ރަސްމާލެ ދޫކޮށްލާ އެއްބަސްވުމުގެ ދިފާއުގައި ޕީއެންސީގެ މެންބަރުން: "ދެކޮޅު ހަދަނީ ގައްދާރުން"

ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން

ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން

ދައުލަތުގެ ފައިސާއިން ބިލިއަނަކަށްވުރެ ގިނަ ޑޮލަރު ހޭދަކޮށްގެން ހިއްކަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ތާ އަބަދަށް ދޫކޮށްލުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުމާ ދެކޮޅު ހަދަނީ ގައްދާރުންގެ ގޮތުގައި ސިފަކޮށް އެ އެއްބަސްވުމުގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުން ތެދުވެއްޖެ އެވެ. 

އީގަލްސް ހިލްސްއަށް ރަސްމާލެ ދޫކޮށްލަން ހެދި އެގްރިމެންޓު ހާމަކުރަން ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައަށް މިވަގުތު ދަނީ ބަހުސް ކުރަމުންނެވެ. އެ ބަހުސްގައި ޕީއެންސީގެ މެންބަރުން އަންނަނީ ވަރަށް ބޮޑަށް މައުލޫމާތު އޮޅުވާލައި މި މަޝްރޫއު ދިފާއު ކުރެއްވުމަށް މަސައްކަތް ކުރަމުންނެވެ. 

ރަސްމާލޭގެ މަޝްރޫއުއާ ދެކޮޅު ހަދާ މީހުންނަކީ ގައްދާރުންގެ ގޮތުގައި ޕީއެންސީގެ މެންބަރުން ވަނީ ސިފަކޮށްފަ އެވެ. އޭގެ ތެރޭގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އާއި ފުވައްމުލައް ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ހިމެނެ އެވެ. 

Advertisement

"މިފަދަ ޕްރޮޖެކްޓަކާ ދެކޮޅަށް، ރައްޔިތުންނަށް ފައިދާވާނެ މިފަދަ ކަމަކާ ދެކޮޅަށް ތެދުވާނީ ހަގީގަތުގައި ވެސް ގައްދާރުން. އެކަން އެމްޑީޕީން ކުރަމުން އެދަނީ،" މަމްދޫހު ވިދާޅުވި އެވެ. 

ރާއްޖޭގެ ރިސޯޓު ރަށްރަށަކީ މީހުން ވަޒަންވެރި ދިރިއުޅެން ދޫކޮށްފައިވާ ތަންތަނެއް ނޫނެވެ. ރިސޯޓު ހެދުމަށް ސަރުކާރުން ހަރަދެއް ނުކުރެ އެވެ. އަދި ރިސޯޓުުތަކުގެ ލީސް މުއްދަތު 99 އަހަރަށް އިތުރުކޮށްދެނީ ދައުލަތަށް ފައިސާ ދެއްކުމުން މުއްދަތު އަލުން ނުގުނާ ގޮތަށެވެ.

"މިހާރު ވެސް ރާއްޖޭގައި ހެދިފައިވާ ކޮންމެ ރިސޯޓެއް ދީފައި އެ ހުރީ 99 އަހަރަށް. އީގަލް ހިލްސްގެ ޕްރޮޖެކްޓު އަދި މިއޮތީ ކޮމާޝަލް ޓާމްސް އެގްރީމެންޓެއް، ރަސްމީ އެގްރީމެންޓެއް ނެތް. މި ބޭފުޅުން ރައްޔިތުންނަށް އޮޅުވާލަން އެގްރީމެންޓެއް ހަދައިގެން 99 އަހަރަށް ތަނެއް ދެނީއޭ، އެ 99 އަހަރު ވީމާ ލިބޭ މީހުންނަށް އަނެއްކާ 99 އަހަރަށް ދެނިއޭ،" ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވި އެވެ. 

އެއާ ހިލާފަށް ރަސްމާލެއަކީ ބޭރު މީހުންނަށް ވަޒަންވެރިވެވޭ ގޮތަށް ދޫކޮށްލާ ތަނެކެވެ. އަދި އެ ތަނުގައި ހަދާ ޕްރޮޕަޓީތަކުގެ ލީސް މުއްދަތު ކޮންމެ ޓްރާންސްފާއާއެކު އޮތީ އަލުން 99 އަހަރަށް ގުނާ ގޮތަށެވެ. އެ ވާހަކަ ވެސް އޮޅުވާލަން ޕިއެންސީން ދަނީ މަސައްކަތް ކުރަމުންނެވެ. 

"މި ގައުމުގައި މިހުރި އެއްވެސް ރިސޯޓެއް ނެތްތާ ދުވަހަކު ވެސް ލިބޭކަށް. އެހެނެއް ނޫނޭ ދުނިޔޭގައި ކަންކަން ހިނގަނީ. 99 އަހަރަށް ދީފައި އޮންނަ އެއްޗެއް ނުވަ އަހަރު ފަހުން ރީކޮންޓްރެކްޓް ހަދަންޏާ 90 އަހަރު ބާކީ އޮންނީ އެ ކޮންޓްރެކްޓުގައި،" މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުالله ރިފާއު (ބޮޗޭ) ވިދާޅުވި އެވެ.  

އެ ތަނުން ވިއްކާ އެޕާޓްމަންޓެއް ނުވަތަ ބިމުގެ ފުރަތަމަ 99 އަހަރު ހަމަނުވަނީސް ވިއްކާލައިފި ނަމަ ނުވަތަ ވާރުތައިން ދީފި ނަމަ, އަލަށް ގަންނަ މީހާއަށް ވެސް އަލުން އިތުރު 99 އަހަރަށް އެތަން ލިބޭނެ ކަމަށް އީގަލް ހިލްސް އިން ޔަގީންކަން ދެ އެވެ.  

"ތަކުރާރުކޮށް މި ދަންނަވަނީ މި ދިވެހި ދައުލަތުގައި އޮތް އެންމެ ބޮޑު ރައުސުލްމާލޭ، މި ރައުސުލްމާލުގެ ބޭނުން މި ޕީއެންސީން ކުރާނީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށޭ. މިކަން ކުރަން ބިލުތައް ފާސްކުރާއިރު، ބިލުތައް އިސްލާހުކުރާއިރު އޭގައި ހުރި ނުރަނގަޅު ކަންކަން ބޭރުކުރަން،" ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިމްރާން ލަތީފް ވިދާޅުވި އެވެ. 

ރަސްމާލޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ސޮއި ކުރެއްވީ ސެޕްޓެމްބަރު 21، ގަ އެވެ. އެ މަޝްރޫއު ހިންގުމަށް ރާއްޖޭގެ ގާނޫނުތަކެއް ބަދަލުކުރަން ވަނީ ނިންމާފަ އެވެ. 

ރަސްމާލޭގެ ދިފާއުގައި ޕީއެންސީގެ މެންބަރުން އެންމެ ބޮޑަށް ދައްކަމުންދަނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ޖީއެމްއާރަށް އެއާޕޯޓު ކުއްޔަށް ދޫކުރުމަށް ވި އެއްބަސްވުމުގެ ވާހަކަ އެވެ. އެއީ 25 އަހަރު ދުވަހަށް ހެދި އެއްބަސްވުމެކެވެ. އެ އެއްބަސްވުން އުވާލުމަށް ގޮވާލައި ކުރި މުޒާހަރާތަކުގައި ޕީއެންސީގެ އިސް ސަފުގައި މިހާރު ތިބި އެތައް ބަޔަކު ބައިވެރިވި އެވެ.

"ފެން ކުންފުނި ވިއްކާލި ވާހަކަ ދައްކާލަން ނުކެރޭ. ދިރާގު ވިއްކާލި ވާހަކަ ދައްކާކަށް ނުކެރޭ. ހަމަ އެއާޕޯޓުގެ މައި ގޭޓު ވިއްކާލި ވާހަކަ ދައްކާކަށް ނުކެރޭ. ހުރިހާ ވާހަކައަކީ މި ބޭފުޅުންގެ މާޒީގައި ހިނގާފައި ހުރި ކަންކަން. އޭރު ރައްޔިތުން ތިބީ ރުހިގެންނެއް ނޫން،" މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވިދާޅުވި އެވެ. 

ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމުން އާބިޓްރޭޝަންގައި ދިވެހި ދައުލަތާ ދެކޮޅަށް މައްސަލަ ނިމުމުން އެތައް މިލިއަން ޑޮލަރެއް ދައްކަން ޖެހުނެވެ. އެއީ ރާއްޖެ މިއަދު ކުރިމަތިލަމުންދާ ދަރަނީގެ މައްސަލައިގެ އަސްލެވެ.

ރާއްޖޭގެ ބައެއް ބޭރު މީހުންނަށް 99 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ދިނުން ގާނޫނުއަސާސީ ހުއްދަ ކުރެ އެވެ. ނަމަވެސް އެކަމާ ގުޅޭ ގާނޫނެއް މިހާތަނަކަށް ނެތެވެ. ޓޫރިޒަމާ ބެހޭ ގާނޫނުން ހުއްދަ ލިބެނީ 50 އަހަރަށެވެ. އަދި ލީސް މުއްދަތު އިތުރު 49 އަހަރަށް އެކްސްޓެންޑު ކުރެވިދާނެ އެވެ. 

ސްޕެޝަލް އިކޮނޮމިކް ގާނޫނުގެ ދަށުން ބިދޭސީ ބަޔަކަށް އެންމެ ގިނަވެގެން ބިމެއް ދޫކުރެވެނީ 66 އަހަރަށެވެ. އެކަމަކު އެ މުއްދަތު 33 އަހަރަށް އިތުރު ކުރެވިދާނެ އެވެ. 

ރަސްމާލެ ދޫކޮށްލުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އެ ޕްރޮޖެކްޓު ހުއްޓުވައިދޭން ސުޕްރީމް ކޯޓަށް މައްސަލައެއް ވަނީ ވައްދާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox