ރާއްޖޭގައި ވެރިކަން ކުރަންވާނީ ފުރިހަމަ ލާމަރުކަޒީ ނިޒާމަކުން ކަމަށާއި، ރަށުގެ ކައުންސިލުގެ ރުހުމާއި މަޝްވަރާއާ ނުލައި، ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއްގެ ދަށުން ރަށްރަށުގެ ބިމާއި ފަޅުތައް "ޓަސްލާފައި" ނެގިގެން ނުވާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕްރައިމަރީގައި ވާދަކުރައްވާ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ފައްޔާޒު އަންނަނީ ހއ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވަމުންނެވެ. އެ އަތޮޅު މުރައިދޫގައި ފައްޔާޒުގެ ކެމްޕޭނުގެ ފަރާތުން ވަނީ ސިޔާސަތު ވޯކްޝޮޕެއް ކުރިއަށްގެންގޮސްފަ އެވެ.
އެ ވޯކްޝޮޕުގައި ފައްޔާޒު ވިދާޅުވީ, ލާމަރުކަޒީ ނިޒާމުގެ އަސްލަކީ ރަށުގެ ހެލްތު ސެންޓަރާއި، ސްކޫލާއި, އިންޖީނުގޭގެ އިތުރުން ރަށުގެ ހުރިހާ ބިމެއްގެ މައްޗަށް ބާރު ހިންގުމުގެ އިހްތިޔާރު ކައުންސިލްތަކަށް ލިބުން ކަމަށެވެ.
އެގޮތުން، މާލޭގައި އޮންނަ މައި ސަރުކާރުން އެއީ ކައުންސިލާ ބެހޭ ކަމެއް ނޫން ކަމަށް ބުނެ ބިންތައް އަތުލައިގެން ނުވާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ގަރާރު ނެރުއްވައިގެން ރަށްރަށުގެ ވަސީލަތްތައް އަތުލުން ހުއްޓާލަންޖެހޭ ކަމަށް މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.
"ސަރުކާރަކަށް ރައީސުލްޖުމްހޫރިއްޔާ ގަރާރެކޭ ކިޔާފަ ލިޔެފަ ޓަސްލާފަ މިތަނުގެ ފަޅުގެ މިވެނި ބައެއް މިހާރު ނަގައިފީމޭ، އެހެން ބުނެވިގެން ނުވާނެ. ކައުންސިލާ މަޝްވަރާ ކޮށްގެން ސަރުކާރުން ހޯދާ އެއްޗެއް ވެސް ހޯދަންވާނީ،" އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދަޅުވީ ރަށްރަށުގެ ހެލްތު ސެންޓަރުތައް ހިންގުންވެސް ކައުންސިލްތަކާ ހަވާލުކުރުމުން މާ ފުރިހަމައަށް ހިންގާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެގޮތުން، ސަރުކާރުގެ ހޮސްޕިޓަލްތަކަށްވުރެ މާ ރަނގަޅަށް އާންމު ކްލިނިކްތަކާއި ޕްރައިވެޓް ހޮސްޕިޓަލްތައް ހިންގާ ކަމަށް އޭނާ ވިދާޅުވި އެވެ. ކައުންސިލްތަކާ ހެލްތު ސެންޓަރުތައް ހަވާލުކުރުމުން ބޭސް ނުލިބިގެން މައި ސަރުކާރުން ފަހަތުން ދުވަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުމުގައި ޕަވަ ހައުސް އާއި ހެލްތު ސެންޓަރާއި ސްކޫލްތަކާ ހިންގާނީ ރަށު ކައުންސިލާ އަތޮޅު ކައުންސިލާ އެކުގަ. އެ ހުރިހާ ކަމެއްގެ މިލްކުވެރިކަން އަޅުގަނޑުމެން ބޭނުންވަނީ އަތޮޅު ކައުންސިލް އަޅުން އުފައްދާފަ އަތޮޅު ކައުންސިލަށް ދޭން،" ބޮޑު ބަދަލުގެ ސިޔާސަތުތައް ކިޔައިދެއްވަމުން ފައްޔާޒު ވިދާޅުވި އެވެ.
މިފަދަ ބޮޑު އިގުތިސާދީ އަދި އިދާރީ ބަދަލެއް ގެނައުމަކީ ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުމަށް އަންނާނެ ވަރަށް ބޮޑު ހެޔޮ ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފައްޔާޒް ހއ. އަތޮޅަށް ކުރައްވާ ދަތުރަކީ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ ދަތުރެކެވެ. މި ދަތުރުގައި ހއ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް ދޮރުން ދޮރަށް ހަރަކާތް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.







