އަދަދު ނޫހަށް ލިޔުމުން ޖަވާބު ދޭން ނުޖެހޭނެ ކަމަށް ވިދާޅުވެ ތަރުޖަމާނު ގާނޫނުއަސާސީއަށް ގޮންޖައްސަވައިފި

ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ހުސައިން ޝަރީފް (މުންދު) ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: އަދަދު ނޫހަށް އެޅި ފިޔަވަޅު ލިޔުމުން ދޭން ނުޖެހޭނެކަމަށް މުންދު ވިދާޅުވިއިރު، ގާނޫނުއަސާސީގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ އިދާރީ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް އަންނަކަމަށް ފެނިއްޖެ ނަމަ، އެ ފިޔަވަޅު އެޅި ސަބަބު ލިޔުމުން އަންގަންޖެހޭނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ހުސައިން ޝަރީފް (މުންދު) ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: އަދަދު ނޫހަށް އެޅި ފިޔަވަޅު ލިޔުމުން ދޭން ނުޖެހޭނެކަމަށް މުންދު ވިދާޅުވިއިރު، ގާނޫނުއަސާސީގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ އިދާރީ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް އަންނަކަމަށް ފެނިއްޖެ ނަމަ، އެ ފިޔަވަޅު އެޅި ސަބަބު ލިޔުމުން އަންގަންޖެހޭނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު އާއި އެ ނޫހުގެ އެއްވެސް ނޫސްވެރިއަކަށް ނުވަދެވޭ ގޮތަށް ފިޔަވަޅު އެޅި ސަބަބު ލިޔުމުން ދޭން ނުޖެހޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

މި ނޫހަށް އެޅި ފިޔަވަޅަކީ އެއްވެސް މުއްދަތެއް ނެތް ގޮތަށް އެޅި ފިޔަވަޅެއްތޯ ދައުރު ނޫހުގެ ނޫސްވެރިޔާ މުހައްމަދު މުޒައްޔިން ސުވާލުކުރުމުން، އެއީ މުއްދަތެއް ނެތް ގޮތަށް އެޅި ފިޔަވަޅެއް ނޫން ކަމަށް ފާހަގަ ކުރެއްވުމަށް ފަހު ތަރުޖަމާނު ވިދަޅުވީ "އެ ބޭފުޅުންގެ [އަދަދު ނޫހުގެ ނޫސްވެރިންގެ] ކްރިމިނަލް ޕްރޮސީޑިން ނިމި ވަކި ގޮތެއް ނިމެންދެކަށޭ [ރައީސް އޮފީހަށް ނުވަދެވޭނީ]... އެ ނިމުނީމަ އޭތި ރިވިއު ކުރެވޭނެ" ކަމަށެވެ. 

އެ ފިޔަވަޅާ ގުޅޭ ގޮތުން ލިޔުމުން ޖަވާބު ނުދޭ މައްސަލައިގައި އިތުރަށް މުޒައްޔިން ސުވާލުކުރުމުން ތަރުޖަމާނު ވިދާޅުވީ "ލިޔުމުން އެ ބޭފުޅުން ބޭނުންވާހާ އެއްޗެއް އަޅުގަނޑުމެން ކީއްކުރަން ދޭންވީ" ކަމަށާއި، "ލިޔުމުން ދޭންޖެހޭ ގޮތަކަށް ނޯންނާނެ ގެޒެޓުގައި ލިޔެފައެއް" ކަމަށެވެ.

އިދާރީ ފިޔަވަޅެއް އަޅާއިރު އެކަން ލިޔުމުން ދޭންޖެހޭނެ ކަމަށް ނޫސްވެރިޔާ ފާހަގަކުރުމުން، ތަރުޖަމާނު ވަނީ "ގަވާއިދު ބައްލަވާލައްވާ، އޮންނާނީ ގަވާއިދާ އެއްގޮތަށް ހަމަ އަކުރުން އަކުރަން. ގާނޫނީ ލަފާ ވެސް ހޯދައިގެން" ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ށ. ގައި ބުނެފައި ވަނީ އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ފެނިއްޖެނަމަ، އެ ފިޔަވަޅެއް އެޅި ސަބަބު ލިޔުމުން ލިބުމުގެ ހައްގު އެ މީހަކަށް ލިބިގެންވާ ކަމަށެވެ. 

ކްރިމިނަލް މައްސަލަ ކުރިއަށް ދަނީ ވަކިވަކި ނޫސްވެރިންތަކެއްގެ މައްޗަށް ކަމާއި، ނޫހުގެ މައްޗަށް ނޫން ކަމަށް ފާހަގަކޮށް އެހެން ނޫސްވެރިޔަކު ސުވާލުކުރުމުން، އެކަމަށް ސީދާ ޖަވާބެއް ނުދެއްވައި ތަރުޖަމާނު ވިދާޅުވީ "އަޅުގަނޑު ނުވަންނަން ތީގެ ތެރެއަކަށް" ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަމޭ މީޑިއާއަކުން މީޑިއާގެ ޒިންމާ އަދާކޮށްގެން އެޅުނު ފިޔަވަޅެއް ކަމަށް [އެއީ]،" އޭނާ ވިދާޅުވި އެވެ. 

ތަރުޖަމާނުގެ މި ވާހަކަތަކުން އިދާރީ އިޖުރާއަތްތަކާއި ގާނޫނީ ހަމަތައް އެނގިވަޑައިނުގަންނަވާކަން ހާމަވެ އެވެ. މި ނޫހުގެ ނޫސްވެރިން ވަނުން މަނާކުރި މައްސަލައާ ގުޅިގެން ރައީސް އޮފީހަށް ފޮނުވި ތިން ސިޓީއަށް ވެސް މިހާތަނަށް އެ އޮފީހުން ޖަވާބެއް ދީފައެއް ނުވެ އެވެ.

ސަރުކާރުގެ ޕްރެސްތަކަށް އަދަދުގެ ނޫސްވެރިން ނުވައްދާ މައްސަލައިގައި ޖަވާބެއް ނުދޭތީ އަނެއްކާވެސް މުއިއްޒުއަށް ސިޓީއެއް

މި ފިޔަވަޅަކީ ބޭއިންސާފު އަދި ގާނޫނީ ހަމަތަކުން ބޭރު ނިންމުމެއް ކަމަށް ފާހަގަކޮށް، މި މައްސަލަ ބައިނަލްއަގުވާމީ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް އެ ނޫހުން ބުނެއެވެ.

ރައީސް އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު ނޫހުގެ އެއްވެސް ނޫސްވެރިއަކަށް ނުވަދެވޭ ގޮތަށް ހަމަޖެއްސި މައްސަލައިގައި، އެ އޮފީހަށް ހުށަހެޅި ސިޓީތަކަށް ޖަވާބު ނުދޭތީ، އަދަދު ނޫހުން އެންމެ ފަހުން ސިޓީއެއް ފޮނުވުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. 

އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ ސޮއިކުރައްވައި ރައީސް އޮފީހަށް ހުށަހެޅި ސިޓީގައި ބުނީ، ނޫސްވެރިންގެ ބައްދަލުވުންތަކަށް އެ ނޫހުގެ ނޫސްވެރިން ނުވައްދަން ނިންމި ނިންމުން ރަސްމީކޮށް ލިޔުމުން ހޯދަން ދެ ފަހަރެއްގެ މަތިން ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.

އެގޮތުން، މެއި 18 ވަނަ ދުވަހު ފޮނުވި ސިޓީއަށް ޖަވާބެއް ނުލިބުމުން، ރައްޔިތުން ހުށަހަޅާ ޝަކުވާތައް މެނޭޖުކުރުމަށް އުފައްދާފައިވާ ސިޓިޒަންސް ކޮމްޕްލެއިންސް ބިއުރޯގެ ވެރިޔާ، ޑރ. މުހައްމަދު މާހިދު ޝަރީފްއަށް ޖުލައި 9 ގައި ސިޓީއެއް ފޮނުވި ކަމަށްވެސް ބުނެފައިވެ އެވެ.

އަދަދު ނޫހުގެ ނޫސްވެރިންނަށް ރައީސް އޮފީހުގެ ޕްރެސްތަކަށް ނުވަދެވޭތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ދުވަސް ވެފައިވާއިރު، އެ ނޫހުން ބުނީ މިއީ ބޭއިންސާފު، ގާނޫނީ ހަމަތަކުން ބޭރު ނިންމުމެއް ކަމަށެވެ.

އަދި މި މައްސަލަ ރާއްޖެއާއި ބައިނަލްއަގުވާމީ ފަރާތްތަކަށް ހުށަހެޅުމަށް ބޭނުންވި ނަމަވެސް، ރައީސް އޮފީހުން ލިޔުމުން ޖަވާބެއް ނުދޭތީ ގާނޫނީ ފިޔަވަޅު އެޅުމުގެ މަގު ވަނީ ބަންދުވެފަ އެވެ.

ފިޔަވަޅު އެޅީ ސުވާލަކާ ގުޅިގެން

ރައީސް އޮފީހުން އަދަދު ނޫހާ ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ މެއި 11 ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޕްރެސްއެއްގައި އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކުރި ސުވާލަކާ ގުޅިގެންނެވެ. އެ ސުވާލާއެކު، އެ ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރެފައިވާ އަނގަބަންދުކުރުމުގެ އަމުރާ (ގެގް އޯޑާ) ހިލާފުވީ ކަމަށް ބުނެ، ރައީސް މުއިއްޒު ވަނީ ނޫސްވެރިޔާ ބައްދަލުވުމުން ބޭރުކޮށްފަ އެވެ.

އޭގެ ފަހުން، މީޑިއާ ވަޓްސްއެޕް ގްރޫޕުގައި ހިއްސާކުރި މެސެޖަކުން އަދަދު ނޫހަށް ނުވަދެވޭނެ ކަން އަންގައި، ފަހުން އުފެއްދި އާ ގްރޫޕުގައިވެސް އެ ނޫހުގެ ނޫސްވެރިން ބައިވެރިއެއް ނުކުރެ އެވެ.

އަދަދު ނޫހުގެ ސީއީއޯ ފިޔާޒު ވިދާޅުވީ، މިއީ ގަސްތުގައި ނޫސްވެރިކަމަށާއި އެ ނޫހުގެ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. އަދި ރައީސް އޮފީހުން ބުނާ ގޮތުގައި މި "ސަސްޕެންޝަން" ދެމިގެންދާނީ ފިޔާޒާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ގަޒުފުކުރުމުގެ ދައުވާގެ މައްސަލަ ނިމެންދެންނެވެ. އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ދެ ބޭފުޅުންވެސް ވަނީ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox