މާލޭގެ މަގުތަކުގައި އޮތް ތޮއްޖެހުމާއި ބާރުބޮޑުވުމުގެ ޒަމާންވީ މައްސަލައަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި ހައްލެއް ހޯދުމުގެ ގޮތުން ޓްރެފިކް ނިޒާމް ޑިޖިޓަލްކޮށް ބަލަހައްޓާނެ ނިޒާމެއް ގާއިމުކުރަން ސަރުކާރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.
ސަރުކާރުން އޭއައިއާ ހަވާލުކޮށްގެން މި ފަދަ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފައި މިވަނީ އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނެއް އެކުލަވާލާ، އެ ގާނޫނުގެ ދަށުން މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދަން ހާއްސާ މަސައްކަތްތަކެއް ކުރަން ހިމަނާފައި ވާތީ އެެވެ.
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު ބަޔާން އިއްވަވަމުން ވިދާޅުވީ، މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދަން ޓެކްނޮލޮޖީގެ އެހީތެރިކަން ހޯދުން ކޮންމެހެން ބޭނުންތެރި ކަމަށެވެ. މި ގޮތުން މާލޭ ސަރަހައްދުގައި "ސްމާޓް ޓްރެފިކް އެންފޯސްމަންޓް ސިސްޓަމް" އެއް ގާއިމުކުރުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ އިތުރުން، މާލޭގެ ޓްރެފިކް ނިޒާމު ޒަމާނީ ފެންވަރަށް ބެލެހެއްޓުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން، ޓްރެފިކް ބެލެހެއްޓުން ޑިޖިޓަލައިޒްކޮށް، މިހާރަށް ވުރެ ކާމިޔާބު ނިޒާމަކަށް ހެދުމަށްޓަކައި "ސްމާޓް ޓްރެފިކް އެންފޯސްމަންޓް ސިސްޓަމް" ގާއިމުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައި." ޒަރީރު ވިދާޅުވި އެވެ.
އޭއައި ނިޒާމަށް ބޭނުންވާ ބަޖެޓުގެ އިތުރުން، "ގްރޭޓާ މާލޭ ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭން" ތަންފީޒުކުރުމަށް ބޭނުންވާ ބަޖެޓު ވެސް އަންނަ އަހަށް ހިމެނިފައި ވާނެ ކަމަށް ޒަރީރު ވިދާޅުވި އެވެ.

މި ޓްރެފިކް ސިސްޓަމްގެ މަސައްކަތަކީ، ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތާ ވެސް ގުޅޭ ކަމެކެވެ. މި ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި މި ކަމަށް ބޭނުންވާ ގިނަ މަސައްކަތްތަކެއް ޒަރީރު ވަނީ އިއުލާންކުރައްވާފަ އެވެ.
އޭގެ ތެރޭގައި ދައުލަތުގެ ޑޭޓާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ގާއިމުކުރާ "ނޭޝަނަލް ސޮވެރިން ކްލައުޑް ޑޭޓާ ސެންޓަރު" އަދި "ޑިޖިޓަލް އައިޑެންޓިފިކޭޝަން ސިސްޓަމެއް" ނުވަތަ ސްމާޓް ކާޑުގެ ނިޒާމެއް ތައާރަފުކުރުން ހިމެެނެ އެވެ. އަދި ޓެކްސް ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން
ޒަރީރު ވިދާޅުވީ އާންމު ރައްޔިތުންނަށް ދައުލަތުން ލިބޭ ހިދުމަތްތައް އަވަސްކުރުމަށާއި، ނަޒާހަތްތެރިކަން އިތުރުކޮށް ކޮރަޕްޝަން ހުއްޓުވުމަށްޓަކައި، ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ދައުލަތުގެ އޮފީސްތަކުގެ ހިދުމަތްތަކަށް ބަދަލު ގެނައުމަށް "މޯލްޑިވްސް 2.0" ތަންފީޒުކުރެވެމުންދާނެ ކަމަށެވެ.
ނަމަވެސް، މި ސިޔާސަތު ތަންފީޒުކުރުން ވަރަށް ލަސްކަން ފާހަގަކުރެވެ އެވެ. އެ ގޮތުން މިދިޔަ އަހަރު ބޮޑު ޖަލްސާއެއް ބާއްވާ، ޑިޖިޓަލައިޒޭޝަންގެ އިންގިލާބެއް އިއުލާންކުރިޔަސް މި އަހަރުގެ ތެރޭގައި މި ބުނާ ބޮޑު ޑިޖިޓަލް ބަދަލުގެ މާ ބޮޑު ކަމެއް ނުހިނގަ އެވެ.
ހަމަ މި ގޮތަށް ސަރުކާރުން އެ ބޭނުންވާ ގޮތަށް ޓްރެފިކް މެނޭޖުމަންޓް ޕްލޭން ތަންފީޒުކުރުމުގައި ވެސް ހުރަސްތަކެއް އެބަހުއްޓެވެ. މީގެ ތެރޭގައި އިދާރާތައް އެއް ވިއުގައެއްގެ ދަށުން ގުޅިފައި ނެތުމާއި، ސީސީޓީވީ ވިއުގައެއް ނެތުމާއި، އެ ގާނޫނުގައި ބުނާ ކަންކަން ތަންފީޒުކުރާނެ ވަސީލަތްތައް ނެތުން ފަދަ މައްސަލަތައް ވަނީ ފާހަގަކޮށްފަ އެވެ.
ގިނަ ބަޔަކު ބުނާ ގޮތުގައި މާލޭގެ އާބާދީ މި އޮތް ގޮތަށް އޮއްވާ މާލެއަށް ވެހިކަލް އެތެރެކުރުން ނުހުއްޓުވާ ނޫނީ މަދުނުކޮށް މި ކަން ހައްލުކުރެވޭނެ ގޮތެއް ނެތެވެ.












