ޕާކިސްތާނުން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވަން އުޅުނު ނަމަ ގަބޫލުނުކުރައްވާ އެކަމާ ދެކޮޅު ހައްދަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ޕާކިސްތާނުން މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްކަން އަރުވަން ޖެހުނީ ކޮން ގޮތަކުން ކަމެއް ނުވިސްނޭ ކަމަށެވެ. އެ ހުށަހެޅުން އެމަނިކުފާނަށް އަރުވަން ޕާކިސްތާނުން އުޅުނުނަމަ އެކަމާ ދެކޮޅު ހެދީސް ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ހިތާމަ ކުރަން އެނގޭތޯ. އަޅުގަނޑުގެ ޕްރޮޓެސްޓް އެބަ ލޮޖްކުރަން އެނގޭތޯ. ޕާކިސްތާނުން އެ ވިސްނި ވިސްނުމަށް ބަލާފައި ސޯޝިއޯ އިކޮނޮމިކް އޭ ކިޔާފައި ކޮން ގޮތަކަށްތޯ މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެ ރިކޮގްނައިޒްކުރަން ޖެހުނީ ކޮންގޮތަކުންތޯ. އެމީހުން ރާއްޖޭގައި މި ހިނގާ ކަންކަން ދިރާސާކޮށްލާތޯ،" ޔާމީން ވިދާޅުވި އެވެ.
"ގައުމުގެ ވެރިޔަކު ތަނަކަށް ޒިޔާރަތްކުރިޔަސް އޭނަގެ ނެތް ކްރެޑެންޝިއަލްއެއްގެ ވާހަކަ ދައްކާފައި ދިނީމަ އެ ދޭ ބައެއްގެ އަގު ވެއްޓެނީ އެނގޭތޯ. އަޅުގަނޑު މިދެންނެވީ އެނގޭތޯ. ދެން އަޅުގަނޑު ދެކޮޅު ހަދާނަން އެމީހުން އަޅުގަނޑަށް އޮނަރަރީ ޑޮކްޓަރޭޓްކަން އޮފާކުރަން އުޅެންޔާ އެނގޭތޯ. އަޅުގަނޑަށް އެނގޭ އެއީ ތަނަކުން ތަނަކު ޖެހޭ އެއްޗެއް ނޫންކަން."
ޔާމީން ވިދާޅުވީ ރާއްޖޭގައި ޕާކިސްތާނުގެ އެމްބަސީއެއް ހުރިއިރު، މުއިއްޒު ކަންތައް ކުރައްވަމުންދާ ގޮތް އެ ގައުމަށް އެނގެން ޖެހޭނެ ކަމަށާއި މި ގައުމުގައި ދައްކަމުންދަނީ މުއިއްޒު މީހުންގެ ލޭބޯ ވާހަކަ ކަމަށެވެ.

މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވީ ޕާކިސްތާނުގެ ވެރިރަށް، އިސްލާމްއާބާދުގައި ހުންނަ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންނެވެ.
އެ ޔުނިވާސިޓީން މުއިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓުގެ ޝަރަފު އަރުވާފައި ވަނީ ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިންނެވެ. އެމަނިކުފާނަށް އެ ޝަރަފު އެރުވީ ޕާކިސްތާނުގެ ބޮޑުވަޒީރު، ޝެހްބާޒް ޝަރީފުގެ ރަސްމީ ގެކޮޅުގަ އެވެ.













