އިންގްލެންޑުން ލީޑުނެގި މެޗުގައި ސްޕެއިނުން މޮޅުވެ ފެންވަރުދައްކާލައިފި

Sep 27, 2026, 2:06 AM
ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިނާއި އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން.: ސްޕެއިންގެ ފުރަަތަމަ ލަނޑު ޖެހި ޔަމާލް އުފާފާޅުކުރަނީ.

ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިނާއި އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން.: ސްޕެއިންގެ ފުރަަތަމަ ލަނޑު ޖެހި ޔަމާލް އުފާފާޅުކުރަނީ.

ލަންޑަން (ސެޕްޓެމްބަރު 27) - ޔުއެފާ ނޭޝަންސް ލީގުގައި އިންގްލެންޑުން ފަހަތުން އަރައި ލީޑުނެގި މެޗުގައި، ސްޕެއިނުން 3-2 އިން މޮޅުވެ، ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި ފެންވަރު ދައްކާލައިފި އެވެ. 

މިއީ، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މިދިޔަ ޖޫން/ޖުލައި މަހު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ފަހުން ސްޕެއިނުން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ސްޕެއިނުން ލީޑުނަގާފައިވަނިކޮށް، ފުރަތަމަ ހާފުގައި އިންގްލެންޑުން ނަތީޖާ އަނބުރާލައި ލީޑު ނެގި އެވެ. އެކަމަކު، ދެ ވަނަ ހާފުގައި ޖެހި ގޯލުތަކާ އެކު މޮޅުވެ، ޖެހިޖެހިގެން އެންމެ ގިނަ މެޗުން ބަލިނުވެ ސްޕެއިނުން ހަދާފައިވާ ރެކޯޑް ސްޕެއިނުން 39 އަށް އިތުރުކުރީ އެވެ. 

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 44 ވަނަ ސިކުންތުގައި އިންގްލެންޑުގެ ޑިފެންޑަރު، މާކް ގޭހީ ހެދި ގޯހަކުން ލަމީން ޔަމާލް ވަނީ ސްޕެއިނަށް ލީޑުނަގައިދީފަ އެވެ. ސްޕެއިނަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދޭން ފައިނަލުގައި އާޖެންޓީނާ ކޮޅަށް ލަނޑު ޖެހި ފެރާން ޓޮރޭސް އަށް އިންގްލެންޑް ކޮޅަށް ސްޕެއިންގެ ލީޑުފުޅާކޮށްދޭން ހުސްކޮށް ލިބުނު ރަނުގެ ދެ ފުރުސަތުން ޖެހި ބޯޅަތައް ވެސް ދިޔައީ ގޯލާ ސީދާނުވެ އެެވެ. 

Advertisement
ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިނާއި އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން: އިންގްލެންޑުގެ ކޭން ފޮނުވާލި ޕެނަލްޓީ.
ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިނާއި އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން: އިންގްލެންޑުގެ ކޭން ފޮނުވާލި ޕެނަލްޓީ.

އިންގްލެންޑުން ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލީ ހަތަރު މިނިޓް ތެރޭގަ އެވެ. އެ ގޮތުން، 36 ވަނަ މިނިޓްގައި ކައުންޓަ އެޓޭކެއްގައި އިންގްލެންޑަށް ލަނޑު ޖަހައި އެއްވަރުކޮށްދިނީ އެންތަނީ ގޯޑަން އެވެ. މިއީ، ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ގޯޑަން ޖެހި ގޯލެކެެވެ. އޭގެ ހަތަރު މިނިޓް ފަހުން، މެޗުގެ 40 ވަނަ މިނިޓްގައި ހެރީ ކޭން ބޮލުން ޖެހި ބޯޅައަކުން އިންގްލެންޑުން ލީޑުނެގިއިރު، އެ ބޯޅަ ގޯލަށް ވަނީ ސްޕެއިނުގެ ޑިފެންޑަރު މާކް ކުކުރޭއާ ފައިގައި ޖެހިފަ އެވެ. 

ދެ ވަަނަ ހާފު ފަށައިގެން އިންގްލެންޑަށް ދެ ލަނޑުގެ ލީޑެއް ނަގަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އެ ގޮތުން، އިންގްލެންޑްގެ ބެލިންހަމް އަށް ރޮޑްރީ ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން ބަލާފައި އިންގްލެންޑަށް ޕެނަލްްޓީއެއް ދިނެވެ. ދަނޑުކައިރީގައި ބަހައްޓާފައިވާ ވީއޭއާރް މޮނީޓަރުން ބަލާފައި ދިން މި ޕެނަލްޓީން ކޭން ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. ކޭން، އެ ޕެނަލްޓީ ފޮނުވާލިއިރު ފައިގައި ދެ ފަހަރު ބޯޅަ ޖެހުމުން، ސްޕެއިނަށް ލިބުނީ ޖެހުމެކެވެ. 

އިންގްލެންޑުން ފުރުސަތު ގެއްލުވާލިއިރު، ބަދަލަކަށް އެރި ދެ ކުޅުންތެރިންގެ ލަނޑުތަކާ އެކު ސްޕެއިނުން ނަތީޖާ އަނބުރާލައި މެޗުން މޮޅުވި އެވެ. އެ ގޮތުން، ކޭންގެ ޕެނަލްޓީ ނާކާމިޔާބުވިތާ ފަސް މިނިޓް ފަހުން، މެޗުގެ 60 ވަނަ މިނިޓްގައި ސްޕެއިނުން އެއްވަރުކުރި އެވެ. މިއީ، އިންގްލެންޑްގެ ޑިފެންޑަރު، ނިކޯ އޯރައިލީ ހެދި ގޯހަކުން ފައިދާނަގައި، ސްޕެއިނުގެ އަލެކްސް ބައޭނާ ޖެހި ލަނޑެކެވެ. އޭރިއާ ރޮނގުކައިރިން ބައޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. 

ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިނާއި އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން: ސްޕެއިނުން މެޗު ކާމިޔާބުކުރި ލަނޑު ޖަހަން އޮޔާޒަބާލް ބޯޅަ ފޮނުވާލަނީ
ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިނާއި އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން: ސްޕެއިނުން މެޗު ކާމިޔާބުކުރި ލަނޑު ޖަހަން އޮޔާޒަބާލް ބޯޅަ ފޮނުވާލަނީ

ސްޕެއިނުން މެޗުން މޮޅުވި ލަނޑު ޖެހީ، 74 ވަނަ މިނިޓްގައި ބައޭނާ ދިން ބޯޅައަކުން މިކޭލް އޮޔާޒަބާލް އެވެ. އޭރިއާތެރެއިން ލިބުނު ބޯޅަ އޮޔާޒަބާލް ވަނީ ހަމަޖެހިލައިފައި އިންގްލެންޑްގެ ގޯލުގައި ހުރި ޖޭމްސް ޓްރަފޯޑަށް އެއްވެސް ފުރުސަތެއް ނުދީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

އިންގްލެންޑުން ބަދަލަކަށް ކުޅެން އެރުވި ތިން އެޓޭކަރުން ކަމަށްވާ، މޯގަން ގިބްސް-ވައިޓް، ޑޮމިނިކް ކަލްވެޓް-ލެވިން އަދި މޯގަން ރޮޖާސް ވަނީ އެޓޭކަށް ޖެހި ގޯލަށް ބޯޅަ ފޮނުވާލެވޭތޯ މަސައްކަތް ކޮށްފަ އެވެ. މެޗުގެ އިތުރު ވަގުުތުގައި އިންގްލެންޑުގެ ބެލިންހަމް ފޮނުވާލި ބޯޅައެއް ސްޕެއިނުގެ ކީޕަރު، އުނާއި ސިމޯން ވަނީ މަތަކޮށްފަ އެެވެ. 

މި ގްރޫޕްގެ އަނެއް މެޗުގައި، ކްރޮއޭޝިއާ އިން ވަނީ 2-1 އިން ޗެކް ރިޕަބްލިކް ބަލިކޮށްފަ އެެވެ. 

މި މެޗުން ބަލިވުމާ އެކު، އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް އަށް އަމާޒުވާ ފާޑުކިޔުންތައް އިތުރުވާނެ އެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޓުޗެލްގެ ބައެއް ނިންމުންތަކާ މެދު އިނގިރޭސި މީޑިއާގެ ޕްރެޝަރު ބޮޑު ސުވާލުތައް ޓުޗެލް އަށް އަމާޒުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox