އިންޑިއާ މޮޑެލްގެ މަރުގައި ފިރިމީހާ އާއި މައިދައިތައަށް ދައުވާކޮށްފި

Aug 20, 2026, 6:00 AM
ޓްވިޝާ އާއި ސަމާތު ކައިވެނިކޮށްގެން އުޅޭތާ ވީ އެންމެ ފަސް މަސް.

ޓްވިޝާ އާއި ސަމާތު ކައިވެނިކޮށްގެން އުޅޭތާ ވީ އެންމެ ފަސް މަސް.

އިންޑިއާގެ މޮޑެލްއެއްގެ އިތުރުން އެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި އުމުރުން 33 އަހަރުގެ އަންހެނަކު ކައިވެނިކުރިތާ ފަސް މަސް ފަހުން، އޭނާ ދިރިއުޅޭ ގޭގައި މަރުވެފައި އޮއްވާ ފެނުނު މައްސަލައިގައި އެ ގައުމުގެ ފެޑަރަލް ފުލުހުން ދައުވާ އުފުލައިފި އެވެ.

މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު ބޯޕާލް ސިޓީގައި ޓްވިޝާ ޝަރުމާ މަރުވި ހާދިސާއާ ގުޅިގެން މީޑިއާގެ ބޮޑު ސަމާލުކަމެއް އެ މައްސަލައަށް ހުއްޓުނެވެ. އަދި އެއީ މީހަކު މަރާލުމުގެ ހާދިސާއެއްތޯ ނުވަތަ އަމިއްލައަށް މަރުވުމުގެ ހާދިސާއެއްތޯ ކުރެވުނު ބަހުސްތަކާއެކު، ކޮންމެ ދުވަހަކު ވެސް އެ މައްސަލައިގެ ހަބަރުތައް އައީ ފެންނަމުންނެވެ.

އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ހުށަހެޅި ދައުވާ ފޯމުގައި، ޓްވިޝާގެ ފިރިމީހާ އާއި އޭނާގެ މައިދައިތަގެ މައްޗަށް އުފުލާފައިވަނީ އަމިއްލައަށް މަރުވާން ހިތްވަރު ދިނުމާއި އިހާނެތިކޮށް ހިތުމުގެ ދައުވާ އެވެ.

ޓްވިޝާގެ ފިރިމީހާ އަދި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރާ ސަމަރުތު ސިންގް އާއި، އޭނާގެ މަންމަ އަދި ރިޓަޔާޑް ފަނޑިޔާރެއް ކަމަށްވާ ގިރިބާލާ ސިންގް ވަނީ އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

ޓްވިޝާގެ މަރުގެ މައްސަލައަށް އިންޑިއާގައި މިހާ ބޮޑު ސަމާލުކަމެއް ލިބުނީ، އާންމު ރައްޔިތުން ގަބޫލުކުރާ ގޮތުގައި އިންޑިއާގެ ނުފޫޒުގަދަ ޝަރުއީ ދާއިރާގެ ބޭފުޅުންނަކީ ނަމޫނާ ދައްކަންޖެހޭ ބަޔަކަށް ވާތީ އެވެ.

ޓްވިޝާގެ މައިންބަފައިންނާއި އާއިލާގެ މެންބަރުން ތުހުމަތުކުރާ ގޮތުގައި، ރަންކިޔުމުގެ ކަންކަމާ ގުޅިގެން ސަމަރުތު އާއި އޭނާގެ މަންމަ ޓްވިޝާއަށް އަނިޔާކޮށްފައިވެ އެވެ. އަދި ޓްވިޝާ މަރާލީ ކަމަށް ވެސް އާއިލާއިން ތުހުމަތުކުރެ އެވެ.

ގިރިބާލާ ވަނީ އެ ތުހުމަތުތަކަކީ "އަސާސެއް ނެތް" ވާހަކަތަކެއް ކަމަށް ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި ޓްވިޝާގެ ނަފްސާނީ މައްސަލަތަކެއް ހުރި ކަމަށާއި އޭނާ މަރުވީ އަމިއްލައަށެވެ. މި ހާދިސާއަށް ފަހު ސަމަރުތު ފިލައިގެން އުޅުމަށްފަހު ފަހުން ފުލުހުންނާ ހަވާލުވިއިރު، އޭގެ ދުވަސްކޮޅެއް ފަހުން ގިރިބާލާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މި ދެމައިން މިހާރު ވެސް ތިބީ ޖަލުގަ އެވެ.

މިދިޔަ ހަފުތާގައި ކޯޓަށް ހުށަހެޅި 600 ސަފުހާގެ ދައުވާ ފޯމުގައި ސީބީއައި އިން ބުނެފައިވަނީ، ދައުވާލިބޭ ދެ މީހުން (ޓްވިޝާގެ ފިރިމީހާ އާއި މައިދައިތަ) މެދުނުކެނޑި ދެމުންދިޔަ ނަފްސާނީ އަނިޔާތަކުގެ ސަބަބުން، އަމިއްލަ ފުރާނަ ދުއްވާލުން ނޫން އިތުރު ގޮތެއް ޓްވިޝާއަށް ނެތް ކަމަށެވެ.

މޮޑެލްއެއްގެ އިތުރުން އެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ޓްވިޝާ ވަނީ 2012 ވަނަ އަހަރު އިންޑިއާގެ ހުޅަނގުގެ ސިޓީއެއްގައި ބޭއްވި ރީތީގެ މުބާރާތަކުން "މިސް ޕޫނޭ" ގެ ތާޖު ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ ގިނަ އިޝްތިހާރުތަކެއްގެ އިތުރުން ތެލުގޫ ބަހުން އުފެއްދި ފިލްމެއްގައި ވެސް މަސައްކަތްކޮށްފަ އެވެ. ފަހަކަށް އައިސް އޭނާ މަސައްކަތް ކުރަމުންދިޔައީ އަމިއްލަ ކުންފުނިތަކުގެ މާކެޓިން ދާއިރާގަ އެވެ.

ދައުވާ ފޯމުގައިވާ ގޮތުން، ޓްވިޝާ އާއި ސަމަރުތު ބައްދަލުވީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޑޭޓިން އެޕެއްގެ މެދުވެރިކޮށެވެ. އަދި އެ ދެމީހުން ކައިވެނިކުރީ އެ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ސީބީއައި އިން ބުނި ގޮތުގައި، ކައިވެންޏަށްފަހު ސަމަރުތު ވަނީ އެކި ފަހަރުމަތިން ޓްވިޝާއަށް ނަފްސާނީ ގޮތުން އަނިޔާކޮށް، ހުތުރު ބަހުން މުހާތަބުކޮށްފަ އެވެ. އަދި ޓްވިޝާއަށް ނަފްސާނީ އަނިޔާ ދިނުމަށް ގިރިބާލާ ސިންގް އޭނާގެ ދަރިފުޅަށް އެކި ފަހަރުމަތިން ހިތްވަރު ދީފައިވާ ކަމަށްވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ބުނެފައިވެ އެވެ.

ޓްވިޝާގެ އާއިލާއިން ބުނާ ގޮތުގައި، އޭނާ އާއި ފިރިމީހާގެ އާއިލާއާ ދެމެދު އެންމެ ބޮޑު މައްސަލައެއް ޖެހުނީ އޭޕްރީލް މަހު ޓްވިޝާ ބަލިވެ އިނުމާ ގުޅިގެންނެވެ. އާއިލާއިން ތުހުމަތުކުރާ ގޮތުގައި، ޓްވިޝާގެ ފިރިމީހާ އާއި މައިދައިތަ ވަނީ އޭނާގެ އަބުރާ ބެހި، އެއީ އެހެން މީހެއްގެ ދަރިއެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި މެއި މަހުގެ ފުރަތަމަ ހަފުތާގައި އޭނާ ލައްވައި މަޖުބޫރުން ދަރި ވައްޓާލުވާފައިވާ ކަމަށް ވެސް އާއިލާއިން ބުނެ އެވެ.

ނަމަވެސް ގިރިބާލާ ސިންގް ވަނީ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ދަރި ވައްޓާލަން ބޭނުންވީ ޓްވިޝާ އަމިއްލައަށެވެ.

ޓްވިޝާ މަރުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ކުރީގެ ފަނޑިޔާރު ގިރިބާލާ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ޓްވިޝާގެ ނަފްސާނީ މައްސަލަތަކާ ބެހޭގޮތުން ވާހަކަދައްކައި، އޭނާއަކީ "މިނިވަން ޚިޔާލުގެ" (ލިބަރަލް) މީހެއް ކަމަށް ބުނެފަ އެވެ. އެ ބަހުގެ މާނަ އޮޅުންފިލުވައިދިނުމަށް ނޫސްވެރިއަކު އެދުމުން، އޭނާ ވަނީ ޓްވިޝާގެ އަޚުލާގާ ބެހޭގޮތުން ހުތުރު ވާހަކަތަކެއް ދައްކާފަ އެވެ.

މި ވާހަކަތަކާ ގުޅިގެން އާންމުންގެ ބޮޑު ނުރުހުމެއް އަމާޒުވިއިރު، ޓްވިޝާގެ ބައްޕަ ބުނީ އެއީ އޭނާގެ ދަރިފުޅު ބަދުނާމު ކުރުމަށް ކުރި މަސައްކަތެއް ކަމަށެވެ.

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox