ރަސްމާލެ ވިއްކުމާ ދެކޮޅަށް އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވަން ނިންމާފައިވާ ބޮޑު އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓުގެ އިސް ދައުރެއް އަދާކުރައްވާ، އަދި ޔާމީންގެ ސިޔާސީ މަސައްކަތްތަކުގައި އެންމެ އަރިހުގައި އުޅުއްވާ މަލީހު ޖަމާލް އެކަން އަދަދު އަށް ކަށަވަރުކޮށްދެއްވި އެވެ.
"އާދެ، ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ހިންގާ ހުރިހާ ހަރަކާތެއްގައި އެންމެ ކުރީ ސަފުގައި ރައީސް ޔާމީން ހުންނަވާނެ، ހުކުރު ދުވަހު ބާއްވާ ރެލީގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ،" މަލީހު ވިދާޅުވި އެވެ.
މި މަހު 6، ގައި ބާއްވަން ތާވަލުކުރި އެއްވުން އަންނަ ހުކުރު ދުވަހަށް ފަސްކުރީ އެ ހަރަކާތާ އިދިކޮޅު އެމްޑީޕީން ގުޅުމުން ކަމަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދައިފައިވާ ގައުމީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ އިމްރާން އަބްދުﷲ ވިދާޅުވި އެވެ.
ރަސްމާލެ ވިއްކާލުމަށް ދެކޮޅުވާ މީހުން އިތުރުވަމުންދާތީ ސަރުކާރާއި އީގަލް ހިލްސްވެސް މިހާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައިކަމަށް އިމްރާން ވިދާޅުވިއެވެ.
ރަސްމާލެ ވިއްކައިލުމާ ދެކޮޅަށް ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުން އަންނައިރު، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ދަނީ ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންނެވެ. ރަސްމާލެ ޑީލު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެންނަން މިދިޔަ ހޯމަ ދުވަހު ވަނީ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރުން ހުއްޓާލިކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ. ދާއިމީ އެއްބަސްވުމުގައި މި ނޮވެމްބަރު މަހު ސޮއިކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.








