ރަސްމާލެއިން އެއްބައި ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލުމާ ދެކޮޅަށް "ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުމުގައި ބައިވެރިވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް އަދަދު އަށް ވިދާޅުވީ މާދަމާ ބާއްވާ އެއްވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ، ޝުއޫރު ފާޅުކޮށް ސަރުކާރާ ހިސާބަށް ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު އިއްވަން އެދޭ ކަމަށެވެ.
"އަޅުގަނޑު އިރާދަފުޅުކުރެއްވިއްޔާމުން ހުކުރު ދުވަހު އޮންނަ މުޒާހިރާގައި ބައިވެރިވާނަން. އަދި އަޅުގަނޑުމެން އެދެން ވީހާވެސް ގިނަ ރައްޔިތުން އޭގައި ބައިވެރިވެ، އެ ޝުއޫރު ފާޅުކޮށް ސަރުކާރާ ހިސާބަށް ރައްޔިތުންގެ ކަންބޮޑޫވުމުގެ ވާހަކަ އުފުލަން އެނގޭތޯ،" ފައްޔާޒް ވިދާޅުވި އެވެ.
ރަސްމާލެ ޑީލާ ގުޅިގެން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތައް ހުރި މިންވަރު މިދިޔަ ހަފްތާތަކުގައި އައްޑޫ ސިޓީއަށް ކުރި ދަތުރުންނާއި މިހާރު ހއ. އަތޮޅަށް ކުރައްވާ ދަތުރުން އިތުރަށް ފާހަގަކުރެވިފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ މީގައި ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އެބަހުރި. އަޅުގަނޑު ވޭތުވެދިޔަ ދެތިން ހަފްތާއެއް ތެރޭގައި އައްޑޫ އަތޮޅުގައި ދަތުރުކޮށްފިން މިހާރު ހއ. އަތޮޅުގައި ދަތުރުކުރެވިގެން މިދަނީ. ގިނަ ރައްޔިތުންގެ ކަންބޮޑުވުން އެބައޮތް ސަރުކާރުން ކަންތައްތައް ކުރިއަށްގެންދާ ގޮތާމެދު،" ފައްޔާޒް ވިދާޅުވި އެވެ.
މީގެއިތުރުން ރަސްމާލެ ޑީލާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި އެ ޑީލު ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް މުއިއްޒަށް ފައްޔާޒް ގޮވާލެއްވި އެވެ.
ރަސްމާލެ ވިއްކައިލުމާ ދެކޮޅަށް މާދަމާ ރޭ 20:30 ގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުން އަންނައިރު، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ދަނީ ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންނެވެ. ރަސްމާލެ ޑީލު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެންނަން މިދިޔަ ހޯމަ ދުވަހު ވަނީ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރުން ހުއްޓާލިކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ. ދާއިމީ އެއްބަސްވުމުގައި މި ނޮވެމްބަރު މަހު ސޮއިކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
މި ޕްރޮޖެކްޓަށް ފަހިކުރުމުގެ ގޮތުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގޮތުން ރަސްމާލެއިން ވިއްކާ ތަންތަނަކީ "ސަރަންޑާ އެންޑް ރީގްރާންޓް" މޮޑެލްގެ ދަށުން ތާއާބަދަށް މިލްކުވެރިކަން ލިބޭ ގޮތަށް ވިއްކާލާ ތަންތަނެވެ. މިކަމާ ދެކޮޅު މީހުން ބުނަނީ މި ގޮތަށް އޮތުމުން ރަސްމާލޭގެ ބިން ތާއާބަދަށް ދޫވީ ކަމަށެވެ.








