ރަސްމާލެ މަޝްރޫއާ ދެކޮޅަށް އުފެދޭ އަޑުތައް ކަނޑުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހީލަތްތެރި ރޭވުމެއްގެ ދަށުން މި ދަނޑިވަޅާ ދިމާކޮށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނެސް، ޒަޔަނިސްޓުންނާ ދެކޮޅަށް ވެސް އަޑުނުއުފުލޭ ގޮތަށް މާނަކުރެވޭ މާއްދާތަކަކާއެކު ގަތުލުއާންމުގެ ކުށަށް ބޮޑު އަދަބެއް ކަނޑައަޅަން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
މި ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. ބިލު ހުށަހަޅާ ސަބަބެއް ކަމަށް ބުނެފައިވަނީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއާ އެއްގޮތަށް ގަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމެވެ.
ނަމަވެސް ބިލުގައި ބަޔާންކޮށްފައިވާ އިބާރާތްތައް ހުރި ގޮތުން، ވަކި ދީނަކަށް ނުވަތަ ނަސްލަކަށް ނިސްބަތްވާ ބަޔަކާ ދެކޮޅަށް އަޑުއުފުލުން މަނާކުރެވި، އިސްރާއީލުގެ ޒަޔަނިސްޓުންނާ ދެކޮޅަށް ރާއްޖޭގައި ހިންގާ ހަރަކާތްތަކާއި ދެކޮޅުވެރިކަމުގެ އަޑުތައް ހުއްޓުވަން ވެސް މި މާއްދާ ނަހަމަ ގޮތުގައި މާނަކުރުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކުރެވެ އެވެ. ބިލުގައި ބުނަނީ ވަކި ގައުމަކަށް، ނަސްލަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ސީދާ ގޮތުގައި އަދި ފާޅުގައި ގޮވާލުމަކީ ކުށެއް ކަމަށެވެ.
މި ބަދަލުގެ ދަށުން ގަތުލުއާންމުގެ އަމަލެއް ހިންގުމަކީ ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. ގާނޫނުލްއުގޫބާތުގައި މި ދަރަޖައިގެ ކުށަކަށް ކަނޑައެޅޭ އަސާސީ އަދަބަކީ 10 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. އަދި އެފަދަ ކަމަކަށް ގޮވާލާ އާންމު ފަރުދުންނަށް ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ދަށުން 10 އަހަރާ ހަމައަށް ޖަލު އަދަބު ކަނޑައެޅޭނެ އެވެ.
މީގެ އިތުރުން ވެރިއެއްގެ އަމުރަށް ކިޔަމަންވުމަކީ ނުވަތަ ގާނޫނަކުން ހުއްދަކުރާ ކަމަކަށް ވިޔަސް މި ކުށުން ސަލާމަތްވާނެ ދިފާއެއް ނޫން ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ދައުލަތުގެ ވެރިއަކަށް ވިޔަސް މި މާއްދާގެ ދަށުން އެއްވެސް އިމްތިޔާޒެއް ނުލިބޭނެ އެވެ.













