ބަންގްލަދޭޝްގެ ކެޕްޓަންކަން ކުރަމުން އަންނަ އިނގިރޭސި ޕްރިމިއާ ލީގުގެ ޝެފީލްޑް ޔުނައިޓެޑަށް ކުޅެމުން އަންނަ ހަމްޒާ ޗޯދުރީ "ނުދަންނަ ކަމަށް"، މާދަމާ އެ ޓީމާ ދެކޮޅަށް ޓެކްނޯ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ނުކުންނަ ޕާކިސްތާންގެ ގޯލްކީޕަރު، ޔޫސުފް ބަޓް ބުނެފި އެވެ.
އަށް އަހަރަށް ފަހު، ޕާކިސްތާނުން ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަކަށް ނުކުންނައިރު، އެ ޓީމުން ކުޅެން ޖެހޭނީ މުބާރާތް ހޯސްޓްކުރާ ބަންގްލަދޭޝްއާ އެވެ. ބަންގްލަދޭޝް އަކީ މި ވަގުތު މި މުބާރާތުގައި އެންމެ ފޯމުގައި އޮތް އެއް ޓީމެެވެ. އެ ޓީމުގެ ތަފާތަކީ ކުރިން އިނގިރޭސި ޔޫތު ޓީމުތަކަށް ކުޅުނު ހަމްޒާ އެވެ.
"އަހަންނެއް ހަމްޒާ (ޗޯދުރީ) އާއި ޝަމިތު ޝޯމޭ އާ މެދު ނުވިސްނަން. އަހަރެން މި ވިސްނަނީ އަހަރެންގެ ގާތް އެކުވެރިޔާ ޖަމާލް ބުޔާންއާ ދެކޮޅަށް ކުޅެން. އެ މީހުން (ހަމްޒާ އާއި ޝަމިތު) އަކީ މޮޅު ކުޅުންތެރިން. އަހަރެމެންގެ އެބަތިބި ވަރަށް މޮޅެތި ކުޅުންތެރިން،" ސެމީ ފައިނަލުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުން ބަޓް ބުންޏެވެ.
"އެހެންވީމަ، ވަރަށް ބައިވަރު ވާހަކަތަކެއް އެބަދެކެވޭ ހަމްޒާ ޗޯދުރީއާ ބެހޭގޮތުން، އެކަމަކު، އަހަރެމެންގެ އެބަހުރި އަބްދުﷲ އިގުބާލް، ސުލެއިމާން އީސާ، އާދިލް ނަބީ، އަބްދުލް އަރުޝަދު، އެހެންވީމަ. އަހަރެމެންގެ ވަރަށް މޮޅެތި ކުޅުންތެރިން އެބަތިބި، އެ މީހުންގެ ވެސްް ތިބި ގޮތަށް،"
ފީފާ ބްރޭކް ނުފެށެނިސް ސާފް ޗެމްޕިއަންޝިޕް ފެށުމާ ގުޅިގެން، ޕާކިސްތާނުން ގްރޫޕް ސްޓޭޖުގެ ފުރަަތަމަ ދެ މެޗު ކުޅެން ޖެހުނީ ޓީމުގެ މުހިންމު ފަސް ކުޅުންތެރިން ނުލަ އެވެ. އެއީ، ޔޫރަޕާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅޭ ކުޅުންތެރިން ކަމަށްވެފައި، ފީފާ ބްރޭކް ނުފެށެނިސް އެ ކުޅުންތެރިންގެ ކްލަބްތަކުން ރިލީސްދޭން ބޭނުންނުވީ އެވެ.
"ތައްޔާރީތައް ވަރަށް ރަަނގަޅު، އާ ފަސް ކުޅުންތެރިން ޓީމާ އެބަ ގުޅޭ. އިންޝާﷲ. އެ މީހުންނަށް ޓީމާ ގުޅިގެން ކުރިއަށްދެވޭނެ. މި ހުރިހާ ކަމެއްގައި ވެސް އެންމެ މުހިންމީ ޓީމު. ވަކިވަކި ކުޅުންތެރިއަކަށް ވުރެން. އަހަރެމެން ޓީމެއްގެ ގޮތުގައި ނުކުމެ ބަންގްލަދޭޝާ ދެކޮޅަށް ރަނގަޅުވާނެ، އިންޝާﷲ،" ޑެންމާކް ލީގުގައި ކުޅެމުން އަންނަ ބަޓް ބުންޏެވެ.
ބަޓް ބުނީ، ބަންގްލަދޭޝް އާއި ޕާކިސްތާނުގެ މެޗުތައް އަބަދުވެސް ވާދަވެރި ކަމަށެވެ. އަދި، މި ދެ ޓީމުން 2018 ވަނަ އަހަަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗުގައި ނަސީބުގެ އެހީއާ އެކު މޮޅުވީ، ބަންގްލަދޭޝް ނަމަވެސް މި ފަހަރު މިއީ ޕާކިސްތާންގެ ފަހަރަށް ހަދަން ބޭނުންވާ ކަމަށް ބަޓް ވަނީ ބުނެފަ އެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރާނެ ކަމަށް ސާފް އިން ފުރަތަމަ އިއުލާނުކުރި އެވެ. އެކަމަކު، ފަހުން ސާފް އިން ނިންމީ، ސެމީ އާއި ފައިނަލުގައި ވީއޭއާރް ބޭނުންކުރާށެވެ. ސާފް އިން ވީއޭއާރް ލައިޓް ބޭނުންކުރާއިރު، މައި ހަބް އޮޕަރޭޓްކުރާނީ ތައިލެންޑުންނެވެ.
ބަޓް ބުނީ، ވީއޭއާރް އޮތުމަކީ ޕާކިސްތާނަށް ރަނގަޅެއް ކަމަށެވެ.
"އަހަރެމެންނަށް އެނގޭ ބަންގްލަދޭޝްގެ ސަޕޯޓަރުންގެ ފަރާތުން ވަރަށް ބޮޑު ޕްރެޝަރެއް އޮންނާނެކަން. އެކަމަކު، އަހަރެން ވަރަށް އުފާވޭ ވީއޭއާރް އޮންނާނެތީ. އެހީވުމަށް، އެވާނެ އަހަރެމެންނަށް ވަރަށް ބޮޑު އެހީ އަކަށް. އެއީ، ވަރަށް ޕްރެޝަރު ބޮޑުވާނެ (ރެފްރީންނަށް) ހޯމް ޓީމު ކުޅޭއިރު، ސަޕޯޓަރުންގެ. އަލްހަމްދުލިއްލާހި، އުފަލުން މި ހުރީ ވީއޭއާރް އޮތީމަ،" ބަޓް ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދިއުމަކީ ޕާކިސްތާންގެ އަމާޒު ކަމަށްވާއިރު، ބޭނުންވަނީ އިންޑިއާއާ ކުޅެން ކަމަށް ބަޓް ވަނީ ބުނެފަ އެވެ.
"އުންމީދަކީ ފައިނަލުގައި އިންޑިއާއާ ކުޅެން. އެއީ، އަހަރެމެންނަށް ވަރަށް ވަރަށް ވަރަށް ދަށްކޮށް ދިޔަ މެޗެއް ގްރޫޕް ސްޓޭޖުގައި އިންޑިއާއާ އެކު ދިޔައީ އެއީ، މިދިޔަ 13 ވަރަކަށް މެޗަށް ބަލާއިރު ޕާކިސްތާންގެ އެންމެ ދަށް މެޗު. އެހެންވީމަ، އިންޝާﷲ ބޭނުން ފައިނަލުގައި އެ މީހުންނާ ކުޅެން، އެކަމަކު ހަނދާނުގައި ބަހައްޓަންވީ މެޗަކަށް ފަހު މެޗެއް. މި ވަގުތު ކުރިމަތީގައި އޮތީ ބަންގްލަދޭޝް،" ބަޓް ބުންޏެވެ.
އިންޑިއާ އާއި ޕާކިސްތާން ކުޅޭ ސެމީ ފައިނަލް ފަށާނީ މާދަމާރޭ 19:30 ގަ އެެވެ.







