އޭނާ ހަވާލުވިތާ ދެ މަހެއްހާ ދުވަސްތެރޭ ގިނަ މަސަައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ސެމީ ފައިނަލަށް ބޫޓާނުން ދަތުރުކުރުމަކީ އޭނާ އަށް ވުރެން ބޮޑަށް ކުޅުންތެރިންގެ ހިތްވަރު ކަމަށް ބޫޓާނާ ހަވާލުވެ ހުރި އޮސްޓްރޭލިއާގެ ކޯޗު، ގެރީ ފިލިޕްސް ބުނެފި އެވެ.
އޮގަސްޓް މަހުގެ ފަހުކޮޅުގައި، ބޫޓާންގެ ޒުވާން ގައުމީ ޓީމާއި ސީނިއާ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި ގެރީ، ސީނިއާ ޓީމު ގޮވައިގެން ރަސްމީ މެޗަކަށް ނުކުތީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަަމަ މެޗުގައި ބަންގްލަދޭޝާ ދެކޮޅަށެވެ. އެ މެޗުން ބަންގްލަދޭޝް 1-0 އިން މޮޅުވި އެވެ. ދެ ވަނަ މެޗުގައި ބޫޓާނުން 2-2 އިން ސްރީ ލަންކާއާ އެއްވަރުކުރިއިރު، ގްރޫޕްގެ ފަހު މެޗުން ބަންގްލަދޭޝް އިން 4-0 އިން ސްރީ ލަންކާ ބަލިކުރުމާ އެކު ބޫޓާނަށް ސެމީ ފައިނަލުގެ ޖާގަ ލިބުނީ އެވެ. މިއީ، 18 އަހަރަށް ފަހު ބޫޓާނުން ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.
"ވަރަށް ކެތްމަދުވެފައި މި ހުރީ. ބޫޓާނަށްޓަކައި، ބޫޓާނުގެ ފުޓްބޯޅަ އަށް ޓަކައި، ކުޅުންތެރިންނާއި އެ މީހުންގެ އާއިލާ އަށް ޓަކައި، މިއީ ވަރަށް އުފާވެރި ވަގުތެއް، އެކަމަކު އަހަންނަށް މި ކަމެއް ނުއެއް ނިމޭ. ސެމީ އަށް ދިއުމަކީ ހުރިހާ ކަމެއް ނޫން. މި މެޗަށް އަހަރެމެން މި ދަނީ ކޮންފިޑެންސާ އެކު، އެއީ މޮޅުވެވޭނެ ކަމުގެ ވެސް އުންމީދާ އެކު، އެއީ ފައިނަލަށް ދާން. އެވެސް ވާނެ ބޫޓާންގެ ފުޓްބޯޅަ އަށް މުޅިން އާ ތަޖުރިބާ އަކަށް،" ކުރިން ނޭޕާލްގެ ޓެކްނިކަލް ޑިރެކްޓަރު ކަމާއި އަންހެން ޓީމުގެ ކޯޗުކަން ކުރި ގެރީ ބުންޏެވެ.
"އެބަހުރި ހާސްވާން ޖެހޭ ބައެއް ކަންކަން، އަނިޔާގެ މައްސަލަތައް. އުންމީދަކީ މެޗު އަންނައިރު އެކަން ރަނގަޅުވެ، ކުރިއަށްދެވޭނެ ކަމަށް،"
ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ބޫޓާން ދިއުމަކީ އެ ގައުމުގެ ފުޓްބޯޅަ އަށް ކުރިއެރުމެއްކަން ފާހަގަކޮށް ގެރީ ބުނީ، ސެމީ ފައިނަލުގައި އިންޑިއާއާ ދެކޮޅަށް ކުޅެން އޮތް މެޗަކީ ލިބިފައި އޮތް ބޮޑު ފުރުސަތެއް ކަމަށެވެ.
"އަދިވެސް އެއް ފަހަރު ބުނެލަން ބޭނުންވަނީ މިއީ ބައެއް ކުޅުންތެރިންނަށް ފަަހަރުގައި ދެން އެހެން ފަހަރަކު ތަޖުރިބާ ކޮށްލަން ނުލިބިދާނެ ފަދަ ފުރުސަތެއް. އެހެންވީމަ، މީގެ ބޭނުންވީ އެންމެ ރަނގަޅަކަށް ހިފަންޖެހޭ،" ގެރީ ބުންޏެވެ.
މީގެ ކުރިން، ބޫޓާނުން ސާފް ޗެމްޕިއަންޝިޕެއްގެ ސެމީ ފައިނަލުގައި ކުޅުނީ، 2008 ވަނަ އަހަރު އެވެ. އެ ފަހަރުގެ ސެމީގައި ވެސް ބޫޓާނުން ކުޅުނީ އިންޑިއާއާ އެވެ. އިންޑިއާ އިން ބޫޓާން ބަލިކުރީ 120 މިނިޓް ކުޅެގެން، 2-1 އިންނެވެ.
ގެރީ ބުނީ، އޭރުގެ ހާލަތާ އަޅާކިޔާއިރު މިހާރު އޮތީ މުޅިން ތަފާތު އިންޑިއާ ޓީމެއް ކަމަށެވެ. އެކަމަކު، ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ، އިންޑިއާ އިން ކޮންމެ ޓީމެއް ނެރުނު ކަމުގައި ވިޔަސް، އެ ގައުމުގެ ހައިބަތުން އެ ޓީމަށް އަންނާނެ ތަފާތުތަކެއް ހުންނާނެ ކަމަށެެވެ.
"މިހާރު އެ އޮތީ ވަރަށް ތަފާތު އިންޑިއާ ޓީމެއް. އަހަރެމެން މި އުންމީދުކުރަނީ ރަނގަޅު ކަންތައްތަކަަށް، އެހެން ސްޓައިލެއްގެ ފުޓްބޯޅަ އަކަށް. އިންޑިއާ އަކީ ވަރުގަދަ ޓީމެއް، ހުރިހާ ކަމަކުން ބަލައި އިހުތިރާމާ އެކު މި ބުނަނީ. އަހަރެމެން ޖެހޭނެ ބަލައިގަންނަން އިންޑިއާގެ ތަޖުރިބާ މާ ރަނގަޅުވާނެކަން. 1.5 ބިލިއަން މީހުންގެ ތެރެއިން އައި ޓީމެއް އެއީ، ބޫޓާނުގައި 8 ލައްކައެއްހާ މީހުންނޭ ވެސް ބުނެވިދާނެ، އެެހެންވީމަ، އެ ވެސް ފަރަގެއް. މިއީ، ފުޓްބޯޅައިގެ ނަޒަރުން ބެލިޔަސް ފަރަގު ހުންނާނެ ކަމެއް. އެކަމަކު މި ހުރިހާ ކަމެއް އެއް ކައިރިކޮށްފައި މި ލިބިފައި އޮތް ފުރުސަތުގެ ބޭނުންހިފަން އެކުގައި މަސައްކަތް ކުރަން ޖެހޭ،" ގެރީ ބުންޏެވެ.
ގެރީ ބުނީ، ބޫޓާނަށް ކުރިމަތިވާނެ ޗެލެންޖުތަކަށް ބަލާއިރު، މި ލެވަލްގެ ތަޖުރިބާ ލިބިފައި ނެތް ކުޅުންތެރިން ގިނަވުން ހިމެނެ އެވެ. އަދި، ބޫޓާނުން 2008 ގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ކުޅެފައި އަލުން އެ ހިސާބަށް ދިއުމަށް މި ނެގި މުއްދަތު ވެސް ވަރަށް ދިގު ކަމަށާއި އޭގެ ސަބަބުން ވެސް ގޮންޖެހުންތަކަކާ ޕްރެޝަރުތަކެއް އަތުވެދާނެ ކަމަށް ގެރީ ވަނީ ފާހަގަކޮށްފަ އެވެ.
"ވިސްނަންޖެހޭ މިއީ ޕްރެޝަރު އިތުރުވާނެ ވެސް ސަބަބެއްކަން. އަހަރެމެން އެކަމާ ކުރިމަތިލާނެ ގޮތަކީ މީގެ މައިގަނޑު ޗެލެންޖަކީ. މިއީ، ބައެއް ކުޅުންތެރިން ވިދާލަން ރަނުގެ ފުރުަސަތެއް. އަދި، ބައެއް ކުޅުންތެރިންނަށް މި މެޗުގައި ހާސިލްކުރާ ކަމަކުން ކެރިއަރެއް ވެސް ހޯދިދާނެ. އެއީ، މޮޅަށް ކުޅެފިއްޔާ، އެހެން ގައުމެއްގެ ޓީމަކުން މި ކުޅުންތެރިން ގެންގޮސްފާނެ. މިއީ، ހުރިހާ ގޮތަކުން ވެސް ފުރުސަތެއް،" ގެރީ ބުންޏެވެ.
ބޫޓާނާއި އިންޑިއާ ކުޅޭ ސެމީ ފައިނަލް މެޗު ފަށާނީ، 14:00 ގަ އެވެ.







