ގާނޫނު އޮތް ގޮތުން އަބްދުލްއަޒީޒަށް ދެވަނަ ދައުރެއް ދެވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

ސްޓޭޓް މިނިސްޓަރު، އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު: އޭނާއަކީ ރާއްޖޭގެ އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރު -- ފޮޓޯ: ސަން އޮންލައިން

ސްޓޭޓް މިނިސްޓަރު، އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު: އޭނާއަކީ ރާއްޖޭގެ އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރު -- ފޮޓޯ: ސަން އޮންލައިން

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ (އާރުޓީއައި) ގާނޫނުގައި އިންފޮމޭޝަން ކޮމިޝަނަރުކަން ކުރެވޭނީ އެއް ދައުރަށް ކަމަށް ބުނާތީ، އެ މަގާމަށް އައްޔަންކުރަން އުޅޭ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަންކުރެވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ. 

އާރުޓީއައި ގާނޫނުގައި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތު ބަޔާންކުރާ މާއްދާގައި އޮންނަނީ އެ މަގާމަށް އައްޔަންކުރާ މީހެއްގެ ދައުރަކީ ފަސް އަހަރު ދުވަސް ކަމަށެވެ. އަދި، ދައުރު 10 އަހަރަށް އިތުރުކުރެވެނީ އެ މަގާމުގައި ހުރި މީހެއްގެ މަގާމުގައި އިތުރު ދައުރެއް ބަހައްޓަން ރައްޔިތުންގެ މަޖިލީހުން  ފާސްކުރުމުން ކަމަށް ވެސް ގާނޫނުގައި އޮވެ އެވެ.

ގާނޫނުގައި މިހެން އޮތުމުން އަބްދުލްއަޒީޒަށް އިތުރު ދައުރަކަށް ނާދެވޭނެ ކަމަށް ގަބޫލުކުރާ މީހުން ބުނަނީ، އޭނާ ކުރިން އެ މަގާމުގައި އެއް ދައުރު ފުރިހަމަކުރައްވާފައިވާތީ އިތުރު ދައުރަކަށް ނާދެވޭނެ ކަމަށެވެ.

މި މައްސަލައިގައި އަދަދު ނޫހުން ވާހަކަ ދެއްކި ގާނޫނީ މާހިރުން ވެސް ބުނީ ގާނޫނުގެ އެ މާއްދާގެ އިބާރާތް އޮތް ގޮތުން މާނަކުރެވެނީ އިތުރު ދައުރެއް ނުދެވޭނެ ގޮތަށް ކަަމަށެވެ. 

"އާރުޓީއައި ގާނޫނު އޮތް ގޮތުން އެއްވެސް މީހަކަށް ދެ ދައުރެއް ނުލިބޭނެ. މަޖިލީހަށް ވެސް ލިބޭ ބާރަކީ އެ މަގާމުގައި ހުރި މީހެއްގެ ދައުރުގެ މުއްދަތު 10 އަހަރަށް އިތުރުކުރުން،" މި ނޫހާ ވާހަކަ ދެއްކި ގާނޫނީ ވަކީލަކު ބުންޏެވެ. 

އަބްދުލްއަޒީޒަކީ އާރުޓީއައި ގާނޫނުގެ ދަށުން އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރެވެ. އޭނާ އެ މަގާމުގައި ހުންނެވީ 2014 އިން ފެށިގެން 2019 ވަނަ އަަހަރަށެވެ. އޭރު މަޖިލީހުން އޭނާގެ ދައުރު އިތުރުކޮށްފައި ނުވާތީ، އޭނާ ދެން އަންނާނީ ދެވަނަ ދައުރަކަށެވެ. 

އިންފޮމޭޝަން ކޮމިޝަނަރަކަށް އަބްދުލްއަޒީޒު އައްޔަންކުރާތީ އެހެން ކަންބޮޑުވުންތައް ވެސް އެބަހުއްޓެވެ. އެއީ އޭނާ މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނަވާފައި އެ މަގާމާ ހަވާލުވުމާއި، އޭނާ އިންފޮމޭޝަން ކޮމިޝަަނަރަކަށް ހުންނެވި ދުވަސްވަރު އާރުޓީއައި ގާނޫނުން ލިބިދޭ ހައްގުތައް ފުރިހަމައަށް ހޯދައިދޭން މަސައްކަތް ނުކުރެއްވުމެވެ. 

މި މައްސަލަތައް ފެންމަތިވެފައި އޮއްވާ، އަބްދުލްއަޒީޒާ ގުޅިގެން ޝަކުވާތައް ހުށަހަޅަން ހަ ގަޑިއިރުުގެ ކުޑަ ވަގުތުކޮޅެއް ދިނުމަށް ފަހު، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އެ ފުރުސަތު ބަންދުކޮށްފަ އެވެ. 

އާ އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަންކުރަން އުޅޭއިރު، ރައީސް އޮފީހާއި ބައެއް ވުޒާރާތަކާއި ބައެއް އިދާރާތަކުގެ އިތުރުން ދައުލަތުގެ ކުންފުނިތަކުން މައުލޫމާތު ހާމަަނުކުރާ މައްސަލަ ވަރަށް ބޮޑެވެ. އަދި، މި ފަދަ މައުލޫމާތު ނުދޭ މައްސަލަތަކުގައި ދައުލަތް ގޯސްކުރާތީ، މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު، އަހުމަދު އާހިދުއާ މެދު ސަރުކާރުގެ ހިތްހަމަނުޖެހުން ބޮޑެވެ.

އެ ގޮތުން މުއިއްޒު ވަނީ އާހީދަކީ އިދިކޮޅުގެ އޯޑަރަށް މަސައްކަތް ކުރައްވާ އިދިކޮޅުގެ އެޖެންޓެއް ކަމަށް ވެސް ތުހުމަތުކުރައްވާފަ އެވެ. ނަމަވެސް އާހިދު ވަނީ މި ވާހަކަަތައް ދޮގުކުރައްވާ، އޭނާ މަސައްކަތް ކުރަނީ ގާނޫނުގައި މަތިކޮށްފައިވާ ޒިންމާތަކާ އެއްގޮތަށް ކަމަށް ވިދާޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox