ރާއްޖެއަށް ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ޕާސްޕޯޓް ސްޓޮކް މަދުވުމުގެ މައްސަލަ މިދިޔަ މަސް ނިމެންވާއިރަށް ހައްލުވާނެ ކަމަށް އިމިގްރޭޝަނުން ބުނި ނަމަވެސް، ޕާސްޕޯޓްސް ސްޓޮކް އަދިވެސް އާންމު ހާލަތަށް ނުގެނެވޭ ކަމަށް ބުނެފި އެވެ.
އިމިގްރޭޝަނުން އަދަދު އަށް ބުނީ ޕާސްޕޯޓުގެ ސްޓޮކެއް މިހާރު ލިބިފައިވީ ނަމަވެސް، އަދިވެސް ސްޓޮކަށް ދިމާވި މައްސަލަ އާންމު ހާލަތަށް ގެނެވިފައި ނުވާ ކަމަށެވެ. އެކަމަކު އަންނަ ހަފްތާ ތެރޭގައި ސްޓޮކަށް ދިމާވި މައްސަލަ އާންމު ހާލަތަށް ގެނެވޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
"މިހާރުވެސް އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ސްޓޮކް ލިބިފައި. ދެން އަންނަ ހަފްތާގައި ނޯމަލް ހާލަތަށް އެޅޭނެ ކަމަށް އަޅުގަނޑުމެން މި އުންމީދުކުރަނީ،" އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ ސްޓޮކް މެނޭޖުކުރުމުގެ ގޮތުން ޕާސްޕޯޓަށް އެޕްލައިކުރާ މީހުންގެ ދަތުރުކުރުމުގެ ހާލަތަށް ބަލައި އިސްކަން ދީގެން ޕާސްޕޯޓް ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިމިގްރޭޝަނުން ކުރިން ބުނީ މެޝިންތައް ރަނގަޅުކުރަން އަންދާޒާކުރި މުއްދަތަށްވުރެ ގިނަ ދުވަސް ހޭދަވުމުން ރާއްޖެއަށް ކުރިން ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދިނުމަށް ކަނޑައެޅި ތާރީހަށް ސްޓޮކް ފޯރުކޮށްދިނުމުގައި ދަތިތައް ދިމާވި ކަމަށެވެ.

ސްޓޮކް މެނޭޖްކުރަން އިމިގްރޭޝަނުން ގެންނަން ނިންމި ބަދަލުތައް:
- ރާއްޖޭގައި ހުރެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓެއް ހެއްދުމަށް އެދި ހުށަހެޅުމުން އެ މީހަކަށް އައު ޕާސްޕޯޓު ދޫކުރުމުގެ ބަދަލުގައި ދޫކޮށްފައިވާ ޕާސްޕޯޓު ޖޫން 30، 2027 ގެ ނިޔަލަށް އެއްވެސް ފީއަކާ ނުލައި އިތުރުކުރެވޭނެ.
- އަލަށް ޕާސްޕޯޓް ހަދާ މީހުންގެ ތެރެއިން ދިވެހިން އާންމުކޮށް ދަތުރުކުރާ އިންޑިއާ އަދި ލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ މީހުންނަށް އަށް ސަފުހާގެ "އިމަޖެންސީ ޕާސްޕޯޓް" ފީއަކާ ނުލައި އެއް އަހަރަށް ދޫކުރުން.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުންޏަކީ އެތަކެތި ފޯރުކޮށްދިނުމުގައި މިދިޔަ 10 އަހަރު އެއްވެސް މައްސަލައެއް ދިމާވި ކުންފުންޏެއް ނޫން ކަމަށެވެ. އެ ކުންފުންޏާ ޕާސްޕޯޓް ބުކްލެޓް ހެދުމުގެ ހިދުމަތް ހަވާލުކުރީ 2016 ވަނަ އަހަރެވެ.
ދިވެހި ޕާސްޕޯޓު ދޫކުރުމުގައި ބަދަލުތަކެއް ގެނެވުނު ނަމަވެސް، އެއްވެސް ދިވެއްސަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ދިމާނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އިމިގްރޭޝަނުން ދެ އެވެ.
އީ-ޕާސްޕޯޓު ޕްރިންޓުކުރާ ބުކްލެޓު މި އަހަރު މެއި މަހުގެ ތެރޭގައި ހުސްވުމުގެ ސަބަބުން، އިމިގްރޭޝަނުން މިހާތަނަށް ހުރިހާ އެންމެންނަށް ވެސް ދޫކުރަމުން ދިޔައީ އާދައިގެ ނޮން-އިލެކްޓްރިކް ޕާސްޕޯޓެވެ. މީގެ ކުރިން 2024 ގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން، އީ-ޕާސްޕޯޓު ދޫކުރުން އިމިގްރޭޝަނުން ހުއްޓާލައިފައި އޮތެވެ.
އީ-ޕާސްޕޯޓަކީ ކިއުއެއްގައި ނުޖެހި، އަމިއްލައަށް ޗެކިންވެވޭ އީ-ގޭޓުގެ ހިދުމަތް ބޭނުންކުރެވޭ އެއްޗެކެވެ. އީ-ޕާސްޕޯޓުގައި ހުންނަ ޗިޕެއްގައި ރައްކާކޮށްފައި ހުންނަ ޑޭޓާގެ އިތުރުން ނަގާފައިވާ ފޮޓޯ ނުވަތަ އިނގިލީގެ ނިޝާނުގެ ޒަރިއްޔާއިން ޕާސްޕޯޓުގެ ވެރި ފަރާތް އެ ގޭޓުން ކަށަވަރު ކުރާނެ އެވެ.












