މީރާއިން ކަނޑައަޅާ ޓެކުހުގެ އަދަދާމެދު ހިތްހަމަނުޖެހިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި އިސްތިއުނާފު ކުރާއިރު ކުރިން ބަހައްޓަން ޖެހޭ ޑިޕޮސިޓު 25 ޕަސެންޓުން 50 ޕަސެންޓަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އެ ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އެ ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ ތާއީދާއެކު އެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް 12 މެންބަރަކު ވޯޓުދެއްވި އެެވެ.
އެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، އާންމު ހާލަތްތަކުގައި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭނީ މީރާއިން ނިންމި އަދަދުގެ 50 ޕަސެންޓު ދެއްކުމަށް ފަހުގަ އެވެ. ނަމަވެސް ވަކި ހާއްސަ ބާވަތެއްގެ މުއާމަލާތްތަކާ ގުޅިގެން މައްސަލަ ހުށަހަޅާ ނަމަ، އިއުތިރާޒުކުރާ އަދަދުގެ 100 ޕަސެންޓު އެއްކޮށް މީރާއަށް ދައްކައި ހަލާސްކުރަން ޖެހޭނެ އެވެ.
އެގޮތުން 100 ޕަސެންޓު ދައްކަން މަޖުބޫރުވާ ހާއްސަ ހާލަތްތަކަކީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާއި ޖީއެސްޓީ ގާނޫނުގައި ބަޔާންކުރާ މުއާމަލާތްތަކެކެވެ. މީގެ ތެރޭގައި ޓެކްސް ދެއްކުމުން ރެކުމަށް ހިންގާ މުއާމަލާތްތަކާއި، ގުޅުންހުރި ފަރާތްތަކުގެ މެދުގައި އަގު ކަނޑައެޅުމުގެ އުސޫލާ ހިލާފަށް ހިންގާ މުއާމަލާތްތައް ހިމެނެ އެވެ.
ޓެކްސް ދެއްކުމުން ރެކުމަކީ، ގާނޫނުގެ މަގުސަދާ ހިލާފަށް އަދި ހަގީގީ ވިޔަފާރި ބޭނުމެއް ނެތި، ދައްކަންޖެހޭ ޓެކްސް ކުޑަކުރުމަށް ނުވަތަ ނުދައްކާ ދޫކޮށްލުމަށް ރާވައިގެން ހިންގާ ހީލަތްތެރި މުއާމަލާތްތަކެވެ.
އަގު ކަނޑައެޅުމުގެ އުސޫލު ނުވަތަ ޓްރާންސްފާ ޕްރައިސިން އަކީ، އެއް ވިޔަފާރިއަކާ ގުޅުންހުރި ކުންފުނިތަކުގެ މެދުގައި މުދަލާއި ހިދުމަތް ބަދަލުކުރާއިރު، އާންމު ބާޒާރުގެ އިންސާފުވެރި އަގަށް ވުރެ ތަފާތުކޮށް އަގު ކަނޑައަޅައިގެން ފައިދާ އެހެން ތަނަކަށް ބަދަލުކުރުން ހުއްޓުވަން އޮންނަ ހަމަ އެވެ.
މީރާއިން މިފަދަ ކަމެއް ފާހަގަކޮށް އަދަދެއް ކަނޑައަޅައިފި ނަމަ، އިސްތިއުނާފު ކުރަން ޖެހޭނީ އެ އަދަދު އެއްކޮށް ދައްކައިގެންނެވެ.








