ސްޓާމަރގެ ލީޑަޝިޕަށް އިތުބާރު ނެތްކަމަށް ވިދާޅުވެ ހެލްތު ސެކްރެޓަރީ އިސްތިއުފާ ދެއްވައިފި

އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ އަދި ހެލްތު ސެކްރެޓަރީ ވެސް ސްޓްރީޓިންގ

އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ އަދި ހެލްތު ސެކްރެޓަރީ ވެސް ސްޓްރީޓިންގ

އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ ވެސް ސްޓްރީޓިން މަގާމުން އިސްތިއުފާ ދެއްވައި، ބޮޑުވަޒީރު ކިއަރ ސްޓާމަރގެ ލީޑަޝިޕާ މެދު އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެއްޖެ އެވެ. ލޭބަރ ޕާޓީގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ ސްޓްރީޓިން މި ނިންމެވުން ނިންމެވީ މިދިޔަ ހަފުތާގައި ބޭއްވި އިންތިޚާބުތަކުގައި އެ ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެން ސްޓާމަރގެ މަގާމު ދިފާއުކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާ ދަނޑިވަޅެއްގަ އެވެ.

ބޮޑުވަޒީރަށް ފޮނުއްވި އަދި އާންމުކޮށް ޝާއިއުކުރެއްވި އިސްތިއުފާގެ ސިޓީގައި ސްޓްރީޓިން ވިދާޅުވީ، ސަރުކާރަށް ތަސައްވުރެއް ބޭނުންވާ ވަގުތު އޮތީ ހުސްކަމެއް ކަމަށާއި، މިސްރާބެއް ބޭނުންވާ ވަގުތު އޮތީ މަގުއޮޅުމެއް ކަމަށެވެ. ސްޓްރީޓިން އަދި ރަސްމީކޮށް ލީޑަޝިޕް ޗެލެންޖެއް ފަށްޓަވާފައި ނުވި ނަމަވެސް، ކުރިއަށް އޮތް އާންމު އިންތިހާބުގައި ލޭބަރ ޕާޓީގެ ލީޑަރެއްގެ ގޮތުގައި ސްޓާމަރ ނުހުންނަވާނެކަން މިހާރު ސާފުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާޓީގެ ކުރިމަގާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓްރީޓިން ވިދާޅުވީ ދެން އަންނަންވާނީ ފިކުރުތަކުގެ މެދުގައި ކުރެވޭ ވަރުގަދަ ބަހުސެއް ކަމަށެވެ. އަދި ލީޑަޝިޕްގެ ވާދަވެރިކަން ވާންޖެހޭނީ ފުޅާ ދާއިރާއެއްގައި ހުރިހާ ފަރާތްތަކަކަށް ބައިވެރިވެވޭ، އަދި އެންމެ ގާބިލު ކެންޑިޑޭޓުން ކުރިމަތިލާނެ ފުރުސަތަކަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި ހަލަބޮލިކަމުގެ ތެރޭގައި، ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އެންޖެލާ ރޭނާ ލީޑަޝިޕް ރޭހަށް ނުކުމެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް މަސްދަރުތަކުން ބުނެ އެވެ. ރޭނާ ވަނީ ދާދި ފަހުން އޭނާގެ މާލީ މުއާމަލާތްތަކަކާ ގުޅޭގޮތުން އުފެދުނު މައްސަލައެއްގައި، ސާޅީސް ހާސް ޕައުންޑުގެ ސްޓޭމްޕް ޑިއުޓީއެއް ދެއްކެވުމުން ޓެކްސް އިދާރާއިން އޭނާ ކުށްވެރިނުވާ ކަމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، ޗާންސެލަރ ރޭޗަލް ރީވްސް ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މިވަގުތު ލީޑަޝިޕް ބަދަލުކުރުމުގެ މަސައްކަތެއް ފެށުމަކީ މުޅި ގައުމު ބޮޑު ހައިޖާނެއްގެ ތެރެއަށް ވައްޓާލުން ކަމަށެވެ. ސްޓާމަރގެ ސަރުކާރު ދިފާއުކުރައްވަމުން ރީވްސް ވިދާޅުވީ މިވަގުތަކީ އެތެރޭގެ ކޯޅުންތަކަށްވުރެ ގައުމީ މަސްލަހަތަށް އިސްކަންދޭންޖެހޭ ވަގުތެއް ކަމަށެވެ.

ލޭބަރ ޕާޓީގެ ގަވާއިދު ބުނާގޮތުން ލީޑަޝިޕް ޗެލެންޖެއް ފެށުމަށްޓަކައި ޕާޓީގެ ވަކި އަދަދެއްގެ މެންބަރުންގެ ތާއީދު ބޭނުން ވެ އެވެ. ސްޓްރީޓިންގެ އިސްތިއުފާއާއެކު ސްޓާމަރގެ މަގާމަށް އޮތް ނުރައްކާ ބޮޑުވެފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ޕާޓީގެ އިތުރު އިސް ބޭފުޅުން މިކަމުގައި ގޮތެއް ނިންމަވާނެ ކަމަށް ބެލެވެ އެވެ. މި މައްސަލަ އުފެދިފައިވަނީ އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހު ނުތަނަވަސްވެ، ސަރުކާރުގެ ސިޔާސަތުތަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox