ދުނިޔެ ނިމެނީ ކަމަށް ބުނެ ކަލްޓެއް އުފައްދައިގެން ކެންޔާގައި އުޅުނު ޕޯލް މެކެންޒީ، 191 މީހުން މަރާލިކަން ސާބިތުވުމާ ގުޅިގެން 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ. މެކެންޒީ މަރާލި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެންނަކީ ކުޑަކުދިންނެވެ.
މެކެންޒީއާ އެކު އިތުރު 28 މީހެއްގެ މައްޗަށް މީހުން މެރުމުގެ ކުށް ސާބިތުވެފައިވަނީ، "އީސާގެފާނާ ބައްދަލުކުރުމަށްޓަކައި" ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލުމަށް އެ ކަލްޓުގެ މެންބަރުންނަށް އަމުރުކުރި މައްސަލައިގަ އެވެ.
ދުނިޔޭގައި މިހާތަނަށް ހިނގި ކަލްޓް ހަރަކާތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ހާދިސާގެ ގޮތުގައި ބެލެވޭ މި މައްސަލައިގައި، ފަނޑިޔާރު ޑަޔާނާ މޮޗާޗޭ ވިދާޅުވީ، އަމިއްލައަށް ބަނޑަށް ހުރެ މަރުވުމަށް ތަބާވީ މީހުންނަށް އެކަމަށް އަމުރުކުރުމުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭނީ މެކެންޒީ ކަމަށެވެ.
ފަނޑިޔާރު އިތުރަށް ވިދާޅުވީ، މި ހުކުމަކީ އެކަށީގެންވާ އަދި އިންސާފުވެރި ހުކުމެއް ކަމަށާއި، މިފަދަ އަނިޔާވެރި އަމަލުތަކަށް ގާނޫނުގައި އޮތް އެންމެ ބޮޑު އަދަބު ދޭނެކަމުގެ ސާފު މެސެޖެއް މީގެ ސަބަބުން ލިބިގެންދާނެ ކަމަށެވެ.
އަމިއްލައަށް ނަސާރާ ދީނުގެ ފާދިރީއެއް ކަމަށް ދައުވާކުރާ މެކެންޒީ ހައްޔަރުކުރީ 2023 ވަނަ އަހަރު، ކެންޔާގެ އައްސޭރިފަށާ ކައިރީގައި އޮންނަ ޝަކަހޯލާ ޖަންގަލީގެ ތެރެއިން ވަޅުގަނޑުތަކަކުން 400 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ފެނުމާ ގުޅިގެންނެވެ. މި މައްސަލައިގައި މުޅި ކެންޔާ ސިއްސުވާލިއިރު، ބައިނަލްއަގުވާމީ ސަމާލުކަން ވެސް މިކަމަށް ހުއްޓުނެވެ.
ކޯޓުން މެކެންޒީގެ މައްޗަށް ހުކުމްކުރީ ގަސްތުގައި މީހުން މެރުމުގެ ކުށުގައި 100 އަހަރަށް، އަދި ބަނޑަށް ބައިތިއްބައިގެން މީހުން މެރުމާ ގުޅޭ ކުށްތަކުގައި އިތުރު 100 އަހަރަށް ޖަލަށްލުމަށެވެ.
މީގެ އިތުރުން މެކެންޒީގެ މައްޗަށް މީހުން މެރުމުގެ އަދި ޓެރަރިޒަމްގެ ވަކި ދައުވާތަކެއް ވެސް އުފުލާފައިވެ އެވެ. ނަމަވެސް އޭނާ ވަނީ އެ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.
ޕްރޮސިކިއުޓަރުން އެދިފައިވަނީ މެކެންޒީއަށް މަރުގެ އަދަބު ދިނުމަށެވެ. އެ ފަރާތްތަކުން ވަކާލާތުކުރީ މަރުވި މީހުންގެ އަދަދާއި ކަން ހިނގާފައިވާ ރަހުމްކުޑަ ގޮތަށް ބަލާއިރު، އޭނާއަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭންޖެހޭނެ ކަމަށެވެ.
މި މައްސަލައަކީ މަރުގެ އަދަބު ދެވިދާނެ ފަދަ މައްސަލައެއް ކަމަށް ނިންމެވި ނަމަވެސް، ފަނޑިޔާރު މޮޗާޗޭ ވަނީ މަރުގެ އަދަބު އިއްވަން އިންކާރު ކުރައްވާފަ އެވެ.
ފަނޑިޔާރު ވިދާޅުވީ އެއްވެސް މީހެއްގެ މައްޗަށް މަރުގެ އަދަބު އިއްވަން ކޯޓުން ބޭނުންނުވާ ކަމަށާއި، މަރުގެ އަދަބު ދިނުމަކީ ކުށްވެރިން އިސްލާހުވުމަށް އޮތް ފުރުސަތު ގެއްލިގެންދާނެ ކަމެއް ކަމަށެވެ. ކެންޔާގައި 1987 ވަނަ އަހަރުގެ ފަހުން މަރުގެ އަދަބު ތަންފީޒެއް ނުކުރެ އެވެ.
މެކެންޒީއާ އެކު ޝަރީއަތް ކުރެވުނު 28 މީހުންގެ ތެރޭގައި، އޭނާގެ އަމުރުތައް ތަންފީޒުކުރި ގާޑުންނާއި، މަރުވި މީހުންގެ ހަށިގަނޑުތައް ވަޅުލުމުގައި އެހީތެރިވި މީހުން ހިމެނެ އެވެ.
އެ މީހުންގެ މައްޗަށް ވެސް އެކި މުއްދަތުގެ ޖަލު ހުކުމްތައް އިއްވާފައިވާއިރު، ބައެއް މީހުން 160 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ފަނޑިޔާރު މޮޗާޗޭ މި ގަތުލްއާންމު ސިފަކުރެއްވީ "ރޭވުންތެރިކަމާއެކު ހިންގާފައިވާ ރަހުމްކުޑަ" އަމަލެއްގެ ގޮތުގަ އެވެ. އަދި ކުށްވެރިންގެ ކިބައިން އެއްވެސް ވަރެއްގެ ހިތާމައެއް ފެނިފައިނުވާ ކަމަށާއި، އޭގެ ބަދަލުގައި އެ މީހުން އަމިއްލައަށް ވެސް ބަނޑަށް ހުރެ މަރުވާން ތައްޔާރަށް ތިބިކަން ހާމަކޮށްފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.







