ބޭރުން ފުށުން ބަލާއިރު ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން އިއްޔެ ކުޅުނު ޑުރާމާގައި އިންތިހާބެއްގެ ހުރިހާ ޝަރުތު ހަމަވެ އެވެ.
އިއްޔެ ބޭއްވި "އިންތިހާބު" އޮންނަކަން ދުރާލައި އިއުލާނުކޮށް މަގާމުތަކަށް ކުރިމަތިލާން އޮތީ ހުޅުވާލައިފަ އެވެ. ޖުމްލަ 49 އިންތިހާބީ މަގާމަށް 124 ކެންޑިޑޭޓަކު ކުރިމަތިލި އެވެ. ކުރިމަތިލި ކެންޑިޑޭޓުންނަށް ކެމްޕެއިނު ކުރުމުގެ ފުރުސަތު ވެސް އޮތެވެ.
އަށް މަގާމަކަށް އެންމެ ކެންޑިޑޭޓަކު ހުށަހަޅާފައިވާތީ އިންތިހާބަކާ ނުލައި އެ މަގާމުތަކަށް މީހުން ތިބީ ހޮވިފަ އެވެ. އެހެންކަމުން އިއްޔެ ނެގީ ހަތަރު ވޯޓެވެ. އެ ހަތަރު ވޯޓު ނަގަން ހޭދަވީ ގާތްގަނޑަކަށް އެންމެ ދެ ގަޑިއިރެވެ.
ޕާޓީގެ މެންބަރުން ވޯޓު ދިނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެ އެޕްލިކޭޝަން ހުޅުވުމަށްފަހު ކިއުއާރް ކޯޑެއް ސްކޭން ކުރުމުން ވޯޓުލުމާ ހަމައަށް ދެވެ އެވެ. ކޮންމެ ވޯޓަކަށް ފަސް މިނެޓުގެ ވަގުތުކޮޅެއް ދިނެވެ.
އެ އިންތިހާބުތަކަކީ ހަތަރު ދުވަހަށް ދެމިގެންދާ ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން ބޭއްވި އިންތިހާބުތަކެކެވެ. ހައިބަތާއި ރޭވުންތެރިކަމާއި ޑިޒައިންގެ ގޮތުން އިންތިޒާމްތައް ވަރަށް ފުރިހަމަ އެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖެ އާއި ބޭރުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގަތެވެ.
މި ހުރިހާ ކަމެއް ހިނގައިދިޔަރު، ޕާޓީގެ މަގާމުތަކަށް އިންތިހާބުވާނޭ މީހުން އޮތީ ކުރީބައިގައި ކަނޑައަޅައިފަ އެވެ. މެންބަރުން ވޯޓުލާންޖެހޭ ގޮތުގެ ލިސްޓެއް ޕާޓީގެ ނުފޫޒުގަދަ ބަޔަކު ދިޔައީ ފޮނުވަމުންނެވެ. އަދި އަދަދު އާ ވާހަކަ ދެއްކި މަސްދަރުތަކުން ބުނާ ގޮތުން، އެ ލިސްޓުގައި ތިބި މީހުން ހޮވޭނެކަން ޔަގީންކުރަން މޯބައިލް އެޕްލިކޭޝަން އޮތީ "ރިގްކޮށްފަ" އެވެ.
ޕީއެންސީގެ ކޮންގްރެސް ބައިވެރިވި ދެ މެންބަރަކާއި އިންތިހާބުގައި ވާދަ ކުރި ކެންޑިޑޭޓަކާއި ޕާޓީގެ އެތެރޭގެ ހިންގުން ރަނގަޅަށް އެނގޭ މަސްދަރަކުން މި ނޫހާ ހިއްސާ ކުރި މައުލޫމާތުތަކުން ހާމަވަނީ، އިއްޔެގެ އިންތިހާބަކީ ހަރަކާތާއި އަޑުން ޕީއެންސީގެ މެންބަރުން ކުޅުނު މާސިންގާ ސިޔާސީ ޑުރާމާއެކެވެ.
ވޯޓު ދޭންވީ ގޮތުގެ ލިސްޓު އަދި އިލެކްޓްރޯނިކް ވޯޓިން
ޕީއެންސީގެ މަގާމުތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް އެ ޕާޓީ އިން ހާމަ ކުރީ މިދިޔަ އަންގާރަ ދުވަހު ކޮންގްރެސް ފެށުމުގެ ފަސް ދުވަސް ކުރިންނެވެ. ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށް އެ ލިސްޓު ނެރުމާއެކު ވޯޓު ދޭންޖެހޭ ގޮތުގެ ލިސްޓެއް ވެސް މެންބަރުންގެ މެދުގައި ދައުރުވާން ފެށި އެވެ.
ވޯޓު ދޭންޖެހޭ ގޮތުގެ ލިސްޓެއް ސޯޝަލް މީޑިއާގައި ކޮންގްރެސް ފެށުމުގެ އެއް ދުވަސް ކުރިން ވަނީ ލީކުކޮށްލައިފަ އެވެ. އޭގެ ދެ ދުވަސް ފަހުން އިއްޔެ ވޯޓު ނެގިއިރު، ދެ މެންބަރުން ފިޔަވައި އިންތިހާބުވި އެންމެންނަކީ ފެތުރި ލިސްޓުގައި ނަން އޮތް މީހުންނެވެ.
"މި ލިސްޓަކީ ސީދާ ލީޑާޝިޕުން މެންބަރުންނަށް ފޮނުވަމުންދިޔަ ލިސްޓު. މެންބަރުންނަށް އެބަ މަޖުބޫރުވޭ ވަޒީފާ ހިމާޔަތް ކުރަން ބޭނުމިއްޔާ މި ލިސްޓަށް ވޯޓު ދޭން،" މި ނޫހާ ވާހަކަ ދެއްކި މަސްދަރަކުން ބުންޏެވެ.
އެކަމަކު، އެއަށް ވުރެ ސީރިއަސް ތުހުމަތަކީ ސީދާ ވޯޓު އޮޅުވާލުމުގެ ތުހުމަތެވެ. ސަރުކާރުން އަދަބެއް ދީފާނެތީ ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ދެ މަސްދަރަކުން ބުނި ގޮތުގައި، ވޯޓު ކުރިއަށްދިޔައިރު "ނަތީޖާ އެޅީ" ޕީއެންސީގެ ލީޑާޝިޕުން ކަމަށެވެ.
މޯބައިލް އެޕްލިކޭޝަނުގެ ވާހަކަ ދެއްކުމުގެ ކުރިން، އެޕްލިކޭޝަނެއް މެދުވެރިކޮށް ވޯޓު ނަގަން ނިންމި ނިންމުމުގެ ވާހަކަ ދައްކަންޖެހެ އެވެ. އެންމެ ފުރަތަމަ ޕީއެންސީ އިން ނިންމީ އިންތިހާބުގައި އަތް އުފުލައިގެން ވޯޓު ދޭ ގޮތަށް ހަމަޖެއްސުމަށެވެ.
ސިއްރު ވޯޓަކަށް ނުގޮސް އަތް އުފުލައިގެން ވޯޓު ދޭ ގޮތަށް ހަމަޖެއްސުމުން ބައެއް ފާޑުކިޔުން އަމާޒުވި އެވެ. އެ ފާޑުކިޔުންތަކަށް ރައްދު ދީ ޕީއެންސީ އިން ނެރުނު ބަޔާނުގައި ވެސް ބުނެފައި ވަނީ ޕާޓީގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސްގައި ވޯޓު ދޭނީ އަތް އުފުލައިގެން ކަމަށެވެ.
"ޕާޓީގެ މަތީ މަޖިލީހުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދަންޖެހޭ ގޮތް ޕާޓީގެ އަސާސީ ގަވާއިދުގެ ޗެޕްޓަރ-7 ގައި ތަފުސީލުކޮށް ބަޔާންކޮށްފައިވެއެވެ. ޕާޓީގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގެ ހ. ގައި ބުނެފައިވަނީ ޕާޓީގެ މަަތީ މަޖިލީހުގައި ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެން ކަމަށް،" އޯގަސްޓު 3، 2026، ގައި ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ ތިން ދުވަސް ފަހުން، ޕީއެންސީ އިން ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދު ބަދަލުކޮށްފަ އެވެ. ނަމަވެސް ކޮންގްރެސްގައި ވޯޓު ދޭންޖެހޭނީ އަތް އުފުލައިގެން ކަމަށް ބުނާ މާއްދާ ހަމަ އެގޮތަށް އޮތެވެ. އެކަމަކު ކުއްލިއަކަށް، ރަސްމީކޮށް އެކަން އިއުލާނު ވެސް ނުކޮށް، ވޯޓުލުން ކުރިއަށްދާނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށް ޕާޓީގެ ލީޑާޝިޕުން ނިންމި އެވެ.
އިއްޔެގެ އިންތިހާބުތަކުގެ ވޯޓުލުން ކުރިއަށްދިޔައިރު އެ މަންޒަރު ލައިވްކޮށް ފެނުނެވެ. ވޯޓުލާ މީހުން މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކިއުއާރް ކޯޑް ސްކޭންކޮށްލުމުން ދަނީ ކެންޑިޑޭޓުންގެ ނަމާއި ފޮޓޯ އާއި ނަންބަރު ހިމެނޭ ޕޭޖަކެވެ. އެ ޕޭޖުން ކެންޑިޑޭޓަކު އިހްތިޔާރުކޮށް ވޯޓުލުމަށް ފިއްތާލަންވީ އެވެ.
މިކަން ކުރިއަށްދާއިރު އިވެންޓު ހޯލުގައި ބަހައްޓާފައި ހުރި ބޮޑު ސްކީރަކުން ވޯޓުގައި ބައިވެރިވާ މީހުންނާއި ވޯޓުލަމުންދާ މީހުންގެ އަދަދު ލައިވްކޮށް ފެނެ އެވެ. ނަމަވެސް އެ ވޯޓުގައި ހާމަކަމެއް ނެތެވެ. އެ ކެންޑިޑޭޓަކަށް ލިބެމުންދާ ވޯޓުތައް ވަގުތުން ފެންނަ އިންތިޒާމެއް ހަމަޖައްސާފައެއް ނުވެ އެވެ.
"މެންބަރުންގެ ވޯޓުލުމާ، ނަތީޖާއަކާ އެއްވެސް ގުޅުމެއް ނެތް. ނަތީޖާ އެޅީ އެކަމަށް ކަނޑައަޅާ ހުރި ހާއްސަ މީހަކު. އެ މީހާ ނަތީޖާ އަޅާފަ ލީޑާޝިޕުން އެޕްރޫވް ކުރީމަ މި އިއުލާނުކޮށްލަނީ،" ވާހަކަ ދެއްކި މަސްދަރަކުން ބުންޏެވެ.
ޕާޓީ ތެރޭގެ ބައިބައިވުން ވާނީ އިތުރު
ބުދަ ދުވަހު ބޭއްވި އިންތިހާބުގައި ކެންޑިޑޭޓުންގެ ތެރެއިން ހޮވުނީ އެންމެ މަގުބޫލު މީހާއެއް ނޫނެވެ. އިންތިހާބުވީ ލީޑާޝިޕުން ބޭނުންވި މީހާ އެވެ. މީގެ ސަބަބުން ޕާޓީގެ އެތެރޭގެ ބައިބައިވުން ވާނީ އިތުރު ކަމަށް އެ އިންތިހާބުގައި ވާދަ ކުރި ބައެއް ކެންޑިޑޭޓުންނަށް ގަބޫލު ކުރެވެ އެވެ.
"ހަމަ ޔަގީން އަޅުގަނޑަށް ލިބުނު ވޯޓުގެ އަދަދެއް ނޫން ނަތީޖާއިން މި ފެނުނީ. މިއީ ކަނޑައެޅިގެން އޮޅުވާލުމެއް. މިއީ ދެއްކި މަންޒަރެއް،" ޕީއެންސީގެ އިންތިހާބެއްގައި އިއްޔެ ވާދަ ކުރި ކެންޑިޑޭޓަކު ބުންޏެވެ.
މި ނޫހާ ވާހަކަ ދެއްކި އެހެން މަސްދަރަކުން ބުނީ، އިންތިހާބު ކުރަންޖެހޭ މީހުންގެ ލިސްޓު ހެދީ ޕާޓީގެ ލީޑާޝިޕުގެ ނުފޫޒު ގަދަ މެންބަރުން ބޭނުންވި ގޮތަކަށް ކަމަށް ގިނަ މެންބަރުންނަށް ގަބޫލު ކުރެވޭ ކަމަށް ވެސް އެ މަސްދަރުން ބުންޏެވެ.
"މިވެނި މީހަކު، އެވެނި މީހަކު ބޭނުންވީ އަޅުގަނޑު ނުހޮވަން. މި ޕާޓީއަށް އަޅުގަނޑު ކޮށްދިން މަސައްކަތް މަދެއް ނުވާނެ. މިދިޔަ ރިޔާސީ އިންތިހާބުގައި މުއިއްޒު ހޮވަން އަޅުގަނޑު ކުރި ވަރަށް މަސައްކަތް ކުރި މީހަކު ނުވެސް ހުންނާނެ. އެކަމަކު ތާއީދު އަނބުރާ ގެންގޮސްފިން މިއަދުން ފެށިގެން،" ކުރިން ވާހަކަ ދެއްކި ކެންޑިޑޭޓު ބުންޏެވެ.
ވޯޓު އޮލުވާލުމާއި ގަދަކަމުން ތާއީދު ހޯދުމާއި އެފަދަ ނޭއްގާނީ ކަންކަމުގެ ސަބަބުން ލިބޭ ގެއްލުން މިފަހުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެދެއްވައިފަ އެވެ.
"ކަމެއްގެ ތާއީދު އޮތް ކަމަށް ދައްކަން ރައްޔިތުންނަށް ބިރު ދައްކައިގެން ސޮއި ހަމަ ކުރުމުގެ ބޮޑު ގެއްލުން އޮތީ ހަމަ ސަރުކާރަށް. އެ ގެއްލުމަކީ ރައްޔިތުންގެ ތާއީދު ހުރި ނެތް މިންވަރު ހުދު ސަރުކާރަށް ވެސް އޮޅުން،" ނަޝީދު ވިދާޅުވެފައިވެ އެވެ.
~~
ދިވެހިރާއްޖޭގެ ވެރިކަން ކުރާ ޕާޓީގެ ގޮތުގައި ޕީއެންސީ އޮވެ ބުދަ ދުވަހު އެ ޕާޓީ އިން ދެއްކީ ހުތުރު ނަމޫނާއެކެވެ. އެއީ ޑިމޮކްރަސީގައި ކަން ނުވާންވީ ގޮތެވެ. އިއްޔެ ބޭއްވީ އިންތިހާބެއް ނޫނެވެ. އެއީ ދެއްކުންތެރި ސިޔާސީ ޑުރާމާއެކެވެ.
ނަމަވެސް އެ ޑުރާމާގެ ހަގީގަތް ނޭނގޭ މީހަކު މަދެވެ. ޕާޓީގެ މެންބަރުންނާއި ދުރު ބަލަން ތިބި މީހުންނަށް ވެސް އިންތިހާބުގެ ފޭކު މިންވަރު ވަޒަންކުރެވެ އެވެ. މީގެ ހުރިހާ ގެއްލުމެއް ލިބޭނީ ޕީއެންސީއަށެވެ.












