ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ފައިނަލަށް ޕާކިސްތާނުން ދިޔައީ މުބާރާތް ބާއްވާ ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗަށް ތައްޔާރުވި ޕްލޭން ރަނގަޅަށް ކާމިޔާބުކޮށްގެން ކަމަށް ބަންްގްލަދޭޝްގެ ކޯޗު ތޯމަސް ޑޫލޭ ބުނެފި އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ޕާކިސްތާނުން ފުރަތަަމަ ފަހަރަށް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލްގައި 1-0 އިން ބަންގްލަދޭޝް ބަލިކޮށްގެންނެވެ. ފައިނަލުގައި އަންގާރަ ދުވަހުގެރޭ ޕާކިސްތާން އިން ކުޅޭނީ ނުވަ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އިންޑިއާއާ ދެކޮޅަށެވެ. އިންޑިއާ އިން ވަނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށްފަ އެވެ.
ބަންގްލަދޭޝް ކަޓުވާލައި ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް
މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.
ރޭގެ މެޗަށް ފަހު، ބަންގްލަދޭޝްގެ ކޯޗު އެމެރިކާގެ ޑޫލޭ ބުނީ، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަންގްލަދޭޝް އިން 4-0 އިން ސްރީ ލަންކާ ބަލިކުރި މެޗު ވަރަށް ރަނގަށް ބަލައިގެން ޕާކިސްތާނުން ސެމީ ފައިނަލަށް ތައްޔާރުވިކަން އެނގޭ ކަމަށެވެ. އަދި، އުންމީދުކުރީ ދަށްވެގެން ސްރީ ލަންކާ މެޗުގައި ދެއްކި ވަރުގެ ކުޅުމެއް ބަންގްލަދޭޝް އިން ސެމީ ފައިނަލުގައި ދައްކާނެ ކަމަށާއި އެހެން ނަމަވެސް ފެނިގެންދިޔައީ އެ ހުރިހާ ކަމަކަށް ޕާކިސްތާނުން ހެދި ޕްލޭން ރަނގަޅުކަން ކަމަށް ޑޫލޭ ފާހަގަކުރި އެވެ.
"އެ މީހުން ހުރީ ކަންކަން ބަލައި ރަނގަޅަށް ތައްޔާރުވެފައި. އޭގެ ނަތީޖާ އެ ފެނުނީ، ފުޓްބޯޅައިގައި މި ކަންކަން ދިމާވާނެ. ބައެއް ދުވަސް ދުވަހު އިދިކޮޅު ޓީމުގެ ފުޓްބޯޅަ ރަނގަޅުވުމަކީ ވާ ކަމެއް،" ޑޫލޭ ބުންޏެވެ.
ބަންގްލަދޭޝް އިން ހަތަރު ވަނަ ފަހަަރަށް ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރިއިރު، ކާމިޔާބުވީ އެންމެ ފުރަތަމަ 2003 ވަނަ އަހަރު ހޯސްޓްކުރިއިރު އެވެ. އޭގެ ފަހުން، 2009، 2018 އަދި މި އަހަރު ވެސް މި ނިންމާލީ ތަށި ހޯދަން އަމާޒުކަނޑައަޅައި، ކާމިޔާބު ނުލިބި އެވެ. އެ ގޮތުން، 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ސެމީގައި 1-0 އިން އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން ބަލިވެ ކެޓީ އެވެ. އަދި، 2018 ވަނަ އަހަރުގެ މުބާރާތުގައި ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އެއީ، ޕާކިސްތާނާ އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުން ފަހަތަށް ދިއުމުންނެވެ.
މި ފަހަރުގެ މުބާރާތުގައި ސެމީގައި ޕާކިސްތާން އަތުން ބަލިވެ ކެޓިއިރު، އެންމެ ފަހުން 2023 ގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ސެމީގައި ކެޓީ ކުވެއިތު އަތުންނެވެ.
ޑޫލޭ ބުނީ، އަމިއްލަ ގައުމުގައި މުބާރާތް ހޯސްޓްކުރުމުން ކާމިޔާބު ހޯދަން އޮންނަ ޕްރެޝަރު ބޮޑުވާ ކަމަށެވެ. އަދި، ޖެހިޖެހިގެން ދެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ބަންގްލަދޭޝް ކެޓުމަކީ ވެއްޓުމެއްގެ ގޮތުގައި ނުދެކި މުސްތަގުބަލަށް އިތުރަށް މަސައްކަތް ކޮށްގެން ތައްޔާރުވުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ޑޫލޭ ވަނީ ބުނެފަ އެވެ.
"މި ޓީމު އިތުރަށް ކުރިއަރައިގެންދާނެ މިހެން މި ލިބޭ ތަޖުރިބާތަކުގެ އަލީގައި ވެސް،" ޑޫލޭ ބުންޏެވެ.

ޕާކިސްތާންގެ ކޯޗު ނޮލްބާޓޯ ސޮލާނޯ ވެސް ވަނީ ބަންގްލަދޭޝަށް ފުޓްބޯޅައިގައި އުޖާލާ މުސްތަގުބަލެއް އެބައޮތް ކަމަށް ބުނެފަ އެވެ. އަދި، އިސް އުފުލައިގެން މަސައްކަތް ކޮށް އިތުރު ކާމިޔާބީ ހޯދޭނެ ފެންވަރު ބަންގްލަދޭޝްގެ އެބައޮތް ކަމަށް ސޮލާނޯ ވަނީ ބުނެފަ އެވެ.
"އަހަންނަށް އެބަ ފެނޭ ބަންގްލަދޭޝްގެ ކުރިއެރުން، އަދި، އެ ޓީމަށް ކާމިޔާބު ހޯދަން ދެވޭނެ ލެވަލް ވެސް،" ސޮލާނޯ ބުންޏެވެ.
މީގެ ކުރިން، ޕާކިސްތާނުން ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ކުޅުނު ދެ ފަހަރު ނާކާމިޔާބުވި ނަމަވެސް މި ފަހަރު މި ވަނީ ކާމިޔާބު ހޯދައިފަ އެެވެ. މިއީ، މި އަހަރު ތެރޭ ޕާކިސްތާނުން ކުޅޭ ދެ ވަަނަ ފައިނަލެވެ. ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނުން ވަނީ ހޯދައިފަ އެވެ.
ސޮލާނޯ ބުނީ، ޕާކިސްތާނުން ދެން އޮންނަ އޭޝިއަން ކަޕަކަށް ކޮލިފައިވުމުގެ އަމާޒުގައި ކުރާ މަސައްކަތަށް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލާ ހަމައަށް ދިއުމަކީ ވެސް މުހިންމު ކަންތައްތަކެއް ދަސްވި ކަމެއް ކަމަށެވެ. އަދި، އުންމީދަކީ ފައިނަލުގައި ކާމިޔާބު ހޯދައި، ފުޓްބޯޅައިގައި ޕާކިސްތާންގެ ކުރިއެރުން އިތުރަށް ވަރުގަދަވެގެން ދިއުން ކަމަށް ސޮލާނޯ ވަނީ ބުނެފަ އެވެ.







