ރާއްޖޭގެ ފުޓްބޯޅަ ކުރިއަަށްދާން ސާފު މެސެޖެއް ދޭންޖެހޭ: އުރްބާނީ

Nov 11, 2026, 5:58 AM
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އިސްތަވާން އުރްބާނީ،---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އިސްތަވާން އުރްބާނީ،---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ރާއްޖޭގެ ފުޓްބޯޅައިގައި ކުރިއަށްދާންވީ ގޮތް ސާފުކޮށް ބުނެދެވޭނެ މެސެޖެއް ކޮންމެ ވެސް މީހަކު ދޭން ޖެހޭ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފި އެވެ. 

އޭނާ މިހެން ބުނެފައިވަނީ، ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި މިއަދު މޮޅުވުން މަޖުބޫރު މެޗަކަށް ރާއްޖޭން އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ފަހު ޕްރެކްޓިސްތަކަށް ފަހު، ރާއްޖޭގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްްގަ އެވެ. 

ގްރޫޕްގެ ފުރަތަމަ މެޗުގައި 3-0 އިން ޕާކިސްތާން އަތުން ރާއްޖެ ބަލިވިއިރު، އިންޑިއާ އަތުން ތިން ގޯލުގެ ފަރަގަކުން މޮޅުވެގެން ނޫން ގޮތަކަށް ރާއްޖެ އަށް ސާފް ޗެމްޕިއަންޝިޕްގައި ކުރިއަށްދިއުމުގެ ފުރުސަތެއް ނެތެވެ. އެ ނަތީޖާ ނުނެރެވިއްޖެނަމަ، ޖެހިޖެހިގެން ދެ ސާފް ޗެމްޕިއަންޝިޕެއްގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކަޓާނެ އެވެ. 

Advertisement

މިހާރު މި އޮތް ހާލަތާއި ނަތީޖާ ނެރެން ޖެހޭ މެޗަކަށް އިންޑިއާއާ ކުޅެން ޖެހުމާ މެދު ދެކެނީ ކިހިނެއްތޯ އެހުމުން، އުރްބާނީ ބުނީ މިއީ ޗެލެންޖެއް ކަމަށާއި ޕްރެޝަރު އޮތް ކަމަށް ވެސް ބުނެވިދާނެ ކަމަށެވެ. 

"އަހަރެމެންނޭ ބުނާއިރު، ކޮންމެ ވެސް މީހަކު އެބަޖެހޭ ސާފު މެސެޖެއް ދޭން. ދެން ކޮން ކަމެއްތޯ މި ގައުމުގެ ފުޓްބޯޅަ އަށް އޮތީ. އެއް ވަގުތެއްގައި ވަރަށް ގިނަ ކަންތައްތަކެއް އެބަ ހިނގާ. ބައެއް ފަހަރު އަހަރެން ދެރަވޭ، އަހަރެންގެ އިންޓަވިއުތަކުން ކުޑަތަންކޮޅެއްގައި ހިފާތީ. އެހެން ވެދާނެ އަހަރެން މާ ދިގުކޮށް އިންޓަވިއު ދޭތީވެ. އަހަރެންގެ ފަރާތަކުން ޕްރެޝަރެއް ނެތް. އަހަރެން ބުނާނީ މިއީ ކުޅުންތެރިންނަށް ދޭ ފުރުސަތެކޭ،" އުރްބާނީ ބުންޏެވެ. 

ތިން ވަނަ ފަހަރަށް ރާއްޖޭގެ ގައުމީ ކޯޗުކަމާ މި އަހަރުގެ ކުރީކޮޅުގައި ހަވާލުވި އުރްބާނީ ވަނީ މީގެ ކުރިން ތިން ފަހަރު ރާއްޖެ ގޮވައިގެން ސާފް ޗެމްޕިއަންޝިޕްގައި ވާދަކޮށްފަ އެވެ.  އެ ގޮތުން، 2009 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖޭން ދަތުރުކުރީ އުރްބާނީގެ ކޯޗުކަމުގަ އެވެ. އެ ފަަހަރު ގްރޫޕް ސްޓޭޖުގައި އިންޑިއާ ބަލިކުރި ނަމަވެސް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިވީ އެވެ. އަދި، 2011 އާއި 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި އިންޑިއާ އަތުން ރާއްޖެ ކެޓިއިރު ވެސް ކޯޗަކީ އުރްބާނީ އެވެ. 

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަކީ ސީނިއާ ކުޅުންތެރިން ހިމެނޭ ގޮތަށް ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލަަވާލާފައި އޮތް ޓީމެއް ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. އިންޑިއާއާ ދެކޮޅަށް ޑިފެންސްކޮށްގެން ރަނގަޅު ކުޅުމެއް ދައްކައި ކަންކަން ރޭވުމަށްޓަކައި ފަހު ޕްރެކްޓިސް ސެޝަންގައި ހާއްސަ ކަންތައްތަކެއް ކުރި ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. 

"އެންމެ ބޮޑު ކަަމަކީ، ވީހާ ވެސް ގިނަ ވަގުތު މެޗުގައި ދެމި އޮތުން. ތި މީހުން ވެސް ތި ބުނަނީ މިއީ ބޮޑު ޗެލެންޖެކޭ. ގިނަ ގޯލު ޖަހައިގެން މޮޅުވުމުގެ ވާހަކަ އަށް ވުރެ، ވަރުގަދަ އިންޑިއާ ޓީމެއް އަތުން މޮޅުވުން ވެސް އެއީ ކަމެއް،" އުރްބާނީ ބުންޏެވެ. 

"މި މެޗުގެ ފުރަތަމަ ގޯލު ވަރަށް މުހިންމު މި ދެ ޓީމަށް ވެސް. އިންޑިއާ ވަރަށް ކޮންފިޑެންސާ އެކު އޮންނާނީ. ދެން، އަހަރެމެންނަށް ކިހާ ކްރެޑިޓެއް ލިބޭނެތޯ ފުރަތަމަ ގޯލު ޖެހިއްޖިއްޔާ. ސުވާލަކީ އެ ހިސާބުން ކިހާ ކަމެއް ރަނގަޅަށް ދާނެތޯ،" އުރްބާނީ ބުންޏެވެ. 

ތޭރަ އަހަރަށް ފަހު، ރާއްޖޭގެ ކޯޗުކަމާ ހަވާލުވެ، ސާފް ޗެމްޕިއަންޝިޕަކާ ކުރިމަތިލިއިރު، ވަރަށް ގިނަ ކަންތައްތައް ބަދަލުވެފައިވާ ކަމަށާއި ހުރިހާ ޓީމެއް ވެސް ކުރިއަރާފައިވާ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. އަލީ އަޝްފާގު (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ) އަދި އިބްރާހިމް ފަޒީލް (އޮއްޕޮ) ފަދަ ބައިނަލްއަގުވާމީ ގިނަ މެޗުތަކެއް ކުޅެފައިވާ ކުޅުންތެރިން ހިމެނޭ ޓީމެއް ގޮވައިގެން އަބަދު ކޮންފިޑެންސާ އެކު ހުރި ނަމަވެސް، މިހާރު އޮތް ޓީމާ އެކު ބޮޑަށް ވިސްނަން ޖެހޭނީ ވީ އެންމެ ރަނގަޅަށް މަސައްކަތް ކުރުމަށް ކަމަށެވެ. 

"އަހަރެން ބައެެއް ފަހަރު ކުޅުންތެރިން ކައިރީގައި ބުނަމުން މި އަންނަނީ، އެންމެ ރަނގަޅަށް ހުރިހާ ކަމެއް ކުރުމަށް ވުރެން، ކުރަން ޖެހޭ ކަންކަން ރަނގަޅަށް ކުރަން އިސްކަންދޭން،" އުރްބާނީ ބުންޏެވެ. 

ޒުވާން ކުޅުންތެރިންތަކެއް ލައިގެން މުސްތަގުބަލަށް ޓީމެއް ތައްޔާރުކުރަން މަސައްކަތް ކުރަމުން އައި ކަމަށާއި އެކަމަކު، ސާފް ޗެމްޕިއަންޝިޕާ ދުވަސް ގާތްވަމުން އައިިއިރު، ސީނިއާ ކުޅުންތެރިން އިތުރަށް ޓީމަށް ގެނެވޭތޯ މަސައްކަތް ކުރި ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. 

"ތަޖުރިބާކާރު ކުޅުންތެރިން ގެންނަން އަހަރެން ބޭނުންވި، ލީގުގެ ޓޮޕްސްކޯރާ އަހަރެންގެ މެސެޖަށް ޖަވާބެއް ނުދިން، ދެން، ތަޖުރިބާކާރު ކުޅުންތެރިން ކައިރީގައި އަހާލިއިރު، އާއިލާ ގޮވައިގެން ތައިލެންޑަށް ޗުއްޓީ އަށް ދާން ޓިކެޓް ނަގައިގެން ތިބީ. އެ މީހުންނަށް ވެސް ނާދެވުނު،" އުރްބާނީ ބުންޏެވެ. 

"މިއީ، އަހަރެން ކުރިން ރާއްޖޭގައި ހުރިއިރު ދިމާވި ކަންކަމެއް ނޫން. ގައުމީ ޓީމަށް ކުޅުމަކީ ވަރަށް ބޮޑު ޝަރަފަކަށް ވެފައި އޮތީ،" 

އުރްބާނީ ބުނީ، މިހާރު އޮތް ގައުމީ ޓީމުގައި ތިބި ކުޅުންތެރިންނާ އެކު ކުރެވުނު އެންމެ ބޮޑަށް މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. އަދި، ޕާކިސްތާނާ ދެކޮޅަށް ކުުޅުނު ވަރުގަދަ މެޗަށް ފަހު، ބައެއް ކުޅުންެތރިން ކުދިކުދި އަނިޔާތަކެއްގައި ހުރި ނަމަވެސް ކޮންމެ ކުޅުންތެރިއެއް ގާތުގައި އަހާލިޔަސް މެޗަށް ތައްޔާރުކަމަށް ބުނާ ކަމަށް އުރްބާނީ ވަނީ ފާހަގަކޮށްފަ އެވެ. 

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާއި 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި އުރްބާނީ ކުރިމަތިލި 11 މެޗުގެ ތެރެއިން ރާއްޖެ މޮޅުވީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ އަތުންެނެވެ. ހަތް މެޗުން ބަލިވިއިރު، ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. 

އުރްބާނީގެ ކޯޗުކަމުގައި ސީނިއާ ގައުމީ ޓީމުން ކުޅުނު އަށް މެޗުގެ ތެރެއިން ޖެހީ ތިން ލަނޑެވެ. އޭގެ ތެރެއިން ދެ ލަނޑު ޖެހީ ޕެނަލްޓީންނެވެ. ލަނޑުތައް ޖަހާފައިވަނީ، މާޗް މަހު، ޓިމޯ ލެސްޓޭ ކޮޅަށް މުހައްމަދު އިރުފާން (އިރޭ) އާއި ސެންޓޭގެ ޕެނަލްޓީ އަކާއި ޖޫން މަހު ޑައިމަންޑް ޖުބިލީ މުބާރާތުގައި ބަންގްލަދޭޝް 23 އަހަރުން ދަށުގެ ޓީމު ކޮޅަށް ސެންޓޭ ޖެހި ޕެނަލްޓީ އެވެ. 

އެންމެ ފަހުން، ގައުމީ ޓީމުން ކުޅުނު ހަތަރު މެޗުގައި ބަލިވީ ލަނޑެއް ވެސް ނުޖެހި އެވެ. އެ ހަތަރު މެޗުގައި، ޗައިނާ، ކިރްގިސްތާން، ލެބަަަނަން އަދި ޕާކިސްތާނުން ރާއްޖެ ކޮޅަށް 17 ލަނޑު ޖެހި އެވެ. 

އިންޑިއާ އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިއަދު 14:30 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox