ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026ގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ވެސް ފައިނަލެއްގެ ގޮތުގައި ނެގުމަށް ބަންގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ތޯމަސް ޑޫލޭ ބުނެފި އެވެ.
ބަންގްލަދޭޝް އިން އަމިއްލަ ގައުމުގައި ހޯސްޓްކުރާ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެ ޓީމުގެ އަމާޒަކަށް ކަނޑައަޅާފައިވަނީ ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދުމަށް ކުރަމުން އަންނަ އިންތިޒާރު 23 އަހަރަށް ފަހު ނިމުމަކަށް ގެނައުމަށެވެ.
މިހާތަނަށް ހަތަރު ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރަމުން އަންނަ ބަންގްލަދޭޝް އިން މި މުބާރާތުގެ ތަށި އުފުލާލީ 2003 ވަނަ އަަހަރު އެ ގައުމުގައި ހޯސްޓްކުރިއިރު އެވެ. އޭގެ ފަހުން، 2005 ގެ ފައިނަލުން ބަލިވިއިރު، 2009 އާއި 2018 ވަަނަ އަހަރު ބަންގްލަދޭޝް އިން އަމިއްލަ ގައުމުގައި މުބާރާތް ބާއްވައިގެން ފައިނަލާ ހަމައަށް ވެސް ނުދެވުނެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންްގްލަދޭޝް އިން ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވިއިރު، އެ ޓީމު ކޮޅަށް ގޯލެއް ވެސް ނުވަދެ އެވެ. ފުރަތަމަ މެޗުގައި ބޫޓާން އަތުން 1-0 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ސްރީ ލަންކާ ބަލިކުރީ 4-0 އިންނެވެ.
ސެމީ ފައިނަލް މެޗުގެ ކުރިން މީޑިއާގެ ސުވާލުތަކަށް ޖަވާބުދެމުން، ޑޫލޭ ބުނީ، ޕާކިސްތާންއާ އެކު ކުޅޭ ސެމީ ފައިނަލް މެޗު ވަރަށް އުނދަގޫވާނެ ކަމަށެވެ.
"މިއީ އަހަރެމެންނަށް ފައިނަލެއް ފަދަ މެޗެއް. އެއީ، ޕާކިސްތާން އަކީ މުބާރާތުަގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު. ފަހަރުގައި ބާކީ މުބާރާތުގައި އޮތް އެންމެ ރަނގަޅު ޓީމަށް ވެސް ވެދާނެ،" ޑޫލޭ ބުންޏެވެ.
"އެ މީހުން (ޕާކިސްތާން) ވަރަށް ވަރުގަދަ، އާސިއާން ކަޕް ފަދަ މުބާރާތެއްގައި ފިލިޕީންސް އާއި ވިއެޓްނާމް ކައިރީގައި އެ މީހުން ވަރަށް ރަނގަޅަށް ކުޅެގެން ރަނގަޅު ނަތީޖާ ނެރެފައި އެ ހުރީ. އެހެންވީމަ، މިއީ އަހަރެެމެން ފަސޭހައިން ނަގައިގެންވާނެ މެޗެއް ނޫން، 100 ޕަސެންޓް ދޭން ޖެހޭނެ،"
ޑޫލޭ ބުނީ، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރާނަަމަ ވިސްނުން ބައްޓަންކުރަން ޖެހޭނީ ކޮންމެ ޓީމަކާ ވާދަކުރަން ޖެހުނު ކަމަށް ވިޔަސް މޮޅުވުމަށް ކަމަށެވެ.
"ސާފް ކާމިޔާބު ކުރަންޏާ ކޮންމެ ޓީމެއް ބަލިކުރަން ވެސް ތައްޔާރަށް ތިބެންޖެހޭނީ،" ޑޫލޭ ބުންޏެވެ.
ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް
ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް
ފީފާ ބްރޭކް ނުފެށެނިސް ސާފް ޗެމްޕިއަންޝިޕް ފެށުމާ ގުޅިގެން، ޕާކިސްތާނުން ގްރޫޕް ސްޓޭޖުގެ ފުރަަތަމަ ދެ މެޗު ކުޅެން ޖެހުނީ ޓީމުގެ މުހިންމު ފަސް ކުޅުންތެރިން ނުލަ އެވެ. އެއީ، ޔޫރަޕާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅޭ ކުޅުންތެރިން ކަމަށްވެފައި، ފީފާ ބްރޭކް ނުފެށެނިސް އެ ކުޅުންތެރިންގެ ކްލަބްތަކުން ރިލީސްދޭން ބޭނުންނުވީ އެވެ. ބަންގްލަދޭޝް އަށް ވެސް ތަފާތު ދެއްކި ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު، ޓީމާ ގުޅުނީ އިންޓަނޭޝަނަލް ބްރޭކު ފެށުމުންނެވެ.
ކުރިން ފިލިޕީންސާ އެކު، އޭއެފްސީ ޗެލެންޖް ކަޕްގައި މަސައްކަތް ކުރި ޑޫލޭ ބުނީ، ޕާކިސްތާނާ ގުޅުނު ފަސް ކުޅުންތެރިންނާ އެކު އެ ޓީމު އިތުރަށް ވަރުގަދަވާނެ ކަމަށެވެ. އަދި، ބަންގްލަދޭޝްއާ ހަމްޒާ އަދި ފަރުހާން ގުޅުމުން އެ އައި ފުރިހަމަކަން ޕާކިސްތާންގެ އެ ކުޅުންތެރިން އައުމުން އެ ޓީމަށް ވެސް އެ ތަފާތު ފެންނާނެ ކަމަށް ޑޫލޭ ދެކެ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރާނެ އެވެ. މިއީ، ސާފްގެ. މުބާރާތެއްގައި ވީއޭއާރް ބޭނުންކުރާ ފުރަތަަމަ ފަހަރެވެ.
ބަންގްލަދޭޝް އާއި ޕާކިސްތާން ކުޅޭ ސެމީ ފައިނަލް މެޗު ފަށާނީ މިރޭ 19:30 ގަ އެވެ. ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝް ކުޅުނު ދެ މެޗުގައި ދަނޑުން ފެނުނު ހުސް ސީޓުތައް މި މެޗުގައި ފުރާލުމަށް އެ ޓީމުގެ ކޯޗު ޑޫލޭ ވަނީ ސަޕޯޓަރުންގެ ކިބައިން އިލްތިމާސެއް ކޮށްފަ އެވެ.







