ރައީސް މުހައްމަދު މުއިއްޒަށް ޖިންސީ ތުހުމަތުތަކެއް ކުރި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ ބަސް ގެނެސްދިން ޑޮކިއުމެންޓަރީ "އައިޝާ" ގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ރަސްމީކޮށް ޖިނާއީ ދައުވާ އުފުލައިފި އެވެ.
ފިޔާޒް އާއި ހަސަންގެ މައްޗަށް ކުރަނީ ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އެވެ. ދައުވާ އުފުލި ސަބަބެއް ކަމަށް ބުނެފައި ވަނީ އަދަދުގެ އެޑިޓަރުންގެ ގޮތުގައި ފިޔާޒް އާއި ހަސަން ތިބެ، މުއިއްޒަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް ޑޮކިއުމެންޓަރީއެއް ޕަބްލިޝްކޮށްފައިވުމެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ވަނީ ގެގް އޯޑަރެއް ވެސް ނެރަފަ އެވެ. އެ އަމުރުގައި އަންގާފައި ވަނީ އެ މައްސަލަ ނިމެންދެން ޑޮކިއުމެންޓަރީ މުޖްތަމައުގައި ނުފެތުރުމަށެވެ.
ފިޔާޒް އާއި ހަސަންގެ މައްޗަށް ދައުވާ އުފުލާފައި މި ވަނީ ޑޮކިއުމެންޓަރީގެ މައްސަލަ ބަލަން ފެށިތާ 14 ވަނައަށް ވީ ދުވަހެވެ. އެ މައްސަލަ ބަލަން އެންގީ ތުހުމަތުތަކާ ގުޅޭ ގޮތުން އަދަދު އިން ސުވާލު ކުރުމުން ޕްރެސް ކޮންފަރެންސެއްގެ ތެރެއިން ރައީސް މުއިއްޒެވެ.
އޭގެ ފަހުން ފުލުހުން ވަނީ އަދަދުގެ އޮފީހަށް ރެއިޑުކޮށް 20 އިލެކްޓްރޯނިކް ޑިވައިސްއެއް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ލެޕްޓޮޕްތަކާއި ހާޑް ޑިސްކު ހިމެނެ އެވެ.

އަދަދު ނޫހުގެ އޮފީހަށް ރެއިޑު ކުރީ، އެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް މުއިއްޒު އެންގެވިތާ 12 ގަޑިއިރެއްހާއިރު ފަހުންނެވެ. އަދަދު ނޫހުގެ މައްސަލަ ތަހުގީގު ކުރަން މުއިއްޒު އެންގެވީ ވަގުތުން ގެނެސްދިން ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ރައީސް މުއިއްޒަށް އަމާޒުވެފައިވާ ސީރިއަސް ތުހުމަތުތަކާ ބެހޭ ގޮތުން މި ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ސުވާލު ކުރުމުންނެވެ.
"އާދެ، ކަނޑައެޅިގެން ދޮގު ވާހަކައެއް ތިއީ އިނގޭތޯ. އަދަދު ނޫހުން ތި ވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯގެ ވާހަކަ. އެހެންވީމަ ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭ ގޮތަށް ތިބޭފުޅުން ވީޑިއޯއެއް ހެއްދެވި ހެއްދެވުމަށް ތި އިއުތިރާފުވަޑައިގެންނެވީ. މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް އަޅުގަނޑު ދައުވާ ކުރަން އެދެން ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން،" މުއިއްޒު ވިދާޅުވި އެވެ.











