ރާއްޖޭގައި މުދައްރިސުންނަށް ދޭންޖެހޭ ގަދަރާއި ލޯބި ނުދިނުމުގެ ނަތީޖާއެއްގެ ގޮތުން އެ ދާއިރާއިން ކިޔަވާނެ ކުއްޖަކު މިހާރު ނެތް ކަމަށް ކަނޑިތީމު ދާއިރާގެ މަޖިލިސް މެންބަރު، އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ތައުލީމީ ދާއިރާ ސިޔާސީ ނުފޫޒުން އެއްކިބާކޮށްގެން ކުރިއަރުވަން މަސައްކަތްކުރާ އެއްވެސް ސަރުކާރެއް މިއަދާ ހަމައަށް ނާންނަ ކަމަށެވެ. އަދި، އެކަން އެގޮތަށް ކުރަނީ ޓީޗަރުންގެ މައްޗަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި މިނިވަންކަމާއެކީގައި ތަނެއް ހިންގަންޏާމުން މި ރާއްޖޭގައި ހިންގަންވީ އެކިއުކޭޝަން މިނިސްޓްރީ، މިނިވަން މުއައްސަސާއަކަށް ނުވަތަ މިނިވަން އިދާރާއަކަށް ހަދަންވީ އެޑިއުކޭޝަން މިނިސްޓްރީ އިއްޒަތްތެރި ރައީސް، މިއަދު މި ރާއްޖެއަކު މުދައްރިސްކަން ކިޔަވާނެ ކުއްޖަކު ނެތް، ޔުނިވާސިޓީތައް ބަލައިލާ ކިތައް ކޯސްތޯ ކުރިއަށް ދަނީ، ހަގީގަތަކީ މުދައްރިއްސުންނަށް ދޭންޖެހޭ ގަދަރާއި ލޯބި ނުދެވުން އިއްޒަތްތެރި ރައީސް،" އަމީންފައިސަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދަނީ ގައުމީ ފެންވަރުގެ ކްރައިސިސްއަކަށް، އިއްޒަތްތެރި ރައީސް، ގައުމީ ފެންވަރުގެ ކްރައިސިސްއަކަށް މި ދަނީ، މިއީ ކީއްވެގެންތޯ؟ ސިޔާސީ ވެރިންގެ ބޯހަރުކަމުން."
އޭނާ ވިދާޅުވީ ޝަރުއީ ދާއިރާއަށް ދޭގޮތަށް ވަކި ބަޖެޓު ކަނޑައަޅައިފައި ތައުލީމީ ދާއިރާއަށް ދޭނަމަ، އޭގެ ފައިދާ ގައުމަށް މާބޮޑު ވާނެ ކަމަށެވެ. އަދި، ފުލުހުންނާއި ސިފައިންނަށް ދޭފަދަ ހެލްތު އިންޝުއަރެންސް ޕެކޭޖުތަކެއް ޓީޗަރުންނަށް ދޭނަމަ މި ގައުމު، މިއަށްވުރެ މާ ފާގަތި ދުވަސްތަކެއް ދެކޭނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ގައުމިއްޔަތު ކިޔަވައިދޭން ފެށީ ވެސް ސިޔާސީ ބޭނުމެއްގައި ކަމަށެވެ. މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭން ފެށުމުގެ ކުރިން ގައުމީ މަންހަޖުގައި ނެތް އެއްޗެއް މިއަދާ ހަމައަށް ވެސް ކިޔަވައިނުދޭ ކަމަށް އަމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަމިއްލައަށް ސިޔާސީ ފިކުރުގައި ސިޔާސީ ބޭނުމުގައި މުޅި ގައުމު މި ހަލާކުކޮށްލަނީ، އިއްޒަތްތެރި ރައީސް، ބަޔަކު އެ މީހުންގެ އަމިއްލަ އެދުން، ސިޔާސީ ފިކުރު އިސްކުރީމާ އެންމެ ފުރަތަމަ ވެސް ހަމަލާދޭނީ ތައުލީމީ ނިޒާމަށް،" އަމީން ވިދާޅުވި އެވެ.
ދިރާސީ އަހަރުގެ ކަލަންޑަރަށް ވެސް މި ސަރުކާރުން ބަދަލުކުރީ ސިޔާސީ ވިސްނުން އިސްކޮށްގެން ކަމަށާއީ އޭގެ ގެއްލުންވީ ދަރިވަރުންނަށް ކަމަށް އަމީން ވިދާޅުވި އެވެ. ރާއްޖޭގައި މިހާރު ކަންހިނގާ ގޮތަށް ދާނަމަ، މާދަމާ ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭން ދިވެހި ޓީޗަރުން ނުތިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.













