ނިއު ބަލިކޮށް މާޒިޔާ އިން ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފި

Aug 19, 2026, 11:11 PM
ކަޕް ވިނާސް ކަޕް ތަށްޓާ އެކު މާޒިޔާ އިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ކަޕް ވިނާސް ކަޕް ތަށްޓާ އެކު މާޒިޔާ އިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ކަޕް ވިނާސް ކަޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 6-4 އިން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 

މެޗުގެ 90 މިނިޓް ހަމަވިއިރު، ދެ ޓީމުގެ ނަތީޖާ ވަނީ އެއްވަރުވެފަ އެވެ. މިއާ އެކު، ނިއު އާއި މާޒިޔާ އިން އެންމެ ފަހުން ކުޅުނު ފަސް މެޗަށް ބަލާއިރު ވެސް ފުރިހަމަ ވަގުތު ހަމަވެފައިވަނީ އެއްވަރުވެގެންނެވެ. މި ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗު ޕެނަލްޓީ އަށް ގޮސްގެން މާޒިޔާ މޮޅުވި އެވެ. އަދި، ކަޕް ވިނާސް ކަޕްގެ ލީގު ބުރުގައި މި ދެ ޓީމުގެ މެޗު ވީ 1-1 އިން އެއްވަަރެވެ.

މިރޭގެ ފައިނަލް 2-2 އިން އެއްވަރުވެ، ޕެނަލްޓީގައި މާޒިޔާ 6-4 އިން މޮޅުވީ އެވެ. މިއީ، މާޒިޔާ އިން ކަޕް ވިނާސް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެ ޓީމަކީ ކަޕް ވިނާސް ކަޕް އުފުލާލި ހަތަރު ވަނަ ޓީމެވެ. އަށާރަ އަހަރަށް ފަހު، މި ސީޒަނުގައި ބޭއްވި ކަޕް ވިނާސް ކަޕްގެ ތަށި މީގެ ކުރިން ހޯދާފައިވަނީ، ކްލަބް ވެލެންސިއާ ހަ ފަހަރު، ނިއު ހަތަރު ފަހަރު އަދި ވިކްޓަރީ ސްޕޯޓްސް ކްލަބް ތިން ފަހަރު އެވެ. 

Advertisement

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ނިއު އިން ކުރިއަށް ޖެހިގެން މާޒިޔާ ހާފުގެ ތެރޭގައި ކުޅެން ފެށި އެވެ. އެކަމަކު، މެޗުގައި ތަނަވަސްކުރި ފުރަތަމަ ފުރުސަތުގައި ލަނޑު ޖަހައި މާޒިޔާ އިން ލީޑުނެގި އެެވެ.

ކަޕް ވިނާސް ކަޕްގެ ފައިނަލުގައި ނިއު އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން މާޒިޔާގެ އިލާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ
ކަޕް ވިނާސް ކަޕްގެ ފައިނަލުގައި ނިއު އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން މާޒިޔާގެ އިލާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

މެޗުގެ ތިން ވަނަ މިނިޓްގައި މާޒިޔާ އިން މި ލަނޑު ޖެހީ ނިއުގެ ކޯނަރަކުން ބޯޅަ ހޯދައިގެން އުފެއްދި ކައުންޓަ އެޓޭކެއްގަ އެވެ. އެ ގޮތުން، މާޒިޔާގެ ހާފުގެ ތެރެއިން އެ ޓީމުގެ އަހުމަދު އައިހަމް (ފަތޯ) ކައިރީގައި ހުރި ކުޅުންތެރިއަކު ކައިރިން ނައްޓާފައި، އެ ޓީމުގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އަށް ދިނުމުން، އޭނާ އެއް ފަހަރުން އެ ބޯޅަ ކުޅުނީ އަރިމަތިން އެރި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށެވެ. ފޭދޫ އިއްބެ، ހަަމަޖެހިލައިފައި، އަވަސްކޮށް ނަގައިދިން ހުރަހަށް އަރައި، ޒުވާން ފޯވާޑް، މުހައްމަދު އިލާން އިމްރާން ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ، މި ސީޒަނުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ މޮޅު ކައުންޓަ އެޓޭކް ގޯލެވެ.

މާޒިޔާ އިން ލަނޑަށް ފަހު، ލިބުނު އިތުބާރާ އެކު ކުޅެން ފަށައި، ދެ ވަނަ ގޯލެއް ޖެހޭތޯ ބެލި އެވެ. އެ ގޮތުން، ހިލޭ ޖެހުމަކުން، އަައިހަމް ޖެހި ބޯޅައެއް ނިއުގެ ކީޕަރު، މުހައްމަދު ފަައިސަލް ވަނީ އަތަށް ނަގައިފަ އެވެ. 

ނިއު އިން އެއްވަރުކުރި ލަނޑު ޖެހީ މެޗުގެ 16 ވަނަ މިނިޓްގައި އަލީ ފާސިރު (ސެންޓޭ) އެވެ. މި ލަނޑު ޖަަހަން އެންމެ ބޮޑު މަސައްކަތެއް ކުރީ ނިއުގެ ލައިބީރިއާ މިޑްފީލްޑަރު، އަބްދުﷲ ބިލިޓީ އެވެ. މާޒިޔާގެ އިބްރާހިމް އައިސަމް ކައިރިން ނައްޓާފައި ގޮސް، ބިލިޓީ ޖައްސާލި ބޯޅަ ސެންޓޭ ވަނީ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ. ބިިލިޓީ، އެ ބޯޅަ ސެންޓޭ އަށް ދިންއިރު ރެފްރީ، އާދަމް ފަޒީލް ވަނީ ޕްލޭއޮން އަށް ދޫކޮށްފަ އެވެ. އެއީ، ބިލިޓީ އަށް ފައުލެއް ކޮށްފައިވާތީވެ، އެ އަށް ނުހުއްޓައި، ކުޅުން ކުރިއަށް ގެންދާން ފުރުސަތު ދޭށެވެ. ސެންޓޭ، އެއް ފަހަރުން ފޮނުވާލި ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒުވީ މާޒިޔާގެ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) ބޯމަތިން ގޮހެވެ. 

މެޗުގައި ދެ ވަނަ ފަހަރަށް މާޒިޔާ އިން ލީޑުނެގި 28 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ އައިހަމް އެވެ. ލޫތު ދިން ބޯޅައެއް އޭރިއާތެރެއިން ހޯދުމަށް ފަހު، ކައިރިއަށް ދިޔަ ނިއުގެ ލައިބީރިއާގެ ޑިފެންޑަރު އަލްބާޓް ސްވެން ކައިރިން ނައްޓާފައި، އައިހަމް ފޮނުވާލި ބޯޅަ ގޯލުގެ ކައިރީ ކަނަށް އަމާޒުވީ ނިއުގެ ޑިފެންޑަރު، މުހައްމަދު ނިޒާމް (ޕީކޭ) ފައިގައި ޖެހިފަަ އެވެ. 

ކަޕް ވިނާސް ކަޕްގެ ފައިނަލުގައި ނިއު އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ
ކަޕް ވިނާސް ކަޕްގެ ފައިނަލުގައި ނިއު އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ

ނިއު އިން ކުޅުން އަވަސްކޮށް މެޗުގެ 30 ވަނަ މިނިޓްގައި އެޓޭކެއް ކުރި އެވެ. އެ ގޮތުން، އޭރިއާތެރެއިން އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ ބޮލުން ޖައްސާލި ބޯޅަ ކީޕަރު ހުސެން ވަނީ ފަސޭހައިން އަތަށް ނަގައިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން، ނިއު އިން ލަނޑު ޖަހައި ދެ ވަނަ ފަަހަރަށް މެޗުގެ ނަތީޖާ ހަަމަހަމަކުރި އެވެ. މެޗުގެ 35 ވަނަ މިނިޓްގައި ނިއުގެ ޑަ ސިލްވާ ދިން ބޯޅައެއް އޭރިއާތެރެއިން ސެންޓޭ ފޮނުވާލިއިރު، ގޯލަށް ވަނީ ކީޕަރު ހުސެން އަތުގައި ޖެހިފަ އެވެ. 

ފުރަތަމަ ހާފުގައި މާޒިޔާ އަށް އަލުން ލީޑުނަގައިދޭން އެ ޓީމުގެ ސާބިއާ މިޑްފީލްްޑަރު، ނިކޯލާ ވުޖިޗިޗް އަށް ލިބުނު ފުރުސަތުގައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރުންނެވެ. ދެ ވަަނަ ހާފުގައި މާޒިޔާ އިން ރަނގަޅަށް ފެށިއިރު، ނިއު އޭރިއާތެރެއިން ފޭދޫ އިއްބެ ފޮނުވާލި ޝޮޓެއް ދިޔައީ ހުރަސްދަނޑިމަތިންނެވެ. 

މުޅި މެޗަށް ބަލާއިރު، ނިއުގެ ބްރެޒިލް ފޯވާޑް، ޑޮރިއެލްޓަން ގޯމޭސް (ޑޯރީ) އަށް މާޒިޔާގެ ޑިފެންސްލައިން ތެރެއިން މާ ބޮޑު ފުރުސަތުތަކެއް ނުހޯދެ އެވެ. އެކަމަކު، މެޗުގެ 80 ވަނަ މިނިޓްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން ޑޯރީ ޖެހި އޯވަހެޑް ކިކް ދިޔައީ ކީޕަރު ހުސެން އަތަށެވެ.  އޭގެ ފަހުން، މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ކޯނަރަކުން ޑަ ސިލްވާ ނެގި ބޯޅައަކުން އޭރިއާތެރެއިން ޑޯރީ ޖެހި ޝޮޓް ވެސް ކީޕަރު ހުސެން ވަނީ ހުއްޓުވައިފަ އެވެ. އަދި، އޭރިއާބޭރުން ޑަ ސިލްވާ، ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ވެސް ހުސެން މަތަކުރި އެެވެ. 

މެޗު އެއްވަރުވެގެން، ޕެނަލްޓީ ޖަހަން ޖެހުނުއިރު، ނިއު އިން ފުރަތަމަ ޕެނަލްޓީ ޑަ ސިލްވާ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. މާޒިޔާގެ އިލާން ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. ނިއުގެ ދެ ވަނަ ޕެނަލްޓީ ޑޯރީ ފޮނުވާލުމުން ދިޔައީ ބޭރަށެވެ. މާޒިޔާގެ ދެ ވަނަ ޕެނަލްޓީ ފޮނުވާލި އައިސަމް ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ނިއު އިން ތިން ވަނަ ޕެނަލްޓީ ޖަހަން ދިޔައީ ބަދަލަކަށް ކުޅެން އެރި އަހުމަދު އަބްދުﷲ (ލިލީ) އެވެ. އޭނާ ވަނީ ގޯލަަށް ބޯޅަ ފޮނުވާލައިފަ އެވެ. މާޒިޔާގެ ތިން ވަނަ ޕެނަލްޓީ ހައިސަމް ހަސަން (ބިޑި) ވަނީ ކާމިޔާބުކޮށްފަ އެވެ. ނިއުގެ ހަަަތަރު ވަނަ ޕެނަލްޓީ ފޮނުވާލަން ދިޔަ މޫސާ ޔާމީން (ޔާމްބެ) ފޮނުވާލި ބޯޅަ ބޭރަށް ދިއުމާ އެކު، މާޒިޔާގެ ހަތަރު ވަނަ ޕެނަލްޓީ ވައްދާލައި، އެ ޓީމުގެ ނައިޖީރިއާ ފޯވާޑް، ބެންޖަމިން ކުކޫ އަށް މެޗުން މޮޅުވާން ލިބުނު ފުރުސަތުގެ  ބޭނުންހިފައި މާޒިޔާ މޮޅުކޮށްދިނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox