ލިޒްބަން (އޮކްޓޫބަރު 5) - އަމިއްލަ ސަބަބެއްގައި ޕޯޗުގަލްގެ ކޭމްޕް ދޫކޮށްދިޔަ 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ އަމިއްލަ ކެރިއަރާ މެދު ގޮތެއް ނިންމަން ޖެހޭ ކަމަށް ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސޫސް ބުނެފި އެވެ.
މި ފަހަރުގެ ނޭޝަންސް ލީގުގައި ޕޯޗުގަލް އިން ކުޅުނު ފުރަތަމަ މެޗުގައި ވޭލްސްއާ ދެކޮޅަށް، ރޮނާލްޑޯ ވަނީ ކުޅެފަ އެވެ. އެކަމަކު، ދެ ވަނަ މެޗުގައި ނޯވޭއާ ދެކޮޅަށް ރޮނާލްޑޯ އަށް އެއްވެސް ވަގުތެއްގައި ކުޅެން ފުރުސަތު ނުލިބޭއިރު، ކުޅެން އެރުމަށްޓަކައި، 20-30 މިނިޓް އޭނާ ވޯމްއަޕް ކުރި އެވެ. ކަންކަން މިހެން ދިމާވެފައި އޮއްވައި، ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ކޯޗު، ޖީސޫސް އާއި ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަން ރައީސް، ޕެޑްރޯ ޕްރޮެންކާއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ޓީމުގެ ކޭމްޕް ދޫކޮށްލައިފަ އެވެ.
ރޮނާލްޑޯ ނުލައި ކުޅުނު މެޗުން ޕޯޗުގަލް އިން ވަނީ 4-2 އިން ޑެންމާކް ބަލިކޮށްފަ އެވެ. އަދި، ދެ ވަނަ މެޗުން ރޭ ވަނީ ނޯވޭ އަތުން ޕޯޗުގަލް ވަނީ 2-1 އިން މޮޅުވެފަ އެވެ. އެ މެޗަށް ފަހު، ޖީސޫސް ވަނީ ރޮނާލްޑޯއާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.
ސައުދީ ޕްރޯ ލީގުގައި، އަލް ނަސްރުގައި ރޮނާލްޑޯއާ އެކު މަސައްކަތްކުރި ޖީސޫސް ބުނީ، ގައުމީ ޓީމަށް އެނބުރި އަންނަން ރޮނާލްޑޯ އަށް ފުރުސަތު އޮންނާނެ ކަމަށެވެ.
"ރޮނާލްޑޯ އަމިއްލަ ދިރިއުޅުމުގައި ކަންކަން ކުރަން ޖެހޭ ގޮތެއް އަމިއްލަ އަށް ނިންމަންޖެހޭ. އަހަރެން ދެކޭގޮތުގައި އެރީ އޮޅުމެއް. އަހަރެން މި ހުރީ ކުރިއަށްދާން ތައްޔާރަށް،" ޖީސޫސް ބުންޏެވެ.
ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލި ސަބަބާ ގުޅޭގޮތުން ރޮނާލްޑޯ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، ޖީސޫސް އާއި ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަން ރައީސް، ޕެެޑްރޯ ޕްރޮއެންކާއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.
"ވަގުތު ޖެހުނީމަ އަހަރެން ޕޯޗުގަލްގެ ރައްޔިތުންނަށް ހިއްސާކުރާނަން އަހަރެން މި ނިންމުން ނިންމަން މެދުވެރިވި ސަބަބު. އަަބަދުވެސް އަހަރެން ގައުމީ ޓީމާ އެކު ހުރެފައި މި ގޮތަށް މިކަން ކުރަންޖެހުނީ ކީއްވެކަން،" ރޮނާލްޑޯ ލިޔެފައިވެ އެވެ.
"މި ވަގުުތަކީ ޕޯޗުގަލް އާއި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އިތުރު ކަމެއްގެ ވާހަކަ ދެއްކުމެއް ނެތި ކާމިޔާބަށް އެދެންޖެހޭނެ ވަގުތެއް،"
މީގެ 22 އަހަރު ކުރިން ޕޯޗުގަލް އަށް ކުޅެން ފެށި ރޮނާލްޑޯ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ. ހަ ވޯލްޑް ކަޕެއްގައި ޕޯޗުގަލް އަށް ކުޅެދިން ރޮނާލްޑޯ ވަނީ، ގައުމީ ޓީމަށް ކުޅެދިން، 234 މެޗުން 146 ލަނޑު ޖަހައިފަ އެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މިދިޔަ ޖޫން/ޖުލައި މަހު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕަށް ފަހު ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުން ރިޓަޔާކުރަން ވިސްނި ކަމަށް ރޮނާލްޑޯ ވަނީ މި ފަހަރުގެ ނޭޝަންސް ލީގާ ދިމާކޮށް ގައުމީ ޓީމާ ގުޅުމަށް ފަހު ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ. ޕޯޗުގަލް، ވޯލްޑް ކަޕުން ކެޓީ ގަދަ 16 ބުރުގައި ސްޕެއިން އަތުން ބަލިވެގެންނެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެސް ސްޕެއިނުންނެވެ.
އެ އިންޓަވިއުގައި ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމުުން އޭނާގެ ބޭނުންހިފަން ބޭނުންވި މުއްދަތަކަށް ޓީމާ އެކު ކުރިއަށްދާނެ ކަމަށް ބުނެފަ އެވެ. އަދި، މިހާރު ވެސް އޭނާގެ މުހިންމުކަން ޓީމަށް ބޮޑު ކަމަށް ވެސް ރޮނާލްޑޯ ބުނެފައިވެ އެވެ.
ޕޯޗުގަލްގެ ގައުމީ ޓީމުގެ ޑިސިޕްލިނަރީ ކޯޑުގައިވާ ގޮތުން، މަގުބޫލު އުޒުރެއް ދެއްކުމެއް ނެތި ގައުމީ ޓީމުގެ ކޭމްޕްގައި ހުރެފައި، އަމިއްލަ އަށް ކޭމްޕް ދޫކުރުމަކީ އަދަބެއް އަންނާނެ ކަމެކެވެ. އެ ގަވާއިދުގެ ތެރެއިން މި ކަހަލަ ކުށަކަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަ މަހަށް ގައުމީ ޓީމުގެ މެޗުތަކުން ސަސްޕެންޑް ކުރުމެވެ.
ރޮނާލްޑޯއާ މެދު ކަންތައް ކުރާނެ ގޮތެއް ޕޯޗުގަލް މެނޭޖްމަންޓުން ވަރަށް އަަވަހަށް ނިންމާނެ އެވެ.












