އޭއައި ސިރީއާއެކު އެޕަލްގެ އާ "ހޯމްވިއު" ބާޒާރަށް

Oct 14, 2026, 1:19 PM
ފޮޓޯ: އެޕަލް

ފޮޓޯ: އެޕަލް

އެޕަލް ކުންފުނިން ސްމާޓް ހޯމް މާކެޓަށް ވަނުމަށް ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ކުރާ އެންމެ ބޮޑު މަސައްކަތުގެ ދަށުން، "ހޯމްވިއު" ނަމަކަށް ކިޔާ އާ އުފެއްދުމެއް އަންގާރަ ދުވަހު ތައާރަފުކޮށްފި އެވެ.

މި އާ އާލާތާއެކު، އެޕަލް އިން އަޕްގްރޭޑްކޮށްފައިވާ "ސިރީ" އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެހީތެރިޔާ ކަސްޓަމަރުންގެ ގޭތެރެއަށް ތައާރަފުވެގެންދާނެ އެވެ. މިއީ އެޕަލްގެ އޭއައި ސިޔާސަތުގެ ދަށުން ނެރުނު ވަރަށް މުހިންމު އުފެއްދުމެކެވެ.

ހަތް އިންޗީގެ ސްކްރީނެއް ހިމެނޭ ހޯމްވިއު ފަރުމާކޮށްފައިވަނީ ސްޕީކަރެއް ހަރުކޮށްފަ އެވެ. މީގެ އިތުރުން، ފާރުގައި ހަރުކުރެވޭނެ ފަދަ މޮޑެލްއެއް ވެސް އެޕަލް އިން ވިއްކާނެ އެވެ.

މިީގެ އަގަކީ 299 ޑޮލަރެވެ. އަންނަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ބާޒާރަށް ނެރުމުގެ ކުރިން، މިއަދުން ފެށިގެން ޕްރީ-އޯޑަރު ދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އެޕަލް އިން 2017 ވަނަ އަހަރުން ފެށިގެން "ހޯމްޕޮޑް" ސްމާޓް ސްޕީކަރުތައް ވިއްކަމުން ދިޔަ ނަމަވެސް، އެ އުފެއްދުންތަކަށް އާންމުންގެ މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެ އެވެ. 2010 ގެ އަހަރުތަކުގެ ފަހުކޮޅު އެމެޒޯން އާއި ގޫގުލް އިން ސްމާޓް ސްޕީކަރުގެ މާކެޓް ކޮންޓްރޯލް ކުރުމާ ގުޅިގެން، އައިފޯން އުފައްދާ އެޕަލް ކުންފުންޏަށް ލިބުނީ އެ މާކެޓުގެ ވަރަށް ކުޑަ މިންވަރެކެވެ.

މާކެޓް ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ އިންޓަނޭޝަނަލް ޑޭޓާ ކޯޕަރޭޝަނުން ބުނާ ގޮތުގައި، 2025 ވަނަ އަހަރު ސްމާޓް ސްޕީކަރު މާކެޓުގެ އެޕަލްގެ ހިއްސާއަކީ އެންމެ 5.2 އިންސައްތަ އެވެ. އޭގެ ބަދަލުގައި އެމެޒޯން އިން 40.9 އިންސައްތަ ހިއްސާކުރާއިރު، ގޫގުލްގެ ހިއްސާއަކީ 29 އިންސައްތަ އެވެ.

ނަމަވެސް، އޭއައި އެސިސްޓެންޓްތަކުގެ މަގުބޫލުކަން އިތުރުވުމާއެކު، ޓެކްނޮލޮޖީގެ ދާއިރާގައި ލިޔުމުގެ ނުވަތަ ސްކްރީނަށް ފިތުމުގެ ބަދަލުގައި އަޑުން އަމުރުކޮށްގެން ބޭނުންކުރެވޭ އާލާތްތައް އުފެއްދުމުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. ހޯމްވިއު އަކީ ޓަޗްސްކްރީން ހިމެނޭ އާލާތެއް ނަމަވެސް، ފޯނާ ނުކުޅެ ގޭތެރޭގައި ތިބެގެން ސިރީއާ ވާހަކަދައްކާލުމަށް އޮތް ފަސޭހަ މަގެއްގެ ގޮތުގައި އެޕަލް އިން މި އުފެއްދުން އިޝްތިހާރު ކުރެ އެވެ.

ހޯމްވިއު އިން ސިރީ އޭއައި ބޭނުންކުރާއިރު، މީހާގެ މެސެޖުތަކާއި ކަލަންޑަރުގައި ހުންނަ މައުލޫމާތަށް ބަލައި، އެ ވަގުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އަދި ގޭގައި އުޅޭ ހަ މީހެއްގެ މޫނު ވަކިކޮށް ދެނެގަތުމުގެ ގާބިލުކަން މިއަށް ލިބިގެންވާ ކަމަށް އެޕަލް އިން ބުނެ އެވެ. މީގެ އިތުރުން، ހޯމްވިއު މެދުވެރިކޮށް ސިރީއާ ދައްކާ ވާހަކަތައް އެހެން އެޕަލް އާލާތްތަކާ ވެސް ސިންކް ކުރެވޭނެ އެވެ.

އެޕަލް އިން ބުނާ ގޮތުގައި، މީގެ ކެމެރާ އާއި މައިކްރޯފޯނުން ނަގާ މައުލޫމާތުތައް ޕްރޮސެސް ކުރަނީ ސިސްޓަމްގެ އެހެން ބައިތަކާ ވަކިންނެވެ. އެހެންކަމުން، އެ މައުލޫމާތުތަކަށް އެއްވެސް ސޮފްޓްވެއާއަކަށް، އެޕަކަށް، އެޕަލް ކުންފުންޏަށް ނުވަތަ ބޭނުންކުރާ މީހާއަށް ވެސް ވަދެއެއް ނޫޅެވޭނެ އެވެ. މެސެޖުތަކާއި ކަލަންޑަރުގެ މައުލޫމާތު ސްކްރީނުން ފެންނާނީ ވެސް އެ މީހަކީ ކާކުކަން ކަށަވަރުވުމުންނެވެ.

އެޕަލްގެ އާ އޭއައި ސިސްޓަމް މަސައްކަތް ކުރަނީ ހަމައެކަނި އައިފޯން 15 ޕްރޯ އާއި އޭގެ ފަހުގެ ފޯނުތަކުގައި ކަމަށްވާތީ، ސިރީ އޭއައި އާންމުންގެ މެދުގައި މަގުބޫލުކުރުމަށް މިއީ ވަރަށް މުހިންމު އެއްޗަކަށް ވާނެ އެވެ. މީގެ މާނައަކީ އޭއައި ސަޕޯޓް ނުކުރާ ބާ މޮޑެލްގެ އައިފޯން ގެންގުޅޭ އާއިލާގެ މެންބަރުންނަށް ވެސް، މި އާ ސްމާޓް ހޯމް ޑިވައިސް މެދުވެރިކޮށް ސިރީ އޭއައި ތަޖުރިބާކޮށްލެވޭނެ އެވެ.

ސްމާޓް ހޯމް ޑިވައިސް ކޮންޓްރޯލް ކުރުމަށާއި، ފޭސްޓައިމް ކޯލްތައް ކުރުމަށާއި، މިއުޒިކް އަޑުއެހުމުގެ އިތުރުން ޑިޖިޓަލް ފޮޓޯ ފްރޭމެއްގެ ގޮތުގައި ވެސް މީތި ބޭނުންކުރެވޭނެ ކަމަށް އެޕަލް އިން ބުނެ އެވެ. ބޭނުންކުރާ މީހާ ވަކިކޮށް ދެނެގަތުމުގެ ގާބިލުކަން ހުރުމުން، ކުރިމަތީގައި ހުންނަ މީހާއަށް ބަލައި ހޯމް ސްކްރީނުގައި ހުންނަ އެޕްތަކާއި ވިޖެޓްތައް ބަދަލުވާނެ އެވެ. އެޕަލް ވޮޗް ފަދައިން، ހޯމްވިއު ގައި ވެސް ކަލަންޑަރާއި، ފޮޓޯ އަދި މޫސުމާ ބެހޭ މައުލޫމާތު ފެންނާނެ ގޮތްތައް ބޭނުންކުރާ މީހާގެ އިހުތިޔާރަށް ބަދަލުކުރެވޭނެ އެވެ.

ހޯމްވިއު އަކީ އެޕަލްގެ އާ ސީއީއޯ ޖޯން ޓާނަސްގެ ދަށުން ނެރުނު އާ އުފެއްދުންތަކުގެ ތެރެއިން އެކައްޗެވެ. މީގެ ކުރިން މިދިޔަ މަހު އެޕަލް އިން ވަނީ އެ ކުންފުނީގެ ފުރަތަމަ ފޯލްޑަބަލް އައިފޯން ވެސް ދައްކާލާފަ އެވެ.

މީގެ އިތުރުން، އެޕަލް އިން ވަނީ ހޯމްޕޮޑް މިނީގެ އާ މޮޑެލްއަކާއި، ސިރީ އޭއައި ހިމެނޭ އެޕަލް ޓީވީ 4ކޭ އެއްގެ އިތުރުން، އެލްޖީ އަދި ޝްނައިޑާ އިލެކްޓްރިކްއާ ގުޅިގެން އުފައްދާފައިވާ ސްމާޓް ހޯމް އާލާތްތަކެއް ވެސް އަންގާރަ ދުވަހު އިއުލާންކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox