އިންޖިނިއަރިން އެވޯޑުގައި ދަރިވަރަކު ދޭ ސްޕީޗުން ކުރީގެ ރައީސުންގެ ނަންތައް އުނިކޮށް މުއިއްޒުގެ ނަން އެކަނި ހިމަނަން އަންގައިފި

ހައުސިން މިނިސްޓަރު މުއްތަލިބު (ކ) އަދި މުހައްމަދު މުއިއްޒު (ވ) -- ފޮޓޯ: ހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓަރު މުއްތަލިބު (ކ) އަދި މުހައްމަދު މުއިއްޒު (ވ) -- ފޮޓޯ: ހައުސިން މިނިސްޓްރީ

ބުރާސްފަތި ދުވަހު ބާއްވާ އިންޖިނިއަރިން އެވޯޑުގައި ދަރިވަރަކު ދޭ ސްޕީޗުން ކުރީގެ ރައީސުންގެ ނަންތައް އުނިކޮށް، ރައީސް މުހައްމަދު މުއިއްޒުގެ ނަން އެކަނި ހިމަނަން ހައުސިން މިނިސްޓްރީން އަންގައިފި އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި އެވޯޑު ހަފްލާގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަރިވަރަކަށް ސްޕީޗް ދިނުމަށް ލިބުނު ފުރުސަތުގައި ކުރީގެ ރައީސުންގެ ނަންތައް ހިމަނައިގެން ތައްޔާރުކުރި ސްޕީޗް އެޕްރޫވްކުރަން ހައުސިން މިނިސްޓްރީއަށް ފޮނުވި އެވެ. އެގޮތުން އެ ސްޕީޗުން ކުރީގެ ރައީސުންގެ ނަންތައް އުނިކޮށް ހަމައެކަނި މުއިއްޒުގެ ނަން ހިމަނަން އެންގުމުން އެގޮތަށް ޕޮލިޓެކްނިކުން ވަނީ އަމަލުކޮށްފަ އެވެ. 

ކުރީގެ ރައީސުން ނަންތައް ހިމަނައިގެން ޕޮލިޓެކްނިކުން ތައްޔާރުކުރި ސްޕީޗާއި ހައުސިން މިނިސްޓްރީގެ އެންގުމަށް ކުރީގެ ރައީސުންގެ ނަންތައް އުނިކޮށް ހަމައެކަނި މުއިއްޒުގެ ނަން ހިމަނައިގެން ތައްޔާރުކުރި ސްޕީޗް މި ނޫހަށް ވަނީ ލިބިފަ އެވެ. 

Advertisement

ސްޕީޗުން އުނިކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރު އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ނަމެވެ. އޭގެއިތުރުން އަލްއަމީރު މުހައްމަދު ފަރީދު ދީދީގެ ނަންވެސް ސްޕީޗުން އުނިކުރަން އެންގި އެވެ. 

މިގޮތަށް ތާރީހު އޮޅުވާލައި ހަމައެކަނި މުއިއްޒަށް ސަނާކިޔުމުގެ ނިޔަތުގައި ސްޕީޗެއް ތައްޔާރުކުރަން ޖެހުމުން ޕޮލިޓެކްނިކްގެ ލެކްޗަރާއިންނާއި ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ވަނީ އެނގިފަ އެވެ. 

"ސްޕީޗާއި ހުރިހާ އެއްޗެއް ރެޑީކޮށްފައި ހަދާފައި މިއިނީ ހުރިހާ ކުރީގެ ޕްރެޒިޑެންޓްސްއިންނަށް އެމީހުންގެ ކްރެޑިޓްސްތައް ދީފައި. އިންދާ ހައުސިން މިނިސްޓްރީން މި އަންގަނީ ސްޓްރިކްޓްކޮށް ހުރިހާ ޕްރެޒިޑެންޓްސްއިންގެ ނަންތައް ރިމޫވްކޮށްފައި ހަމައެކަނި މުއިއްޒުގެ ނަން ޖަހާފައި މުއިއްޒަށް ކްރެޑިޓްސް ދޭން. ހިސްޓްރީ ގެއްލުވާލަން މި ބުނަނީ،" މިކަމުގެ މައުލޫމާތު އެނގޭ މީހާ ބުންޏެވެ. 

މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީއާ އަދަދު އިން ސުވާލުކުރުމުން ހަބަރު ޝާއިއުކުރުމާ ހަމައަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. 

ހައުސިން މިނިސްޓްރީން ބާއްވާ އިންޖިނިއާސް އެވޯޑް ބޭއްވުމަށް ހަމަޖެހިފައިވަނީ "ހޮނަރިން އެކްސެލެންސް، މޭކިން ހިސްޓްރީ" ތީމްގެ ދަށުންނެވެ. މި އެވޯޑް ހަފްލާގައި 10 ދާއިރާއަކުން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޖިނިއަރުން ގައުމަށް ކޮށްދެއްވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެގޮތުން މި އަހަރުން ފެށިގެން އިންޖިނިއަރިންގެ އެވޯޑު ބާއްވަން ފައްޓަވާނެ ކަމަށް މިދިޔަ އަހަރު ވިދާޅުވީ މުއިއްޒެވެ. މައުލޫމާތު ލިބޭ ގޮތުގައި ބުރާސްފަތި ދުވަހު ބާއްވާ އެވޯޑު ހަފްލާގައި އެމަނިކުފާނަށްވެސް އެވޯޑެއް އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ. 

މިދިޔަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓް 30، ވަނަ ދުވަހަކީ ގައުމީ ފެންވަރެއްގައި ފާހަގަކުރާ "ދިވެހިރާއްޖޭގެ އިންޖިނިއަރުންގެ ދުވަސް" ކަމުގައި މުއިއްޒު ވަނީ ހަމަޖައްސަވާފަ އެވެ. އިންޖިނިއަރިން ދުވަހު މުޅިންވެސް ފެނިގެންދަނީ އެމަނިކުފާނަށް އެކި ގޮތްގޮތުން ސަނާކިޔަން ސަރުކާރުން މަސައްކަތްކުރާތަނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox