ނުވަދިހަ އަށް ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 25 އަހަރަށް ޖަލަށް ލާފައި ހުރި އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން މުޖުތަމައަށް ދޫކޮށްލި މައްސަލައިގައި ކަންހިނގައިދިޔަ ގޮތް ހޯދަން އެދި މަޖިލީހުން ފޮނުވި ސިޓީއަށް، ކަންހިނގައިދިޔަ ގޮތުގެ އެއްވެސް ތަފުސީލެއް ނުހިމަނައި މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން ޖަވާބުދީފި އެވެ.
ޕެރޯލްގެ ދަށުން އަބުޗާ ދޫކޮށްލި މައްސަލައިގައި ކަންހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށް އެދި ކަރެކްޝަންސްއަށް ސިޓީއެއް ފޮނުވީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންނެވެ.
ޖުޑީޝަރީ ކޮމިޓީން ފޮނުވި އެ ސިޓީއަށް މިދިޔަ ބުރާސްފަތި ދުވަހު ކަރެކްޝަންސްއިން ދިން ޖަވާބުގައި އެ މައްސަލައިގެ އެއްވެސް ތަފުސީލެއް ހިމަނައިފައެއް ނުވެ އެވެ.
"ތިޔަ އިދާރާގެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތަށް، 25 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ އެއްވެސް ފަރާތެއް، އޮކްޓޫބަރު 1، 2026 ވަނަ ދުވަހު ޕެރޯލްގެ ދަށުން މުޖުތަމައުއަށް ދޫކޮށްފައި ނުވާކަމުގައި ދަންނަވަމެވެ،" ކަރެކްޝަންސް އިން ފޮނުވި ސިޓީގައި ބުންޏެވެ.
އެ ޖަވާބުގައި އަބުޗާ ދޫކޮށްލި މައްސަލައިގެ އެއްވެސް ތަފުސީލެއް ހިމަނައިފައި ނުވަނީ، ޖުޑީޝަރީ ކޮމިޓީން ފޮނުވި ސިޓީގައި އޭނާ ދޫކޮށްލިކަމަށް ލިޔެވިފައި އޮތް ތާރީހު ގޯސްވުމުންނެވެ. ޕެރޯލްގެ ދަށުން އަބުޗާ ދޫކޮށްލީ ސެޕްޓެމްބަރު 29، ގަ އެވެ.

ޖުޑީޝަރީ ކޮމިޓީގެ ސިޓީގައި އަބުޗާ ދޫކޮށްލި ތާރީހު ނުބައިކޮށް ލިޔެފައި އޮތް ނަމަވެސް، އެ ކޮމިޓީން އެދިފައި ވަނީ އަބުޗާ ދޫކޮށްލުމުގައި ކަން ހިނގައިފައިވާ ގޮތުގެ ތަފުސީލުކަން އެނގޭ މިންވަރަށް މައުލޫމާތު ހިމަނައިފައިވެ އެވެ.
އެގޮތުން، ދޫކޮށްލައިފައިވާ މީހާއަކީ 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެއް ކަމާއި އެ މީހާ ދޫކޮށްލަން ނިންމި ނިންމުމާ ގުޅިގެން ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން މަގާމުން ވަކިކުރި ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
އަދި، އެ މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު، އަލީ އިހުސާން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވި ކަމާއި ޕެރޯލްގެ ދަށުން އެ މައްސަލައިގައި ހިމެނޭ މީހަކު ދޫކޮށްލީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އަލުން އެ މީހަކު ހައްޔަރުކުރި ކަމަށް ވެސް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
އެއީ މި ފަހުގެ ތާރީހެއްގައި ހިނގާފައިވާ ކަންކަމެއް ނޫނެވެ. އެހެންކަމުން، އެ ސިޓީގައި ހޯދަން އެދިފައިވަނީ އަބުޗާ ދޫކޮށްލުމުގައި ކަން ހިނގާފައިވާ ގޮތްކަން ސާފުކޮށް އެނގެ އެވެ.
މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައި ވަނީ، އެ މައްސަލަ އިތުރަށް ނުބަލައި ފައިލް ކުރުމަށެވެ. އެގޮތަށް ފާސްކުރީ ވެރިކަންކުރާ ޕީއެންސީގެ މެންބަރުންނެވެ.












