ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސްގެ މަގާމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ވާދަ ކުރައްވަން ނިންމަވައިފި އެވެ.
ޝިޔާމްއަކީ ޕީއެންސީގެ ހަ ނައިބު ރައީސުންގެ ތެރޭގައި މިހާރު ވެސް ހިމެނޭ ބޭފުޅެކެވެ. ދެން ވެސް އެ މަގާމަށް ކުރިމަތިލައްވާނެކަން އޭނާ ހާމަ ކުރެއްވީ "ދައުރު" އަށް ދިން އިންޓަވިއުއެއްގަ އެވެ.
ޕީއެންސީގެ ނައިބު ރައީސުންގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް ޝިޔާމްގެ އިތުރުން އިއުލާނު ކުރައްވާފައި ވަނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އާއި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާގެ އާއި މެންބަރު އަސްމާ ރަޝީދު އާއި އޭނާގެ ދަރިކަލުން އަދި މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު އެވެ.
މިނިސްޓަރު ޝިޔާމް ވާދަ ކުރައްވަން ނިންމުމުން ނައިބު ރައީސްގެ މަގާމަށް މީހަކު އިންތިހާބު ކުރަން އިންތިހާބެއް ބާއްވަންޖެހޭނެ އެވެ. އެ އިންތިހާބު ބާއްވާނީ ވޯޓު ސިއްރުނުވާ ގޮތަށެވެ.
ޕީއެންސީގެ ނައިބު ރައީސް ހޮވަން ބާއްވާ އިންތިހާބުގައި އާންމު މެންބަރުންނަކަށް ވޯޓެއް ނުދެވޭނެ އެވެ. އެ އިންތިހާބުގައި ވޯޓު ދެވޭނީ ޕާޓީގެ މަތީ މަޖިލީހުގެ މެންބަރުންނަށެވެ.

ޕީއެންސީގެ ލީޑަރު އަދި ރައީސްއަކީ ރައީސް މުހައްމަދު މުއިއްޒެވެ. ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން ޕީއެންސީގެ ވެރިކަމެއްގައި ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެހެންކަމުން އެ މަގާމަށް މީހަކު އިންތިހާބު ކުރާކަށް ނުޖެހޭނެ އެވެ.
ޕީއެންސީގެ ނައިބު ލީޑަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އާއި ފިޝަރީޒް މިނިސްޓަރު ޝިޔާމް އާއި އިގްތިސާދީ މިނިސްޓަރު ސައީދު އާއި މެންބަރު ސުޖާއު އާއި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް އެވެ.











