ޔަހޫދީންނާ އާދަޔާ ހިލާފު ގާތް ގުޅުމެއް އޮންނަ ޔޫއޭއީގެ މުހައްމަދު އަލައްބާރަށް ރަސްމާެލެއިން 500 ހެކްޓަރު ދިނުމަކީ ރާއްޖޭގެ ސަރަހައްދަށް ބަދަލު އަންނާނެ ކަމެއް ކަމަށާއި އޭގެ ސަބަބުން ދިވެހި ދައުލަތުގެ ތެރޭގައި ވަކި އެހެން ދައުލަތެއް އުފެދޭނެ ކަމަށް އެ މަޝްރޫއުއާ ދެކޮޅަށް ފަށާފައިވާ ގައުމީ ހަރަކާތުގެ ތަރުޖަމާނު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
އަންނަ ހުކުރު ދުވަހުގެ ރޭ އެ ހަރަކާތުގެ ފަރާތުން އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވަނީ އެ މަޝްރޫއު ކުރިއަށްގެންދަން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއަށްވުރެ މާ ކުޑަ ކަންކަމުގައި މި ސަރުކާރުން ފެންނަނުފެންނަ ވޯޓު ވަނީ ނަގާފަ އެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީއިން ވަކިވުމަށް ބައެއް ރަށްރަށުގެ މެދުގައި ނެގުނު ވޯޓުތައް އޭނާ ފާހަގަކުރެއްވި އެވެ. އަދި، ރިޔާސީ ދައުރު ފެށޭ ދުވަހަކީ ނޮވެމްބަރު 11، ކަމުގައި ހެދުމަށް ފެންނަނުފެންނަ ވޯޓެއް ނަގަން މުއިއްޒު ވިދާޅުވެފައިވާކަން އަލީ ހުސެއިން ފާހަގަކުރެއްވި އެވެ.
އެފަދަ ވޯޓެއް ނަގަން ޖެހޭ އަނެއް ސަބަބަކީ ރަސްމާލެ ޑީލާއެކު ރާއްޖޭގެ ސަރަހައްދަށް ބަދަލުތަކެއް އަންނާތީ ކަމަށް އަލީ ވިދާޅުވި އެވެ. އޭގެ ސަބަބުން ދައުލަތެއްގެ ތެރޭގައި އިތުރު ދައުލަތެއް އުފެދުމުގެ ފުރުސަތު އޮތް ކަމަށް އަލީ ވިދާޅުވި އެވެ.
"ދިވެހި ދައުލަތުގެ ތެރޭގައި އެހެން ބައެއްގެ ބާރު ހިނގާ، ގާތްގަނޑަކަށް ތިން މާލޭގެ ވަރުގެ ބޮޑު ސަރަހައްދެއް އޮންނަ ކަމަށްވަންޏާ އެއީ ދިވެހިރާއްޖޭގެ ސަރަހައްދަށް އަންނަ ވަރަށް ބޮޑު ބަދަލެއް. އެ ބަދަލު އަންނަނީ ގިނަ ސަބަބުތަކަށްޓަކައި، ފުރަތަމަ ކަމަކަށް ޒަމާނުއްސުރެ ރާއްޖޭގެ ބިމުގެ މިލްކުވެރިކަމަކީ ދިވެހީންނަށް، ދިވެހި ދައުލަތަށް، ދިވެހި ރައްޔިތުންނަށް، ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އަތުގައި ރާއްޖޭގެ މިލްކުވެރިކަން މި އޮތީ،" އަލީ ވިދާޅުވި އެވެ.
ރަސްމާލޭގެ މަޝްރޫއުއަށް މަގުފަހިކުރުމަށް ހުށަހެޅި ރިއަލް އެސްޓޭޓު ބިލުގައި އޮތީ ގާނޫނުއަސާސީން ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައި ވަނިކޮށް، އެ ހިމާޔަތް ފަހަނައަޅައި ގޮސް "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލް މެދުވެރިކޮށް ތާއަބަދަށް ލީސް އާވާ ގޮތަށެވެ.
"ރާއްޖޭގެ މިލްކުވެރިކަން އެހެން ފަރާތަކަށް ފުރޮޅޭ ކަމަށްވަންޏާ އެއީ ދިވެހިރާއްޖޭގެ ސަރަހައްދަށް އަންނަ ބަދަލެއް. އެހެންވީމާ މި ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް އުފެދެން މި އުޅެނީ. އެކަން އެނގެނީ މިހާރު ހުށަހަޅާފައިވާ އޮތް ރިއަލް އެސްޓޭޓު ބިލުން،" އަލީ ވިދާޅުވި އެވެ.
އެ ބިލުގެ 89 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ހާއްސަ ޒޯނުގައިވާ އެޕާޓްމަންޓްތަކާއި ޕްރޮޕަޓީތަކުގެ ލީސްހޯލްޑް ބޭރު މީހުންނަށް 99 އަހަރަށް ވިއްކޭނެ ކަމަށެވެ. އަދި ބޭރު މީހަކު މާސްޓާ ޑިވެލޮޕަރުގެ އަތުން ތަނެއް ގަތުމުން، ލިބެނީ ކުރީގެ ލީސްގެ ބާކީ އޮތް މުއްދަތެއް ނޫނެވެ.
އޭގެ ބަދަލުގައި، ކުރީގެ ލީސް ސަރުކާރަށް ދޫކޮށްލުމުން، ގަތް ފަރާތަށް ސީދާ އާ 99 އަހަރުގެ ލީސްއެއް އޮތޯރިޓީން ދޫކުރަން ޖެހޭނެ އެވެ. ބިލުގެ 78 ވަނަ މާއްދާގެ ށ. ގައިވާ ގޮތުން، މާސްޓާ ޑިވެލޮޕަރުގެ މުއްދަތު ހަމަވި ނަމަވެސް އެ ގޮތަށް ދޫކުރާ ލީސް ދެމިއޮންނާނެ އެވެ.
މި މޮޑެލްގެ ދަށުން ގަންނަ ބޭރު މީހުންނަށް އެ ޕްރޮޕަޓީ އެހެން ފަރާތްތަކަށް އަލުން ވިއްކުމާއި، ބޭންކުތަކަށް ރަހުނުކުރުމުގެ ފުރިހަމަ އިހުތިޔާރު ލިބިގެންދެ އެވެ. އެހެންކަމުން މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް ގެނައި އިންތިޒާމެއް ކަމަށް ބެލެވެ އެވެ.








