ފާލުން ނެއްޓިފައިވާ މި ދިވެހިރާއްޖޭގެ ކަންކަން ހަމަ މަގަށް އެޅުވޭނީ އާ ޒުވާން ޖީލަކަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ހަވާލުކޮށްގެން ކަމަށް އެ ޕާޓީގެ އެންމެ އިސް މަގާމު ކަމަށްވާ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއެއްގައި މީކާއިލް ވަނީ އޭނާގެ "އިތުބާރު" މެނިފެސްޓޯ ލޯންޗުކޮށްފަ އެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއިލް ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އޭނާ އިންތިހާބު ވެއްޖެނަމަ ޕާޓީއަށް ގެންނާނެ ބައެއް ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.
"މި ގައުމު ހަމަ މަގަށް އެޅޭނީ ވަކި މީހަކު ދައުލަތުގެ އިސް ވެރިޔަކަށް ގެނެސްގެނެއް ނޫން، މި ގައުމު ހަމަ މަގަށް އެޅޭނީ ވަކި މީހަކު ސަރުކާރު ހިންގަން ގެނެސްގެނެއް ނޫން. މި ގައުމު ހަމަ މަގަށް އެޅޭނީ އާ ޒުވާން ޖީލަކާ މި ޕާޓީ ހަވާލުކޮށްގެން،" މީކާއިލް ވިދާޅުވި އެވެ.
އޭނާ ވަނީ ސިޔާސީ ދާއިރާއަކީ "ހަޑި" ދާއިރާއެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކޮށް، އުސޫލުތަކެއްގެ މައްޗަށް ބިނާކުރާ ޕްރިންސިޕަލްޑް ޕޮލިޓިކްސްއެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން އެމްޑީޕީގެ މެންބަރުންނަށް ދެއްވާފަ އެވެ.
"އެތެރޭގެ ތަޅާފޮޅުމުގައި ވަގުތު އިސްރާފު ކުރުމަށް ވުރެ މި ގައުމުގެ ހާލަތު މާ ގޯސް، ނޫސްވެރިކަމުގެ މިނިވަންކަން އެ ދަނީ ނައްތާލަމުން. އެމްޑީޕީގެ އާންމު މެންބަރުން ގުރުބާން ވެގެން ގެނައި އަސާސީ ހައްގުތައް އެ ދަނީ ނައްތާލަމުން. އެމްޑީޕީ އެތެރޭގެ ތަޅާފޮޅުމުން މިންޖުވާން ޖެހޭ،" މީކާއިލް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށް، ވަކި ކޮޅަކަށް ނުޖެހޭ އިންސާފުވެރި ރިޔާސީ ޕްރައިމަރީއެއް ބާއްވައިދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ޕާޓީގެ ހަރަކާތްތައް މާލެއަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، ގައުމީ މަޖިލީހުން ކަނޑައަޅާ ފޯމިއުލާއަކުން ރަށްރަށަށް ފައިސާ ފޯރުކޮށްދެއްވުމަށާއި، ޒުވާނުންނާއި އަންހެނުންނަށް ޕާޓީގެ ބަޖެޓުން ބައެއް ހާއްސަކުރައްވާނެ ކަމަށްވެސް މީކާއިލް ވިދާޅުވި އެވެ.












