މެލޭޝިއާގައި ރޭ ހިނގި އެކްސިޑެންޓުގައި މަރުވި ކުއްޖާގެ ފޮޓޯ ދައުރުނުކުރަން އާއިލާއިން އެދިފައި ވަނިކޮށް، އެ ކުއްޖާގެ ފޮޓޯއަކާއެކު ރައީސް މުހައްމަދު މުއިއްޒު ތައުޒިޔާގެ ޕޯސްޓެއް ކުރައްވައިފި އެވެ.
އެކްސްގައި މުއިއްޒު ކުރެއްވި ޕޯސްޓުގައި ވަނީ އެ ކުއްޖާ ނިޔާވުމުގެ ހިތާމައިގައި އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެެވެ.
"މާތްﷲ ގެ ތަނަވަސް ރަހުމަތުގައި މަރުހޫމާ އިމިލީ ލަހައްޓަަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި! އާމީން،" މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
އެ ކުއްޖާގެ ފޮޓޯއަކާއެކު މުއިއްޒު ޕޯސްޓެއް ކުރައްވާފައިވާއިރު، އެ ޒުވާނާގެ ފޮޓޯ ދައުރު ނުކުރުމަށް އޭނާގެ އާއިލާއިން ވަނީ ރޭގެ ވަގުތެއްގައި އެދިފަ އެވެ.
"އާއިލާއަށް ލިބިފައިވާ ހިތްދަތިކަމަށް އިހުތިރާމު ކުރުމުގެ ގޮތުން އަޅުގަނޑުމެންގެ ކޮއްކޮގެ ފޮޓޯ މީޑިއާގެ އެއްވެސް މަންސައެއްގައި ޝެއާ ނުކުރުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެއް،" އިމީލީގެ ބޮޑުދައިތަ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ރޭގައި ބުނެފައިވެ އެވެ.

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވީ އެ ގައުމުގައި ކިޔަވަމުންދިޔަ 21 އަހަރުގެ އިމީލީ ނާޒިމް އެވެ. އޭނާއަކީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ ކުއްޖެކެވެ.
އެ އެކްސިޑެންޓު ހިނގާފައި ވަނީ ދެ ކާރު ޖެހިގެންނެވެ. މަރުވީ ޒުވާނާއަކީ އެ ތަނުން އެއް ކާރުގެ ތެރޭގައި އިން ފަސިންޖަރެކެވެ.
އެނގިފައިވާ ގޮތުގައި އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
މި ނޫހަށް ލިބިފައިވާ މި ހާދިސާގެ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވީ އެއް ކާރު އޮތީ ފުރޮޅާލާފަ އެވެ. އަނެއް ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުއްޓެވެ.
މަރުވި އަންހެން ކުއްޖާ އިން ކާރުގެ ޑްރައިވަރާއި ދެން އިން ފަސިންޖަރަށް މާ ބޮޑު އަނިޔާއެއް ނުވާ ކަމަށް ވެ އެވެ.












