ސަރުކާރަކަށް ބަޖެޓުގެ ގޮތުގައި ފައިސާ ނުލިބޭ ކަމަށެވެ. ނަމަވެސް، ރާއްޖޭގެ ރަށްރަށުގައި ހިނގަނީ ކޮން މަޝްރޫއުއެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
ދިވެހިންގެ ފައިސާއިން ކުރާ ހަރަދާއި އެ ފައިސާއިން ކުރަނީ ކޮން ކަމެއްކަން ރައްޔިތުންނަށް އެނގެން ޖެހޭނެކަމަށް ޣަފޫރު ވިދާޅުވި އެވެ. އެކަންކަން ރައްޔިތުންނަށް ނޭނގޭ ނަމަ، އެކަމުގައި ރައްޔިތުންގެ ބަސް އިއްވާނެކަމަށް އޭނާ ވިދާޅުވި އެވެ.
"ބަސް ބުނަންޖެހޭ ތަނުގައި ބަސް ބުނާނެ އިއްޒަތްތެރި ރައީސް، ޖަލުތައް ފުރާލަންޏާ ޖަލުތައް ފުރާލަންވީ ރައްޔިތުން ތިބީކީއެއް ފަހަތަށް ޖެހޭގޮތަކަށް ނޫން އިއްޒަތްތެރި ރައީސް، މުޅި ދައުލަތް ނޮޅައި ވީދާ ކުދިކޮށް ކާއިރުގައި ރައްޔިތުން އަނގައިން ނުބުނެ ތިބުމަކީ ދީނީގޮތުން ވެސް ފަރުދީގޮތުން ވެސް ގައުމީ ގޮތުން ވެސް އެ މީހުން ކޮށްގެން ވާނެކަމެއް ނޫން،" ޣަފޫރު ވިދާޅުވި އެވެ.
"...އެހެންވީމާ ގާނޫނީ ގޮތުން، ގާނޫނު ހަދައިގެން ދިވެހި ރައްޔިތުންނަށް ބިރުދައްކަން، ދިވެހި ނޫސްވެރިންގެ އަނގައިގައި ޓޭޕު އަޅަން ކުރާ މަސައްކަތަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން އިއްޒަތްތެރި ރައީސް."
ޕީއެންސީގެ އިހުތިރާމު ދެމިއޮންނަނީ ފަސް އަހަރަށް، މިހާރުގެ މެންބަރުން މުއިއްޒުއަށް ގޮވާ ހުތުރު އެއްޗެހި ދިވެހީން އަޑުއަހާނެ: ޒިޔާދު
ޕީއެންސީގެ އިހުތިރާމަކީ ބާރު އޮންނަ ފަސް އަހަރަށް ދެމިއޮންނަ އެއްޗެއް ކަމަށާއި، ރައީސް މުއިއްޒުގެ ބާރު ނެތް ދުވަހަކުން މިހާރުގެ މެންބަރުން އެމަނިކުފާނަށް ހުތުރު އެއްޗެހި ގޮވާނެ ކަމަށް މެންބަރު ޒިޔާދު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ މި ރާއްޖޭގެ ރައްޔިތުންނަށް ހަމަޖެހުމެއް ލިބޭނީ ރައްޔިތުން ނުކުމެ މި ސަރުކާރު ބަދަލުކޮށްގެން ކަމަށެވެ.
މަޖިލީހަށް މިހާރު ހުށަހަޅައިފައިވާ ބިލުގައި ވަނީ ބުނާ ބަސްތަކަކެއްގެ ސަބަބުން، ދައްކާ ފޮޓޯއެއް ނުވަތަ ކުރެހުމެއްގެ ސަބަބުން ވެސް އަބުރުގެ ދައުވާ ކުރެވިދާނެ ކަމަށެވެ. އަދި، ވަކި މީހަކު ސިފަވާގޮތަށް ހަދާފައި ހުންނަ ތަކެތި މެދުވެރިކޮށް ނުވަތަ ހަދާ ފިލްމަކުން ނުވަތަ ތަމްސީލެއްގެ ސަބަބުން ވެސް އަބުރުގެ ދައުވާ ކުރެވިދާނެ ކަމަށް އެ ބިލުގައި ހިމަނައިފައިވެ އެވެ.
އޭގެ އިތުރުން، މީހަކު ކުރާ އިޝާރާތެއްގެ ސަބަބުން ނުވަތަ ކުރާ ހަރަކާތެއްގެ ސަބަބުން ވަކި ފަރާތެއްގެ އަބުރާބެހެވޭ ފަދަ އެއްޗެއް ސިފަކުރެވިފެން ނުވަތަ ވިސްނި، ދޭހަވިޔަސް އެ ބިލުގައި ވާގޮތުން އަބުރުގެ ދައުވާ ކުރެވެ އެވެ.
އެ ބިލުގައި ވާގޮތުން އަބުރުގެ ދައުވާއެއް އުފުލޭނީ އަބުރާ ބެހުމުގެ އަމަލުތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކީ، އޭގައި ހަގީގަތެއް އެކުލެވިގެން ނުވާ ދޮގަކަށް ވެއްޖެ ނަމަ އެވެ.
އަބުރުގެ ދައުވާއެއް ސާބިތުވެއްޖެ ނަމަ، ބަދަލުގެ ގޮތުގައި 50،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދެއްގެ ބަދަލެއް ނަގައިދެވިދާނެކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެ ބިލުގައި ވާގޮތުން، އަބުރާ ބެހުމަކީ މަދަނީ ކުށެކެވެ.
އެ ބިލުގައި ވަނީ، އަބުރުގެ ދައުވާ ނުއުފުލޭނެ ފަރާތްތަކާއި ހާލަތްތައް ވެސް ބަޔާންކޮށްފަ އެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި ދައްކާ ވާހަކައަކާ ގުޅިގެން އަބުރުގެ ދައުވާއެއް ނުއުފުލޭނެ އެވެ. އަދި، އެފަދަ ކަމެއްގެ ހަބަރެއް އުފުލާ މީހާގެ މައްޗަށް ވެސް އަބުރުގެ ދައުވާ ނުއުފުލޭނެ ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.








