ޖަލެއްގައި ކުށްވެރިންނަށް ލަގްޒަރީ ހިދުމަތް ދިން ފަސް އޮފިޝަލަކު ސަސްޕެންޑްކޮށްފި

Sep 29, 2026, 7:30 AM
ފޮޓޯ: އިންސްޓަގްރާމް

ފޮޓޯ: އިންސްޓަގްރާމް

އިންޑޮނޭޝިއާގެ ޖަކާޓާގެ ބޭރުގައި ހުންނަ ޖަލެއްގައި ކުށްވެރިންނަށް ޚާއްސަ އިނާޔަތްތަކެއް ދެމުންދާކަން އެ ގައުމުގެ ނޭޝަނަލް އޮމްބަޑްސްމަންއަށް ފާހަގަވުމާ ގުޅިގެން، އެ ޖަލުގެ އިސް ފަސް އޮފިޝަލަކު މަގާމުން ސަސްޕެންޑްކޮށްފި އެވެ.

އޮމްބަޑްސްމަންއަށް ފާހަގަވި ކަންތައްތަކުގެ ތެރޭގައި ކުށްވެރިން ދިރިއުޅުމަށް ވިލާ ފަދަ ތަންތަނާއި، އަގުބޮޑު ކާރުތަކާއި، ޖިމްގެ އިތުރުން ގޮލްފް ސިމިއުލޭޓަރެއް ހިމެނެ އެވެ.

މި ކަންތައްތައް ފަޅާއެރީ ސެޕްޓެމްބަރު 23 ވަނަ ދުވަހު، ވެސްޓް ޖާވާގެ ބޮގޯރުގައި ހުންނަ ސިބިނޮންގް ޖަލުގެ ކްލާސް 2އޭ ފެސިލިޓީއަށް އޮމްބަޑްސްމަންގެ ޓީމަކުން ކުއްލި ގޮތަކަށް ކުރި އިންސްޕެކްޝަނެއްގަ އެވެ. މިއީ ނުރައްކާތެރި ކުށްވެރިންނާއި، މާލީ ބޮޑެތި ޚިޔާނާތްތައް ހިންގާ މީހުން ބައިތިއްބާ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ޖަލެކެވެ.

Advertisement

މި މައްސަލައާ ގުޅިގެން ސެޕްޓެމްބަރު 26 ވަނަ ދުވަހު މިނިސްޓްރީ އޮފް އިމިގްރޭޝަން އެންޑް ކަރެކްޝަންސް އިން ވަނީ ޖަލުގެ ވޯޑަން އާއި، ސެކިއުރިޓީ އިސްވެރިޔާ އާއި، ގައިޑަންސް އެންޑް އެޑިއުކޭޝަން ސެކްޝަންގެ ވެރިޔާ އާއި، ސެކިއުރިޓީ އެންޑް އޯޑާ ސެކްޝަންގެ ވެރިޔާގެ އިތުރުން ޖެނެރަލް އެފެއާޒްގެ ވެރިޔާ ސަސްޕެންޑްކޮށްފަ އެވެ.

މި އޮފިޝަލުން ސަސްޕެންޑް ކުރީ، ޖަލުގެ އާންމު ގޮޅިތަކުން ބޭރުގައި ހުރި ވަކި އިމާރާތްތަކެއްގައި ކުށްވެރިން ދިރިއުޅެމުންދާކަން އިންސްޕެކްޓަރުންނަށް ފެނުމާ ގުޅިގެންނެވެ.

އިންޑޮނޭޝިއާގެ އޮމްބަޑްސްމަން އަކީ ދައުލަތުގެ އިދާރާތަކުން ދޭ ޚިދުމަތްތައް މޮނިޓާކޮށް، އޮފިޝަލުން ހިންގާ އިދާރީ ނަހަމަ އަމަލުތައް ތަހުގީގުކުރާ މިނިވަން މުއައްސަސާއެކެވެ.

އޮމްބަޑްސްމަންގެ މެންބަރު ސަފްރީދާ ރަހްމާވަތީ ރަސަހާން ސެޕްޓެމްބަރު 24 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އިންސްޕެކްޓަރުން ފުރަތަމަ ޖަލުގެ ގޮޅިތަކަށް ވަންނަން އުޅުމުން، ރަސްމީ ލިޔެކިޔުންތައް ދެއްކުމުން ވެސް ޖަލުގެ އޮފިޝަލުން އެކަމަށް ހުރަސްއެޅި ކަމަށެވެ.

ޖަލުގެ ރިސެޕްޝަން ސަރަހައްދުން ނުކުތް ވަގުތު، ގާތްގަނޑަކަށް 100 މީޓަރު ދުރުގައި ފެންސް ޖަހާފައި އޮތް ސަރަހައްދެއް ފެނުމުން އިންސްޕެކްޓަރުން އެތަން ބަލަން ދިޔަ އެވެ. އެ ސަރަހައްދުގެ ތެރޭގައި ހޯމްސްޓޭތަކާއި ވިލާތަކާ އެއްގޮތް ގޮތަކަށް ހަދާފައި ހުރި 10 އަށް ވުރެ ގިނަ އިމާރާތް ހުއްޓެވެ.

އޭގެ ތެރެއިން އެއް އިމާރާތް ބަލައި ފާސްކުރިއިރު، ސޯފާ އާއި، އައިސްއަލަމާރި އާއި، ޓީވީ އަދި ކާ މޭޒުގެ އިތުރުން ރާ ފުޅިތަކެއް ހުއްޓާ ފެނުނެވެ. އަދި އެތަނުގައި ހުރި މީހަކާ ސުވާލުކުރުމުން އޭނާއަކީ އެ ޖަލުގެ ކުށްވެރިއެއް ކަމަށް ބުންޏެވެ.

ޖަލުގެ އޮފިޝަލުން އިންސްޕެކްޓަރުން ގާތު ބުނީ އެއީ ކުށްވެރިން އަލުން މުޖުތަމައަށް ނެރުމަށް ހިންގާ "އެސިމިލޭޝަން" ޕްރޮގްރާމްގެ ދަށުން ބޭނުންކުރާ އިމާރާތްތަކެއް ކަމަށެވެ.

ނަމަވެސް އޮމްބަޑްސްމަންގެ މެންބަރު ފިކްރީ ޔާސީން ވިދާޅުވީ، ބައެއް އިމާރާތްތަކުގައި ގިނަ އަދަދެއްގެ ކުށްވެރިން ތިބިއިރު، ބައެއް ތަންތަނުގައި ހުންނަނީ އެންމެ ކުށްވެރިއެއް ކަމަށެވެ.

"އެއް ގެއެއްގައި ހުރީ އެންމެ މީހެއް. އަނެއް ގެއެއްގައި ހަތަރު މީހުން ތިބި. މީގެ މާނައަކީ އެތަނުގައި ކުށްވެރިންގެ މެދުގައި ތަފާތުކުރުންތަކެއް ގެންގުޅޭކަން،" ފިކްރީ ވިދާޅުވި އެވެ.

އޮމްބަޑްސްމަން އިން ހާމަކުރި ގޮތުގައި، އެތަނުން އެއް އިމާރާތުގައި ހުރުމަށް ފައިސާ ދައްކަންޖެހޭ ކަމަށް އެތަނުގައި ހުރި ކުށްވެރިއަކު ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް ދައްކަނީ ކިހާ ފައިސާއެއް ކަމާއި އެ ފައިސާ ދެނީ ކާކަށް ކަން އަދި ކަށަވަރެއް ނުވެ އެވެ.

މީގެ އިތުރުން، ޖަލަށް ޒިޔާރަތްކުރި މީހަކު ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ޖަލުގައި ހުރި އޭނާގެ ފިރިމީހާ ކޮންމެ ހަފުތާއަކު 150،000 ރޫޕިއާ ދެއްކުމަށް އެ ގޮޅީގެ އިސްވެރިޔާ އަންގާފައިވެ އެވެ.

އެ ސަރަހައްދުގެ ކައިރިން ޓޮޔޯޓާ އަލްފާޑް އަދި ޓޮޔޯޓާ ފޯޗޫނާ ފަދަ އަގުބޮޑު ކާރުތަކުގެ އިތުރުން، ޖިމަކާއި އަދި ހަދަމުންދިޔަ ގޮލްފް ސިމިއުލޭޓަރެއް ވެސް އިންސްޕެކްޓަރުންނަށް ފެނުނެވެ.

އަދި ކުނި އުކާލާ ސަރަހައްދު ކައިރިން، ޖަލުގެ މައި ދޮރުން ނުވަދެ ސިއްރުން މީހުންނާއި އުޅަނދުފަހަރަށް ވަދެ ނިކުމެވޭ ގޮތަށް އޮތް މަގެއް ވެސް ވަނީ ފާހަގަކުރެވިފަ އެވެ.

އޮމްބަޑްސްމަން އިން މިހާރު ދަނީ އެ އިމާރާތްތަކުގައި ތިބީ ކޮން ބައެއްތޯ އާއި އެތަންތަން ހަދާފައި ހުންނަތާ ކިހާ ދުވަހެއް ވެއްޖެތޯ ބަލަމުންނެވެ. އަދި ގޮޅިތަކުން ބޭރުގައި ތިބި ކުށްވެރިން އަނބުރާ ގޮޅިތަކަށް ވެއްދުމަށާއި، މިކަމުގައި ބައިވެރިވި އޮފިޝަލުންނަށް ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox