ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމިއިރު، އާންމު ދިވެހި ރައްޔިތުން ތިބީ ޕެނެޑޯލަށް ޖެހިފައި ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމާއިރު، އާންމު ރައްޔިތުން އުޅޭ ހާލު ސޯސަން މަގުން ވަރަށް ސާފުކޮށް ފެންނާނެ ކަމަށެވެ.
"އިއްޒަތްތެރި ރައީސް ސޯސަން މަގަށް ވަޑައިގެންބައްލަވާ. ސޯސަން މަގަށް ވަޑައިގެންބައްލަވާ އޭޑީކޭ ކުރިމަތީގައި ފާމަސީތަކުގައި ކިއޫ ޖަހާލައިފައި، ކިއު ޖަހާލައިފައި ޕެނެޑޯލް ގުޅައެއް ވެސް ނުލިބޭ. އަދިވެސް މިއުޅެނީ ވަޒީރުންގެ މުސާރަތޯ ބޮޑުނުކުރެވިގެން؟ ކާރުކޮޅު ނުދުއްވެނީތޯ މިހާރު؟ މި ލިބޭ މުސާރައިން ހަމަ ނުވަނީތޯ އިއްޒަތްތެރި ރައީސް؟،" މީކާއިލް ވިދާޅުވި އެވެ.
ރައްޔިތުން ޕެނެޑޯލަށް ޖެހިފައި ތިބި ދަނޑިވަޅޭއްގައި އެ ނިންމުން އެގޮތަށް ނިންމާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ލަދުގަންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕެނެޑޯލް ގުޅައަށް ރައްޔިތުން ދިއްކޮށްފައި ތިބި ދަނޑިވަޅެއްގައި މާލިއްޔަތު ކޮމިޓީން އެ ނިންމަވަނީ ވަޒީރު ބޭފުޅުންގެ މުސާރަ ބޮޑުކުރަން އިއްޒަތްތެރި ރައީސް، މިއީ ކޮންކަހަލަ ރައްޔިތުންގެ މަޖިލީހެއްތޯ؟ މިއީ ކޮންކަހަލަ ސަރުކާރެއްތޯ؟ މިއީ ކޮންކަހަލަ ދައުލަތެއްތޯ؟،" މީކާއިލް ސުވާލު އުފެއްދެވި އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައި ވަނީ މަޖިލީހުގެ ރައީސްއަށް 22،000ރ. ގެ އިތުރު އެލަވެންސެއް ދިނުމަށެވެ. އެ ބަދަލާއެކު، މަޖިލީހުގެ ރައީސްއަށް މުސާރަ އާއި އިނާޔަތްތަކާއެކު ކޮންމެ މަހަކު 95،000ރ. ލިބިވަޑައިގަންނަވާނެ އެވެ.
އެ ކޮމިޓީން އިތުރަށް ނިންމާފައި ވަނީ ވަޒީރުންނަށް ޑްރައިވާސް އެލަވެންސްގެ ގޮތުގައި ލިބޭ އަދަދު 17،000ރ. އަށް ބޮޑުކުރުމަށެވެ. އެ ބައްދަލާއެކު ސަރުކާރު މިނިސްޓަރުންގެ މުސާރަ އާއި އިނާޔަތްތަކާއެކު 75،000ރ. ލިބޭނެ އެވެ.
އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ. ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ހުށަހެޅުއްވި އެ މައްސަލަ ރިޔާސަތުން ބަލައެއް ނުގަތެވެ.
އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ނުލިބޭކަމުގެ ކަންބޮޑުވުން އޮއްވައި މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށެވެ.
އެހެންނަމަވެސް، މަޖިލީހުގެ ރިޔާސަތު މިއަދު ބެލެހެއްޓެވި، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލައަކީ އެ މަޖިލީހުގައި ކުރިއަށް އޮތް ތަނުގައި ބަހުސްކުރަން ނުޖެހޭ ކަމަކަށް ވާންޖެހޭ ކަމަށެވެ.
މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނަމަވެސް، އެ ނިންމުން ފާސްކުރަން ޖެހޭނީ މަޖިލީހުގެ ތަޅުމުންނެވެ. އެހެންކަމުން، އެ ކަމާ ބެހޭގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރާނެ އެވެ.













