އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާ ކުރުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވަނީ އިއުލާނު ކުރައްވައިފަ އެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ އޮސްޓްރޭލިއާގައި އޮންނަ ފަދަ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރަން ކަމަށެވެ.
"ސޯޝަލް މީޑިއާގައި އެޕްތައް ހިންގާ ކުންފުނިތަކާ މުއާމަލާތް ކުރުމުގައި ކުރަން ޖެހޭ ކަންތައްތައް ވިޔަސް، އޮސްޓްރޭލިއާގައި މިންގަނޑުތައް ބޭނުންކުރެވޭނެ ގޮތެއް ރާއްޖޭގައި ތައާރަފް ކުރެވޭނެ ގޮތެއް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދަން އަޅުގަނޑު ގަސްދުކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.
އެހެންކަމުން، އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާ ކުރުމުގައި އޮސްޓްރޭލިއާއިން ތައާރަފު ކުރި ފިޔަވަޅުތަކާއި ގާނޫނުތަކާއި ގަވާއިދުތަކަށް ބަލައިލުން މުހިންމު ކަމަށް ފެނެ އެވެ.
ތިރީގައި މި ގެނެސްދޭ ލިޔުމަކީ ޔުނިސެފް އޮސްޓްރޭލިއާއިން ގެނެސްދީފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ. އެ ލިޔުމުގައި ހުލާސާކޮށް ކިޔައިދީފައި ވަނީ ސޯޝަލް މީޑިއާ ބޭން މަސައްކަތް ކުރާ ގޮތެވެ.
ކުރު ގޮތަކަށް ބުނާނަމަ
ޑިސެމްބަރު 10، 2025، އިން ފެށިގެން، އޮސްޓްރޭލިއާގައި އުމުރުން 16 އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް ޓިކްޓޮކް، އިންސްޓަގްރާމް، ޔޫޓިއުބް، ސްނެޕްޗެޓް، އެކްސް އަދި ފޭސްބުކް ފަދަ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގައި އެކައުންޓް ގެންގުޅުމަކީ ނުވަތަ އަލަށް ހެދުމަކީ މަނާކަމެކެވެ.
މި ގާނޫނުގެ ދަށުން ކުޑަކުދިންނަށް ނުވަތަ އެކުދިންގެ އާއިލާތަކަށް އަދަބެއް ނުދޭނެ އެވެ. އޭގެ ބަދަލުގައި، ސޯޝަލް މީޑިއާ ކުންފުނިތަކުން 16 އަހަރުން ދަށުގެ ކުދިން އެކައުންޓް ބޭނުންކުރުން ހުއްޓުވަން ޖެހޭނެ އެވެ. އެކަން ނުކޮށްފިނަމަ، އެ ކުންފުނިތައް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރާ ހަމައަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
މި އާ ގާނޫނުގެ މަގުސަދަކީ އިންޓަނެޓްގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުން ކަމަށް ވިޔަސް، ޔުނިސެފް އޮސްޓްރޭލިއާއިން ގަބޫލުކުރާ ގޮތުގައި މީގެ ހަގީގީ ހައްލަކީ ހަމައެކަނި ސޯޝަލް މީޑިއާ ބޭނުންކުރެވޭ އުމުރު ދޮށީ ކުރުމެއް ނޫނެވެ. އޭގެ އެންމެ މުހިންމު މަގްސަދަކީ ސޯޝަލް މީޑިއާގެ ރައްކާތެރި ތަނަކަށް ހެދުމެވެ.
މިވަގުތު އޮސްޓްރޭލިއާގައި އެންމެ ބޮޑަށް ބަހުސްކުރެވެމުންދާ އެއް މައުލޫއަކީ ސޯޝަލް މީޑިއާ މަނާކުރުމުގެ މައުލޫ އެވެ. މި ނިންމުމުގެ ސީދާ އަސަރު ކުރަނީ ޒުވާނުންނަށް ކަމަށް ވީ ނަމަވެސް، މިކަމާ ގުޅޭ ގޮތުން އެންމެ ގިނަ ސުވާލުތައް އުފެދިފައިވަނީ ވެސް ހަމަ އެކުދިންގެ މެދުގަ އެވެ.
މިއީ ކޮން ކަމެއް ހެއްޔެވެ؟ މިކަން ކުރަނީ ކީއްވެ ހެއްޔެވެ؟ މީގެ އަސަރު ކުރަނީ ކޮން އެޕްލިކޭޝަންތަކަކަށް ހެއްޔެވެ؟ މިކަން މޮނިޓާ ކުރާނީ ކިހިނެއް ހެއްޔެވެ؟ އަދި އަހަރެންގެ އަތުގައި އެކައުންޓެއް އޮތްކަން އެނގިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟
ސޯޝަލް މީޑިއާ މަނާކުރުމުގެ ގަވާއިދަށް އަމަލުކުރަން ފަށާފައިވާއިރު، މިއީ ކޮން ކަމެއް ކަމާއި މީގެ ސަބަބުން ތިބާއަށް ކުރާނެ އަސަރުތަކާ ގުޅޭ ގޮތުން ހުރި ސުވާލުތަކަށް އަހަރެމެން ޖަވާބު ދޭނަމެވެ.
ސޯޝަލް މީޑިއާ މަނާކުރުމަކީ ކޮބައި ހެއްޔެވެ؟
އޮސްޓްރޭލިއާ ސަރުކާރުން ނޮވެމްބަރު 28، 2024، ގައި ވަނީ "އޮންލައިން ސޭފްޓީ އެމެންޑްމަންޓް (ސޯޝަލް މީޑިއާ މިނިމަމް އޭޖް) ބިލް 2024" ގެ ނަމުގައި އާ ގާނޫނެއް ފާސްކޮށްފަ އެވެ. މި ގާނޫނުގެ ދަށުން ވަކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެއްގައި އެކައުންޓް ހެދުމަށް މަޖުބޫރު އެންމެ ދަށް އުމުރަކީ 16 އަހަރު ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ ޑިސެމްބަރު 10، 2025، ގަ އެވެ. މި ގާނޫނުގެ ދަށުން 16 އަހަރުން ދަށުގެ ކުދިން މި ޕްލެޓްފޯމްތައް ބޭނުންކުރުމަށް މައިންބަފައިންނަށް ހުއްދައެއް ނުދެވޭނެ އެވެ.
ސޯޝަލް މީޑިއާ މަނާކުރަނީ ކީއްވެ؟
ސަރުކާރުން ބުނާ ގޮތުގައި ސޯޝަލް މީޑިއާ މަނާކުރަން ޖެހުނީ އޮސްޓްރޭލިއާގެ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. ސައިބާ ބުލީންގް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ފުރައްސާރަކުރުމާއި، ގެއްލުންދެނިވި މައުލޫމާތު ފެތުރުމާއި، އިންޓަނެޓްގައި ކުދިންނަށް ޝިކާރަކުރާ މީހުންގެ ނުރައްކާ، ސޯޝަލް މީޑިއާއިން ލިބޭ ފައިދާއަށްވުރެ ބޮޑު ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.
މި ގަވާއިދު ހިނގަނީ ކޮން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކަށް؟
މިވަގުތު މި ގަވާއިދު ހިނގާ ޕްލެޓްފޯމްތަކަކީ ޔޫޓިއުބް، އެކްސް، ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް، ސްނެޕްޗެޓް، ރެޑިޓް، ޓްވިޗް، ތްރެޑްސް އަދި ކިކް އެވެ. މި ޕްލެޓްފޯމްތައް ހިންގާ ޓެކްނޮލޮޖީ ކުންފުނިތަކުން 16 އަހަރުން ދަށުގެ ކުދިން އެކައުންޓް ހެދުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް ނާޅައިފިނަމަ، 50 މިލިއަން ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.
ނަމަވެސް، މެސެންޖާ ކިޑްސް، ވަޓްސްއަޕް، ކިޑްސް ހެލްޕްލައިން، ގޫގުލް ކްލާސްރޫމް އަދި ޔޫޓިއުބް ކިޑްސް ފަދަ އެޕްލިކޭޝަންތައް މި މަނާކުރުމުގެ ތެރޭގައި ނުހިމެނޭނެ އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އަހަރެންގެ އުމުރު އެނގޭނީ ކިހިނެއް؟
އުމުރު ދެނެގަތުމަށްޓަކައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ތަފާތު ގޮތްތައް ހުށަހަޅަމުންދެ އެވެ. އޭގެ ތެރޭގައި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ބޭނުންކޮށްގެން އުމުރު އަންދާޒާކުރުން ހިމެނެ އެވެ. މީގެ އިތުރުން އައިޑީ ކާޑު ބޭނުންކުރުމުގެ އިހުތިޔާރު ވެސް ދީފާނެ އެވެ. ނަމަވެސް، އައިޑީ ކާޑު ނޫން އެހެން ގޮތެއް ވެސް އެ ކުންފުނިތަކުން ފޯރުކޮށްދޭން ޖެހޭނެ އެވެ.
އަހަރެންގެ އަތުގައި ކުރިން ވެސ ްއެކައުންޓެއް އޮތް ނަމަ ވާނީ ކިހިނެއް؟
އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް އެކައުންޓް ނުހެދޭނެ ގޮތް ހެދުމާއި، މިހާރު ހުރި އެކައުންޓްތައް ނައްތާލުމުގެ ނިޒާމެއް ގާއިމުކުރުމަކީ އެ ޕްލެޓްފޯމެއް ހިންގާ ޓެކްނޮލޮޖީ ކުންފުނީގެ ޒިންމާއެކެވެ. މަނާކޮށްފައިވާ ޕްލެޓްފޯމަކަށް ކުއްޖަކު ވަދެވުނު ކަމުގައި ވިޔަސް، އެ ކުއްޖަކަށް ނުވަތަ އެކުއްޖެއްގެ އާއިލާއަކަށް އެއްވެސް ޖޫރިމަނާއެއް ނުވަތަ އަދަބެއް ނުލިބޭނެ އެވެ. އޭގެ ބަދަލުގައި އަދަބު ލިބޭނީ އެކަން ހުއްޓުވުމުގައި އިހުމާލުވި ޓެކްނޮލޮޖީ ކުންފުނިތަކަށެވެ.
ސޯޝަލް މީޑިއާ މަނާކުރުމާ މެދު ޔުނިސެފް އޮސްޓްރޭލިއާއިން ދެކެނީ ކިހިނެއް؟
ޒުވާނުންނަށް އިންޓަނެޓްގެ މާހައުލު ރައްކާތެރިކުރުމާ ބެހޭ ގޮތުން ވާހަކަދެކެވޭ މިންވަރު އިތުރުވުމަކީ އުފާކުރަންޖެހޭ ކަމެއް ނަމަވެސް، ޔުނިސެފް އޮސްޓްރޭލިއާއިން ގަބޫލުކުރާ ގޮތުގައި ހަމައެކަނި ސޯޝަލް މީޑިއާ މަނާކުރުމަކުން ޒުވާނުންނަށް އޮންލައިންކޮށް ކުރިމަތިވާ މައްސަލަތަކެއް ހައްލެއް ނުވާނެ އެވެ.
ސޯޝަލް މީޑިއާއަކީ ތައުލީމު އުނގެނުމާއި ރަހުމަތްތެރިންނާ ގުޅުން ބަދަހިކުރުން ފަދަ ގިނަ ފައިދާތަކެއް ވެސް ހުރި އެއްޗެކެވެ. އަހަރެމެން ދެކޭ ގޮތުގައި އެންމެ މުހިންމު ކަމަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ ރައްކާތެރި ތަންތަނަށް ހެދުމާއި، ގެނެވޭ ބަދަލުތަކަކީ ހަގީގީ އެހީތެރިކަމެއްކަން ކަށަވަރުކުރުމަށް ޒުވާނުންގެ އަޑު އެހުމެވެ. އެހެންކަމުން، އިންޓަނެޓްގެ މާހައުލަކީ ވީހާވެސް ރައްކާތެރި ތަނަކަށް ހެދުމަށް ސަރުކާރާއެކު ކުރެވޭ މަޝްވަރާތަކުގައި ޒުވާނުންގެ ހިޔާލު ޔުނިސެފުން ދަނީ ހިމަނަމުންނެވެ.











