ލިޒްބަން، ޕޯޗުގަލް (ނޮވެމްބަރު 6) - ކްރިސްޓިއާނޯ ރޮނާލްޑޯ، ޕޯޗުގަލް އިން ރިޓަޔާކުރީ އޭނާގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް ކަމަށް ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސް ބުނެފި އެވެ.
އުމުރުން، 41 އަހަރުގެ ރޮނާލްޑޯ، ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރީ ސޯޝަލް މީޑިއާ އަށް ދޫކޮށްލި ވީޑިއޯ މެސެޖެއް މެދުވެރިކޮށެވެ. އޭނާ މި ވަގުތު ހުރީ ޕޯޗުގަލް ގައުމީ ކޭމްޕުން އަމިއްލަ އަށް ދޫކޮށްދިއުމުގެ ސަބަބުން ދިން ސަސްޕެންޝަނެއްގަ އެވެ. ރޮނާލްޑޯ، އެންމެ ފަހުން ކުރިއަށްދިޔަ އިންޓަނޭޝަނަލް ބްރޭކުގެ ތެރެއިން ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްދިޔައީ ޖީސުސްގެ ނިންމުންތަކަކާ މެދު ހިތްހަމަނުޖެހިގެންނެވެ. އެއީ، ބައެއް މެޗުތަކުގައި އޭނާ ބޭނުންކުރަން ނިންމި ގޮތާ އެއްގޮތަށް ޖީސުސް އަމަލުކޮށްފައިނުވާތީ އެވެ.
ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް
ރޮނާލްޑޯގެ ރިޓަޔާމަންޓާ ގުޅޭގޮތުން، ޕޯޗުގަލްގެ މީޑިއާ އަކާ ވާހަކަ ދައްކަމުން ޖީސުސް ބުނީ، ގައުމީ ޓީމާ އެކު ކުރިއަށްދާން ރޮނާލްޑޯ ގާތުގައި އެދުނު ކަމަށެވެ.
"އެއީ އަހަރެން ބޭނުން އޭނަ (ރޮނާލްޑޯ) އަހަރެން ކައިރީގައި ހުންނަން. އެކަމަކު، އަހަރެން އެބަޖެހޭ އޭނަގެ ނިންމުން ވެސް ގަބޫލުކުރަން. އޭނަ އަަށް އަބަދުވެސް ޕޯޗުގީސް މީހުންގެ ހިތްތަކުން ޖާގަ އޮންނާނެ. އޭނަ އަބަދުވެސް ވާނީ ޕޯޗުގަލް ފުޓްބޯޅައިގެ ހާއްސަ ރަމްޒަކަށް،" ޖީސުސް ބުންޏެވެ.
ސޯޝަލް މީޑިއާ އަށް ދޫކޮށްލި ވީޑިއޯގައި ރޮނާލްޑޯ ބުނެފައިވަނީ 23 އަހަރު ގައުމީ ޓީމުގައި ހޭދަކުރިއިރު، ކޮންމެ ވަގުތެއް ވެސް ހޭދަކުރީ ފަހުރުވެރިކަމާ އެކުގައި ކަމަށެެވެ. އަދި، ޕޯޗުގަލްގެ ހަތް ނަމްބަރު ޖޯޒީގައި އެ ގައުމު ތަމްސީލްކުރިއިރު، އެއީ އޭނާގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ނުދެކި ގައުމު ތަމްސީލް ކުރުމަށްޓަކައި އަބަދުވެސް ކުރެވުނު ހުރިހާ ކަމެއް ކުރި ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
"މިއީ މުސްތަގުބަލަށް ފުރުސަތު ދޭން ވީ ވަގުތު. މިއީ އަހަންނަށް ފަސޭހަ ނިންމުމެއް ނޫން. އެކަމަކު، ވަރަށް ގިނަ ގޮތްގޮތުން ވިސްނުމަށް ފަހު މި ހިސާބަށް މި އައީ،" ރޮނާލްޑޯ ބުންޏެވެ.
ޕޯޗުގަލްއާ އެކު، 2003 ވަނަ އަހަރު ފެށި ދަތުރުގައި އޭނާ އަށް ގިނަ ކަންތައްތަކެއް ދަސްވި ކަމަށާއި ޖެހި ގޯލުތަކާއި ހެދި ރެކޯޑްތަކާއި ލިބުނު ޓްރޮފީތަކަށް ވުރެން ބޮޑަށް ހާސިލްވި އެއްޗަކީ ސަޕޯޓަރުންގެ ލޯބި ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
ޕޯޗުގަލްއާ އެކު، 2016 ވަނަ އަހަރުގެ ޔޫރޯގެ އިތުރުން ޔުއެފާ ނޭޝަންސް ލީގުގެ ދެ މުބާރާތް ކާމިޔާބުކުރި ރޮނާލްޑޯ އަތުގައި ގައުމީ ޓީމަށް ލަނޑު ޖެހުމުގެ ދުނިޔޭގެ ފުޓްބޯޅައިގެ ރެކޯޑް އެބައޮތެވެ. ހަ ވޯލްޑް ކަޕެއްގައި ޕޯޗުގަލް އަށް ކުޅެދިން ރޮނާލްޑޯ ވަނީ، ގައުމީ ޓީމަށް ކުޅެދިން، 234 މެޗުން 146 ލަނޑު ޖަހައިފަ އެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މިދިޔަ ޖޫން/ޖުލައި މަހު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕަށް ފަހު ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުން ރިޓަޔާކުރަން ވިސްނި ކަމަށް ރޮނާލްޑޯ ވަނީ މި ފަހަރުގެ ނޭޝަންސް ލީގާ ދިމާކޮށް ގައުމީ ޓީމާ ގުޅުމަށް ފަހު ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ. އޭގެ ފަހުން، މި ދިމާވި ކަންތައްތަކަށް ފަހު، ރޮނާލްޑޯ މި ވަނީ ގައުމީ ޓީމުގެ ކެރިއަރު ނިންމާލައިފަ އެވެ.
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ރޮނާލްޑޯގެ ވަދާއީ މެޗަކާއި އިވެންޓެއްގެ ކަންކަން ކުރިއަށްދާނެކަން އިއުލާނުކޮށްފަ އެވެ.







