ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ސްޓޭޖުގެ ދެ ވަަނަ މެޗުން 3-0 އިން ރާއްޖެ ބަލިކޮށް ސެމީ ފައިނަލުގެ ޖާގަ ޔަގީންކޮށްފައިވީ ނަމަވެސް ޕާކިސްތާނުން އަދި މުބާރާތުގެ ތަށްޓާ މެދު ނުވިސްނާ ކަމަށް އެ ޓީމުގެ ކޯޗު ނޮލްބާޓޯ ސޮލާނޯ ބުނެފި އެވެ.
ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަަންޝިޕްގެ ގްރޫޕް ބީގައި ޕާކިސްތާނުން ކުޅުނު ފުރަތަމަ މެޗުން އިންޑިއާ އަތުން ވަނީ 3-2 އިން ބަލިވެފަ އެވެ. ތިން ޓީމު ވާދަކުރާ ގްރޫޕްގެ ދެ ވަނަ މެޗަށް ޕާކިސްތާނުން ރާއްޖެއާ ދެކޮޅަށް ނުކުތީ މުބާރާތުގައި ކުރިއަށްދިއުމަށްޓަކައި ނަތީޖާ ނެރުން މަޖުބޫރު ކުރިމަތިލުމަކަށެވެ. އެ މެޗުން ރަނގަޅު ނަތީޖާ އަކުން މޮޅުވެ، ޕާކިސްތާނުން ވަނީ ގްރޫޕްގެ ފަހު މެޗުގެ ނަތީޖާ އަށް ބަލަން ނުޖެހި ސެމީ ޔަގީންކޮށްފަ އެވެ. ގްރޫޕްގެ ފަހު މެޗުގައި މާދަމާ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާނެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކަށް ކުރިން ކުޅެ، ޕެރޫގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކޮށްފައިވާ ސޮލާނޯ ބުނީ، ބަންގްލަދޭޝް އަށް ދަތުރުކުރުމަށް ފަހު، ދެ ދުވަހުގެ ޕްރެކްޓިސް ވެސް ގެއްލިފައި ވަނިކޮށް، އެ ޓީމުން ފުރަތަމަ މެޗުގައި ކުޅެން ޖެހުމުން އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. އެކަމަކު، ދެ ވަަނަ މެޗަށް ރާއްޖެއާ ކުޅެން ނުކުތްއިރު، މާހައުލަށް ހޭނުމާއި ހުރިހާ ކަމެއް ރަނގަޅަށް ހުުރުމުން ނަތީޖާ ނެރެން ފަސޭހަވީ ކަމަށް ސޮލާނޯ ވަނީ ބުނެފަ އެވެ.
އޭނާ ބުނީ، މުބާރާތުގައި ކުރިއަށްދާން ފުރުސަތު ލިބުމަކީ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށެވެ. މިއީ، ޕާކިސްތާނުން އަށް އަހަރަށް ފަހު ސާފްގެ ސެމީ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެ ޓީމުން ސެމީ ފައިނަލުގައި ކުޅުނީ 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގަ އެވެ.
"ސެމީ ފައިނަލުގައި ކޮންމެ މެޗެއް ޖެހުނު ކަމުގައި ވިޔަސް އަހަރެމެން ޖެހޭނީ ތައްޔާރުވާން. ކޮންމެ ފިޔަވަޅެއް ކުރިއަށްދާން ވެސް އުނދަގޫތަކެއް ހުންނާނެ. އަހަރެންގެ އުންމީދަކީ ވަރަށް ރަނގަޅު ސެމީ ފައިނަލް މެޗެއް ކުޅުން. މައިގަނޑު އަމާޒަކީ ފައިނަލަށް ދިއުން، އެ އަށް ވުރެން ދުރަށް މި ވަގުތު ވިސްނެން ނެތް،" ސޮލާނޯ ބުންޏެވެ.
ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަަގަކުރަން ޖޫން މަހު މާލޭގައި ބޭއްވި ޑައިމަންޑް ޖުބިލީ މުބާރާތުގެ ތަށި ހޯދީ ޕާކިސްތާނުންނެވެ. މިއީ، ފުޓްބޯޅައިގައި މިދިޔަ 35 އަހަރު ތެރޭ އެ ގައުމަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. ސާފް ޗެމްޕިއަންޝިޕެއްގައި މިހާތަނަށް ޕާކިސްތާނަށް އެންމެ ދުރަށް ދެވުނީ ސެމީ ފައިނަލާ ހަމައަށެވެ. އެއީ، 2018 ގެ އިތުރުން 2005 ވަނަ އަހަރު އެވެ.
މި ފަހަރުގެ ސެމީ ފައިނަލުގައި ޕާކިސްތާނާ ޖެހޭ ޓީމެއް އެނގޭނީ މާދަމާ ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ފަހު އެވެ. ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗާއި ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗުގައި، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރާނެ އެވެ.
ފީފާ ބްރޭކް އޮތީ އިއްޔެ އިން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވާތީވެ، މިހާތަނަށް މުބާރާތުގައި ކުުޅުނު ގިނަ މެޗުތަކަށް ޕްރޮފެޝަނަލް ކްލަބްތަކުން ކުޅުންތެރިން ރިލީސްކޮށްފައިނުވެ އެވެ. އެއީ، އެ ކްލަބްތަކުގެ މެޗުތައް ކުޅެން ޖެހޭތީ އެވެ. އެ ގޮތުން، ޕާކިސްތާނުން ގްރޫޕް ސްޓޭޖު ނިންމާލީ ޔޫރަޕްގެ ކްލަބްތަކަށް ކުޅޭ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅޭ މުހިންމު ކުޅުންތެރިން ނުލަ އެވެ. އެކަމަކު، ސެމީ ފައިނަލަށް އެ ކުޅުންތެރިން ޓީމާ ގުޅޭނެ އެވެ.







